މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު އަދި ރެފަރަންޑަމް ވޯޓު ގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވޯޓު ލައްވައިފިއެވެ.

ނައިބު ރައީސް ވޯޓުލެއްވީ ހެންވޭރު ދަނޑުގައި ގާއިމުކޮށްފައިވާ ގދ. ފަރެސްމާތޮޑާ ދާއިރާގެ ވޯޓުލާ މަރުކަޒަށް ވަޑައިގެންނެވެ.

މިއަދު ކުރިއަށްދާ އިންތިހާބު ތަކުގެ ވޯޓުލުން ހެނދުނު 8 ޖަހާއިރުން ފެށިގެން ކުރިއަށްދާއިރު މި އިންތިހާބުގެ ވޯޓުލުން ކުރިއަށް ދާނީ ހަވީރު 4:00 އަށެވެ.

މިއަދުގެ އިންތިހާބުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު، މެޑަމް ސާޖިދާގެ އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަަދު ސޯލިހް ވެސް ވަނީ ވޯޓު ލައްވާފައެވެ. މީގެއިތުރުން މޭޔަރުކަމަށް ކުރިމަތިލައްވާފައިވާ ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވާ ކެންޑިޑޭޓް ރިޓަޔާޑް މޫސާ އަލީ ޖަލީލު، މިނިވަން ކެންޑިޑޭޓް އިސްމާއީލް ޒަރިޔަންދު އަދި މާލެ ސިޓީ މޭޔަރު އާދަމް އާޒިމް ވަނީ ވޯޓުލައްވާފައެވެ.

މިއަދުގެ ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި 2961 ކެންޑިޑޭޓުން ޖުމްލަކޮށް ވާދަކުރެއެވެ.

މި އިންތިހާބުތަކުގައި ޖުމްލަ 294،876 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އެއީ 150،370 ފިރިހެނުންނާއި، 144،506 އަންހެނުންނެވެ. މި އިންތިހާބުގައި ޖުމްލަ 588 ވޯޓު ފޮށި ބަހައްޓާފައިވެއެވެ. މީގެތެރެއިން 180 ވޯޓު ފޮށި މާލޭގައި ވަނީ ބަހައްޓާފައެވެ.

ވޯޓްލާން ފެށިތާ ތިން ގަޑިއިރުގެ ތެރޭގައި 19.95 ޕަސެންޓް މީހުން ވޯޓުލާފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ބުނެފައެވެ. އީސީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން 58819 މީހުން ވަނީ ވޯޓުލާފައެވެ. އެގޮތުން މިހާތަނަށް 25761 އަންހެނުން ވޯޓުލާފައިވާއިރު، 33058 ފިރިހެނުން ވަނީ ވޯޓުލާފައެވެ.