ނައިބު ރައީސް ހުސެން މުހައްމަދު ލަތީފު، އެމެރިކާގައި ދަތުރުކުރެއްވި މަތިންދާބޯޓެއްގައި ބޮމުގެ އިންޒާރެއް ހުއްޓާ ފެނިގެން އެ ބޯޓު އަނބުރާ ޖައްސައިފިއެވެ.
ޔުނައިޓެޑު އެއާލައިންސުން ވަނީ ހަވާއީގެ ހޮނޮލުލޫ އިން ލޮސް އެންޖެެލިސްއަށް ދަތުރުކުރި ޔުނައިޓެޑް އެއާލައިންސްގެ ފާހާނާއެއްގެ ލޯގަނޑުގައި ހުރި ލިޔުމަކާ ގުޅިގެން ސަލާމަތީ ފިޔަވަޅެއްގެ ގޮތުން އެ ބޯޓު އަނބުރާ ޖައްސާފައިވާ ކަމަށް ބުނެފައެވެ. މި ބޯޓުގައި ނައިބު ރައީސް ދަތުރު ކުރައްވާފައި ވަނީ ކުދި ޖަޒީރާ ގައުމުތަކުގައި އިއާދަކުރަނިވި ހަކަތައިގެ ޓެކްނޮލޮޖީތައް ބޭނުން ކުރަން ހިތްވަރުދޭ ޖަމްއިއްޔާއެއް ކަމަށްވާ ބްލޫ ޕްލެނެޓް އެލަޔަންސްގެ ދައުވަތަކަށެވެ.
ޔުނައިޓެޑު އެއާލައިންސް އާއިނ ހަވާލާދީ ބޭރުގެ ނޫސްތަކުގައި ރިޕޯޓުކޮށްފައި ވާގޮތުން އެ އެއާލައިނުގެ ބޯޓުގެ ފާހާނާ އިން ފެނުނު އިންޒާރުގެ ލިޔުމާ އެކު ބޯޓު އަނބުރާ އިމަޖެންސީގައި ޖައްސަން ޖެހުނީ ކަމަށާއި، މި ހާދިސާ ހިނގާފައިވަނީ ޔުނައިޓެޑް އެއާލައިންސްގެ ފްލައިޓް 1169ގައި ކަމަށެވެ.
މި ހާދިސާ ހިނގާފައިވަނީ ނައިބު ރައީސް ހަވާއީއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި ރާއްޖެ އަށް ވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅުގަ އެވެ. އެއާއެކު ނައިބު ރައީސް ދެން ވަޑައިގަތީ އެހެން ފްލައިޓެއްގައެވެ.
އެ ވަގުތު މި ބޯޓުގައި 339 ފަސިންޖަރުންނާއި 10 ކުރޫ މެންބަރުން ތިބި ކަމަށާއި، މި ހާދިސާ އެފްބީއައި އިން ތަހުގީގު ކުރަމުންދާކަމަށްވެސް ވަނީ ރިޕޯޓު ކޮށްފައެވެ.