"މީދެން ކިހާ ދެރަ ވެއްޖެ ކަމެއް..، ވެގެން އުޅޭ ގޮތެއްވެސް އަންގާލީއަކީ ނޫން... ކަމެއް ވާއިރަށް އަހަރެމެން ގެނެސް ފާޑެއްގެ ވެއިޓިންގް އޭރިއާ އަކަށް ލާނެ.... ކިހިނެއް ވާނުވާ ނޭނގި މަޑުން ތިބޭނީ؟... ކޮބާ ރޫހީ؟... އޭނާއަށް ކިހިނެއްވީ؟..." ޑޮކްޓަރ ކުރިމައްޗަށް ހުއްޓުމަށްފަހު ރިޔާޒްގެ ބަރުއަޑުން ހަރުކަށި ބަސްތައް ބޭރުކޮށްލީ އެއްވެސް ޖެހިލުމެއް ނެތިއެވެ.
ފުލުހުންގެ ތެރޭ ހުރި މީހަކު ރިޔާޒްގެ ކޮނޑުގައި ހިފަހައްޓަމުން ކެތްތެރިވެ ދައްކާ ވާހަކަ ކަނުލާ އަޑުއެހުމަށް އެދުނެވެ. އަދި ގޮނޑީގައި އިށީނުމަށް އެދުނެވެ. ރިޔާޒްގެ ފަހަތުން އައިސް އެހިސާބަށް ހުއްޓުނު ޟިރާރު ފެނުމުން އޭނާއާއި އާމިނަ ގާތުގައިވެސް ގޮނޑީގައި އިށީނުމަށް އެދުނެވެ. ވެގެން އުޅޭގޮތް ކޮންމެވެސް ވަރަކަށް ޟިރާރުއަށް އެނގުނު ކަމުގައި ވީ ނަމަވެސް ކަން ހިނގާ ދިޔަ ގޮތް ތަފްސީލުކޮށް އެނގެން އޭނާ ބޭނުމެވެ. އާމިނަގެ މޫނަށް ޟިރާރު ބަލާލީ ޑޮކްޓަރުން ދޭން އެއުޅޭ ޚަބަރުން އާމިނަގެ ހިތް ކުދިކުދި ވާނޭކަން އެނގޭތީއެވެ.
ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ޑޮކްޓަރ ހެދުމުގައި ހުރި މެދު އުމުރުގެ ފިރިހެންމީހާ ވާހަކަ ދެއްކިއެވެ. "އައިމް ރިއަލީ ސޮރީ.... ރޫހީ ކޮޓަރީގެ ދޮރު ހުޅުވި އިރު އޭނާވަނީ އަމިއްލައަށް ދަން ޖެހިގެން މަރުވެފައި..."
ކައްޓެއް ޖެހިހެން ގުންފައިޖަހާފަ ގޮނޑިން ތެދުވަމުން ރިޔާޒް ވާހަކަދެއްކީ އެވާހަކަ އޭނާއަށް ގަބޫލުކުރަން ދަތިވުމުންނެވެ. "ކީކޭ؟؟.... މަރުވީއޭ... މީގެ ވިއްސަކަށް މިނެޓުކުރިން އަހަރެމެން އެކޮޓަރިން ނުކުތް އިރުވެސް އޭނާ އޮތީ ނުލާހިކު ރަނގަޅަށް.... ދެން އެވަރުވީ ކީއްވެގެންތޯ؟..."ރިޔާޒް ކުރަމުން ދިޔަ ސުވާލުތަކަށް ޖަވާބުދެމުން ޑޮކްޓަރު އައިސް ރިޔާޒްގެ ބުރަކަށީގައި ފިރުމާލިއެވެ. "ރޫހީގެ މަންމަ ނަރުސްކުދިން ގާތު ރޫހީ ޒާތްޒާތުގެ ވައްތަރުތައް ޖައްސަމުން ދިޔަ ވާހަކަ ބުނުމުން ނަރުހުންގެ ޓީމެއް ކޮޓަރިއަށް ދިޔައީ... ދެން ފެނުނީ އެނދުގައިވާ ބެޑްޝީޓް ގަނޑުން ފަންކާގައި އެލުވައިގެން... ދަންޖެހި މަރުވެފައި އިންދާ... އެކަމު މިވަރުގެ ކަމެއް ކުރެވޭނެކަމަށް އަޅުގަނޑަށް ގަބޫލްކުރަން ވަރަށް ދަތި... ސަބަބަކީ ނަރުސްކުދިންގެ ޗާޓްތަކުން ދައްކާ ގޮތުން މީގެ އެއްގަޑިއިރު ކުރިން ރޫހީއަށް ވަނީ ހައި ޑޯޒްގެ ނިދާ އިންޖެކްޝަނެއް ދެވިފައި...."
ޑޮކްޓަރުގެ ވާހަކަ މެދު ކެނޑުނީ ގޮނޑިން މަޑުމަޑުން ތެދުވަމުން ދިޔަ އާމިނަ ކަނޑާލި ރުކެއްހެން ބިންމައްޗަށް ވެއްޓުމުންނެވެ.
............................
އާމިނަގެ ލޮލުން އޮހެމުން ދިޔަ ކަރުނަތައް ފޮހެލަމުން އޭނާ އެ އަލްބަމް ލައްޕާލިއެވެ. އަދިވެސް ހިތުގެ ކަނަކުން އޭނާގެ އަމިއްލަ ނަފްސު ކުށްވެރި ކުރެވެއެވެ. އެދުވަހު އަލިބެ އެދުނު ގޮތަށް ކަންތައް ކުރެވުނު ނަމަ ރޫހީ ސަލާމަތުން ދުނިޔޭގައި ހުންނާނެ ކަމަށް އޭނާ ގަބޫލު ކުރެއެވެ. ރޫހީއާ އަވަލައިގެން އުޅުނު ޖިންނިއަށް ދެވަނަ ފުރުސަތެއް އެދުވަހު ލިބުނީ އާމިނަގެ ފަރުވާ ކުޑަކަމުންކަން އޭނާ ގަބޫލު ކުރެއެވެ. އެހެން ނޫން ނަމަ އިޝާ ކަހަލަ ލޯބި ދަރިއަކު ރޫހީގެވެސް ހުންނާނެއެވެ.
އާމިނަގެ ސިކުނޑިއަށް އެ ޚިޔާލުތައް އުނދަގޫކުރަމުން ދިޔައެވެ. އަމިއްލަ ނަފްސު ކުށްވެރިކުރަމުން ދިޔަ އާމިނައަށް ހުރެވުނުތަން ރޭކާލީ ޟިރާރުގެ ވަރުގަދަ އަޑުން އާމިނަގެ ނަމުން ގޮވާލުމުންނެވެ. އެއަޑު އޭނާގެ ކަންފަތުގައި ޖެހުމުންނެވެ. "އާމިނާ... ބިލަތްގަނޑެއް ގެނެސްދީބަލަ... މީގަ ނެތް އެންމެ ބިލަތްކޮޅެއްވެސް... އާމިނާ..."
އަލަމާރީގެ ދޮރު ހުޅުވާލުމަށްފަހު އާމިނަގެ ހެދުންތަކުގެ ދަށަށް އެ އަލްބަމް ކޮށްޕާލިއެވެ. އޭނާ އަވަސްވެގަތީ ޟިރާރު އެދުނު ކަންތައް ކޮށްދިނުމަށެވެ. ގޯތިތެރެއަށް ނުކުމެ އާމިނަ މިސްރާބު ޖެހީ ބިލަތްޅޮސް ހުރި ދިމާއަށެވެ. ދެތިން ބިލަތްގަނޑު ކަނޑާލުމަށްފަހު ވަޅުދަށުގައިވާ އިސްކުރުން ބިލަތްތައް ދޮވެލައިގެން ޟިރާރު އިން ދިމާއަށް ދާން އޭނާގެ ފިޔަވަޅު އަވަސްކޮށްލީ އާމިނަގެ ނިތްކުރިމަތިން ފާޅުވަމުން ދިޔަ ދާތިކިތައް ފުހެމުންނެވެ.
ޖޯލިފަތީގައި އިށީނދެގެން އިން ޟިރާރާ އަރާ ހަމަވިއިރު އާމިނައަށް ވިސްނެމުން ދިޔައީ ރޫހީއާ މެދުއެވެ. ތުއްތު އިޝާގެ މައުސޫމް މޫނު އޭނާގެ ލޯ މައްޗަށް ސިފަވެގެން ދިޔައެވެ. އެ ހިޔާލުތަކުން އާމިނަގެ ވިސްނުން ދުރުކޮށްލީ އޭނާއަށް އިވުނު އަޑުންނެވެ. އޭރު ޟިރާރު އިނީ ފުވަށް ކޮށާށެވެ. ޟިރާރުގެ އަތާ ދިމާއަށް އާމިނަ ބަލާލީ އޭނާއަށް އެ ފެނުނު މަންޒަރުން ހައިރާންވުމުންނެވެ. "ޟިރާރޫ... ގެނޭ މަގޭ އަތަށް... މަ ކޮށާ ދީފާނަން.." ޟީރާރުގެ ހަރަކާތްތަކަށް ބަލަން ހުރި އާމިނަ ބިރުގަތީ ޟީރާރުގެ އަތް ޒަޚަމް ވެދާނެތީއެވެ. ބިލަތްތައް ތަބަކަށް ލަމުން ޟީރާރުގެ މަގަތުގައި އާމިނަ އިށީނީ އޭނާ އަތަށް ފޯއްވަޅި ލިބޭނެ ކަމަށެވެ.
"ސާބަސް... މަށަށް މިވަރުކަމެއް ވެސް ނުވާނޭތަ ތި ބުނަނީ.. ބަލާބަލަ މަގޭ އަތް... މިހާރު މިއޮތީ މުޅިން ރަނގަޅުވެފަ... މަބުނީމެއްނު މިފަހަރު ދޭތިން އެކައްޗަށް ހިފައިގެން ވިޔަސް މިކަން މަ ކުރާނަމޭ..." ހިނިތުންވަމުން އާމިނައާ ދިމާއަށް ޟިރާރުުގެ އަތް ދިއްކޮށްލިއެވެ. ޟިރާރުގެ އަތުގެ އިނގިލިތައް ކުރިން ހުރީ އެނބުރިފައި ވިޔަސް މިހާރު އެ އަތުން އެއްވެސް އައިބުކަމެއް ފެންނާކަށް ނެތެވެ. އަންތަރީސްވެ ބޮޑުވެފައިވާ ދެލޮލުން ޟިރާރާ ހަތަރު ކަޅި ހަމަކުރަން އާމިނަ މަސައްކަތް ކުރިއެވެ.
"ހައްވައިދީ ތެޔޮ ދަމާ އަތަށް ފިތާ ލައްކަ މޮޑުންތައް މޮޑެފިއެއްނު... އެކަމުން ވީކަމެއް ހަރާން... މިއޮތީ ދިހަ ދުވަސްތެރޭ މިއަތް މުޅިން ރަނގަޅުކޮށްފަ... ހީވޭ ކަމެއްހެން... ގައިމު ތި އާމިނަ ހޯދި ހައްވައިދީއަށް ވުރެ އިބްޒީމާ މާ މޮޅެއްނު..." ދެއަތް ކުރިއަށް ނެރެ ދެފަރާތަށް އަނބުރަމުން މުށް ބާރުކޮށްލާފަ އަތުގެ އިނގިލިތަކަށް ދޫދެމުން ޟިރާރު ވާހަކަ ދެއްކީ ފޮނިވެލާފައެވެ.
"ކޮންކަމެއް ކޮށްފަ ތިއައީ؟.. ތި އިބްޒީމާއެއް ކައިރިއަށް ގޮސްގެން ރަނގަޅުކަމެއް ނޫން ތިކުރީކީ.. މަށަށް ކަށަވަރު... ރަނގަޅު އެއްކަމެއްވެސް ކުރަން އެނގޭ އަންހެނެއް ނޫން އެއީކީ... ބުނޭ.. ކީއްކޮށްފަ ތި އައީ؟ ކިހިނެއް ހަދައިގެން އަތް ރަނގަޅު ކުރީ؟..." އާމިނާގެ ހިތުގައި އުތުރި އަރަމުން ދިޔަ އުދާސްތަކުގައި ހުޅުޖެހުނު ކަހަލައެވެ. އޭނާއަށް ރުޅިގަދަވެވި އަޑު ބާރުކޮށް ޟިރާރު ކުރިމަތީ ވާހަކަ ދެއްކުނީ އޭނާގެ އިހްސާސްތައް ނުހިފޭއްޓުނީމައެވެ.
ދެބުމަ ގޮށްގަހާލަމުން އާމިނައާ ދިމާއަށް ޟިރާރު ބަލާލީ ފުސް މޫނު ހަދާލަމުންނެވެ. ޟީރާރަށް ބަހެއް ނުބުނެވެނީސް އަނެއްކާވެސް ވާހަކަ ދެއްކީ އާމިނައެވެ. "މަށަށް އެނގޭ އަނެއްކާވެސް އިބްޒީމާ ކައިރިއަށް ދާކަން... ޟިރާރު ތި ކުޅި ހުއްޓާކަށް ނުވޭތަ؟.." އާމިނަގެ ރުޅިވެރި ބަސްތައް އަޑުއަހަން ޟިރާރަކަށް ހިމޭނަކުން ނުހުރެވުނެވެ. އާމިނަގެ އަތުގެ މުލައްދަނޑީގައި ހިފާ ބާރުކޮށްލަމުން ޟީރާރު ވާހަކަ ދެއްކީ ދަތްކުނޑި ވިކާލަމުންނެވެ. "މަކުރާ ކަންތައްތަކާ ނުބެހި މައިތިރިވެގެން ހުރޭ... މަ ދާހާ ތަނަކާ ކުރާހާ ކަމަކާ ކަލޭ ބެހޭކަށް ނުޖެހޭނެ..." އުނގުމަތީ ހުރި ތަބައް އަތުން ޖަހާ ބުރުވާލަމުން ޟިރާރު އެތަނުން ތެދުވެ ބޭރަށް ދާން ހިނގައިގަތީ ހިތްހަމަ ނުޖެހިފައި ހުރުމުންނެވެ. ޟިރާރު ދިޔަ ދިމާއަށް ބަލަން އިން އާމިނައަށް އޭނާގެ އަތުގެ މުލައްދަނޑީގައި ފިރުމާލެވުނެވެ. ޟިރާރުގެ އަތުގައި ހުރި ބާރު އޭނާއަށް އިހްސާސްވުމުުން ޖެހިލުންވިއެވެ.
*** *** *** *** *** ***
ދުވެލާފައި ޝާޔާ ދޮރުކުރިމައްޗަށް ނުކުމެ މަގުގެ ދެކޮޅު ބަލާލީ އޭނާ ބަލައި ނައިސް ލަސްވުމުންނެވެ. ޝާޔާގެ ފަހަތުން މޫނުބުރުގާ އަޅާފައި ހުރި އަންހެނަކު އެގެއިން ނުކުތީ ކަންފަތުގައި ފޯނު ޖަހައިގެން ހުރެއެވެ. "މަންމަ ފޯނު ނުނަގާތަ؟.." ޝާޔާ ބަލާލީ އޭނާ ކައިރިއަށް އައިސް ހުއްޓުނު އޭނާގެ ޤުރުއާން މުދައްރިސްގެ މޫނަށެވެ. އާއެކޭ ބުނުމުގެ ގޮތުން މުދައްރިސް ބޯ ޖަހާލިއެވެ. ފޯނުގައިވާ ގަޑިއަށް ބަލާލުމަށްފަހު އޭނާ ފުން ނޭވާއެއް ބޭރުކޮށްލީ ޝާޔާ ބަލައި ނައިސް ލަސްވުމުންނެވެ. ޝާޔާ ގެއަށް ގެންދަން ހިތަށް އެރި ނަމަވެސް ތަނަކަށް ދާން ވަގުތު ކުޑަތަންވުމުން އޭނާ މަޑުކޮށްލިއެވެ. އެގެއާ މާދުރު ނޫން ހިސާބެއްގައިވާ އިބްޒީމާމެން ގެއަށް ޝާޔާ ގެންދިއުމަކީ ބުއްދިވެރިކަމެއް ކަމަށް އޭނާ ނިންމިއެވެ. ނައުރީންގެ ނަންބަރަށް މެސެޖެއް ފޮނުވާލުމަށްފަހު ތުއްތު ޝާޔާގެ އަތުގައި ހިފައިގެން މުދައްރިސް ހިނގައިގަތީ އިބްޒީމާ ދިރިއުޅޭ ގެއާ ދިމާއަށެވެ.
ގޭގެ ދޮރުމައްޗާ ހަމައަށް ދެވުމުން ޝާޔާ ދުވެލާފައި އެގޯތި ތެރެއަށް ވަނެވެ. މުދައްރިސް ކުޑަ އިރުކޮޅެއް ވަންދެން ބޭރުގައި މަޑުކޮށްލިއެވެ. ހަމައެވަގުތު އޭނާގެ ފޯނު ރިންގުވާން ފެށުމުން ފޯނު ނަގާ ކަންފަތުގައި ޖަހާލަމުން އިބްޒީމާމެންގޭ ގޯތި ތެރެއަށް ކަޅިއެއް އެއްލިއެވެ. "އާން.. ވަރަށް ލަސްވެއްޖެ ދޯ.. މި ދަނީ ދެން މާ ގިނަ އިރެއް ނުވާނެ..." ފޯނުގައި ހުރެ މުދައްރިސް ކުރިއަށް ހިނގައިގަތީ އޭނާ ތަނަކަށް ދާން ގަޑި ޖެހޭތީއެވެ.
ދުވެފައި ކަހަލަ ގޮތަކަށް އެ ގޯތިތެރެއަށް ވަތް ޝާޔާގެ ފިޔަވަޅު މަޑުކޮށްލީ އޭނާއަށް ތަފާތު އިހްސާސެއް ވުމުންނެވެ. ވަށައިގެން ގޭތެރެއަށް ބަލާލަމުން މަޑުމަޑުން މާމާއޭ ކިޔާ ގޮވާލީ އޭނާގެ ހިތަށް ބިރުވެރިކަމެއް ވެރިވުމުންނެވެ. ކުރިއަށް ފިޔަވަޅު އަޅަމުންދިޔައިރު އޭނާއަށް އިހްސާސްވަމުން ދިޔައީ ކުރިން ދުވަހު ހޮސްޕިޓަލު ތެރެއިން ކުރެވުނު ކަހަލަ އިހްސާސެކެވެ. އިބްޒީމާމެން ކޮޓަރިއާ އަރާ ހަމަވިއިރު އެކޮޓަރީގެ ދޮރު ހުރީ އެކީ ނުލެއްޕިއެވެ. އެހެންކަމުން ދޮރުގެ ހުޅުވިފައިވާ ހަނިދޭތެރެއާ މޫނު ގާތްކޮށްލަމުން އެތެރެއަށް ޝާޔާ ބަލާލީ އޭނާއަށް އިހްސާސްވަމުން ދިޔަ ފަދަ އެއްޗެއް އެތާ ހުރިތޯ ޔަގީން ކުރާށެވެ.
ފެނުނު މަންޒަރުން ޝާޔާގެ ދެލޯ ބޮޑުވިއެވެ. ފަހަތަށް ފިޔަވަޅެއް އެޅި އިރު އޭނާއަށް އެ ހުރިތަނަށް ހީސްލެވިއްޖެއެވެ. ފައިކޮޅުގައި ތުރުތުރެއް ހުރުމުން ފިޔަވަޅެއް ނަގަންވެސް ނުކެރިފައި އޭނާއަށް ހުރެވުނީ ގަބުއަރާފައެވެ. އޭރު އޭނާގެ ފެންކަޅިވެފައިވާ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަތައް އޮހިގަތެވެ. ދެއަތުން އަނގަމަތި ނިވާކޮށްލީ އަޑެއްނުލައްވާ ވޭތޯއެވެ.
އޭނާ ފެނުނު މަންޒަރު ލޯ ކުރިމަތީ ސިފަވަމުން ދިޔައެވެ. އިބްޒީމާމެން ކޮޓަރިތެރެއިން އެއްޗެހިތަކެއް ފައިބައިގެން އަޑުފައްގަނޑާ އެކީ ޝާޔާއަށް ހިމޭނަކުން ނުހުރެވުނެވެ. ފަޔަށް ލެވުނު ބާރެއްލާ އެގެއިން ނުކުންނަން އޭނާ އަވަސްވެގަތީ އޭނާގެ ފަހަތުން އެ ބިރުވެރި ސިފައަށް ހުރި މާރިދު އައިސް ދާނެތީއެވެ. އިބްޒީމާމެންގޭ އޮޅިގަނޑު ގިރާ ކުރުމަށްފަހު ޝާޔާ ދުއްވައިގަތީ މަގުގެ ދެފަރާތަށް ބެލުމެއްނެތިއެވެ. ދުވެފައި ނުކުތް ޝާޔާގެ ހަށިގަނޑު މީހެއްގެ ގައިގާ ލައްވުމާއެކީ މައިތިރިވިއެވެ. ޝާޔާގެ މޫނާ ދިމާއަށް ހޫދު ބަލާލީ ހައިރާންކަމާއެކީގައެވެ. އެ ތުއްތު ކުއްޖާގެ މޫނު ފެނުމާއެކީ އެއީ ޝީންގެ ކޮއްކޮކަން ދެނެގަންނަން ހޫދަށް އެނގުނެވެ.
"ކޮއްކޯ.. މިތާ ކީއްކުރަނީ؟... ކާކާ އެކީ ތި އުޅެނީ؟..." އެ ކުއްޖާ ދުވެފައި ނިކުތް ގެއާ ދިމާއަށް ހޫދު ބަލާލީ އެހިސާބުން ޝީން ފެންނާނެ ކަމުގެ އުންމީދުގައެވެ. މާ ނޭވާލަމުން ދިޔަ ޝާޔާގެ ދެލޯ ބޮޑުވެގެން ދިޔައީ ހޫދުގެ ނަޒަރު އެދިމާއަށް ހުސްކޮށްލުމުންނެވެ. އެ މަޚްލޫގު ޝާޔާގެ ފަހަތުން އައީބާއޭ ޝާޔާގެ ހިތް ބުނަމުން ދިޔައެވެ. ފަސްއެނބުރި ބަލާލަން އޭނާ ބޭނުމެއް ނުވިއެވެ. ހޫދުގެ އަތުގައި ހިފަމުން އެގެއާ ދުރަށް ހޫދު ގެންދަން އޭނާ މަސައްކަތް ކުރިއެވެ.
"ކޮބާ ދޮންތަ؟.." ޝާޔާގެ ހަރަކާތް ހުރިގޮތުން އޭނާ ހުރީ ކޮންމެވެސް ކަމަކާ ބިރުގެންފައިކަން ހޫދަށް އެނގުނެވެ. "ނޫން.. ހިނގާ މިތަނުން ދާން އެ ބައުކަލޯ އަންނާނެ... ކޮއްކޮ ވަރަށް ބިރުގަނޭ... ކޮއްކޮއަކަށް ނުކެރޭނެ..." ޝާޔާ އާދޭސްކުރަމުން ދިޔައީ އެތަނުން ދިއުމަށެވެ. ޝާޔާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ހޫދު ފުހެލީ އެގެއަށް ނުވަންނާނަން ކަމަށް އެއްބަސް ވަމުންނެވެ. ނަމަވެސް ޝާޔާ އެބުނާ އެއްޗެއް އޮޅުން ފިލުވަން ހޫދު ބޭނުންވިއެވެ.
"އާން.. އެގެއަކަށް ނުދާނަން... ހިނގާ ބޭބެއާ އެކީ ގެއަށް ދާން.. ދޮންތައަށް މި މެސެޖް ކުރަނީ..." ޝީންއަށް މެސެޖެއް ފޮނުވާލަމުން ހޫދު ކުރިއަށް ހިނގައިގަތީ ޝާޔާގެ އަތުގައި ހިފަމުންނެވެ. މީހުން އުޅޭ ހިސާބާ ދުރުގައި ހުރި ފަޅު ގެއިން ޝާޔާ ނުކުތްތަން ފެނުމުން ހޫދުގެ ބޮލުގައި ރިހުމެއް އުފެދުނެވެ. ޝާޔާއާ ވާހަކަ ދައްކަން ބޭނުންވެފައި ހުރި ނަމަވެސް މިއީ އެފަދަ ވާހަކަ އެއް އަހަން އެންމެ ބުއްދިވެރި ވަގުތެއް ނޫނެވެ.
"ބުޅަލެއް ފެނުނީތަ؟... ކޮއްކޮ ބުޅާ ދެކެ ބިރުގަނޭ ދޯ!..." ދައްކާނެ ވާހަކައެއް ނޭނގިފައި ހުރި ހޫދު އެންމެ ފަހުން ކުރި ސުވާލަކީ ޝާޔާ އެބުނާ ބައުކަލޯއަކީ ކޮން އެއްޗެއްތޯ ބަލަން ކުރި ސުވާލެކެވެ. ދެއަތަށް ބޯ ހޫރުވާލުން ފިޔަވާ އިތުރު ޖަވާބެއް ހޫދަށް ލިބޭ ގޮތެއް ނުވިއެވެ. ޝާޔާގެ ބޮލުގައި ފިރުމާލަމުން ހޫދު އަނެއްކާ ވެސް ވާހަކަދެއްކީ އެ ތުއްތު ކުއްޖާގެ އަނގައިން އިތުރު މައުލޫމާތެއް ލިބޭނެކަމުގެ އުންމީދުގައެވެ. "ޤުރުއާން ކިޔަވާ ބަސްއަހާ ކުދިން ކައިރިއަކަށް ބައުކަލޯއެއް ނާންނާނޭ... އެ ބައު ބިރުން އެދިޔައީ..." ހޫދު ހިނިތުންވާން މަސައްކަތް ކުރަމުން ވާހަކަ ދައްކަމުން ދިޔައީ ޝާޔާ ހިތްހަމަޖައްސާށެވެ. އެކަމުން ޝާޔާއަށް އާ ހިތްވަރެއް ލިބުނު ކަހަލައެވެ.
"ދޮންތިވެސް ބުނި ތިހެން.. ކޮއްކޮ ޤުރުއާން ކިޔާވާތީ ދޯ ބައުކަލޯއަށް އަންނަން ނުކެރުނީ... ބައުކަލޯ މާމަ ކޮޓަރިއަށް ވަދެ މާމައާ ވާހަކަ ދައްކަން ހުރީ ކީއްވެތަ.. ބައުކަލޯ އެއީ މާމަގެ ފްރެންޑެއްތަ؟... ކޮއްކޮއަށް ބައިވަރު ބައު ފެނޭ.. މަންމަ ކޮޓަރިއަށްވެސް ބައުވަދޭ.. އެހެންވެ ކޮއްކޮ މިހާރު މަންމަ ކޮޓަރިއަކަށް ނުވަންނަން..." ޝާޔާގެ ވާހަކަ އެހިސާބަށް ދިޔައިރު ހޫދުގެ ފޯނު ރިންގް ވާން ފަށައިފިއެވެ
.އެ ގުޅަނީ ޝީން ކަން އެނގުމުން ހޫދު ފޯނު ނަގާ ކަންފަތުގައި ޖަހާލީ ޝާޔާގެ ބޮލުގައި ފިރުމާލަމުންނެވެ. ހޫދުއާ އެކީ ޝާޔާ ހުރި ވާހަކަ ބުނުމުން ޝީން މިހާރު ގެއިން މި ނުކުންނަނީ ކަމަށް ބުނީ އޭނާއަށް ނިދިޖެހުމުން ޝާޔާ ބަލައިދާން ހޭނުލެވުނީ ކަމަށް ބުނަމުންނެވެ. "ޝީން މަޑުކުރޭ.. އަހަރެން މިދަނީ ޝާޔާ ގޮވައިގެން..." ފޯނު ކަނޑާލުމަށްފަހު ޝާޔާގެ އަތުގައި ހިފައިގެން ޝީންމެން ގެއާ ދިމާއަށް މިސްރާބުޖެހީ އެތުއްތު ކުއްޖާ ބިރުގެންފައި ހުރިވަރު ފެނި އެކަމާ ކަންބޮޑުވެ ހުރެއެވެ. އެކުއްޖާ ހިތްހަމަޖައްސައިދޭން ވެދިޔަ ކަންތަކާ ބެހޭގޮތުން ސުވާލު ނުކޮށް ކިޔެވުމާއި ސްކޫލްގެ ކަންތައްތަކާއި ބެހޭގޮތުން ހޫދު ވާހަކަ ދައްކާ ސުވާލުކުރަމުން ދިޔައީ ޝާޔާގެ ހިތުގައި އަށަގެންފައިވާ ބިރުވެރިކަން ހަނދާނުން ފޮހެލުމުގެ ބޭނުމުގައެވެ.
(ނުނިމޭ)
