ގަދަބާރުން ރަހީނު ކޮށްގެން އިޒްރޭލަށް ގެންގޮސް ޖަލުތަކުގައި އަނިޔާ ދެމުން ގެންދާ ފަލަސްތީނުގެ ރައްޔިތުން މަރަން އިޒްރޭލުން ގާނޫނު ފާސްކޮށްފިއެވެ.
މިއަދު އިޒްރޭލުގެ ގާނޫނު ހަދާ މަޖިލީހުން ފާސްކުރި ބިލާއެކު، ގައުމީ ސަލާމަތާބެހޭ ހަރުކަށި ފިކުރުގެ ވަޒީރު އިތަމާރު ބެން ގަވީރް ވަނީ އުފާފާޅުކުރަން ޝެމްޕެއިން ނުވަތަ ރާފުޅި ކަނޑާލައިފައެވެ.
މި ބިލު މަޖިލީހުން ފާސްކޮށްފައި ވަނީ 62 ވޯޓާއެކުގައެވެ.
އެ ބިލުގައި ބުނާގޮތުން، އިޒްރޭލުން ހިފާ ހައްޔަރު ކުރާ ފަލަސްތީނުގެ މީހުންގެ މައްޗަށް، ކުށް ސާބިތުކޮށް ދަންޖައްސާ މެރޭނެއެވެ. އެ ބިލުގައި އިޒްރޭލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ބިންތަކުގައި ދިރިއުޅޭ ޔަހޫދީން މަރައިފި ފަލަސްތީނުގެ މީހުނަށް މަރުގެ އަދަބު ދޭން ކަމަށް ބުނެފައި ވީ ނަމަވެސް، ތުހުމަތު ކުރުމާއި ދައުވާ ކުރުމާއި ކުށް ސާބިތުވާ ކަމަށް ކަނޑައަޅާ އަދަބު ދިނުމަކީ ގާނޫނެއް އޮތަސް ނެތަސް މިހާރުވެސް އިޒްރޭލުން ކުރަމުން ގެންދާ ކަމެކެވެ.
އެހެންކަމުން، ވަކިމީހަކު ޔަހޫދީއަކު މެރިކަމަށް ނުވަތަ ޖިސްމާނީ އަނިޔާއެއް ދިންކަމަށް ނުވަތަ ޔަހޫދީއަކަށް އުނދަގޫ ކުރިކަމަށް ނިންމާ މަރުގެ އަދަބު ދިނުމަކީ އިޒްރޭލުން ބޭނުންވެއްޖެ ނަމަ ކުރާނެ ކަމެއް ކަމަށް މުރާސިލުން ބުނެއެވެ.
މި ބިލު ފާސްކޮށް އުފާފާޅުކުރަން މިއަދު ފުޅި ކަނޑާފައި ވާ ވަޒީރު ވަނީ، އިޒްރޭލުހެ ޖަލުތަކުގައި ތިބި ފަލަސްތީނު މީހުން ތިބި ގޮޅިތަކުގެ ކައިރިއަށް ގޮސް ޖޯކު ޖަހާ 'ބުރުގާއެޅި ޓެރަރިސްޓުން އެތިބީ ކަމަށް' ބުނެ މަލާމާތް ކޮށް ވީޑިއޯތައް އާންމު ކޮށްފައެވެ.
ޔޫރަޕާއި އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ޖަމްއިއްޔާ ޖަމާއަތްތަކުން އެ ބިލާ ދެކޮޅު ހަދާ ގާނޫނު އަނބުރާ ގެންދިޔުމަށް ގޮވާލަމުން ދަނިކޮށް، ބެން ގަވީރު ބުނެފައި ވަނީ، 'މިއަދު މި ފެށުނީ އާބާބެއް ކަމަށާއި، ދުނިޔެ ދެކޮޅު ހެދިޔަސް ބިރެއްވެސް ނުގަންނާނެ ކަމަށާއި އަޅާވެސް ނުލާނެ ކަމަށް' އެވެ.
އިޒްރޭލުން މި ގާނޫނު ފާސްކުރި އިރު، ކޮންމެ ދުވަހަކީ ހުޅަނގު އައްސޭރީގައި ޔަހޫދީން ނުކުމެ ފަލަސްތީނުގެ މީހުންގެ ގެދޮރާއި ބިންތަކާއި މުދަލުގައި އަލިފާން ޖަހާ ރޯކުރުމާއި މީހުނަށް ހަމަލާދީ މަރަމުން ގެންދާ ދުވަހެކެވެ.
ހަބަރުތައް ބުނާގޮތުން އިޒްރޭލުން ގާޒާ ހަނގުރާމަ ފެށިފަހުން ހުޅަނގު އައްސޭރިން އެކަނިވެސް 1058 މީހަކު މަރާލައިފައި ވެއެވެ. އަދި ހިފާ ހައްޔަރުކޮށް ޖަލުތަކަށް ލައިފައިވާ މީހުންގެ އަދަދު 13،500 އަށް އަރައެވެ. އޭގެ ތެރޭގައި 1000 އަކަށް ވުރެ ގިނައީ އަންހެނުންނާއި ކުޑަކުދިންނާއި ނޫސްވެރިންނާއި އިދާރީ މަސައްކަތްތައް ކުރާ މީހުންނެވެ.
