ކުދި ގައުމުތަކާއި ސަރަހައްދުތަކުގައި ހަރުދަނާ މިނިވަން ގާނޫނު ހަދާ މަޖިލިސްތަކެއް ބިނާކުރުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުޙައްމަދު ލަތީފް ފާހަގަ ކުރައްވައިފިއެވެ.
އެމަނިކުފާނު މިކަން ފާހަގަކުރެއްވީ ހޮޓެލް ޖެންގައި މިއަދު ފެށި "ކޮމަންވެލްތު ޕާލަމެންޓަރީ އެސޯސިއޭޝަން (ސީޕީއޭ) ސްމޯލް ބްރާންޗަސް ވޯކްޝޮޕް 2026 – ކެޕޭސިޓީ ބިލްޑިން ވާކްޝޮޕް: ސްޓްރޯންގް އެންޑް ޖުރިސްޑިކްޝަންސް" ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި މަޖިލީހުގެ މަސައްކަތްތައް ހަރުދަނާކޮށް، ރައްޔިތުންގެ މެދުގައި އެމުއައްސަސާއަށް އޮންނަ އިތުބާރު ދެމެހެއްޓުމަށްޓަކައި، ސާފު މަގްސަދަކާއެކު މަސައްކަތްކުރުމާއި، މުއައްސަސާގެ މިނިވަންކަން ކަށަވަރުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަމުގައި ވިދާޅުވިއެވެ.
މި ވޯކްޝޮޕަކީ ކޮމަންވެލްތު ޕާލަމެންޓަރީ އެސޯސިއޭޝަންގެ ސްމޯލް ބްރާންޗަސްގެ ގާބިލުކަން އިތުރުކުރުމުގެ ޕްރޮގްރާމެއް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރުކަން ފާހަގަކުރައްވައި، މިއީ ސީޕީއޭ އާއެކު ބައިނަލްއަގްވާމީ ދާއިރާގައި ރާއްޖޭގެ ބައިވެރިވުން އިތުރުވަމުންދާ ކަމުގެ ހެއްކެއް ކަމަށް، އަދި ގާނޫނުހަދާ މަޖިލިސްތަކުގެ ނިޒާމާއި މުއައްސަސާތައް ހަރުދަނާކުރުމަށް ދިވެހި ސަރުކާރުން ދޭ އަހައްމިއްޔަތު ހާމަވާ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެއިތުރުން، ކުދި ގައުމުތަކަށް ދިމާވާ ގޮންޖެހުންތަކާއި ގާނޫނުހަދާ މަޖިލިސްތަކުގެ މެދުގައި މައުލޫމާތާއި ތަޖުރިބާ ހިއްސާކޮށް އަމަލީ ގޮތުން އެއްބާރުލުން އިތުރުކުރުމަށް ސީޕީއޭ ސްމޯލް ބްރާންޗަސް ނެޓްވޯކް ފަދަ މަންސަތަކުން އަދާކުރާ މުހިންމު ދައުރު އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ކޮމަންވެލްތާއެކު އޮންނަ ގުޅުމަށް ރާއްޖެއިން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާކަން ފާހަގަކުރައްވާ ޖަވާބުދާރީވުން ހަރުދަނާކުރުމަށާއި، ޑިމޮކްރެޓިކް މުއައްސަސާތައް ވަރުގަދަކޮށް، ރާއްޖޭގެ ޕާލަމެންޓްރީ ނިޒާމު އިތުރަށް ތަރައްގީކުރުމުގައި ރާއްޖެ ދެމިއޮންނާނެކަމުގެ ޔަގީންކަން އެމަނިކުފާނުދެއްވިއެވެ.
މިރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ އަދި މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ބައިވެރިވެވަޑައިގެންނެވިއެވެ. މި އެޕްރީލް މަހުގެ 27 އިން 29 އަށް ކުރިއަށްދާ މި ވޯކްޝޮޕަކީ ކޮމަންވެލްތު ޕާލަމަންޓަރީ އެސޯސިއޭޝަނާއި ރައްޔިތުންގެ މަޖިލިސް ގުޅިގެން ކުރިއަށްގެންދާ ވޯކްޝޮޕެކެވެ. ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ވޯކްޝޮޕްގައި ކޮމަންވެލްތުގެ އެކި ގައުމުތަކުގެ މަޖިލިސް މެމްބަރުން ބައިވެރިވެވަޑައިގަންނަވާނެއެވެ. މި ބައްދަލުވުމުގެ ތެރެއިން، ދާއިރާގެ ފަންނީ މާހިރުންގެ ހުށަހެޅުންތަކާއި، ބައިވެރިންގެ މެދުގައި ތަޖުރިބާ ބަދަލުކުރުމުގެ ސެޝަންތަކުގެ އިތުރުން، އަމަލީ ތަމްރީނުތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
