ނައުރީން އެހާ ސިއްރުން އެކޮޓަރިއަށް އައިސް ފޮތެއް ވަގަށް ނަގާނީ ހާދަ ބިރުކުޑަ ވީމާތާއޭ، ޟިރާރުގެ ހިތަށް އެރިއެވެ. މޭޒުމަތީ ހުޅުވާފައި އޮތް ފޮތުގެ ގަނޑުތައް އުކާލި އިރު އޭނާގެ ތުންފަތަށް ލާނެއް ހިނިތުންވުމެއް ވެރިވިއެވެ. "ކަލޭތަ؟.. ކީއްކުރަން މަގޭ ހުއްދަނެތި މިތަނަށް ވަނީ؟.. ކަލެއަށް އިނގޭނެ މި ގެއަށް އައިސް ތިހެން ވަނުމަކީ މަ އެހާ ހިތްހަމަޖެހޭ ކަމެއް ނޫންކަން..." ކޮޓަރީގެ ދޮރު ތަންމިނަށް ހުޅުވާލި އިބްޒީމާއަށް މޭޒުކައިރީ ހުރި ޟިރާރު ފެނުމުން އޭނާ ވާހަކަ ދެއްކީ ނުރުހުމުގެ ރާގަކަށެވެ.

"ކަލޭ ރުޅި ނާންނަ ކަމެއް އޮވޭތަ؟.. އެހެން ނޫނަސް ކޮން އިރަކުތަ އިބްޒީމާ އަހަރެންދެކެ ރުޅިއަންނަން ފެށީ.. އެއަށްވުރެ އިބްޒީމާ އަހަރެން ދެކެ ލޯބިވާނެ..." ޟީރާރު އައިސް އިބްޒީމާ ކައިރިއަށް ހުއްޓެމުން އޭނާގެ އަތުގައި ހިފާލީ އެތަނަށް ނައުރީން އައިކަން އިބްޒީމާއަށް އަންގަން ބޭނުން ނުވީމައެވެ. ދެލޯ ހަނިކޮށްގެން ހުރެ ޒާތަކަށް ބޯއަރިކޮށްލަމުން ޟިރާރާ ދިމާއަށް އިބްޒީމާ ބަލަން ހުރީ ހިނިއައިސްފައެވެ.

"ކަލޭ ހާދަ ފާޑަކަށް މިރޭ ތިއުޅެނީ... ކޮން ކަމެއް ލައިގަތީ؟..." އިބްޒީމާ އެތެރެއަށް ވަދެ އަތުގެ މުލައްދަނޑީގައި އަޅުވާފައިވާ ތުވާލީ އެތާހުރި ރޯނެއްގެ މައްޗަށް ހޫރާލިއެވެ. ތެމިފައިވާ އިސްތަށިގަނޑުގައި އަތް ކާއްތާ، ފެންފޮޅަމުން އޭނާ ގޮސް ހުއްޓުނީ މޭޒު ކައިރިއަށެވެ. އެތަނުން އެއް ފޮތް މަދުކަން އިބްޒީމާއަށް އެނގިދާނެތީ ޟީރާރު ކަންބޮޑުވިއެވެ. އެހެންކަމުން އޭނާ އެތަނަށް އައި ބޭނުން ހާމަކުރަން އަވަސްވެގަތެވެ. "މަ މި އައީ ވަރަށް ބޮޑު ބޭނުމަކު... މަ ބޭނުން އެއްކަލަ ޖިންނި މަގޭ ބާރުގެ ދަށުގައި ގެންގުޅެން.. އެކަން ހާސިލްކުރަން ކުރަންޖެހޭ ކަންކަން ކުރަން މަ ތައްޔާރު... އިބްޒީމާއަށް މިކަން ވާނެތަ؟..." ޟިރާރުގެ މޫނަށް އިބްޒީމާ ބަލާލީ ހައިރާންވެހުރެއެވެ.

"ކަލޭ ތިހުރީ ހަމައިގަތަ؟.. އެކަމަށް ކުރަންޖެހޭ ކަންތައްތައް ވާނެތަ؟..." ޟިރާރުގެ ހަށިގަނޑަށް މަތިން ތިރިއަށް އިބްޒީމާ ބަލާލީ އަނގަ ޗޭ ކޮށްލަމުންނެވެ. ޟިރާރުއަށް އެފަދަ ކަމެއް ކުރެވޭނެ ކަމަކަށް އިބްޒީމާ ގަބޫލެއް ނުކުރެއެވެ. "ފަހަރުގައި މީހަކު މަރާލަންވެސް ޖެހިދާނެ... ސަހަރާގައި ނިދަންވެސް ޖެހިދާނެ... ނަޖިސް ލޭވެސް ބޯން ޖެހިދާނެ... ބަރަހަނާކޮށް..." ކޮޓަރިތެރޭ ދެއަތަށް ހިނގަމުން އިބްޒީމާ ކިޔައިދެމުން ދިޔައީ އެކަމެއް ހާސިލްކުރަން ޟިރާރުއަށް ކުރަންޖެހިދާނެ އެތައް ކަމެއްގެ ވާހަކައެވެ. އިބްޒީމާގެ ޖުމްލަ ފުރިހަމަ ނުވަނީސް ޟިރާރު އަޑުބާރުކޮށް އޭނާގެ އެންމެ ފަހުގެ ނިންމުން ހާމަކުރިއެވެ. "މަށަށް ވަރިހަމަ... ކޮންމެ ކަމެއްވެސް ކޮށްފާނަން... މައްސަލައެއް ނެތެއްނު... ކަލޭ މަސައްކަތް ފަށާ... ލަހެއް ފަހެއް ކުރާނެކަމެއް ނެތް"

*** *** *** *** *** ***

މަޑު ހިމުން ދޮންވެލިގަނޑު މަތީ ހުސްފައިގައި ހިނގަމުންދިޔަ މަންޝާ ހުރީ އެއް އަތުން ފައިވާން ހިފަހައްޓައިގެންނެވެ. ނިއުޅުވާލާފައިވާ އިސްތަށިގަނޑު މިނިވަން ކަމާއެކީ ވަޔާއެކީ ނަށަމުން ދިޔައެވެ. ބައެއްފަހަރު މޫނުމައްޗަށް ވެއްޓޭ އިސްތަށިތައް އެއްއަތުން އެއްފަރާތްކޮށްލަމުން ކަންފަތު ބުޑަށް އިސްތަށިތައް ލައްވާލައެވެ. މަންޝާގެ ހަރަކާތްތަކަށް ބަލަން ހުރި ރޫފަސް ވަނީ ކެތްމަދުވެފައެވެ. އޭނާ ބޭނުން ވަނީ މަންޝާގެ އިޒުނައާ އެކީ އެނާގެ ހަށިގަނޑާ ގާތްވާށެވެ. އެފަދަ ލޯތްބެއް މަންޝާގެ ހިތުގައި އަށަގަންނާނެ ކަމުގެ އުންމީދުގައި އޭނާ ހުންނަތާ ލައްކަ ދުވަސް ވީއެވެ.

މަޑު ހިނގުމެއްގައި މަންޝާ ގާތްވެލީ ގޮނޑުދޮށުގެ ރާޅުޖަހާ ހިސާބަށެވެ. އެ މާހައުލުން މަންޝާގެ ހިތަށް އެތައް ހިތްހަމަޖެހުމަކާއި އުފަލެއް ހާސިލްވަމުން ދިޔައެވެ. ރޫފަސް ކުރިއަށް ޖެހިލީ ފުރިހަމަ ވެފައިވާ ހަނދާ ދިމާއަށް ބަލަމުންނެވެ. ފަހަތުން އައިސް މަންޝާގެ އުނަގަނޑުގައި ހިފާލަމުން މަންޝާގެ ހަށިގަނޑު ގެނެސް ރޫފަސްގެ ގައިގާ ޖައްސާލިއެވެ. މަންޝާގެ ހަށިގަނޑުން ވަރު ދޫކޮށްލަމުން ރޫފަސްގެ ހަށިގަނޑުގައި ލަށްވެލީ އޭނާގެ ވެފައިވާ ވަރުބަލިކަމާއި އުނދަގުލުންނެވެ. މަންޝާގެ އިސްތަށިގަނޑުގައި ރޫފަސް ފިރުމާލިއެވެ. އަދި އޭނާގެ އަތުން މަންޝާގެ ބޮލުގައި ހިފަހައްޓާލަމުން ފުންނޭވާއެއް އެތެރެކޮށްލިއެވެ. މަންޝާ އެހެން އަންހެނުންނާ ތަފާތުވާ ބައިވަރު ސަބަބުތައް އެބަހުއްޓެވެ. މަންޝާގެ ހަގީގަތް އޮޅުން ފިލުވަން ރޫފަސް މަސައްކަތް ކުރިއަސް މަންޝާއާ ބެހޭ ގޮތުން އެއްވެސް މައުލޫމާތެއް އޭނާއަށް ހޯދޭ ގޮތެއް ނުވެއެވެ. ރޫފަސްއަށް އެނގެނީ އިބްޒީމާ ކިޔައިދީފައިވާ އެއްޗެހި އެކަންޏެވެ. މިހެން ވުމުން މަންޝާއަކީ އެހެން އިންސާނުންނާ ތަފާތު ގޮތެއް ހުރި އިންސާނެއް ކަމަށް ރޫފަސްގެ ހިތް ގަބޫލުކުރިއެވެ.

މަންޝާގެ ބޮލުގައި ހިފަހައްޓައިގެން ހުރެ މަންޝާ ދެނެގަންނަން އޭނާ މަސައްކަތް ކުރަން ޖެހުނީ އޭނާގެ ބާރުގެ ބޭނުން ކުރާށެވެ. މަންޝާގެ ބޮލުގައި ރޫފަސް ހިފަހައްޓާފައި ހުރި ދިމާލުން ތޫނު ތަދެއްވާން ފެށިއެވެ. ނަމަވެސް މަންޝާއަށް އޭނާގެ ހަށިގަނޑު ގުޑުވައެއް ނުލެވުނެވެ. ރޫފަސް އަށް ފެންނަމުންދިޔައީ މަންޝާގެ އަނދިރި ހަޔާތެވެ. އޭނާގެ ހަޔާތުގައި އެތައް އަނިޔާތަކެއް ތަހައްމަލް ކުރި ދުވަސްތަކެވެ.

.......................................

ތިން ދޮރުުފަތުގެ އާދައިގެ އަލަމާރީގެ މޫނު ބަލާ ލޯގަނޑު ކުރިމަތީ ހުރެ ލައިގެން ހުރި ކަޅުކުލައިގެ ކުރުތާ ބޭލިއެވެ. އަދި ނިއުޅުވާލާފައިވާ އިސްތަށިގަނޑު އެއްފަރާތުން ގެނެސް ކޮނޑުމަތިން ކުރިމައްޗަށް ވައްޓާލުމަށްފަހު ލޯގަނޑުން މަންޝާގެ ބުރަކައްޓަށް ބަލާލިއެވެ. ވަކިތަކެއް ފަދައިން ބުރަކަށީގައި ހަލާކުވެފައި ހުރި ތަންތަނުގައި އަތް ހާކާލެވުނެވެ. ލައިގެން ހުރި ބެލްސްގެ ޒިބު ކަހާލުމުން ބެލްސް މުޅިންހެން ހަށިގަނޑުން ވަކިވެ ފައިދަށަށް ވެއްޓުނެވެ. ފައިގެ ފަލަމަސްގަނޑުގައި ނޫފައިގެންފައިވާ ތަންތަނަށް ބަލާލެވުނެވެ. މަޑު ފިޔަވަޅުތަކެއްގައި ކުރިޔަށް ހިނގަމުން އައިސް ލޯގަނޑަށް މަންޝާގެ ހޫނު ނޭވާ އެޅޭހާ ކައިރީގައި ހުއްޓުނެވެ. އަމިއްލަ ސޫރައަށް ބަލަން ހުރެ ލޯގަނޑުން ފެންނަމުންދިޔަ މަންޝާގެ ސޫރައިގައި އަތް ހާކާލެވުނެވެ.

މަންޝާގެ ލޯވަނީ ދުޅަވެފައެވެ. ލޮލުގެ ރަވައިގައި ރަތްކަމެއް ހުރިއިރު މަންޝާގެ ނޭފަތް ވަނީ ބެދިފައެވެ. ނިދަންލާ ޓީޝާޓާ ހަރުވާޅު ލުމަށްފަހު ތަޅުންމަތީގައި އަޅާފައިވާ ގޮދަޑީގައި މަންޝާ އޮށޯވެލަމުން ބެޑްޝީޓާއި ބާލީސް ރަނގަޅު ކޮށްލިއެވެ. ބާލީހުގައި ބައްދާލައިގެން ނިދޭތޯ ލޯމަރާލިއެވެ. އެހެންރޭރޭ ނިދޭހާ ފަސޭހައިން މަންޝާއަށް ނިދޭ ގޮތެއް ނުވިއެވެ. މަންޝާގެ ހަށިގަނޑުގައިވާ ނިޝާންތަކުގެ ސަބަބުން ކަންބޮޑު ވިއެވެ. ދެއަތަށް ފުރޮޅިލަ ފުރޮޅިލަ އެހެން އޮއްވާ މަންޝާއަށް ނިދުނީ ވަރަށް ދަންވިފަހުންނެވެ.

ގަދަ ނިދީގައި އޮއްވާ މަންޝާއަށް އޭނާގެ ހަށިގަނޑުގައި މީހަކު ބީހޭހެން ހީވުމުން ދެލޯ ހުޅުވާ ތަންމިނަށް ބޮޑުކޮށްލެވުނެވެ. ކޮޓަރީގައި އެއްވެސް އަލިކަމެއް ނެތެވެ. މަންޝާއަށް ތެޅިގަނެވުނީ އޭނާގެ ހަށިގަނޑުން ބައެއް ފޭރާންތައް މަދު ހެން ހީވުމުންނެވެ. ނަމަވެސް މަންޝާއަށް ކަމެއް ނުކުރެވުނީ އެމީހަކު ހުށިޔާރު ކަމާއި އެކީ މަންޝާގެ ގައިމައްޗަށް ވެއްޓިގަތުމުންނެވެ. މަންޝާ ލައިގެން އޮތް ޓީޝާޓް ވަނީ ކަރުދަށާ ހަމައަށް މައްޗަށް އަރާފައެވެ. ހަރުވާޅު ވަނީ ކަކުލާ ހަމައަށް ތިރިކޮށްފައެވެ. އަޑަށް ލެވުނުހާ ބާރެއްލާ މަންޝާ ހަޅޭއްލަވައިގަތީ އެވަނީ ކިހާވަރެއްގެ ކަމެއްކަން ނަގައިގަނެވުމުންނެވެ. ހަޅޭކުގެ އަޑު ބޭރުވުމުން އެމީހާގެ ބޮޑު އަތްތިލައިން މަންޝާގެ އަނގަމަތީގައި އަތް އެޅިއެވެ. މަންޝާގެ އަޑު މަޑުވުމުން އަނގަމަތިން އެމީހާގެ އަތް ނަގާ މަންޝާގެ މޫނުމަތީ ހޫނު އެތިފަހަރެއް ޖެހިއެވެ. ވީ ތަދުން މަންޝާއަށް ރޮއިގަނެވުނެވެ.

"އައްދޯތް..." މަންޝާގެ މޫނާ އެމޫނު ގާތްކޮށްލި އިރު މަންޝާއަށް އެއީ ކާކުކަން ވަކިކުރަން އެނގުނެވެ. އެވީ ވަގުތުކޮޅު ތެރޭގައި ކޮޓަރީގައިވާ ކަނު އަނދިރިކަމަށް މަންޝާގެ ލޯ ހޭނިގެން ދިޔައެވެ. މަންޝާގެ ހަށިގަަނޑުގައި ބީހެމުންދިޔަ މީހާ އެނގުމުން މަންޝާ ހުރީ އާގަމަކަައިފައެވެ. އެ ލިބުނު ހައިރާންކަމުން މަންޝާގެ ދުލުން ބަހެއް ބޭރުވާ ގޮތެއް ނުވިއެވެ. ސިންގާއެއްހެން މަންޝާގެ ގައި މައްޗަށް އަރާ ރުޅިވެރިގޮތަކަށް ބަލަން އެއޮތީ ހަސަންބެއެވެ.

........................................

މަންޝާގެ ބޮލުގައި ހިފަހައްޓާއިގެން ހުރެ އޭނާގެ މާޒީ ބަލަމުން ދިޔަ ރޫފަސް ދެލޯ ހުޅުވާލީ މަންޝާ ބަރުދާސްތު ކޮށްފައިވާ އަނިޔާ އޭނާއަށް ސިފަވުމުން އެކަމާ ރުޅި އައިސް ރަތްވެފައި ހުރެއެވެ. ރޫފަސްއަށް ނޭނގޭ ކަމަކީ އޭނާ އެ މާޒީގެ ދުވަސްތައް ބަލަމުންދިޔަ އިރު އެ ހަނދާންތައް މަންޝާއަށް އާވަމުން ދިޔަކަމެވެ. މަންޝާގެ ބޮލަށް އަރާފައިވާ ތޫނު ތަދާ އެކީ އޭނާގެ ދެލޯ މެރިގެން ދިޔައެވެ. ގައިން ވަރު ދޫވެ ރޫފަސްގެ އަތުތެރެއަށް އޭނާގެ ހަށިގަނޑު ދޫވެގެން ދިއުމުން ހައިރާންކަމާއެކީ މަންޝާގެ މޫނަށް ރޫފަސް ބަލާލިއެވެ.

ޖިންނިންނަށް ލިބިފައިވާ މިކަހަލަ ބާރުގެ ބޭނުން ކުރުމަކީ އެކަމުގެ ސަބަބުން އިންސާނެއްގެ ހަށިގަނޑަށް އެތައް އަނިޔާތަކެއް ލިބޭނެކަމެއްކަން ރޫފަސްއަށް އެނގިފައެއް ނުވެއެވެ. މަންޝާގެ ހެޔަށް ގޮތްވުމުން ރޫފަސް އިތުރަށް ހާސްވިއެވެ. މަންޝާގެ މޫނުގައި ފިރުމާލަމުން ލޯބިން މަންޝާއަށް ގޮވާލިއެވެ. އެސްފިޔަ ކުޑަކޮށް ހުޅުވާލި ނަމަވެސް އެ ލޮލަށް ބަރުވެ އަނެއްކާވެސް މެރިގެން ދިޔައީއެވެ. މަންޝާއާ ބެހޭ މައުލޫމާތު ހޯދަން ރޫފަސް ކިތަންމެ ބޭނުމަސް އެ ހާލުގައި މަންޝާ އޮއްވާ އެހެންހަދަން އޭނާ ބޭނުންނުވީއެވެ. މަންޝާ ގޮވައިގެން ގެއަށް ދާން އޭނާ އުދުއްސައިގަތީ އަތްދަނޑި މައްޗަށް ލައިގެންނެވެ.

*** *** *** *** *** ***

ގޭތެރެއަށް ވަދެ ނައުރީން އަވަސްވެގަތީ އޭނާގެ ކޮޓަރިއާ ދިމާއަށެވެ. ގޭތެރޭގައި އެއްވެސް މީހަކު ހޭލާ ނޫޅޭނެކަން އޭނާއަށް އެނގުނެވެ. ކޮޓަރިއަށް ވަދެވުމާއި އެކީ ނައުރީންއަށް ހިތްހަމަޖެހުމެއް ލިބުނީ އަޒީމް ގޭގައި ނެތީމައެވެ. ޖިންސުތެރެއިން އެ ފޮތް ނަގާ އެނދުމަތީ ބޭއްވުމަށްފަހު ފުންނޭވާއެއް ނައުރީން ބޭރުކޮށްލީ އުނަގަނޑުގައި އަތްވިއްދާލަމުންނެވެ.

ނައުރީންގެ ހަނދާނަށް އައީ އިބްޒީމާމެން ގޭތެރެއިން އަޒީމް ނިކުތް ވަގުތެވެ. ހަލުވި ފިޔަވަޅުތަކެއްގައި އެގެއިން އަޒީމް ނިކުތީ ހާސްވެފައި ހުރެއެވެ. އަޒީމްގެ ހަރަކާތްހުރި ގޮތުން ކަމެއް ގޯސްވެއްޖެކަން ނައުރީނަށް ދެނެގަންނަން އެނގުނެވެ. އެގެއަށް އޭނާ ދިޔަ ބޭނުމެއް އޮޅުން ފިލުވަން ބޭނުންވި ނަމަވެސް އެވާހަކަ ދެއްކޭނީ އަޒީމް ގެއަށް އައިމައެވެ. އެވާހަކަ ސީދާ އަޒީމްއާ ދެއްކުމަކީ ބުއްދިވެރިކަމެއް ހެއްޔެވެ. ވިސްނުމަކަށް ގެއްލިފައި އިން ނައުރީންގެ ހަނދާނަށް އައީ ޟީރާރެވެ. ގަތްފަކުރުން އޯކާ ދެމެމުން އޭނާ ފާހާނާއާ ދިމާއަށް ދުއްވައިގަތެވެ.

ތުވާލިކޮޅަކުން މޫނުގައިވާ ފެންތައް ހިއްކަމުން ނައުރީން ފާހާނާއިން ނިކުތީ ނިދާ ހެދުން ލައިގެންނެވެ. އެނދުމަތީ އޮތް ފޮތް ލޮލުގައި އަޅައިގަތުމުން އޭނާ ބޭނުންވީ މިޖެހިގެން އުޅޭ މުސީބާތްތަކުން ސަލާމާތްވާން ކޮންމެވެސް ކޮޅެއް ފެނޭތޯ މަސައްކަތް ފަށާށެވެ. ދެފައި ވަށްކޮށްގެން އެނދަށް އަރާ އިން ނައުރީން އެފޮތް ހާވަމުން ދިޔައީ ސިހުރެއް ބާތިލްކުރަން ހެދިދާނެ ގޮތަކާ ބެހޭ އެއްވެސް މައުލޫމާތެއް ފެނޭތޯއެވެ. ގަނޑުތައް ބަލާ ހޯދަމުން ދިޔަ އިރު ނައުރީންގެ ހިތް ބާރުބާރަށް ތެޅެމުން ދިޔައެވެ. އިރުއިރުކޮޅުން ނައުރީންއަށް ބެލެމުން ދިޔައީ އެކޮޓަރީ ފާރުގައި ހަރުކޮށްފައިވާ ގަޑިއަށެވެ. ގަޑީގެ ސިކުންތު ކަށި ހިނގާލެއްވެސް އަވަސްހެން ނައުރީންއަށް ހީވިއެވެ.

ކުއްލިއަކަށް މީހަކު ދޮރުގައި ޓަކި ޖަހާލުމުން ނައުރީން ދިޔައީ ސިއްސައިގެންނެވެ. އަތުގައި އޮތް ފޮތް ލައްޕާލުމަށްފަހު އެނދުދަށަށް ފޮތް ކޮށްޕާލަމުން ދޮރާ ދިމާއަށް ނައުރީން ބަލާލިއެވެ. އަނެއްކާވެސް ޓަކި ޖަހައިފިއެވެ. ނައުރީން ގައިމަތީ ރަޖާގަނޑު އަޅާލަމުން އެނދުގައި އޮށޯވެ ދެލޯ މަރާލިއެވެ. ހިތުގައި ޝައްކުކަމެއް އުފެދިފައި ވިއެވެ. އެއީ އަނެއްކާ އަޒީމް ހެއްޔެވެ؟ ނޫނީ ފުރޭތައެއް ހެއްޔެވެ؟

(ނުނިމޭ)