މެދުއިރުމަތީގައި ހިނގާ ހަމަނުޖެހުންތަކާ ގުޅިގެން މީޑިއާތަކުން ގެނެސްދޭ ކޮންޓެންޓު ހެދުމުގައި ނޫސްވެރިންގެ ސްލޫކީ މިންގަނޑުތަކާ އެއްގޮތަށް ޒިންމާދާރުކާމައެކުގައި ހަބަރުތަައް ގެނެސްދިނުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) އިން އިލްތިމާސްކޮށްފިއެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ހަނގުރާމައާ ގުލޭ ގޮތުން އަދި ދުނިޔޭގެ މަސްރަހަށް އަންނަ ބަދަލުތަކާ ގުޅިގެން ވެސް ރާއްޖޭގެ އޮންލައިން ނޫސްތަކާއި އަދި މީޑިއާތަކުން އަންނަނީ ގިނަ މައުލޫމާތުތަކެއް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދެމުންނެވެ.

މިކަމާ ގުޅިގެން އެމްބީސީސީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މިޑިއާތަކުން އާންމުންނާ ހަމައަށް ހަބަރާއި މައުލޫމާތު ފެތުރުމުގައި، ގާނުނު ނަންބަރު:2025/16 (މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ގާނޫނު) ގެ 38 ވަނަ މާއްދާގެ ދަށުން އެކުލަވައިލާފައިވާ "ބްރޯޑްކާސްޓަރުންނާއި މީޑީއާގައި މަސައްކަތްކުރާ ފަރާތްތަކާއި ނޫސްވެރިންގެ ސުލޫކީ މިންގަނޑު" އާ އެއްގޮތަށް ޒިންމާދާރުކަމާއެކު ހަބަރާއި މައުލޫމާތު ފެތުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.

ވަކިން ހާއްސަކޮށް، ދުނިޔެ ހަނގުރާމައެއްގެ ބިރުވެރި ދުވަސްތަކެއް ކަޑައްތުކުރަމުން ގެންދާ މި ހައްސާސް ދަނޑިވަޅުގައި މީޑިއާތަކުން މިފަދަ ހަބަރާއި މައުލޫމާތު ރައްޔިތުންނާ ހަމައަށް ފޯރުކޮށް ދިނުމުގައި، ހަވާލާދީފައިވާ ސުލޫކީ މިންގަނޑުގެ 5 ވަނަ މާއްދާ "ގައުމީ ސަލާމަތާއި ރައްކައުތެރިކަން ދެމެހެއްޓުން" އަދި 6 ވަނަ މާއްދާގެ (ކ) ގައި "ފެކްޗުއަލް ޕުރޮގުރާމުތަކުގައި އެކި ފަރާތްތަކުން ހޯދާ ކޮންޓެންޓު ހިމެނުމުގައި އެ ފަރާތްތަކުން ދެއްކި ވާހަކައިގެ މަފުހޫމު ނުގެއްލޭ ގޮތަށް ގެނެސްދިނުން" ގައި ހުރި ކަންކަމަށް ހާއްސަ ސަމާލު ކަމެއް ދިނުމަށް ވަނީ އަންގާފައެވެ. އެ ސުލޫކީ މިންގަނޑުގެ 14 ވަނަ މާއްދާގެ (ރ) ގައި "އަސްލާ އެއްގޮތް މެނިޕިއުލޭޓް ކޮށްފައިވާ އަދި ފެބްރިކޭޓް ކޮށްފައިވާ ފޮޓޯއާއި އޯޑިއޯ ވީޑިއޯ، ނަފްރަތު އުފެއްދުމުގެ ބޭނުމުގައި ބޭނުން ނުކުރުން" މި މައްދާތަކުގައި ބަޔާންކުރާ ކަންކަމަށް ވެސް ހާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އަންގާފައެވެ.

މީޑިއާތަކުން އެފަރާތްތަކުގެ ފަރުދީ ޒިންމާ، ޒިންމާދާރުކަމާއެކު އަދާކުރުމަށް މީޑިއާތަކުގެ ބެލެނިވެރިފަރާތުގެ ހައިސިއްޔަތުން މި ދަނޑިވަޅުގައި ދިވެހި އެންމެހައި ނޫސްވެރިންނަށް ހަނދާންކޮށްދޭ ކަމަށް އެމްބީސީސީން ބުނެއެވެ.