ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސިޓީފުޅަކާއެކު ޗާގޯސްގެ މޮރިޝަސް އަށް ދޭން ކަނޑުތަކާބެހޭ ބައިނަލްއަގުވާމީ ކޯޓުން ކުރި އަމުރާއެކު ޔޫކޭއިން އެކަން ކުރަން އުޅޭތީ އިންކާރުކޮށް ރާއްޖެއިން 3 ފަހަރު އަންގާފައި ވާކަމަށް ބީބީސީގައި ރިޕޯޓު ކޮށްފިއެވެ.

އިނގިރޭސީން އިސްތިއުމާރު ކުރި ޗާގޯސް ބަލަހައްޓަމުން ދަނީ އަދިވެސް އިނގިރޭސި ސަރުކާރުންނެވެ.

ބީބީސީން ބުނީ، ނޮވެންބަރު 2024 އަދި ޖަނުއަރީ 2026 ގައި ރަސްމީކޮށް ލިޔުމުން ރާއްޖޭގެ ކަންބޮޑުވުން އިނގިރޭސި ސަރުކާރާ ހިއްސާ ކޮށްފައި ވާ ކަމަށެވެ. އެ ލިޔުންތަކުގައި ރާއްޖެއާ މަޝްވަރާ ކުރުމެއް ނެތި މޮރިޝަސްއާ ވާހަކަ ދައްކައިގެން ޗާގޯސް މޮރިޝަސް އާ ހަވާލުކުރުމަށް އިނގިރޭސި ސަރުކާރުން ކުރިއަށް ގެންދާ 'ޑީލް' އާ ރާއްޖެއިން ދެކޮޅު ހަދާކަމަށް ބުނެފައި ވެއެވެ.

މީގެ އިތުރުން، ރައީސް ޑރ. މުހައްމަދު މުއިއްޒު ފޯނުން ގުޅުއްވައި އިނގިރޭސި ބޮޑުވަޒީރުގެ ނައިބު ޑޭވިޑް ލެމީ އާ ވާހަކަފުޅު ދެއްކެވި ކަމަށާއި އެވާހަކަފުޅުގައި ޔޫކޭގެ ނިންމުމާމެދު ކަނބޮޑުވެވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.

ޗާގޯސްގެ މައްސަލައިގައި ރާއްޖެއިން ކަންބޮޑުވުން ފާޅުކޮށްފައި ވީ ނަމަވެސް ޔޫކޭ ފޮރިން އޮފީހުގެ މިނިސްޓަރު ސްޓެފަން ޑޯތީ ވިދާޅުވެފައި ވަނީ ޗާގޯސްގެ އިސްތިގްލާލީ މިނިވަންކަމަކީ ޔޫކޭ އާއި މޮރިޝަޝް އާ ބެހޭ ކަމެއް ކަމަށާއި އެއީ ރާއްޖެއާ ބެހޭ ކަމެއް ނޫން ކަމަށެވެ.

އަދި ޗާގޯސްގެ މިލްކުވެރިކަމާ މެދު ބައިނަލްއަގުވާމީ ކޯޓުން ގޮތް ނިންމައިފި ކަމަށާއި އެނިންމުން އައީ މޮރިޝަސް އާ އެއްކޮޅަށް ކަމަށްވެސް އިނގިރޭސި ސަރުކާރުގެ އޮފިޝަލުންނާ ހަވާލާދީ ބީބީސީގައި ރިޕޯޓު ކޮށްފައި ވެއެވެ.

ޔޫކޭގެ ސަރުކާރުން ޗާގޯސްގެ ކޮންޓްރޯލް މޮރިޝަސް އާ ހަވާލު ކުރަން ހުސްވި އަހަރު ނިންމިއެވެ. އެ ނިންމުގެ ދަށުން ޗާގޯސްގައި އޮންނަ ޔޫކޭ އަދި އެމެރިކާގެ އަސްކަރީ ބޭސް 'ފޯޅަފަހި' ގެ ކުއްޔެއްގެ ގޮތުގައި އަހަރަކު 101 މިލިއަން އެމެރިކާ ޑޮލަރު ދޭންވެސް ހިމަނާފައި ވެއެވެ. މީގެ އިތުރުން މޮރިޝަސްގެ ތަރައްގީގެ މަޝްރޫއުތަކަށް ދިގު މުއްދަތަކަށް 1.2 ބިލިއަން ޑޮލަރު ހަރަދު ކުރަންވެސް ހިމަނާފައި ވެއެވެ.

ނަމަވެސް މި ޑީލް، އިނގިރޭސިވިލާތުގެ ގާނޫނީ އިމުގެ ތެރެއަކަށް އަދި ނުވަދެއެވެ. ނުވަތަ ގާނޫނީ ގޮތުން ނިންމަންޖެހޭ ކަންކަން އަދި ނިމިފައެއް ނުވެއެވެ. އެހެން ކަމުން މި ޑީލް އަދި އޮތީ މުއްދަތެއް ނެތްގޮތަށް ހުއްޓިފައެވެ.

މި މައްސަލައިގައި ރާއްޖެއިން ވަކާލާތު ކުރަމުން ގެންދަނިކޮށް، ޗާގޯސް މޮރިޝަސް އާ ހަވާލުކުރުމުގެ ކަންކަން ކުރިއަށް ގެންދަން އިނގިރޭސި ސަރުކާރުން މަސައްކަތް ކުރަނިކޮށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ ޗާގޯސް، މޮރިޝަސް އާ ހަވާލު ނުކުރަން އިނގިރޭސި ބޮޑުވަޒީރު ކެއިރް ސްޓޭމާ އަށް ދަންނަވާފައެވެ.

ޗާގޯސްގެ މިލްކުވެރިކަން މޮރިޝަސް އަށް ދިނުމާ ދެކޮޅު ހަދާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ބުނެފައި ވަނީ، ޗާގޯސް އާއި ރާއްޖެއާ ދެމެދު އެތައް ގަރުނެއްގެ ގުޅުން އެބައޮތް ކަމަށާއި ތާރީހީ ގޮތުން އެކަން ސާބިތުވާނެ ހެކިވެސް ހުރި ކަމަށެވެ.

އެގޮތުން އިނގިރޭސި ސަރުކާރަށް ދިވެހި ސަރުކާރުން ފޮނުވި ލިޔުމުގައި ޗާގޯސް އާއި ރާއްޖެއާ ދެމެދު އޮތް ތާރީހީ ގުޅުމާއި އިނގިރޭސިވިލާތާއި ރާއްޖެއާ ދެެމެދު އޮތް ސިޔާސީ ގުޅުމުގެ ތެރެއިން ހިނގާފައި ހުރި މުއާމަލާތްތަކާ ގުޅޭ ތަފްސީލުތައް ވެސް ހިމަނާފައި ވާކަމަށް ބީބީސީން ރިޕޯޓު ކުރެއެވެ.

އަދި ރާއްޖެއިން ބުނެފައި ވަނީ ޗާގޯސް މޮރިޝަސް އަށް ދިނުން ބަލައި ނުގަންނާނެ ކަމަށެވެ.