ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ސްކޮލާޝިޕް ލިބޭ ދަރިވަރުން ބޭނުންވާ ކޮންމެ ދާއިރާއަކުން ކިޔެވުމުގެ ފުރުސަތު ލިބޭގޮތަށް އަލުން އުސޫލު ބަދަލުކޮށްފިއެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ނެރުނު އުސޫލުގައި ވަނީ، އޭ ލެވެލްގައި ފަސް މާއްދާއަކުން އޭ ސްޓާ ހޯދާ ދަރިވަރުންނަށް ލިބޭ ރައީސްގެ ސްކޮލަޝިޕް ދޭނީ، އެ ވަގުތަށް މިނިސްޓްރީގައި ޝާއިއުކޮށްފައިވާ "ޓްރެއިނިން ނީޑްސް ރިކުއަޔާމަންޓް ލިސްޓުގައި" ހިމެނޭ ދާއިރާތަކުން އެކަނި ކަމަށެވެ. މި އުސޫލު އާންމުކުރުމާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ އެ ނިންމުމާ މެދު ކަންބޮޑުވުންފާޅު ކޮށް، އެ ނިންމުން ބަދަލުކުރުމަށް ގޮވާލާފައެވެ.
އެއާއެކު، ރޭ ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވަނީ އަނެއްކާވެސް އުސޫލު ގެޒެޓުކޮށްފައެވެ. އެ އުސޫލުގައި ވަނީ، ދަރިވަރުން ކިޔަވަން ބޭނުން ކޮންމެ ދާއިރާއެއްގައި ކިޔެވުމުގެ ފުރުސަތު ދެވޭނެ ކަމަށެވެ. އަދި އެ އުސޫލުގެ ދަށުން ސްކޮލާޝިޕް ދެނީ މަތީ ސާނަވީ އިމްތިހާނުގައި ބައިވެރިވި އޭލެވެލް ނުވަނަ އެއާ އެއް ފެންވަރުގެ އިމްތިހާނެއްގެ ތިން މާއްދާއިން އޭ ސްޓާ ގުރޭޑު ހާސިލުކޮށްފައިވުމުންނެވެ. ނުވަތަ ޝަހާދާ ސާނަވިއްޔާ އިމްތިހާނުގައި ކިޔެވި ސްޓްރީމްގައި ކިޔަވަން ޖެހޭ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅައިފައިވާ ހުރިހާ މާއްދާއަކުން އޭ ސްޓާ ލިބިފައިވުމާއެކު އެޗްއެސްސީގެ ދިވެހި މާއްދާއިން އޭ ސްޓާ ހާސިލުކޮށްފައިވުމުންކަމަށް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.
މިބަދަލުގެ އިތުރުންވެސް މުހިއްމު ބަދަލުތަކެއް ވަނީ އުސޫލަށް ވަނީ ގެނެސްފައެވެ. އެގޮތުން ހައި އެޗީވާސް ސްކޮލާޝިޕް ލިބޭ ދަރިވަރުން ރާއްޖޭގައި ކިޔަވާނަމަ ސްޓައިޕެންޑުގެ އިތުރުން އެލަވަންސެއް ދޭން ވަނީ ހަމަޖައްސާފައެވެ. މިބަދަލުގެ ދަށުން ސްޓައިޕެންޑުގެ އިތުރަށް 6000 ރުފިޔާގެ އެލަވަންސެއް ދިނުމަށްވެސް ވަނީ ހަމަޖައްސާފައެވެ.
މި އުސޫލުގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ސްކޮލާޝިޕް ލިބިގެން ކިޔަވާ ދަރިވަރުން 4 އަހަރާއި، 7 އަހަރާ ދެމެދުގެ މުއްދަތަކަށް ސަރުކާރަށް ހިދުމަތް ކުރަން ޖެހެއެވެ.
