ރިޝްވަތުގައި ނުޖެހި ތެދުވެރިކަމާއެކު ވޯޓުލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން އިލްތިމާސްކޮށްފިއެވެ.

އޭސީސީން ބުނީ އިންތިހާބާއި ގުޅިގެން ހިންގާ ރިޝްވަތުތަކާއި، ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުމާއި ގުޅޭ ގޮތުން ހުށަހަޅާ މައްސަލަތަކާއި އެ ނޫންވެސް ކޮމިޝަނަށް ހުށަހަޅާ މައްސަލަތައް އެ ކޮމިޝަނުން ތަހުގީގުކުރަމުން ގެންދާ ކަމަށެވެ.

އޭސީސީން ބުނީ ކޮމިޝަނުން ތަހުގީގުކުރާ މައްސަލަތަކަކީ ޖިނާއީ މައްސަލަތައް ކަމުން އެ މައްސަލަތައް ތަހުގީގުކުރުމަށް ތަބާވާނީ ދިވެހިރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމުން އެކަށައަޅާފައިވާ މިންގަނޑުތަކަށް ކަމަށެވެ.

މީގެއިތުރުން އޭސީސީން ބުނީ އިންތިހާބުގެ ނަޒާހަތްތެރިކަން ކަށަވަރުކުރުމަށްޓަކައި، ކެމްޕެއިން ކުރުމުގައި ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުން އަދި ވޯޓަށް ނުފޫޒު ފޯރުވުމަށް ރިޝްވަތު ދިނުމާއި އޭގައި ހިފުންފަދަ އަމަލުތަކުން ދުރުހެލިވާންޖެހޭ ކަމަށެވެ. އެއާއެކު ކޮމިޝަނުން ވަނީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ހުރިހާ ރައްޔިތުންވެސް ވޯޓުލުމަށް އިލްތިމާސްކޮށްފައެވެ.

މި އިންތިހާބާއި ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އަމިއްލަ ބޭނުންތަކާއި، ސިޔާސީ ބޭނުންތައް އެކަހެރިކޮށް، ގައުމު އިސްކޮށްގެން ވޯޓު ލުމަށް ދިވެހި ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.

ވޯޓު ލާން އެންމެންވެސް ނިކުތުމުގެ މުހިންމުކަމަށް އަލިއަޅުވާލައްވައި ރައީސް ވިދާޅުވީ ވޯޓު ލުމަކީ އެންމެންގެވެސް ހައްގެ ކަމަށާއި، އަދި ބުއްދީގެ ބޭނުން ހެޔޮ ގޮތުގައި ހިފާ ގައުމަށްޓަކައި ހެޔޮ ގޮތް ނިންމުން ވަރަށްވެސް މުހިންމު ކަމަށެވެ. އަދި އަތަށް ލިބޭ ހުރިހާ ވޯޓު ކަރުދާހެއްގަވެސް ޖަހާ ފާހަގަ އަކީ މުސްތަގުބަލަށް ޖަހާނެ ފާހަގައެއްކަން ހަނދުމަބެހެއްޓުމަށް ރައީސް ވަނީ އިލްތިމާސް ކުރައްވާފައެވެ.