ފޯނު ކަނޑާލުމަށްފަހު ޝާޔާގެ އަތުގައި ހިފައިގެން ޝީންމެން ގެއާ ދިމާއަށް މިސްރާބުޖެހީ އެތުއްތު ކުއްޖާ ބިރުގެންފައި ހުރިވަރު ފެނި އެކަމާ ކަންބޮޑުވެ ހުރެއެވެ. އެކުއްޖާ ހިތްހަމަޖައްސައިދޭން ވެދިޔަ ކަންތަކާ ބެހޭގޮތުން ސުވާލު ނުކޮށް ކިޔެވުމާއި ސްކޫލްގެ ކަންތައްތަކާއި ބެހޭގޮތުން ހޫދު ވާހަކަ ދައްކާ ސުވާލުކުރަމުން ދިޔައީ ޝާޔާގެ ހިތުގައި އަށަގެންފައިވާ ބިރުވެރިކަން ހަނދާނުން ފޮހެލުމުގެ ބޭނުމުގައެވެ.
*** *** *** *** *** ***
މަދީހާގެ މޫނުމަތިން ކަންބޮޑުވުމުގެ ކުލަތައް ފާޅުވަމުންދިޔައިރު އޭނާއަށް ބެލެމުންދިޔައީ މަގުގެ ދެފަރާތަށެވެ. ކާރެއްގެ އިންތިޒާރުގައި މަޑުކޮށްގެން އޭނާ އެހެން ހުންނަތާ އިރުގަނޑެއް ވެއްޖެއެވެ. "މަދީހާ... އަދިވެސް ޓެކްސީ ނާދޭތަ..." ހާސްވެފައި ހުރެ މުނީރާ ގޮވާލީ ބޭރު ދޮރުކައިރީ ހުރި މަދީހާއަށެވެ. ޖޯލިފަތީގައި އޮށޯވެގެން އޮތް ހަދީޖާގެ އަތުގައި ހިފަހައްޓާލިއިރު މޫނީރާގެ ލޮލުން ކަރުނައިގެ އަސަރު ފާޅުވަމުން ދިޔައެވެ.
މަގު ކޮޅުން އެމީހުން ގުޅި ޓެކްސީ އަންނަތަން ފެނުމާއެކީ މަދީހާ ފިޔަވަޅު އަވަސްކޮށްލީ ގޯތިތެރެއަށް ވަނުމަށެވެ. ޖޯލިފަތީގައި އޮތް ބަލި މަންމަގެ އަތުގައި ހިފައިގެން އެ ގޭ ދޮރުމައްޗަށް މަޑުކުރި ޓެކްސީއަށް ހަދީޖާ އެރުވީ އެދެބެއިން އެކަނިމާ އެކަންޏެވެ. ޓެކްސީއަށް އެރުމަށްފަހު ހޮސްޕިޓަލަށް ދިއުމަށް އަވަހަށް އެދުނީ ހަދީޖާގެ ހާލަތު ގޯސްވަމުންދާތީއެވެ.
ހޮސްޕިޓަލަށް ހަދީޖާ ގެންދިޔައީ އޭނާއަށް މިއަދު އެއްވެސް އެއްޗެއް ނުކެވި ހޮޑުލެވުމުގެ ސަބަބުން ގައިގާ އެއްވެސް ވަރެއް ނެތުމުންނެވެ. އަވަސް ފަރުވާދޭ ކޮޓަރިއަށް ގެންދިއުމަށްފަހު ޑަކްޓަރުން ފަރުވާ ދެމުންދިޔަ އިރު މުނީރާ ގުޅާލީ އޭނާގެ ދެ ފިރިހެން ދަރިންނަށެވެ. މާމަ ބަލިވެއުޅޭ ވާހަކަ ބުނެ އެ ދެކުދިން ގާތު ވީ އެންމެ އަވަހަކަށް ރަށަށް އައުމަށް މުނީރާ އެދެމުން ދިޔައީ އޭނާގެ ލޮލުން އޮހެމުން ދިޔަ ކަރުނަތައް ފޮހެމުންނެވެ.
މުނީރާގެ ހަރަކާތްތަކަށް ބަލަން ހުރި މަދީހާއަށް ސިހުމެއްވީ އަވަސްފަރުވާދޭ ކޮޓަރިން ޑޮކްޓަރެއް ނިކުތުމުންނެވެ. އެމީހުންނާ ދިމާއަށް ޑޮކްޓަރާއި އެކު ނަރުސްކުއްޖެއް އައިސް ހުއްޓުނެވެ. ޑޮކްޓަރަކީ ރާއްޖޭން ބޭރު މީހެއް ކަމުން ވެގެން އުޅޭ ގޮތް އޭނާ ކިޔައިދެމުން ދިޔައީ އިނގިރޭސި ބަހުންނެވެ. ޑޮކްޓަރ ވާހަކަ ދައްކާ ނިމުމުން ކައިރީ ހުރި ނަރުސް ކުއްޖާ ޑަކްޓަރ ދެއްކި ވާހަކަތައް ދިވެހިބަހުން ކިޔައިދޭން މަސައްކަތް ކުރީ މަދީހާމެންނަށް އޭނާ ދެއްކި ވާހަކަތައް ރަނގަޅަށް ސާފުނުވާނެތީއެވެ.
"އުމުރުން އެހާ ދުވަސްވެފައި ހުރިއިރު ހަދީޖާގެ ޕްރެޝަރ ހުރީ ވަރަށް މަތީގަ... އެހެންވެ މިހާރު ޕްރެޝަރ ދަށްކުރަން އިންޖެކްތަކެއް ޖަހާފައިވާނެ... ޑަކްޓަރ ބޭނުންވަނީ އަދި އިތުރު ޓެސްޓުތައް ހަދާލަން... ކޮލެސްޓްރޯލް، ހިމަގްލޮބިން އަދި ހަކުރު ޓެސްޓްތަކެއް ހިމެނޭ... އެޓެސްޓްތަކުގެ ނަތީޖާ ލިބެންދެން މިކޮޅުގައި ހަދީޖާ އެޑްމިޓްކޮށްފަ ބޭއްވުމަށް ލަފާ ދެއްވަނީ.. އެޑްމިޝަންގެ ކަންތައް ހަމަޖައްސަވަން ރިސެޕްޝާންއަށް ދުރުވެ މި ފޯމް ފުރާލަ ދެއްވާ... އަޅުގަނޑުމެން މިހާރު މިއުޅެނީ ބްލަޑް ސާމްޕަލްތައް ނަގަން.. ނަތީޖާ ލިބުނީމަ އިތުރު އެއްޗެއް ބުނަން އެނގޭނީ..." ނަރުސްކުއްޖާ ވާހަކަދައްކަމުން ދިޔައިރު އެ ދެއްކި ކޮންމެ ވާހަކައަކަށް މަދީހާ ބޯޖަހާލަމުން ކައިރީ ހުރި ބިދޭސީ ޑޮކްޓަރގެ މޫނަށް ބަލާލައެވެ. އެއަށް ފަހު ނަރުސްކުއްޖާ ދިއްކުރި ފޯމް ހިފައިގެން މަދީހާ އަވަސްވެގަތީ ރިސެޕްޝަން ހުރި ދިމާއަށެވެ.
ސިކުނޑީގައި ފުނި ޖެހެމުންދިޔަ ނުބައި ޚިޔާލުތަކުން ދުރަށް ދާން މަދީހާ ބޭނުމެވެ. މަދީހާގެ މަންމަ އެހުރީ އަށްޑިހައިން މަތީގައެވެ. އުމުރުގެ ފަހު ދުވަސްތައް ގުނަމުންދާ މަންމަ އެދެމުންދިޔައީ މަންޝާ ގެނެސްދިނުމަށެވެ. ނަމަވެސް މަންޝާ އެހިސާބަށް ގެނައުމަކީ ފަސޭހަ ކަމެއް ނޫންކަން މަދީހާއަށް އެނގުނެވެ.
ހޮސްޕިޓަލުގައި އެނދުމަތި ކުރުމަށް ފުރިހަމަކުރަންޖެހޭ ލިޔެކިއުމުގެ ހުރިހާ ކަމެއް ހަމަޖެއްސުމަށްފަހު މަދީހާ އެއްފަރާތަކަށް ޖެހިލީ އޭނާގެ ދިގު ހެދުމުގެ ޖީބުގައިވާ ފޯނު ނަގާ އޭގެ ސްކްރީން ހުޅުވާލަމުންނެވެ. ރިޔާޒްގެ ނަންބަރަށް އޭނާ ގުޅާލީ ދެން ހަދާނެގޮތެއް މަދީހާގެ ސިކުނޑިއަށް ނައުމުންނެވެ. ފޯނު ރިންގްވަމުން ދިޔައިރު މަދީހާ ވިސްނަމުން ދިޔައީ ރިޔާޒް ކައިރީ ދައްކާނެ ވާހަކައަކާ ދޭތެރޭއެވެ. ހިތަށް އެއްޗެއް ނުގެނެވެނީސް މަދީހާއަށް އިވުނީ އެކޯލު އެކޮޅުން ބިޒީ ކޮށްލިއަޑެވެ. ހިތްދަތިވެފައި ހުރެ މަދީހާއަށް އިސްޖަހާލެވުނީ ރިޔާޒްއާ ވާހަކަ ނުދެއްކޭނެ ކަން އޭނާއަށް އެނގުނީމައެވެ.
*** *** *** *** *** ***
"ކާކުތަ އެގުޅީ..." އިސްތިރިކުރަން ހުރި މީރާ ވާހަކަ ދެއްކީ ފާހަނައިން ފެންވަރައިގެން ނުކުތް ރިޔާޒާ ދިމާއަށް ބަލާލަމުންނެވެ. "އަހަރެން ފޯނު ނަގަން އުޅެނިކޮށް ފޯނު ކެނޑިއްޖެ... ނުދަންނަ ނަންބަރެއް އެއީ... ބަލާބަލަ.. އަނެއްކާ އަހަންނަށް މި ބިޒީ ކޮށްލެވުނީ މުހިއްމު ކޯލެއް ކަންނޭނގެ..." ގަމީހުގެ ގިރުވާނުގައި އިސްތިރި ކާއްތަމުން މީރާ ވާހަކަ ދައްކަމުންދިޔައީ ރިޔާޒާ ދިމާއަށް ބަލައިވެސް ނުލައެވެ. ޑްރެސިންގް ޓޭބަލް މަތީ އޮތް ފޯނު ނަގަން ރިޔާޒް އަތް ދިއްކޮށްލި ވަގުތު އެ ފޯނުގެ ސްކްރީން ދިއްލިގެން ދިޔައީ ކޯލެއް އަންނަމުން ދާކަން އަންގައިދޭ އަޑުފައްގަނޑަކުން ރަނގަބީލު ޖަހަމުންނެވެ. ފޯނު ނަގާ ޑިސްޕްލޭއަށް ބަލާލުުމަށްފަހު ރިޔާޒް އެފޯނަށް ޖަވާބުދިނެވެ. "ކީކޭ މަންމާ...؟"
ފޯނަށް ވާހަކަ ދައްކަމުން ރިޔާޒް ގާތްވެލީ ޑްރެސިންގް ޓޭބަލްއިން އޭނާގެ އިސްތަށިގަނޑަށް ބަލަމުން އެއްއަތުން އިސްތަށިގަނޑުގައި އަތް ހާކަމުންނެވެ. އޭރު އަނެއްކޮޅުން އާމިނަ ވާހަކަ ދައްކަމުން ދިޔައީ ކަމަކާ ހިތްހަމަ ނުޖެހިފައި ހުރެއެވެ. "ދަރިފުޅާ.. ކޮން އިރަކުތަ ރަށަށް އަންނަނީ.. އަޅެ މަންމަ ބުނީމެއްނު އޭރުވެސް ބައްޕަ ކޮންމެވެސް ކަންތައްގަނޑެއް ހިންގަނީއޭ.. އެ އިބްޒީމާމެން ގޯއްޗަށްގޮސް ކޮންމެވެސް ނުބައިކަމެއް ކުރަނީކަން މަންމައަށް ކަށަވަރު... މިހާރު އެބައުޅޭ އެއްކަލަ ބަލި އަތް ރަނގަޅުކޮށްގެން.. އަނެއްކާ ކޮންމެވެސް ފަންޑިތައެއް ހަދަނީ ކަންނޭނގެ.. މަންމަ ވަރަށް ބިރުގަނޭ... ގޭގަ މަންމަ މިހުންނަނީ އެކަނިމާ އެކަނި.. އަބަދުވެސް ހީވަނީ ކޮންމެވެސް އެއްޗެއް ގޭތެރޭގައިވެސް އުޅެނީއޭ.. ހެޔޮނުވާނެ... މަންމަ މިތަނުން ގެންދޭ.. ބައްޕަ މިކަމެއް ނުހުއްޓާނެ..."
އާމިނަގެ އާދޭސްތައް އަޑުއަހަންހުރި ރިޔާޒްގެ މޫނުމަތިން ހާސްކަމުގެ ކުލަ ފާޅުވަމުން ދިޔަކަން މީރާއަށް ނަގައިގަނެވުނެވެ. އޭނާގެ މަންމައަށް ވިސްނައިދެމުން ވަރަށް އަވަހަށް ރަށަށް ދާނަންކަމަށް ބުނެ ރިޔާޒް ފޯނު ކަނޑާލީ ފަހުން ގުޅާނަން ކަމަށް ވައުދުވަމުންނެވެ. އަދި ބައްޕައަށް ރިޔާޒް ދާން އުޅޭ ކަމުގެ އެއްވެސް ޚަބަރެއް ނުދިނުމަށް އޭނާ އެދުނެވެ.ފޯނު ކަނޑާލުމަށްފަހު ރިޔާޒް އެނދުގައި އިށީނދެ ފުން ނޭވާއެއް ބޭރުކޮށްލީ އޭނާގެ ސިކުނޑިއަށް ވަރުބަލިކަމެއް އިހްސާސް ވުމުންނެވެ. ރިޔާޒާ ދިމާއަށް ގަމީސް ދިއްކޮށްލަމުން އިސްތިރިން މީރާ ކަރަންޓު ކަނޑާލީ ރިޔާޒްގެ މޫނަށް ބަލާލަމުންނެވެ. "މަންމަތަ ގުޅީ.. އަދި އެހެން ނަންބަރަކުންވެސް ގުޅި.. ނިކަން ބަލާބަލަ.." ހިޔާލަކަށް ގެއްލިފައި އިން ރިޔާޒް އަނބުރާ ފޯނުގެ ސްކްރީނަށް ބަލާލުމަށްފަހު ނުނެގި ހުރި ކޯލްތަކުގެ ލިސްޓަށް ބަލާލީ ފަހުން އައިސްފައިވާ ނުދަންނަ ކޯލާ މެދު ވިސްނާލަމުންނެވެ. އެއީ މަދީހާއަށް ގުޅޭ ނަންބަރުކަން އެނގުމުން ރިޔާޒް އަވަހަށް މަދީހާއަށް ގުޅާލިއެވެ.
*** *** *** *** *** ***
ހޮސްޕިޓަލު ތެރެއަށް ވަދެވަދެ ހުރި މަދީހާގެ ފޯނު ރިންގް ވާން ފެށުމުން ފޯނަށް ބަލާލީ އެ ގުޅަނީ ރިޔާޒްކަމަށް ހީވުމުންނެވެ. އެ ހީކުރެވުނީ ހަމަ ރަނގަޅަށެވެ. ފޯނު ކަންފަތުގައި ޖަހާލަމުން މަދީހާ އެހުރި ފިޔަވަޅުމަތީ މަޑުޖެހުނެވެ. އަދި އޭނާ ރިޔާޒަށް ގުޅި ސަބަބު ހާމަ ކުރިއެވެ. ހަދީޖާ ކުއްލި ގޮތަކަށް ބަލިވެގެން ހޮސްޕިޓަލަށް ގެނައިކަމާއި ހަދީޖާގެ ހާލު އެހާ ރަނގަޅު ނޫންކަމަށް ބުންޏެވެ. ތަކުރާރުކޮށް ހަދީޖާ ގޮވަމުން ދިޔައީ އޭނާ އެންމެ ލޯބިވާ މާމަ ދަރި މަންޝާއަށް ކަމަށް ބުނި އިރު މަދީހާ އަޑު ކެނޑިގެން ދިޔައެވެ. މަންޝާ އެރަށަށް ގެނައުމަކީ ހަމައެކަނި ހަދީޖާ ބޭނުންވާ ގޮތެއް ނޫނެވެ. އެއީ މަދީހާގެވެސް ވަރަށް ބޮޑު އެދުމެކެވެ. އެކަން ކާމިޔާބު ކުރަން މަދީހާ ވަނީ ލައްކަ މަސައްކަތް ކޮށްފައެވެ. ނަމަވެސް އަންނަން ބޭނުންނުވާ މީހަކު ގަދަކަމަކުން ނުގެނެވޭނެކަން މަދީހާ ގަބޫލުކޮށް އެ ވާހަކަ އިތުރަށް މަންޝާ ގާތު ނުދައްކަން އޭނާ ވަނީ އަޒުމް ކަނޑައަޅާފައެވެ. ކިތަންމެ ހިތަވަރުކޮށްގެން ހުއްޓަސް މައި ލަގޮނޑިއަށް ކެތްނުވާ ހިސާބަށް ވަނީ ގޮސްފައެވެ. ނުރޯން މަސައްކަތް ކޮށްގެން ހުރި މަދީހާއަށް ރޮވިއްޖެއެވެ.
"މަންމާ.. ނުރޮއެ... އިރާދަކުރެއްވިއްޔާ މަންޝާ ރަށަށް ގެންދާނަން... މާގިނަ ދުވަހެއް ނުވާނެ..." ރިޔާޒްގެ ފަރާތުން ލިބުނު ޖަވާބާ އެކީ މަދީހާއަށް އާހިތްވަރެއް ލިބުނުކަހަލައެވެ. ދެލޯ ފޮހެލުމަށްފަހު އޭނާ ފޯނު ބޭއްވީ ހޮސްޕިޓަލް ތެރެއަށް ހިނގައިގަންނަމުންވެ.
*** *** *** *** *** ***
އެނދުގައި އޮށޯވެގެން އޮތް ރާއިދުގެ ލޮލުން ކަރުނައިގެ އަސަރު ފާޅުވަމުން ދިޔައެވެ. ފިރިހެން ކުއްޖަކަށްވީތީ ނުރޯން އޭނާ ގަދަހަދަމުން ދިޔަ ނަމަވެސް އަފްނާނުގެ ޑައިރީ ކިޔަމުން ދިޔައިރު އޭނާގެ ހިތަށް އެތައް އުނދަގޫތަކެއް ކުރަމުންދިޔައެވެ. އޭނާގެ މަންމަގެ ބޮޑު ސިއްރު އޭނާއަށް އެނގުނީ އުމުރުން ވިހިއަހަރު ވީ ފަހުންނެވެ. މިފަދަ ގޮތަކަށް އޭނާއަށް އެ ހަގީގަތް އެނގިދާނެކަމަކަށް އޭނާ އުންމީދެއް ނުކުރެއެވެ. ފޮތް ލައްޕާލުމަށްފަހު ނިތްކުރި މައްޗަށް އަތް ވައްޓާލައިގެން ރާއިދު އޮތީ އޭނާގެ ދިރިއުޅުމާ މެދު ވިސްނާށެވެ. އޭނާގެ ހިތަށް އުނދަގޫވާން ފެށުމުން ލޮލުން ކަރުނައިގެ އަސަރު ފާޅުވަމުން ދިޔައެވެ. އޭނާގެ ވިސްނުމަށް އައީ އޭނާގެ މަންމަގެ ދީންވެރި މާތް ސިފަތަކެވެ. ބައްޕަގެ ފަރާތުން ފެންނަމުންދިޔަ ލޯތްބާއި ކުލުނެވެ. އިތުރު ކުއްޖަކު ނުހޯދާ އެ ދެމަފިރިންގެ ނޫރު ފަދައިން ރާއިދަށް ބަލައިބޮޑުކުރި ދުވަސްތަކެވެ. ރާއިދުގެ އަސްލު ބައްޕަ ނޫން ވިޔަސް ދުވަހަކުވެސް އެއީ އޭނާގެ ބައްޕަ ނޫންކަން ހާމަވާ ފަދަ އެއްކަމެއް ވެސް ނުކުރެއެވެ. ރަނގަޅު ނަސޭހަތް ދީ ހެޔޮ މަގުގައި ސާބިތުވެ ހުރުމަށް އޭނާގެ މައިންބަފައިން ނަސޭހަތް ދެއެވެ.
ފަހަކަށް އައިސްވެސް އަފްނާނު ކުރަމުންދާ ހިތާމަ ރާއިދަށް ފާހަގަ ކުރެވެއެވެ. އަދިވެސް އޭނާގެ މަންމަ އެކުރަނީ މި ހިތާމަ ހެއްޔެވެ. ދަންވަރު ފެންބޮވައިގަނެގެން ރާއިދު ހޭލާ އިރުވެސް އޭނާގެ މަންމަ ނަމާދުކޮށް ޒިކުރުކުރަން އިންނަތަން ފެނެއެވެ. ދަމު ނަމާދެއްވެސް ދޫކޮށްނުލާ އޭނާގެ މަންމަ އެ ދުއާ ކުރަނީ މަންމަ އަށް ކުރެވުނު ފާފަ ތައުބާ ވަމުންހެއްޔެވެ.
ރާއިދުގެ ހިތުގައި އެތައް ސުވާލެއް ފެންމަތި ވަމުން ދިޔައެވެ. ސުވާލަކަށް ފަހު ސުވާލެކެވެ. އެއިން ސުވާލެއް އޭނާގެ މައިންބަފައިން ގާތު ކުރާކަށް އޭނާއަކަށް ނުކެރޭނެއެވެ. އެމީހުން އިތުރަށް ހިތުގައި ޖެހި ލަދުގަތުން ނޫންކަމެއް ނުވާނެއެވެ. ދެން ރާއިދުގެ ހިތުގައި އުފެދުނީ އެއަށް ވުރެ ބޮޑު ސުވާލެކެވެ. ހޫދުއަކީ ކާކުތޯ ބަލަން އޭނާ ބޭނުންވިއެވެ. ހޫދަށް އޭނާގެ މަންމަގެ ޑައިރީ ލިބުނީ ކިހިނެއް ހެއްޔެވެ. އޭނާގެ މަންމަގެ ހަގީގަތާ ހަމައަށް ހޫދު ވާސިލްވުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ. ހަމަ އެ ދަނޑިވަޅު ރާއިދުގެ ހަނދާނަށް އައީ އޭނާގެ މައިންބަފައިންނާ އެންމެ ފުރަތަމަ ހޫދު ބައްދަލުވީ ދުވަހު އޭނާއަށް ވެފައި ހުރި ގޮތެވެ. ކަޅި ޖަހާނުލާ ރާއިދުގެ މަންމައާ ދިމާއަށް ހޫދަށް ބަލަން ހުރެވުނު ގޮތެވެ. ފޯނު ނަގާ ރާއިދު ބޭނުންވީ އެވާހަކަތައް ހޫދުއާ ހިއްސާ ކުރާށެވެ. އޭނާގެ މަންމަގެ ކަޅު މާޒީ އަނބުރާ ނަގަން އޭނާ ބޭނުމެއް ނޫނެވެ. އެކަންތައް އިތުރު ބަޔަކަށް އެނގި ރަށުތެރޭ ފާޑުފާޑުގެ ވާހަކަ ދައްކާތީ އަޑު އަހާކަށްވެސް އޭނާ ބޭނުމެއް ނޫނެވެ. މިވާހަކަތައް އެނގެނީ ކޮންބަޔަކަށް ތޯ ބަލައި ހަގީގަތް އޮޅުން ފިލުވަން އޭނާ އަވަސްވެގަތެވެ.
*** *** *** *** *** ***
ފޯނުން ފެންނަމުން ދިޔަ މަންޒަރަށް ބަލަން އިން ހޫދުގެ ބޮލުގައި ރިހުމެއް އުފެދުނީ އެ މަންޒަރުތަކުން އޭނާއަށް ފެނުނު ކިތަންމެ އެއްޗެއް ވީޑިއޯއިން ނުފެންނާތީއެވެ. ނިކަ ގަހުގައި ޖެއްސި އެތައް ހާސް ކާޅުތައްވެސް ފެންނަން ނެތީމައެވެ. އަނެއްކާވެސް ހޫދު އޭނާގެ ފޯނުގެ ޑިސްޕްލޭއަށް ފިތާލަމުން އެ ވީޑިއޯ ކުރިއަށް އޮޅާލިއެވެ. ހުދު ހެދުމެއްގައި ނިކަ ގަސް ކައިރީ ހުރި އަންހެންމީހާ އެ ވީޑިއޯއަށް އަރާފައި ވުމުން އެ ހިސާބަށް އެ ވީޑިއޯގެ މަންޒަރު ހުއްޓާލިއެވެ. އަދި ސްކްރީން ޝޮޓެއް ނެގުމަށްފަހު އެ ފޮޓޯ ކައިރިން ބަލާލަން ބޭނުންވެފައި ހުރުމުން، އަތުގެ ދެ އިނގިލި ސްކްރީންގައި ޖައްސާލުމަށްފަހު މަންޒަރު ކައިރިކޮށްލިއެވެ.
ހަމަ އެ ދަނޑިވަޅު ރާއިދުގެ ކޯލެއް އަންނަ ކަމަށް ސްކްރީނަށް އެރީ ފޯނު ވައިބްރޭޓް ވަމުންނެވެ. ރާއިދު ގުޅުމުން ވީ ކީއްތޯ ބަލާލަން އޭނާ ކަންފަތުގައި ފޯނު ޖަހާލީ ދެބުމަ ގޮށް ޖަހާލަމުންނެވެ.
"ކީކޭ ރާއިދު..." ފޯނުން ފެނުނު މަންޒަރު ބަލަން ކެތްމަދުވެފައި ހުރެ ހޫދު ވާހަކަ ދެއްކީ އަވަހަށް ރާއިދު ގުޅި ބޭނުން އޮޅުން ފިލުވުމަށްފަހު ފޯނު ކަނޑާލާށެވެ. ރާއިދުގެ ވާހަކަ ދެއްކުމުގެ ރާގާއި އޭނާގެ އަޑު ޖެހުމުން ހޫދަށް ހައިރާންކަމެއް ލިބުނެވެ. "ކިހިނެއްވެފަ ތިހުރީ.. ރޯގާ ޖެހުނީތަ؟..." ހޫދު ކުރި ސުވާލަށް ޖަވާބުދޭން ރާއިދު ބޭނުމެއް ނުވިއެވެ. އެހެންކަމުން އޭނާ ބޭނުންވާ މައުލޫއަށް ދިޔައެވެ. "ވަރަށް އާޖަންޓް ކަމަކު އަހަރެން ވާހަކަ އެއް ދައްކާލަން ބޭނުން.. ފޯނަކުން ނޫން.. އަހަރެން ބޭނުމީ ހޫދުއާ ފޭސްޓު ފޭސްކޮށް މިވާހަކަ ދައްކަން... މާދަމާ ރޭގެ ވަގުތެއް އޯކޭ ވާނެދޯ.. އަހަރެން ފަހުން ގަޑިއެއް ހަމަޖައްސާފަ މެސެޖް ކޮށްލާނަން..." ރާއިދުގެ އެދުމަށް ހޫދު ތާއިދު ކުރުމުގެ ގޮތުން އާއެކޭ ބުނެ ފޯނު ކަނޑާލިއިރު އޭނާގެ ސިކުނޑީގައި އެނބުރެމުން ދިޔައީ މުޅިން އެހެން ކަމެކެވެ.
ހޫދު އަވަސްވެގަތީ ފޯނުން އޭނާ ބަލަން މަސައްކަތްކުރި އަންހެންމީހާގެ މޫނު ދެނެގަންނާށެވެ. މަންޒަރު ކައިރިކޮށްފައިވަނީ އެއަންހެންމީހާގެ މޫނާ ދިމާއަށެވެ. ފެނުނު މަންޒަރުން ހޫދަށް ޗޮކެއް ކަނޑާލެވުނެވެ. އެ އަންހެންމީހާގެ ހާވާލާފައިވާ ދިގު ފަން އިސްތަށިގަނޑު ވަޔާއި އެކު މޫނު މައްޗަށް ވެއްޓިފައިވުމުން އޭނާގެ ސޫރަ ދޭހަވާ ވަރެއް ނުވިއެވެ. އިސްތަށިގަނޑުގެ ބަޔަކުން އޭނާގެ މޫނުވަނީ ނިވާވެފައެވެ. އަނބުރާ ވީޑިއޯ އޮންކޮށްލުމަށްފަހު އެ އަންހެންމީހާގެ މޫނު ސާފުކޮށް އެނގޭނެ ކަހަލަ ފޮޓޯއެއް ލިބޭތޯ ބަލަމުން ދިޔައިރު ރާއިދު ދެއްކި ވާހަކަ އޭނާގެ ހަނދާނުން ކައްސާލިއެވެ.
*** *** *** *** *** ***
ދެ ދުވަސްވީ އިރު ޒޯއީގެ ހަށިގަނޑުގައި ވަރުޖެހި މީހާ ހަމައަކަށް އެޅުނެވެ. ޒިބާންއާއި ތަޒްކިޔާ އަށް ހީވި ގޮތުގައި ޒޯއީ މާ ބޮޑަށް ބަލިވީއެވެ. ނަމަވެސް ޒޯއީ ބަލިވާން މެދުވެރިވީ ސަބަބެއް އެމީހުންނަކަށް ނޭނގުނެވެ. ތަޒްކިޔާ ވިސްނާލަން އިނީ ޒޯއީ ކައިރީ އިށީނދެގެންނެވެ. ޒޯއީގެ އަތުގައި ފިރުމާލަމުން ކަންބޮޑުވެފައި ހުރި ޒިބާންގެ މޫނަށް ތަޒްކިޔާ ބަލާލީ ހިނިތުންވަމުންނެވެ.
ތަޒްކިޔާއަށް ތަފާތުކަމެއް އިހްސާސްވުމުން އޭނާގެ ދެލޯ މަރާލީ ފުން ނޭވާއެއް އެތެރެކޮށްލަމުންނެވެ. އޭނާއަށް ލިބިފައިވާ ބާރުގެ ބޭނުން ހިފަމުން ދިޔައިރު އޭނާއަށް ސިފަވަމުން ދިޔައީ ޒޯއީއަށް އެހެން ދިމާވި ސަބަބެވެ. އެދުވަސް ތަޒްކިޔާގެ ލޯމައްޗަށް ސިފަވަމުން ދިޔަވަރަކަށް މެރިފައިވާ އޭނާގެ ލޮލުގެ އެސްފިޔަތަކަށް އޭނާ ބާރުކޮށްލިއެވެ. އެއީ ދުނިޔެއަށް މެހެކްއާ ޒޯއީ ދިޔަ ދުވަހެކެވެ. ވަކި ހިސާބަކަށް އެކުދިންނަށް ދެވުނުތަނާ ޒޯއީގެ ހަށިގަނޑަށް އުނދަގޫވިއެވެ. ޒޯއީގެ ހަށިގަނޑުގައި އަޅަމުން ދިޔަ ވޭން ތަޒްކިޔާއަށް އިހްސާސް ކުރެވުމާއެކީ އެތަދުތަކުގެ ސަބަބުން އޭނާގެ ހަށިގަނޑަށް ވޭން އަޅަމުން ދިޔައެވެ. ތަޒްކިޔާގެ އިނގިލިތަކަށް ބާރުކޮށްލުމުން ޒޯއީއަށް ބޭއިޚްތިޔާރުގައި ތަޒްކިޔާގެ މޫނަށް ބަލާލެވުނެވެ. މަންޒަރު ބަލަން ހުރި ޒިބާންއަށް އެވަނީ ކިހިނެއްކަން ދެނެގަނެވުނީ އެވަގުތެވެ. ޒޯއީގެ ސިއްރު ދަތުރުތައް ތަޒްކިޔާއަށް އެނގެމުން ދިޔަކަން ޒޯއީއަކަށް ނޭނގެއެވެ. ތަޒްކިޔާގެ ލޮލުގައި އަޅައިގަތީ މެހެކް އެކި ފަހަރުމަތިން ޒޯއީ ގޮވައިގެން އެތަނުން ދާން މަސައްކަތް ކުރިތަނެވެ. އެއަށްފަހު ޒޯއީގެ ކަރުގައި އަޅާފައިވާ ފަށުގެ ފޫ ރަތްކުލައިން ދިއްލިގެން ދިއުމާއެކީ ތަޒްކިޔާ ދެލޯ ހުޅުވާލީ ބިރުން އިނދެއެވެ.
ތަޒްކިޔާއަށް ވަމުުން ދިޔަގޮތް ބަލަން ހުރި ޒިބާން ކުރިއަށް ފިޔަވަޅެއް އަޅާލި ނަމަވެސް ތަޒްކިޔާގެ ދެލޮލުގެ ކުލަ ނޫ ކުލައިން ދިއްލިފައި ހުރިތަން ފެނުމުން އޭނާގެ ފިޔަވަޅު މަޑުޖެހުނެވެ. ހައިރާންވެފައި ތަޒްކިޔާއާ ދިމާއަށް ބަލަން ހުރި ޒިބާންއަށް ކަމެއް ގޯސްވެއްޖެކަން ދެނެގަންނަން އެނގުނީ އެހިސާބުންނެވެ. އެތަނުން ތެދުވެގެން ދާން ތަޒްކިޔާ ހިނގައިގަތީ އަނގައިން ބަހެއް ބޭރުކުރަން ބޭނުން ނުވާތީއެވެ. ތަޒްކިޔާގެ ފަހަތުން ޒިބާން ނުކުތީ ޒޯއީއަށް ވީ ގޮތް އޮޅުންފިލުވުމުގެ ބޭނުމުގައެވެ.
"އެ މަންޖެ އެހާ ބަލިވީ ކީއްވެޔޯ؟..."
ޒިބާންގެ ހިތްނުތަނަސްވެފައި ހުރީ މިއިން ދުވަހަކު އެކުއްޖާ އެހާ ބަލިވެފައި ނުވާތީއެވެ. އޭނާގެ ހިތް ބުނަމުން ދިޔައީ ކޮންމެވެސް ނުބައެއް އުޅެނީ ކަމަށެވެ. "ތަޒްކީ އަތްލީމެއްނު... ޒޯއީއަށް ވީގޮތް ތަޒްކީއަށް އެނގޭނެ... ބުނޭ.. ކިހިނެއްވީ..." ތަޒްކިޔާގެ އަތުގައި ބާރަށް ހިފަހައްޓަމުން ޒިބާން ވާހަކަ ދައްކަމުން ދިޔައީ އަނބިމީހާގެ ފަރާތުން ޖަވާބެއް ނުލިބުމުންނެވެ. އިސްޖަހައިގެން ހުރި ތަޒްކިޔާގެ ދެލޮލުން ކަރުނައިގެ އަސަރު ފާޅުވިއެވެ. އޭނާއަށް ޒިބާންގެ ފަރާތުން ލޯބީގެ ކުޑަ ނަމަވެސް ފޮނި އިހްސާސެއްގެ ލިބުނީ ވަރަށް ފަހުންނެވެ. މިފަދަ ދަނޑިވަޅެއްގައި އޭނާއަށް ފެނުނު މަންޒަރުތައް ޒިބާންއާ ހިއްސާ ކުރަން އުނދަގޫ ވިއެވެ. އެކަމަކީ މަންޝާއާ ގުޅުންހުރި ކަމެއްކަން ތަޒްކިޔާގެ ހިތުގެ ކަނަކުން ބުނަމުން ދިޔައެވެ. އެ ކަން ހާމަކުރަން އޭނާ ނޭދުނަސް ޒިބާންއަށް ދޮގު ހަދާކަށް އޭނާ ބޭނުމެއް ނުވިއެވެ. އަނެއްކާވެސް ތަޒްކިޔާއަށް ޒިބާން ގޮވާލީ ނުހަނު ލޯބިންނެވެ. އިސްޖަހައިގެން ހުރި ތަޒްކިޔާގެ އެސްފިޔަތައް ހަލުވިކޮށް ތަޅުވާލީ އޭނާގެ ހިތަށް ކުރަމުން ދިޔަ އަސަރު އޭނާގެ ދެލޮލުން ހާމަވެދާނެތީ އެކަމާ ޖެހިލުންވުމުންނެވެ.
"ޒޯއީ.. ދުނިޔެއަށް ދިޔައިމަ އޭނާ..."
(ނުނިމޭ)
