ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ "އޮޕަރޭޝަން ބްލޫ ރޭ" ރަސްމީކޮށް ފަށައިފިއެވެ.
މިއަދު ހަވީރު އިސްކަންދަރު ބިލްޑިންގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، މި އޮޕަރޭޝަން ރަސްމީކޮށް ފައްޓަވައިދެއްވީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީއެވެ.
އޮޕަރޭޝަން ފައްޓަވައިދެއްވައި ޑެޕިއުޓީ ކޮމިޝަނާ ދެއްކެވި ވާހަކަފުޅުގައި، މަސައްކަތުގައި ހަރަކާތްތެރިވާއިރު ނަމޫނާ ބަޔަކަށްވުމަށާއި ރައްޔިތުންނާ މުއާމަލާތްކުރުމުގައި ރީތި އަހުލާގާއި، އޯގާތެރިކަން އިސްކުރުމަށާއި ނުތަނަވަސް ދަނޑިވަޅެއް ކުރިމަތިވި ކަމުގައިވިޔަސް ކެތްތެރިކަމާއެކު ވާހަކަދައްކައިގެން މައްސަލަ ހައްލުކުރުމަށް އިސްކަންދިނުމަށް ވަނީ އެދިވަޑައިގެންފައެވެ.
އޭގެ އިތުރުން، ޑިމޮކްރެޓިކް ނިޒާމެއްގައި ފުލުހުންގެ ދައުރަކީ ހަމައެކަނި ގާނޫނު ތަންފީޒުކުރުމެއް ނޫން ކަމަށާއި އެއީ ރައްޔިތުންގެ ސަލާމަތާއި، ސުލްހަ މަސަލަސްކަމުގެ ޔަގީންކަންދިނުމާ އަދި ރައްކާތެރިކަމުގެ އިހުސާސްކުރެވުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ފުލުހުންގެ ހިތްވަރާއި، ގާބިލުކަމާއެކު މި އޮޕަރޭޝަނަކީ ކާމިޔާބު އަމާން އޮޕަރޭޝަނަކަށް ވާނެކަމާމެދު ޝައްކުނުކުރައްވާ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
މި ބްރީފިންގގައި ލޯކަލް ކައުންސިލު އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގެ ސެކިއުރިޓީ ކޮމާންޑަރު، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ޝަރީފްއާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުންނާއި ގިނަ އަދަދެއްގެ ފުލުހުން ބައިވެރިވެފައި ވެއެވެ.
މި ބްރީފިންގައި، ރަށްރަށުގައި ތިބި ފުލުހުން އޮންލައިންކޮށް ބައިވެރިވިއިރު މި ބްރީފިންގއާ އެކު ދިވެހި ފުލުހުންގެ ހިދުމަތުގެ އޮޕަރޭޝަނަލް ސްޓޭޓަސް ލެވެލް 2 އަށް ވަނީ ބަދަލުކޮށްފައެވެ.
