"ދަރިފުޅު މިހާރު ރަނގަޅު ދޯ..." އަޒީމްއާއި ޝާޔާ ހަތަރުކަޅި ބައްދަލު ކުރަން ބޭނުން ނުވާ ކަހަލައެވެ. އަތުގައި އޮތް ނިވި ދިއްލޭ ބޯޅައަށް ބަލަން ހުރެ އޭނާ ބޯޖަހާލިއެވެ. ޝީންގެ އަތުގައި ހިފައިގެން ޝާޔާ ދިޔަ ދިމާއަށް އަޒީމް ބަލަން އިނީ އޭނާގެ ދަރިފުޅުގެ ހަލަނި މިޒާޖަށް އަންނަމުން ދިޔަ ބަދަލުތައް ފާހަގަވުމުންނެވެ.
ސްޕެގެޓީ ކޮޅެއް އުލުން ނަގަމުން އަޒީމް ވާހަކަ ދެއްކީ ސިންކު ކައިރީ ހުރި މަންޝާއާ ދިމާއަށް ބަލާލަމުންނެވެ. "ޝާޔާ މިފަހަރު ބަލިވީ ފަހުން ވަރަށް މަޑުން ދޯ ހުންނަނީ..." ތަށިތައް ދޮންނަން ހުރި މަންޝާ ހޫންއެއް ލައްވާލި އިރު އޭނާއަށް އަޒީމް ދައްކަމުން ދިޔަ ވާހަކައަށް މާ ބޮޑު ސަމާލުކަމެއް ނުދެވުނެވެ. އޭނާގެ ސިކުނޑީގައި އެނބުރެމުން ދިޔައީ ހެނދުނު އައިސް އޮށޯވެ އޭނާއަށް ނިދުނުފަހުން ފެނުނު ހުވަފެނާ މެދުއެވެ. އެއްބައި ފަހަރު އެ ފެނުނީ ހުވަފެނެކޭ ހީވި ނަމަވެސް އަނެއްބައި ފަހަރު އެއީ ކޮންމެވެސް ވަގުތެއްގައި އޭނާގެ ދިރިއުޅުމުގައި ހިނގައިފައިވާ ކަމެކޭ ހިތް ގަބޫލުކުރާ ފަހަރު އާދެއެވެ.
އަޒީމް ދައްކަމުން ދިޔަ ގިނަ ވާހަކަތަކަށް މަންޝާގެ ފަރާތުން ޖަވާބެއް ނުލިބުމުން ވާހަކަ މެދުކަނޑާލިއެވެ. ދެބުމަ ގޮށްޖަހާލަމުން މަންޝާއާ ދިމާއަށް އޭނާ ބަލާލިއެވެ. "މަން.... މަން..." ހިޔާލަކަށް ގެއްލިފައި ހުރި މަންޝާއަށް ހޭވެރިކަމެއްވީ އޭނާއަށް އަޒީމް ނުހަނު ލޯބިން ގޮވާލުމުންނެވެ. އަތުގައި އޮތް ސްޕޮންޖު ކޮޅު އިސްކުރުން ފައިބަމުން ދިޔަ ފެނާ ދިމާއަށް ދިއްކޮށްގެން މޮޑެލަމޮޑެލާ ހުރެވުނީ ކިހާއިރެއް ވަންދެންކަމެއް މަންޝާއަކަށް ނޭނގުނެވެ.
"ކޮންކަމަކާ ތިވިސްނަނީ؟... އަނެއްކާ މަން ބަލީތަ؟.." މަންޝާއަށް ވެފައިވާ ގޮތެއްގެ ހަގީގަތްބަލާ ހޯދަން އަޒީމް ސުވާލުކޮށްލީ ސިންކާ ގާތްވެލަމުންނެވެ. މަންޝާއާ ގާތަށް ޖެހެމުން އަޒީމް ވާހަކަ ދައްކަމުން ދިއުމުން އެކަމުން މަންޝާއަށް ކޮންމެވެސް ވަރެއްގެ އުނދަގޫކަމެއް އިހްސާސް ވިއެވެ. އިސްޖަހައިގެން ހުރެ ނޫނެކޭ ބުނެލީ މަޑުމައިތިރި ކަމާއެކީގައެވެ. މަންޝާގެ އިސްތަށިގަނޑު ވަނީ އެއްކޮށްލާ ބޮލުމެދަށް ހުޅިއެއް ޖަހާފައެވެ. ނަމަވެސް ދޫވެފައިވާ ބައެއް ކުރު އިސްތަށިތައް މޫނުގެ ދެފަރާތަށް ވެއްޓިފައިވާ އިރު އަޒީމަށް އޭނާގެ މޫނު ސާފުކޮށް ފެންނަ ގޮތެއް ނުވިއެވެ.
މަންޝާގެ މޫނުމައްޗަށް ވެއްޓިފައިވާ އިސްތަށިކޮޅު އަޒީމް ރީތި ކޮށްލަދެމުން މަންޝާގެ ދަތްދޮޅީގައި ހިފާ އުފުލާލިއެވެ. ސިއްސައިގެން ގޮސް ދެމީހުންނަށް އެއްފަހަރާ ބަލާލެވުނީ މީހަކު ކަރުކެހިލި ޒާތުގެ އަޑެއް އިވުމުންނެވެ. ކާގޭ ދޮރާ ދިމާއަށް ބަލާލި ދެމީހުންގެ ލޯ ބޮޑުވެގެން ދިޔައީ އެމީހުންނާ ދިމާއަށް ކަޅިޖަހާނުލާ ބަލަން ހުރި ނައުރީން ފެނުމުންނެވެ. ދެލޯ ވަޅުވަދެފައިވާ ނައުރީންގެ ބެލުން ހުރިގޮތުން އޭނާ ހުރީ ކަމަކާއި ހިތްހަމަނުޖެހިފައިކަން އަޒީމަށް ދެނެގަންނަން އެނގުނެވެ. އަޒީމް ސިންކާ ގާތްވެ އަތްދޮވެލުމަށްފަހު ކާގެއިން ނިކުމެގެން ދިޔައިރު ނައުރީނާ ދިމާއަށް ދެވަނަ ފަހަރަކަށް ބަލައި ވެސް ނުލައެވެ. ތަށިތައް ދޮވެ ނިންމާލުމަށްފަހު ތުވާލިކޮޅަކުން އަތްފުހެމުން މަންޝާ އެނބުރިލީ ނައުރީން ގާތު ކާން ހިނގާށޭ ބުނަމުންނެވެ. އޭރު ނައުރީން އައިސް މޭޒު ދަށުގައި ހުރި ގޮނޑިއެއް ދަމާލަމުން އޭގައި އިށީނދެ ހަމަޖެހިލިއެވެ.
"ކާންވީނު... ހުންނާނެ ސްޕެގެޓީ ހަދާފަ..." މޭޒުމަތީ ހުރި ސްޕެގެޓީ ތަށިން ނައުރީން ކާން ނެގި ތައްޓަށް ސްޕެގެޓީ އަޅައި ދިނީ މަންޝާއެވެ. ނައުރީންގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުމުން މާގިނަ ސުވާލުތަކެއް ކުރާކަށް މަންޝާ ގަސްތެއް ނުކުރިއެވެ. އައިސް އަލަމާރިން ފެންފުޅިއެއް ނަގާ ބިއްލޫރި ތައްޓަކަށް ފެން އަޅައި ދިނުމަށްފަހު މަންޝާ ބަދިގެއިން ނިކުމެގެން ދިޔައީ ނައުރީންގެ ފުސްމޫނަށް ބަލަން އެތާ ހުންނަން އުނދަގޫ ވީމައެވެ. އޫ ނަގާ ސްޕެގެޓީ ތަށީގައިވާ ސްޕެގެޓީތައް ނައުރީން ހާވާލިއެވެ. އޭރުވެސް ނައުރީންގެ ސިކުނޑީގައި އެނބުރެމުން ދިޔައީ ކުރިން ރޭގެ ހާދިސާއެވެ.
ރެއަކަށް ފަހު ރެއެއް ފޯރިގަދަވަމުން ދާކަން އޭނާއަށް އެނގެއެވެ. މިދާވަރުން ދަންޏާ މިކަން މީހުންނަށް އެނގޭކަށް މާގިނަ ދުވަހެއް ނުވާނެކަންވެސް އޭނާއަށް އެނގުނެވެ. ދުވާލުގެ ގިނަ ވަގުތުތަކުގައި ނިދުމަކީ ނައުރީންގެ އާދައަކަށް ވެއްޖެއެވެ. ގޭތެރޭގެ މަސައްކަތްތަކުގައި އާއި ކުދިންގެ ކަންތައްތައް ބަލާލާނެ ވަގުތެއް އޭނާއަކަށް ނުވެއެވެ. މީހުންނަށް ވާހަކަ ދައްކާ ހަދަން އޭނާ ފަސްޖެހެއެވެ. މީހުންގެ ތެރޭ ނިކުމެ އުޅެން އޭނާ ލަދުގަނެއެވެ. ގައިގާ ވަރެއްނެތި ކަންނެތްކަމާއި ލޮޑުކަން އިތުރުވުމުގެ ސަބަބުން ގައިން ތާހިރުވެ ނަލަހެދިގެން ހުންނަން ވެސް އޭނާ ފޫހިވެއެވެ. އަމިއްލަ ހަށިގަނޑު ދެކެ އޭނާ ފަކުރު ގަނެއެވެ. އަމިއްލަ މީހާއަށް ކުރެވުނު ނުބައި ކަންތައްތަކެއްގެ ޝަޒާއަކަށް ލިބެމުންދިޔަ އަނިޔާތައް އޭނާއަށް މުޅި އުމުރު ދުވަހު ފޮރުވޭނެ ހެއްޔެވެ.
އަނގަޔަށް ލީ ސްޕެގެޓީކޮޅު ހަފާލި ވަގުތު އޭނާގެ ތަށީ ތެރެއިން އެއްޗެއް ދައުރުވީކަމުގެ އިހްސާސެއް ވުމުން ތަށީގައިވާ ސްޕެގެޓީތަކާއި ދިމާއަށް ނައުރީން ބަލާލީ ހައިރާންވެފައި އިނދެއެވެ. އެތަށީގައި އެހެރީ ސްޕެގެޓީ ހެއްޔެވެ. އަނގައިގާ ހުރި ކާ އެއްޗެހި ހަލުވާލަންވެސް ނުކެރިފައި އޭނާއަށް ބަލަން ހުރެވުނީ ދެލޯ ބޮޑުކޮށްގެންނެވެ. ތަށީގައި ހުރި އެއްޗެހިތައް ބަނދަބަނދަ ލައްވަމުން ދުވަމުން ދިޔައީ އެކަތި އަނެކަތި ގައިމަތިންނެވެ. މަޑު މުށިކުލައަށް ދާ ފަނިތަކުން ބައެއް ފަނިތައް ތަށި ކައިރިފަށުންލާފައި މޭޒުމައްޗަށް ފޭބިއެވެ. ނައުރީން ތުން ފިއްތައްގެން ހުރި އިރު އޭނާގެ އަނގައި ތެރޭގައި ހުރި އެއްޗެހިތަކަކީވެސް އެފަދަ ދިރޭ އެއްޗެހިތަކެއްކަން އޭނާއަށް އިހްސާސްވުމުން ފުންމައިގެން އިން ތަނުން ތެދުވިއެވެ. ދުވެފައި ސިންކާ ހަމައަށް އޭނާއަށް ދެވުނީ ކިރިޔާއެވެ. އަނގައިގާ ހުރި އެއްޗެހިތައް އޭނާ ބޭރުކޮށްލިއިރު ހޮޑު ލެވިއްޖެއެވެ.
ގެއަށް ވައިން ޝީންއަށް މީހަކު އޯކާ ދެމޭ އަޑު އިވުމުން ބަދިގެއާ ދިމާއަށް ދާން އޭނާ އަވަސްވެގަތެވެ. އޭރު ނައުރީން ސިންކު ދަށަށް ގުދުވެގެން އޮވެ ކޯ ދޮންނަނީއެވެ. "މަންމާ... ކިހިނެއްވީ؟..."
ޝީންގެ އަޑު ޖެހުމުން ނައުރީން މަސައްކަތް ކުރީ އެތަނުން އަވަހަށް ދާށެވެ. އަޅައިގެން ހުރި ބުރުގަލުގެ ކަނަކުން އަނގަމަތި ފޮހެލަމުން ނައުރީން ނޭފަތް ދަމާލިއެވެ. "ނޭނގެ މަންމައަށް ހޮޑުލެވުނީ..." މޭޒުމަތީ ހުރި ސްޕެގެޓީ ތައްޓާ ޝީން ގާތްވިކަން އެނގުމުން ނައުރީންގެ ހިތަށް ބިރުވެރިކަމެއް ވެރިވިއެވެ. ނައުރީން އެތަށި ނަގާ އެއްފަރާތެއްގައި ހުރި ޑަސްބިންގެ ތެރެއަށް އެ ސްޕެގެޓީ ތަށި ހުސްކޮށްލިއެވެ. "އަޅެ މަންމާ ކީއްކުރަން ތި އުކާލީ... އަޅުގަނޑު ކާން ކަމަށް މި އިށީނީ..."
ޝީން ކިޔަމުން ދިޔަ އެއްވެސް އެއްޗެއް ނައުރީނަށް އަޑު ނީވޭ ކަހަލައެވެ. މޭޒުމަތީ ހުރި ތައްޓާ އުނދުންމަތީ ހުރި ސްޕެގެޓީ ތެލިވެސް ނައުރީން ހުސްކޮށްލީ ޑަސްބިން ތެރެއަށެވެ. "ކިހިނެއްވީ... ކީއްވެ ހުރިހާ އެއްޗެއް ތި އުކަނީ..."
ހުސްކުރި ތެއްޔާއި ތަށިތައް ގެންގޮސް ސިންކުމަތީ ބެހެއްޓުމަށްފަހު ނައުރީން ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލިއެވެ. "އެއީ ސްޕެގެޓީއެއް ނޫން.. އެއީ ހުސް ފަނި..."
ނައުރީންގެ ފަރާތުން ލިބުނު ޖަވާބުން ޝީން ދެލޯ ބޮޑުކޮށްލީ އޭނާއަށް ލިބުނު ހައިރާންކަމުންނެވެ. "ފަންޏޭ..."
ނައުރީންގެ ދުލުން ބޭރުކުރެވުނު ބަސްތަކާއި ދޭތެރޭ ވިސްނާލުމަށްފަހު އޭނާ ބަދިގެއިން ނިކުމެގެން ދިޔައީ ޝީން އިތުރު ސުވާލެއް ކޮށްފާނެތީއެވެ. ނައުރީން ދިޔަ ދިމާއަށް ކަޅިޖަހާނުލާ ބަލަން އިން ޝީންއަށް އެ ހުރިތަނުން ތެދުވެވުނީ އޭނާގެ މަންމަ ސިންކަށް ލީ ތެއްޔާއި ތަށިތައް ދޮންނާށެވެ. ތެއްޔާއި ތަށި ނަގާ ސިންކުގެ އެއްފަރާތެއްގައި ބެހެއްޓުމަށްފަހު ހުސްކޮށްހުރި ތެއްޔާ ދިމާއަށް ޝީން ބަލާލީ ޗުސް ކަނޑާލަމުންނެވެ. މަންމައަށް ވީ ކިހިނެއްބާއޭ އޭނާގެ ހިތް ބުނަމުން ދިޔައެވެ.
ނައުރީންގެ ފަރާތުން ފެނުނު އާދަޔާ ޚިލާފް ހަރާކާތްތަކުން އޭނާގެ ހިތުގައި އެތައް ސުވާލުތަކެއް ފެންމަތި ވިއެވެ. އެއީ އެ ދުވަހު މަންޝާ ކެއްކި އެއްޗެހިކަން ޝީން އަށް އެނގެއެވެ. ނަމަވެސް މަންޝާއާ ދޭތެރޭ ދުވަހަކުވެސް އެފަދަ ދަށު ދަރަޖައިގެ ގޮތަކަށް ނައުރީން ކަންތައް ކޮށްފައެއް ނުވެއެވެ. އެހެންކަމުން އެކަމުގެ އަޑީގައި ފޮރުވިފައިވާ އެހެން ސިއްރެއް ވާނެކަމަށް އޭނާ ގަބޫލުކުރިއެވެ. ދެއަތަށް ބޯހޫރުވާލުމަށްފަހު ސިކުނޑީގައި ފުނި ޖެހެމުންދިޔަ ޚިޔާލުތަކުން ދުރަށް ދާން ޝީން މަސައްކަތް ކުރިއެވެ.
ސިންކުގެ އެއްފަރާތެއްގައި އޮތް ތަށިދޮންނަ ސްޕޮންޖުކޮޅު ނަގަން އަތް ހަރަކާތްކޮށްލި ވަގުތު ޝީންގެ ލޮލުގައި އަޅައިގަތީ ސިންކުތެރޭގައި އެއްޗެއް ދައުރުވަމުން ދިޔަތަނެވެ. ޝީންގެ ކަޅި އެ ދިމާއަށް އަމާޒުކޮށްލެވުނީ އޭނާއަށް ކުރެވުނު އިހްސާސުން މީހާއަށް ސިހުމެއް ލިބުމުންނާއި އެކީގައެވެ. ހިމަ ދިގުކޮށް އޮތް އެއްޗެއް ފެނުމުން ތެލީތެރޭ އޮތް އޫ ނަގާ އޭގައި ކޮއްޓާލީ ބިރުން ހުރެއެވެ. އެއީ ދިގުކޮށް އޮތް މަޑު މުށި ކުލައަކަށްދާ ފަންޏެކެވެ. އުލަކުން އޭތީގެ ގައިގާ ކޮއްޓާލުމާއެކީ އެ ފަނި ތެޅިލިއެވެ. އަދި ސިންކުގެ ފެން ދާ ދިމާލުން އެފަނި އެތެރެއަށް ދެމިގަތްތަން ފެނުމުން ސިންކު ކައިރިން ދުރަށް ފިޔަވަޅެއް އަޅާލިއެވެ.
ބަދިގޭގެ އެއްފަރާތެއްގައި ހުރި ކުނި އަޅާ ޑަސްބިންއާ ދިމާއަށް އޭނާއަށް ބަލާލެވުނީ ނައުރީން ބުނި އެއްޗަކަށް ބަރޯސާވެވުނީމައެވެ. މަޑު ފިޔަވަޅުތަކެއްގައި ގޮސް ޑަސްބިންގެ މަތި ހުޅުވާލުމަށްފަހު އޭގެ ތެރެއަށް ޝީން ބަލާލީ ތެޅި ތެޅި އޮތް ހިތަކާއި އެކީގައެވެ. އޭގައި ހުރީ މެންދުރަށް ކެއްކި ސްޕެގެޓީއެވެ. ޝީން ގާތްވެލީ އޭނާއަށް އެއިން އިތުރު އެއްޗެއް ފެނޭތޯ ޔަގީން ކުރާށެވެ. އެއިން ފަންޏެއްހާ ހިސާބުވެސް ފެންނާކަށް ނެތެވެ.
"ޝީން... ކީއްކުރަނީ؟.."ސިއްސައިގެންގޮސް ޝީންއަށް ބަލާލެވުނީ މަންޝާގެ އަޑު ޖެހުމާއެކީގައެވެ. ޑަސްބިން ކައިރިން ދުރަށް ޖެހިލަމުން ބުނާނެ އެއްޗަކާއި ދޭތެރޭ އޭނާ ވިސްނާލިއެވެ. ޝީންގެ ބޮލުގައި އޭރު ގަދަ ރިހުމެއް ވަނީ އުފެދިފައެވެ. ލޮލާއި އެކީ ބޮލުގެ އެއްފަރާތަށް އަރަމުން ދިޔަ ތަދާހުރެ އޭނާއަށް އުނދަގޫވިއެވެ. އެއް އަތުން ނިތްކުރީގައި ހިފަހައްޓާލިއެވެ. ބަދިގެތެރެއަށް ވަދެ ސިންކުމަތީ ބަހައްޓާފައި ހުރި ސްޕެގެޓީ ތެއްޔާ ދިމާއަށް މަންޝާ ބަލާލިއެވެ. އެއަށްފަހު ޝީންގެ މޫނަށް ބަލާލީ ނިތަށް ރޫގިނަ ކޮށްލަމުންނެވެ.
"ސްޕެގެޓީ ތެއްޔަށް... ކު... ކުރައްޕެއް ވެއްޓުނީމަ ސްޕެގެޓީތައް އުކާލީ... ދެން މިރޭ ކާން ކޯއްޗެއް ހަދާނީ؟.." ވަށައިގެން ބަދިގެ ތެރެއަށް ނަޒަރު ހިންގަމުން ޝީން ވާހަކަ ދެއްކިއިރު އޭނާގެ އަޑުގައި މަޑު ތުރުތުރެއް އެކުލެވިފައިވިއެވެ. "އެހެންތަ... ދެން ކޮންމެސް އެއްޗެއް ހަދާނީ ދޯ... ކޮން އިރަކު ޝާޔާ ނިމެނީ؟..." ސިންކާ ގާތްވެލުމަށްފަހު މަންޝާ ތެލި ދޮންނަން ފެށިއެވެ. މަންޝާ ކައިރިއަށް ޝީން ޖެހިލީ ވަގުވަގަށް ކަޅިއެއް އެއްލަމުންނެވެ. އޭނާ ބަލަމުން ދިޔައީ އޭރު އެ ފަނި ދިޔަ ދިމާއަށެވެ. ޝީންގެ ފަރާތުން ޖަވާބެއް ނުލިބުމުން މަންޝާ ދެވަނަ ފަހަރަށް ސުވާލުކޮށްލީ އަޑަށް ބާރުލަމުންނެވެ.
"ކޮން އިރަކުތަ އެމަންޖެ ބަލާ ދާން ޖެހެނީ؟..."
"ދޭއް ޖަހާއިރު... ޝާޔާ ބަލާ ދާނަން.. މިދަނީ ޖައްސާލަން.. ކުޑަކޮށް ބޮލުގަ ރިއްސާ..." މަންޝާ ކުރި ސުވާލަށް ޖަވާބު ދިނުމަށްފަހު ޝީން މިސްރާބުޖެހީ އޭނާގެ ކޮޓަރިއާ ދިމާއަށެވެ. އާދަޔާ ޚިލާފަށް އޭނާގެ ބޮލުގައި ރިއްސަން ފެށުމުން އޭނާއަށް އެވަނީ ކިހިނެއްކަން ދެނެގަންނަން އެނގުނެވެ. ހަމަ ނިދި ނުލިބޭތާ ހަތަރު ދުވަސްވީއެވެ. އެހެންކަމުން ޝާޔާ ބަލާދާ ވަގުތު އައިސް ޖެހެންދެން އަރާމުކޮށްލަން އޭނާ ބޭނުންވިއެވެ.
*** *** *** *** *** ***
"ފާތުމާ... މިމަންޖެ ހާދަ ލޯތްބޭ... ކޮބާތަ ރައިހާ؟.. މިހާރު މިގޭ ދޮށަށް ނާންނަތާ ކޮން ދުވަހެއް؟..." އާމިނަ ވާހަކަ ދައްކަމުން ފާތުމަ އަތަށް ދުފާ ތަބައް ދިއްކޮށްލީ އޭނާގެ އުނގުގައި އިން ތުއްތު އަންހެން ކުއްޖާގެ ކޮލުގައި ކޮށްޓާލަމުންނެވެ. ތަބަކުގައި ފާތުމަ ހިފުމާއެކީ އާމިނަ އެ ތުއްތު ކުއްޖާ އުރާލަމުން އެ ކުއްޖާ ލައްވާފައިވާ ހެދުމަށް ދަމާލަމުން ރީތިކޮށްލިއެވެ. "އާން އެންމެންވެސް ބުނޭ އިޝާ ވައްތަރީ ރޫހީއާ އޭ... ބައެއް ފޮޓޯތަކުގަ ރޫހީ ކުޑައިރުގެ ގަނޑުތަކާ އެއްވެސް ތަފާތެއް ނެތް... ނޫންތަ؟..." އަނގަޔަށް ބިލަތްކޮޅެއްލާ ހަފާލަމުން ފާތުމަ ވާހަކަ ދެއްކީ އާމިނަގެ މޫނަށް ބަލާލަމުންނެވެ.
އެ ތުއްތު އިޝާގެ މޫނަށް އާމިނަ ބަލާލީ ފުން ނަޒަރަކުންނެވެ. އެބުނީ ތެދެކެވެ. އޭނާގެ ދަރިފުޅު ރޫހީއާ އެމަންޖެ ވަރަށް ވައްތަރެވެ. އާމިނަގެ މޫނުމަތިން ކަމެއް ދޭހަވެދާނެތީ ހިނިތުންވުމެއް ވެރިކުރުވަން އޭނާ މަސައްކަތް ކުރިއެވެ. "އާން ވަރަށް ވައްތަރު..." އެކުއްޖާގެ އިސްތަށިގަނޑުގައި ލޯބިން އާމިނަ ފިރުމާލި އިރު އޭނާއަށް ސިފަވަމުން ދިޔައީ އޭނާގެ ދަރިފުޅު ރޫހީއެވެ. އިޝާގެ ވެސް އެއޮތީ ރޫހީގެ އޮތް ކަހަލަ ފަން އިސްތަށިގަނޑެކެވެ. ރޫހީގެ ތުއްތު ދުވަސްތައް އޭނާގެ ލޯ ކުރިމައްޗަށް އައިސް ހުއްޓުނީ އެކަމަށް އޭނާ ނުވިސްނާ ހުއްޓައެވެ. އެ ތުއްތު ކުއްޖާގެ އަތުގައި ހިފައިގެން ހިނގާފައި ސްކޫލް ދޮށަށް ދިޔަ ދުވަސްތައް އާވިއެވެ. ރަށުތެރޭ ގިނަ ބަޔަކު އެކުއްޖާއަކީ ބޯހަމަ ނުޖެހޭ ކުއްޖެކޭ ބުނަމުން ދިޔައިރުވެސް އާމިނަ އެ އަޑުތަކަށް ދިނީ ބީރު ކަންފަތެކެވެ. ދުވަސްތައް ފާއިތުވަމުން އައިސް ފުރާވަރަށް އެޅިއިރު އެކުއްޖާ ދުނިޔެއިން މޮޔަވެގެން ދިއުމުން އެކަމަށް ފަރުވާކުރަން އެ އާއިލާ މަސައްކަތް ކުރިއެވެ.
އެދުވަސްތައް ދާދި ދެންމެއަކު ވީ ކަމެއްހެން އާމިނަގެ ހަނދާނުގައި ހަރުލާފައި ވެއެވެ. އަލިބެ ގެނެސްގެން އެއްކުއްޖާއަށް އަވަލައިގެން އުޅުނު ޖިންނީގެ ކިބައިން ސަލާމަތްކުރަން މަސައްކަތް ކުރި ދުވަސް އާމިނަގެ ހަނދާނަކުން ފިލައިގެން ނުދާނެއެވެ.
...................................
ކޮޓަރީގެ ދޮރު ހުޅުވާލަމުން ބިސްމިކިޔައި އިތުރު ދުޢާތަކެއް ކިޔަމުން އެތެރެއަށް ވަދެގެން މިއައީ އަލިބެއާއި ރިޔާޒެވެ. އަލިބެ އައިސް އެ ކޮޓަރީގައި ހުރި ހުދު ޕްލާސްޓިކް ގޮނޑީގައި އިށީނދެ އަތުގައި އޮތް ޚަތިމްގައި ފާހަގަކޮށްފައިވާ ޞަފްޙާ ހުޅުވާލިއެވެ. އައޫޒު ބިސްމި ކިޔުމަށްފަހު ފާހަގަކޮށްފައިވާ ވަކި އާޔަތްތަކެއް ކިޔަން ފެއްށީ އެނދުގައި އޮތް 19 އަހަރުގެ ރޫހީއާ ދިމާއަށް ބަލާލުމަށް ފަހުއެވެ.
އަލިބެ ކިޔަވަން ފެށުމުން ރޫހީއަށް ގިނަ އުނދަގޫތަކެއް ވަމުން ދިޔައެވެ. ދޭތެރެއަކުން ފައި ކުރުކޮށް އެނދުގައި ދެފައި ތަޅަމުން ދިޔައީ އެ ކިޔެވެލީގެ އަޑު އަހަން ބޭނުން ނުވާތީއެވެ. ފުން ނޭވާތަކެއް ބޭރުކުރަމުން އަޑު މަޑުކުރުމަށް އެދި ރޮމުން އާދޭސް ކުރަމުން ދިޔައެވެ. ރޫހީގެ ދެއަތް އައްސާފައި އޮތުމުން އެނދުގައި އޮވެ ލަކިޖެހުން ނޫންކަމެއް އޭނާއަކަށް ނުކުރެވުނެވެ. އަލިބެ ހުރި ފަރާތް ނޫން އަނެއް ފަރާތަށް މޫނު އަނބުރައިގެން ކިޔަވަމުންދިޔަ އަޑުނާހަން ރޫހީ މަސައްކަތް ކުރަމުން ދިޔައެވެ. ހަށިގަނޑަށް ވަމުން ދިޔަ އުނދަގޫތަކުގެ ސަބަބުން މުޅިމީހާ ދާހިއްލާ ފޯވިއެވެ.
ހުއްޓުމެއް ނެތި އަލިބެ ކިޔަވަމުން ދިޔައިރު ރޫހީއަށް މި އުނދަގޫތައްވަމުން ދާނެކަން އަލިބެއަށް މާ ކުރިން އެނގެއެވެ. އަނގަމަތީގައި އަތް އަޅައިގެން އާމިނަ ހުރީ ރޮވޭތީ އަޑެއް ނުލައްވާށެވެ. ރިޔާޒް ހުރީ ކޮޓަރީގެ ދޮރު ކައިރީގައެވެ. އަލިބެގެ އިޝާރާތަށް ރިޔާޒް ކޮޓަރީގެ ދޮރުފަތް ހުޅުވާލިއެވެ. އެވަގުތު މަޑުމަޑުން ރޫހީގެ ހަށިގަނޑު މައިތިރިވަމުން ދިޔައެވެ. ކުރިން އަރުވަމުން ދިޔަ ވަރުގަނޑު މުޅިންހެން ކެނޑިއްޖެއެވެ. ކިޔަވާ ނިންމާލުމަށްފަހު އަލިބެ މިސްކިތަށް ދިޔައީ ޟިރާރުއާ ރިޔާޒާއި އެކީގައެވެ. ކޮޓަރީގެ ދޮރުފަތް ލައްޕާލުމުގެ ކުރިން އާމިނަ ގާތު މި ދޮރު ނުހުޅުވުމަށް އެދި އަލިބެމެން ދިޔައީ ނަމާދު ކޮށްލައިގެން އަންނާށެވެ.
އާމިނަ ހުރީ އިންތިހާއަށް ވަރުބަލިވެފައެވެ. ރޫހީގެ ހާލު ގޯސްވަމުން ދާތީ އާމިނަ ނުނިދާ އުޅޭތާ ތިން ދުވަސް ވީއެވެ. ވަރުބަލިވެފައި ހުރިނަމަވެސް އާމިނަ ނިދާކަށް ބޭނުމެއް ނޫނެވެ. ރޫހީގެ އެނދު ކައިރިއަށް ޖެހިލުމަށްފަހު އޭނާގެ އިސްތަށިގަނޑުގައި ފިރުމާލި އިރު އެއީ އޭނާއަށް ރޫހީއާ ގާތްވެވޭނެ ފަހު ފަހަރުކަމެއް ނޭނގެއެވެ. ރޫހީއަށް އޮތީ ގަދައަށް ނިދިފައެވެ. ހީވަނީ އެތައް ދުވަސްތަކަކަށް ފަހު އަރާމު ނިންޖަކުން ނިދާލަނީ ހެންނެވެ.
ހިނދުކޮޅަކު ރޫހީއާއި ދިމާލަށް ބަލަންހުރުމަށްފަހު އާމިނަ ސޯފާގައި އިށީނެވެ. އަދި އާމިނަގެ ދިގު ހެދުމުގެ އަރިމަތީ ޖީބުގައި އޮތް ފޯނު ނަގާ ބަލާލިއެވެ. ފާތުމަގެ އެގާރަ މިސްޑް ކޯލް ފެންނަން ހުރުމުން އޭނާގެ އެއްބަޑު އެއްބަފާ ފާތުމައަށް ގުޅަން ނަންބަރުތައް ޖަހާލިއެވެ. ނަމަވެސް އެ ނަންބަރަށް ގުޅޭ ގޮތެއް ނުވިއެވެ. ފާޑެއްގެ އަޑެއް ކިޔާފައި ފޯނު ކެނޑެނީއެވެ. އާމިނަ އޭނާގެ އަތުގައިވާ ފޯނުގެ ރޭންޖް ފިތްތަކަށް ބަލާލިއެވެ. އެންމެ ފިތެއްގެ ރޭންޖް ލިބިލިބިފައި ގެއްލެމުން ދިޔައެވެ. އެހެންކަމުން އާމިނަ ހިނގައިގަތީ ކޮޓަރިން ބޭރަށް ނުކުތުމަށެވެ. ފާތުމައަށް ގުޅަން ބޭނުންވެފައި ހުރިލެއް ބޮޑުކަމުން އަލިބެ އަންނަންދެން ކޮޓަރި ދޮރު ނުހުޅުވުމަށް އަންގާފައިވާކަން ހަނދާނުން ކައްސާލިއެވެ. ކޮޓަރިން ބޭރަށް ނިކުތުމަށް ދޮރު ހުޅުވާލިތަނާ ބާރު ފިނި ވައިރޯޅިއެއް ޖެހި އާމިނަ ފަހަތުން އެ ދޮރު ލެއްޕުނެވެ.
............................
އާމިނަގެ މޫނަށް ކަޅިޖަހާނުލާ އިޝާ ބަލަން އިން އިރު ދެބުމަ ގޮށްޖަހާލަމުން ތުންފަތަށް ތުރުތުރެއް ލައްވާލިއެވެ. އެއަށްފަހު އެކުއްޖާ ބަލާލީ ޖޯލިފަތީގައި އިށީނދެގެން އިން ފާތުމައާ ދިމާއަށެވެ. "މާމަ ދޫނީ... މަޑުކޮށްލާ މި އުރަނީއޭ..." އިޝާގެ ބަލާލުމުން އެމަންޖެއަށް ރޮވެން އުޅެނީކަން ފާތުމައަށް އެނގުނެވެ. އަވަހަށް ދުފާ ނިންމާލަމުން ތަބަށް ދުރައްޖައްސާ ނުލެވެނީސް އިޝާއަށް ރޮވޭ ގޮތްވިއެވެ.
"މީނަ ވަރަށް މީހުންނާ ރުޅިވާނެ.. އެހެންނުވާނީ.. ރައިހާ މިމަންޖެ ބޭރަށްވެސް ނެރެނީކީ ނޫން ވިއްޔަ.. ދުވާލުދާ ހަތަރުދަމު ގޭތެރޭގަ ގެންގުޅެންޏާ ވާނީ މިހެން... މާމަގެ ރޯ ބަޑި.. ހިނގާ އަވަހަށް ގެއަށް ދާން... މިހާރު ހުންނާނީ ނިދިވެސް އައިސްފަ..." އާމިނަ އުރުގައި އިން އިޝާ އުރާލަމުން ފާތުމަ ވާހަކަ ދެއްކީ އެގޯތިން ބޭރަށް ދާން ހިނގައިގަންނަމުންނެވެ. އެ ދެމައިން ނިކުމެގެން ދިޔަ ދިމާއަށް އާމިނަ ބަލަން ހުރި އިރު އޭނާގެ ލޮލަށް ކަރުނަ ޖަމާވަމުން ދިޔައެވެ. އެތައް އަހަރުތަކަކަށްފަހު ރޫހީ މަތިން ހަނދާންވުމުން އޭނާގެ މައި ލަގޮނޑީގައި ރިހުމެއް އުފެދިއްޖެއެވެ. އެސްފިޔަތައް ހަލުވިކޮށް ތަޅުވާލަމުން އޭނާ ގޭތެރެއަށް ވަނީ ޟިރާރު ފެންވަރައިގެން ނުކުންނަން ވާއިރަށް ކާން ހަދާށެވެ.
މޭޒުމައްޗަށް ކާން ހެދުމަށްފަހު އާމިނަ ގޮސް ވަނީ އޭނާގެ ކޮޓަރިއަށެވެ. އަލަމާރި ތެރެއިން ފޮޓޯ އަލްބަމެއް ނެގުމަށްފަހު ރޫހީގެ ފޮޓޯތަކަށް އޭނާ ބަލަމުން ދިޔައިރު ދެލޮލުން ހޯސްލާފައި ކަރުނަތައް ފައިބަމުން ދިޔައެވެ. އޭނާގެ ހަނދާންތައް ދަތުރުކުރީ ރޫހީގެ މަރުގެ ޚަބަރު އޭނާއަށް ލިބުނު ހިތްދަތި ދުވަހަށެވެ.
(ނުނިމޭ)
