ށ. ކޮމަންޑޫ ސިއްހީ މަރުކަޒުގައި ޑައިލިސިސްގެ ހިދުމަތް ރަސްމީކޮށް ފަށައިފިއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ސިއްހީ ދާއިރާ ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، މި ސަރުކާރު އައިފަހުން ޑައިލިސިސްގެ ހިދުމަތް ގާއިމްކުރި 11 ވަނަ ރަށެވެ.
ކޮމަންޑޫ ސިއްހީ މަރުކަޒުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ހިދުމަތް ރަސްމީކޮށް އިފްތިތާހު ކޮށްދެއްވީ، ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމެވެ. މި ރަސްމިއްޔާތުގައި ކޮމަންޑޫ ކައުންސިލްގެ މެންބަރުންނާއި، ސިއްހީ މަރުކަޒުގެ އިސްވެރިންނާއި ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ.
ޑައިލިސިސްގެ ހިދުމަތަކީ ކިޑްނީ ބަލި ތަހައްމަލު ކުރަމުންދާ މީހުންގެ ތެރެއިން ކިޑްނީ މަސައްކަތް ކުރާ މިންވަރު ވަކިވަރަކަށްވުރެ ދަށްވުމުން، ކޮންމެ ހަފްތާއަކުވެސް 2 ނުވަތަ 3 ދުވަހު ހަށިގަނޑުގައި ދައުރުވާ ލޭ ސާފުކުރުމަށް ދޭންޖެހޭ މުހިންމު ފަރުވާއެކެވެ. މި ފަރުވާ ހޯދުމަށް ބަލި މީހުން ކޮންމެ ދުވަހަކުވެސް ގާތްގަނޑަކަށް 4 ގަޑިއިރު ހޭދަކުރަން ޖެހެއެވެ.
މި ހިދުމަތް އިފްތިތާހު ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރު ވިދާޅުވީ، ކޮމަންޑޫގައި މި ހިދުމަތް ފެށުމާއެކު އެރަށުގެ އިތުރުން އަތޮޅުގެ އެހެން ރަށްތަކުގެ ރައްޔިތުންނަށްވެސް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި، މިއީ މި ހިދުމަތް ހޯދުމަށް ރައްޔިތުން ކުރަންޖެހޭ ދިގު ދަތުރުތައް ނިމުމަކަށް އައިސް، ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ލުއިފަސޭހަކަމެކެވެ.
ކޮމަންޑޫގައި އަލަށް ގާއިމްކުރި ޑައިލިސިސް ސެންޓަރުން އެއްފަހަރާ ދެ މީހުންނަށް ފަރުވާ ދިނުމުގެ ގާބިލުކަން ހުރިއިރު، މިތަނުގައި އައިސޮލޭޝަން ރޫމެއްވެސް ވަނީ ޤާއިމްކޮށްފައެވެ. ސަރުކާރުގެ އަމާޒަކީ މި ދައުރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޑައިލިސިސްގެ ހިދުމަތް ފެށުމެވެ.
މާލެއާ އެއްގޮތަށް ރާއްޖޭގެ ހުރިހާ ސަރަހައްދުތަކަކަށް ސިއްހީ ހިދުމަތްތައް އެއްހަމައެއްގައި ފޯރުކޮށްދިނުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. އެގޮތުން، ސިއްހީ ނިޒާމު ހަރުދަނާކޮށް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި، ހެޔޮ އަގުގައި ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމާއި، އާސަންދަ ނިޒާމަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ. މީގެ އިތުރުން، މި ދާއިރާގެ ގާނޫނުތަކާއި ގަވާއިދުތަކަށް ގެންނަންޖެހޭ ހަރުދަނާ ބަދަލުތައް ގެނައުމަށްވެސް ސަރުކާރުން ވަނީ އިސްކަންދީފައެވެ.
