ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ރާއްޖެއަށް ގެންނަ ބިދޭސީންގެ އަދަދު 20 އަށްވުރެ ދަށްކަމުގައިވާނަމަ، ކޯޓާ ފީ ދައްކަން ނުޖެހޭ ގޮތަށް ސަރުކާރުން ހަމަޖައްސަވައިފިއެވެ.
ރާއްޖޭގައި ހިންގާ ވިޔަފާރިތަކަށް ބިދޭސީން އެތެރެކުރުމަށް 2000 ރުފިޔާގެ ކޯޓާ ފީއެއް ދައްކަން ޖެހޭއިރު ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަ ކަށް ލުޔެއް ދިނުމަށްޓަކައި ސަރުކާރުން މިހާރުވަނީ "ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވާއިދަށް" އިސްލާހެއް ގެނެސްފައެވެ.
މި އިސްލާހުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ރާއްޖެއަށް އެތެރެކުރުމަށް އެދި ހުށައަޅާފައިވާ ބިދޭސީންގެ އަދަދު 20 އަށްވުރެ ދަށްކަމުގައިވާނަމަ، ކޯޓާ ފީ ދައްކަން ނުޖެހޭގޮތަށް ވަނީ ހަމަޖައްސާފައެވެ. އެހެންނަމަވެސް މިއިސްތިސްނާ ދެވޭ ކުންފުންޏާ، ގުޅުންހުރި ވިޔަފާރީގެ ހިއްސާދާރަކު ނުވަތަ މަސްއޫލުވެރިޔަކު ހިމެނިގެން އުފައްދާފައިވާ އެހެން ކުދި އަދި މެދު ފަންތީގެ އެހެން ވިޔަފާރިއަކަށް މި މާއްދާގެ ދަށުން ދެވޭ ކޯޓާ ފީ ދެއްކުމުންދެވޭ އިސްތިސްނާއެއް ނުލިބޭނެކަމަށް ގަވާއިދުގައި ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން އެންމެ ކުދި އަދި މެދުފަންތީގެ ވިޔަފާރިއަކުންވެސް 20 އަށްވުރެ ކޯޓާ އިތުރުކުރާ ހާލަތުގައި 21 ވަނަ ސްލޮޓުން ފެށިގެން އިތުރުވާ ކޯޓާތަކަށް، ކޯޓާ ފީ ދައްކަންޖެހޭނެ ކަމަށް މި ގަވައިދުގައި ވަނީ ބަޔާންކޮށްފައެވެ.
މި ގަވާއިދަށް ގެނައި އިސްލާޙު ގެޒެޓުގައި ޝާޢިއުކުރާ ދުވަހުން ފެށިގެން، މި އިސްލާހަށް އަމަލުކުރަން ފެށުމުގެ ކުރިން އެންމެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ޔޫޓިލައިޒްކޮށް ދޫކޮށްފައިވާ ކޯޓާތަކަށް ދައްކަމުން ދިޔަ ފީ ދެއްކުން ހުއްޓާލާނެއެވެ.
