ޓީބީ ބަލި އަވަހަށް ދެނެގަތުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމާއި، ޓެސްޓުތަކާއި ފަރުވާ ފަސޭހައިން ލިބޭނެ މަގު ތަނަވަސްކުރުމަށް ރާއްޖެއިން ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދުނިޔޭގެ ޓީބީ ދުވަހާއި ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
މި ޕޯސްޓުގައި ރައީސް ވިދާޅުވީ ދުނިޔޭގެ ޓީބީ ދުވަސް ފާހަގަކުރަމުންދާއިރު، މިއީ ރައްކާތެރިވެވިދާނެ އަދި ފަރުވާކޮށްގެން ރަނގަޅުކުރެވޭ ބައްޔެއް ކަމަށެވެ. އެހެންނަމަވެސް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް މިލިޔަން ބަޔަކަށް މިބަލީގެ ނުރައްކާ އަދިވެސް ކުރިމަތިވަމުންދާ ކަން ރައީސް ފާހަގަކުރެއްވިއެވެ. މިބަލި ނައްތާލުމަށްޓަކައި ހަރުދަނާ ސިއްހީ ނިޒާމެއް މުހިންމުކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ބަލި އަވަހަށް ދެނެގަތުމަށް މުޖުތަމައުގެ ފަރުދުންގެ ބައިވެރިވުން އިތުރުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަމަށެވެ.
ދިވެހިރާއްޖެއަކީ ޓީބީ ބަލީގެ ނިސްބަތް މަދު ގައުމެއްގެ ގޮތުގައި އޮތުމަކީ ފަހުރުވެރިވާ ކަމެއްކަމުގައި ރައީސް ވިދާޅުވިއެވެ. އަދި ޓީބީ ބަލި އަވަހަށް ދެނެގަތުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމާއި، ޓެސްޓުތަކާއި ފަރުވާ ފަސޭހައިން ލިބޭނެ މަގު ތަނަވަސްކުރުމާއި، ބަލީގެ ނުރައްކާ ބޮޑު މީހުންނަށް ބޭނުންވާ އަޅާލުން ފޯރުކޮށްދިނުމުގައި ރާއްޖެއިން ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވަނީ ޓީބީން ސަލާމަތްވެފައިވާ މުސްތަގުބަލަކަށް ވާސިލުވުމަށްޓަކައި، ސިއްހީ ހިދުމަތްތެރިންނާ މުޖުތަމައު ގުޅިގެން، އާންމު ސިއްހަތު ރައްކާތެރިކުރުމަށް ކުރާ މަސައްކަތްތައް އިތުރަށް ވަރުގަދަކުރުމުގެ އަޒުމް ކަނޑައަޅަންޖެހޭ ކަން ފާހަގަކުރައްވާފައެވެ.
އެޗްޕީއޭ އިން އެންމެ ފަހުން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން، ރާއްޖޭގައި 2024 ވަނަ އަހަރު 148 މީހުންނަށް ޓީބީ ޖެހިފައިވެއެވެ. ދުނިޔެއިން ޓީބީ ނައްތާލަން ޑަބްލިއުއެޗްއޯއިން ވަނީ އެ ބަލި މަދުކުރަން 2014 ވަނަ އަހަރުގެ އެސެމްބްލީގައި "އެންޑް ޓީބީ" ގެ ނަމުގައި ސްޓްރެޓެޖީއެއް ކަނޑައަޅާފައިވާއިރު ރާއްޖެއިން ވެސް ވަނީ 2030 ވަނަ އަހަރާ ހަމައަށް ޓީބީ ބަލި އާއްމު ސިއްހަތަށް ނުރައްކާ ނުވާ ވަރަށް މަދުކުރެވިފައިވާ ގައުމެއް ކަމުގައި ކަނޑައެޅުމަށް މަސައްކަތް ފަށައިފައެވެ.
