މިހާރު ކުރިއަށްދާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު އަދި ރެފަރަންޑަމް ވޯޓު ނެގުމުގައި މާލެ ސިޓީ މޭޔަރު އާދަމް އާޒިމް ވޯޓު ލައްވައިފިއެވެ.

އާޒިމް ވޯޓު ލައްވާފައި ވަނީ މާފަންނު މަދަރުސާގައި ހުރި ވޯޓު ފޮށްޓަށެވެ.

ވޯޓުލުމަށްފަހު މީޑިއާ އާއި ވާހަކަ ދައްކަވަމުން އާޒިމް ވަނީ ވޯޓުލާން ދިއުމަށް އިލްތިމާސް ކުރައްވާފައެވެ. އަދި ވޯޓުލުމާއި ވޯޓު ގުނުމުގެ ކަންކަން ވަރަށް އިންސާފުވެރިކަމާއެކު ކުރިއަށްދާނެކަމަށް އުއްމީދުކުރައްވާކަމަށް އާޒިމް ވިދާޅުވިއެވެ.

މިއަދު ކުރިއަށްދާ އިންތިހާބު ތަކުގެ ވޯޓުލުން ހެނދުނު 8 ޖަހާއިރުން ފެށިގެން ކުރިއަށްދާއިރު މި އިންތިހާބުގެ ވޯޓުލުން ކުރިއަށް ދާނީ ހަވީރު 4:00 އަށެވެ.

މިއަދުގެ ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި 2961 ކެންޑިޑޭޓުން ޖުމްލަކޮށް ވާދަކުރެއެވެ.

މިހާރު ކުރިއަށްދާ އިންތިހާބުތަކުގައި ޖުމްލަ 294،876 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އެއީ 150،370 ފިރިހެނުންނާއި، 144،506 އަންހެނުންނެވެ. މި އިންތިހާބުގައި ޖުމްލަ 588 ވޯޓު ފޮށި ބަހައްޓާފައިވެއެވެ.