މިހާރު ކުރިއަށްދާ ތިން އިންތިހާބުގެ ވޯޓުލުންވެސް ހަމަނުޖެހުމެއް ނެތި ކުރިއަށްދާ ކަމަށް ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެއެވެ.
މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު އަދި ރެފަރަންޑަމް ވޯޓާ ގުޅޭ އެންމެ ފަހުގެ ތަފްސީލުތައް 'ދަ ޕްރެސް' އާ މީގެ ގަޑީރެއްވަރު ކުރިން ހިއްސާ ކުރަމުން އާތިފް ވިދާޅުވީ، 2342 މީހުން ވޯޓު ލާފައިވާ ކަމަށެވެ. އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު މިހާތަނށް ވޯޓު ލާފައިވާ މީހުންގެ އަދަދު ވަނީ 3262 އަށް އަރާފައެވެ.
އަދި ކުޅުދުއްފުއްޓަކީ އަބަދުވެސް ސުލްހަވެރިކަމާއެކު ވޯޓުލާ ރައްޔިތުންތަކެއް އުޅޭ ސިޓީއެއްކަން ފާހަގަކުރައްވާ މޭޔަރު ވަނީ އިންތިހާބުގެ ހުރިހާ ކަމެއްވެސް އަމާން ކަމާއެކު ކުރިއަށްދާ ކަމަށް ވިދާޅުވެފައެވެ.
އިންތހާބުގައި ޖުމްލަ ގޮތެއްގައި ހުރިހާ ރަށެއްގައި އަމާން ކަމާއެކު ދިޔަ ނަމަވެސް ގދ. ގައްދޫގައި ވަނީ ހަމަނުޖެހުމެއް ހިންގާ ވޯޓުލުން މެދު ކަނޑާލާފައެވެ. ނަމަވެސް ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށްފަހު 30 ވަރަކަށް މިނެޓު ތެރޭ ވޯޓުލުން އަލުން ފަށާފައިވާ ކަމަށް އެ ރަށު ކައުންސިލުން ވަނީ މައުލޫމާތު ދީފައެވެ.
މިއަދު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ އިންތިހާބު އަދި ރެފަރެންޑަމް ވޯޓުގައި ޖުމްލަ 294876 މީހުންނަށް ވޯޓު ދިނުމުގެ ހައްގު ލިބިގެންވެއެވެ. މި އިންތިހާބުގައި ވޯޓުލުމަށް ގިނަ އަދަދެއްގެ ބަޔަކު ނުކުންނާނެކަމަށް ބެލެވޭ އިރު، ބައެއް ރަށްރަށުގެ ވޯޓުލާ މަރުކަޒުތަކުގައި ދިގު ކިއުތައްވަނީ ހަދާފައެވެ.
އަދި މިއަދުގެ 12:00 އާ ހަމައަށް 21 ޕަސެންޓު މީހުން ވޯޓުލާފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ބުނެފައެވެ.
