މިއަދު ކުރިއަށްދާ ވޯޓާ ގުޅިގެން މިހާތަނަށް ބޮޑު ޝަކުވާތަކެއް ލިބިފައި ނުވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވެއްޖެއެވެ.

ޒާހިދު ވިދާޅުވީ މިހާތަނަށް ވޯޓުލުމުގެ ކަންކަން ގިނަ ފޮށިތަކުގައި ކުރިއަށްދަނީ އަމާންކަމާއެކުގައި ކަމަށެވެ. އަދި ބައެއް މަރުކަޒުތަކުން ކުދި ޝަކުވާތަކެއް ހުށަހަޅާފައިވީ ނަމަވެސް މާބޮޑު ޝަކުވާތަކެއް މިހާތަނަށް ލިބިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި އިންތިހާބުގައި ވޯޓުލުމަށް ގިނަ ބަޔަކު ނުކުމެފައިވާއިރު އީސީން ބުނީ މިއަދު މެންދުރު 14:00 އާއި ހަމައަށް 30 ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ. އެ ގޮތުން ވޯޓު ބޫތު ހުރި ގޮތުން ވޯޓުލާތަން ފެނިދާނެ ކަމަށް ބައެއް ޝަކުވާ ލިބިގެން އެ މައްސަލަތައް ވެސް ހައްލުކޮށްދީފައިވާ ކަމަށް އީސީން ބުންޏެވެ.

މީގެ އިތުރުން އީސީއަށް އެންމެ ގިނައިން ޝަކުވާ ހުށަހެޅީ މައުލޫމާތު ހޯދުން، ވޯޓު ކަރުދާސްކޮޅު ނުބައި ފޮއްޓަަކަށް ލެވިއްޖެ ނަމަ ބާތިލްވާނެތޯ އޮޅުންފިލުވަން، ވޯޓުލާ މަރުކަޒުގެ ޖާގަ ކުޑަވެގެން ދިއުމުގެ އިތުރުން ވޯޓު ފޮށީގެ ވެރިޔާ ކަންކުރާ ގޮތުން ހިތްހަމަނުޖެހިގެން ހުށަހަޅާފައިވާ ޝަކުވާތައް ކަމަށް އީސީން ބުންޏެވެ އަދި މީގެ އިތުރުން ކެމްޕޭން މަނާވެފައި އޮއްވައި ކެމްޕޭން ކުރާ ކަމުގެ ޝަކުވާތައްވެސް ލިބިފައިވާ ކަމަށެވެ.