"ޒޯއީގެ މަންމައަކީ މަންޝާއަށް ވާއިރު އަޅުގަނޑުގެ މަންމައަކީ ކާކުތޯ؟.." އަދަބުވެރިކަމާއެކީ އޭނާ ވާހަކަ ދައްކަމުން ދިޔަ ނަމަވެސް ސަކޭރާ އާ ހަތަރު ކަޅި ހަމަކުރާނެ ހިތްވަރެއް އެނާގެ ގަޔަކު ނެތެވެ.

"ކީކޭ؟..." ހައިރާންކަމާއި އެކީ ސަކޭރާ ބަލާލީ ދެބުމަ ގޮށްޖަހާލަމުންނެވެ. އޭނާ ވިސްނާލީ ކުރިން ދުވަހު ޒޯއީއާ މުޚާތަބުކޮށް ދެކެވުނު ވާހަކަ ތަކަށެވެ. "ދަރިފުޅު ކޮން ވާހަކައެއްތަ ތި ދައްކަނީ؟..."

މެހެކްގެ މަންމަ އަކީ ތަފާތު މީހަކީކަން ކަށަވަރެވެ. މެހެކްއާ ޒޯއީގެ ސިފަ ތަފާތުވުމާއި ދެމީހުންނަށް ލިބިފައިވާ ބާރު ވެސް ތަފާތެވެ. ޒޯއީއަށް ލިބިފައިވަނީ ބައްޕަ ޒިބާންއަށް ލިބިފައިވާ ބާރުތަކެވެ. އެ އުކުޅުތައް ދަސްކުރަން މަސައްކަތް ކުރިއަސް މެހެކްއަށް ކަމެއް ދަސްވާ ގޮތެއް ނުވިއެވެ. އެނގޭހާވެސް އެއްޗަކީ އޭނާގެ ބާރު ގަދަވަނީ ފެނުގައި ޖެހުނީމައެވެ. އެހެންކަމުން މެހެކްއަށް މިފަދަ ބާރެއް ލިބިފައި އެވަނީ މެހެކްގެ މަންމަ ފަރާތުން ކަމާމެދު އޭނާ ގަބޫލުކުރެވެ.

ވާހަކަ އޮޅުވާލަން ސަކޭރާ މަސައްކަތް ކުރުމުން މެހެކް އިސްއުފުލާލަމުން ސަކޭރާގެ މޫނަށް ބަލާލިއެވެ. "ބޮޑު ދައިތާ.. އަޅުގަނޑަށް ހުރިހާ އެއްޗެއް އެނގޭ... މަންމައާއި ބައްޕަ ދެންމެ ދެއްކި ވާހަކަތަކުން އެނގޭ ހާވެސް އެއްޗަކީ އަޅުގަނޑާއި ޒޯއީއަކީ މަންމަގެ ދަރިން ނޫން ކަން.. ޒޯއީ އަކީ މަންޝާގެ ދަރިއެއް.. އެހެންވީއިރު އަޅުގަނޑުގެ މަންމައަކީ ކާކު؟... އަޅުގަނޑުވެސް ބޭނުން އަޅުގަނޑުގެ މަންމައަކީ ކާކުތޯ ބަލަން... އަޅުގަނޑަކީ މި އާއިލާގެ އެހެން ކުދިންނާ ވަރަށް ތަފާތު ކުއްޖެއްކަން ވެސް އިނގޭ... އެންމެންނަށް ބިމުގަޔާއި ވައިގެ ތެރޭގައި އުޅުމުގެ ބާރު ލިފައިވާ އިރު އަޅުގަނޑަށް ލިބިފައިވަނީ ފެނުގައި އުޅުމުގެ ބާރު.. އެންމެން ބުނޭ އަޅުގަނޑަކީ ތަފާތު ކުއްޖެކޭ... ބާރު ބޭނުންކޮށްގެން ކަންތައް ކުރަން ނޫޅޭށޭ... އެއްވެސް ފަރިތަ ކުރުމަކާ ނުލާ އަޅުގަނޑަށް މޫދަށް ފުންމާލައިގެން މީހަކު ސަލާމަތްކުރަން ދެވުނު.. އަޅުގަނޑުގެ ބާރަކުން ނޫން އަޅުގަނޑުގެ ސިފަ ބޮޑު ނިގުލެއް ލާފައިވާ މަހެއްގެ ބައްޓަމަށްވާ ގޮތަށް ހަށިގަނޑުގެ އެއްބައި ބަދަލުވީކީ... އިސްތަށިގަނޑު އޮތީ ފާޑަކަށް ފޯލިފޯއްޔަށް... އަޅުގަނޑުގެ ސިފަ ބަދަލުވަނީ ވަރަށް ހުތުރު ސިފައަކަށް..." މެހެކްގެ ހިތުގައި ފުނިޖެހިފައިވާ ސުވާލުތައް ބަންޑުންކޮށްލީ އޭނާގެ ހިތަށް ހަމަޖެހުމެއް ލިބޭނެ ކަމުގެ އުންމީދުގައެވެ.

ފުން ނޭވާއެއް ބޭރުކޮށްލުމަށްފަހު ސަކޭރާ ވިސްނާލިއެވެ. އޭނާއަށް އަންގަންޖެހޭ ކަންތައްތަކެއް ހުރި ނަމަވެސް އެ ވާހަކަތައް މެހެކްއަށް ހިއްސާ ނުކޮށް އެހުރީ ޒިބާންމެންގެ އެދުމަށެވެ. ނަމަވެސް ވަގުތު އައިސް ޖެހިއްޖެކަން ސަކޭރާއަށް ކަށަވަރުވީއެވެ. މެހެކްގެ އަތުގައި ހިފައިގެން އޭނާ މިސްރާބު ޖެހީ ސަކޭރާއަށް ހާއްސަކޮށްފައިވާ ކޮޓަރިއާ ދިމާއަށެވެ. ސަކޭރާގެ ހަރަކާތްތަކަށް ބަލަބަލާ ހުރި މެހެކްއަށް ހައިރާންކަމެއް ލިބުނު ނަމަވެސް ބޮޑު ދައިތަގެ އީޝާރާތަށް އޭނާގެ ފަސްފަހަތުން ހިނގާފައި ދިޔައީ ކަމުގެ ހަގީގަތް ހޯދަން ބޭނުންވެފައި ހުރިލެއް ބޮޑުކަމުންނެވެ.

އެ ކޮޓަރިއަށް ވަދެ ދޮރު ލައްޕާލުމަށްފަހު އެހެންމީހަކަށް ނުވަދެވޭނެހެން ތަޅުލިއެވެ. އަދި އަތުގެ އިޝާރާތުން ދޮރުގެ ވަށާ އަތް ހަރަކާތްކޮށްލަމުން ސަކޭރާ ތުން ތަޅުވާލިއެވެ. "ދަރިފުޅުމެންނަށް ލިބިފައިވާ ބާރު އެހެން ޖިންނީންނަށް ލިބިފައިވާ ބާރާ އަޅާ ބަލާނަމަ އެތައް ގުނައެއް ގަދަވާނެ... މިބުނީ ތީ އަހަރެމެންގެ ތެރޭގައި މިއާއިލާއަށް އުފަންވި ވަރަށް ތަފާތު ބައެކޭ.. އޭގެތެރޭގައި މެހެކްގެ މަންމަ ޒޭބާ ހިމެނޭނެ..."

"ޒޭބާ..." މަޑުމަޑުން މެހެކްގެ ތުންފަތް ހަރަކާތްކޮށްލީ އެންމެ ފުރަތަމަ ފަހަރަށް އޭނާގެ ކަންފަތުގައި އެ ނަން ޖެހުމުންނެވެ. "ޒޭބާއާ ޒިބާން އަކީ އެއްބަނޑު، ދެބޭން... ޒިބާން އެއީ ދޮށީ މީހާ... ދެން ހުންނާނީ ޒޭބާ..." ސަކޭރާގެ ވާހަކަ އެހިސާބަށް ދިޔަ އިރު އޭނާގެ ލޮލުން ކަރުނައިގެ ވިދުން ފާޅުވިއެވެ. ހަލުވިކޮށް އެސްފިޔަތައް ތަޅުވާލަމުން ގާތްވެލީ އޭނާގެ ސާމަނުތައް ބަހައްޓާފައި ދިމާއަށެވެ. އެތަނުން ބައެއް އެއްޗެތި ހާވާލުމަށްފަހު ބިއްލޫރި ބޯޅައެއް ނެގިއެވެ. ޓެނިސް ބޯޅައަކަށް ވުރެ ތަންކޮޅެއް ބޮޑުކޮށް އޮތް ބޯޅަ ހިފައިގެން އައިސް މެހެކްގެ މުށުތެރެއަށް ލިއެވެ.

"މީ ކޯއްޗެއް؟..." ވާން އުޅެނީ ކިހާވަރެއްގެ ކަމެއްކަން ނޭނގި މެހެކް ސުވާލުކޮށްލަމުން ސަކޭރާ އާ ދިމާއަށް ބަލާލިއެވެ. އޭރު ދެލޯ މަރައިގެން ހުރެ ސަކޭރާ ތުންތަޅުވަނީއެވެ. އަދި މެހެކްގެ އަތުގައި ހިފަހައްޓާފައިވާ އަތަށް ބާރުކޮށްލިއެވެ. ހަމައެވަގުތު އެމީހުން އެތިބި ތަނަށް ލޮޅުމެއް އައި ކަހަލަ އިހްސާސެއް ކުރެވުނެވެ. ބިންހެލުމެއް އައުމުން ވާފަދަ ގޮތަކަށް އެތަނަށް އަންނަމުން ދިޔަ ލޮޅުމުން މެހެކް ބިރުގަތެވެ. އެމީހުންއެ ތިބި ކޮޓަރި ވަރަށް އުސް ތަނަކުން ވެއްޓޭފަދަ ގޮތަކަށް ތިރިއަށް ދަނީހެން ހީވިއެވެ. ދެން ފެންނަން ފެށީ ގަދަ އަލިކަމެކެވެ. ލޮލަށް ތަނެއް ނުފެންނަ ވަރަށް އަލިކަން ގަދަވަމުން ދިއުމުން މެހެކްގެ ދެލޯ ތަގުޅިކޮށްލިއެވެ.

މުޅި ތަނަށް ހަމަހިމޭން ކަމެއް ވެރިވެއްޖެކަން އިހްސާސްވުމުން މެހެކް ދެލޯ ހުޅުވާލަމުން ވަށައިގެން ބަލާލިއެވެ. އެއީ ހަމަ ސަކޭރާގެ ކޮޓަރިއެވެ. ނަމަވެސް އެ ކޮޓަރިތެރޭ ހުރި ސާމާނުތައް ވަނީ ކުރިއަށް ވުރެ ބޮޑުވެފައެވެ. ހައިރާންވެފައި ހުރެ މެހެކް އޭނާގެ އަތަށް ބަލާލިއެވެ. ކުޑަ އިރުކޮޅެއްކުރިން މެހެކްގެ އަތަށް ސަކޭރާ ލައިދިން ބިއްލޫރި ބޯޅަ ނެތްކަން އެނގުމުން މެހެކްއަށް ހައިރާކަމެއް ލިބުނެވެ.

ތުއްތު ކުއްޖެއްގެ ރުއިމުގެ އަޑު މެހެކްގެ ކަންފަތުގައި ޖެހުމުން ސަކޭރާމެން ކޮޓަރި ދޮރާ ދިމާއަށް ބަލާލީ ހައިރާންކަމާ އެކީގައެވެ. ކޮޓަރީގެ ދޮރު ހުޅުވަން ހިނގައިގަތް ސަކޭރާ ފެނުމުން މެހެކް އިތުރަށް ހައިރާންވިއެވެ. އެތަނުގައިވާ ސާމާނުތަކާއި އެއްވަރަށް ސަކޭރާގެ ރޫފައާ އިސްކޮޅުވެސް ބޮޑެވެ. މެހެކް އޭނާގެ ހަށިގަނޑަށް ބަލައިލީ އެވަގުތެވެ. އޭނާ މިހުރީ ސަކޭރާ ކުރިކަމަކުން ކުޑަވެފައެވެ. މެހެކްގެ އިސްކޮޅުގައި ފަސްއިންޗިވެސް ނުކުންނާނެ ކަން އޭނާއަށް އެނގުނެވެ. ބޮޑުދައިތައަށް ގޮވާފަ އޭނާ ކުރިން ހުރިގޮތަށް ބަދަލުކޮށްދޭށޭ ބުނަން މެހެކް ބޭނުންވިއެވެ. ކުރިއަށް ދާން މެހެކް އެޅި ފިޔަވަޅު ހުއްޓުމަކަށް އައީ އޭނާގެ ކޮނޑުގައި މީހަކު ހިފާ އަނބުރާލުމުންނެވެ. މެހެކްގެ ފަހަތުގައި ހުރީވެސް ބޮޑު ދައިތަ ސަކޭރާއެވެ. މެހެކްއެކޭ އެއްވަރަށް އޭނާގެ އިސްކޮޅުވެސް ކުޑަވެފައިވާކަން އެނގުމުން މިވަނީ ކިހިނެއްތޯ ބަލަން އޭނަ ސުވާލުކޮށްލިއެވެ.

ސަކާރޭގެ އަތް ވަށައިގެން ހަރަކާތްކޮށްލުމުން އޭނާގެ އަތުން ނިކުތް ރަންކުލައިގެ ކުނޑިތައް އެމީހުން ވަށާ އެނބުރެން ފެށުމާއެކީ އެމީހުންނަށް އެ ތިބެވުނު ތަން ދެނެގަންނަން މެހެކްއަށް އެނގުނެވެ. އެމީހުން އެތިބީ އޭރު މެހެކްގެ އަތަށް ދިން ބިއްލޫރި ބޯޅައިގެ ތެރޭގައެވެ. އެބޯޅަ ބިމުން މައްޗަށް އެރިއެވެ. ވައިގެ ތެރޭ ދައުރުވާން ފެށުމުން ހަމަޖެހިގެން ހުންނަން މެހެކް މަސައްކަތްކުރަން އޭނާ އެހުރި ތަނަށް ކަކޫ ޖަހާ ތިރިވިއެވެ. ފެންނަމުން ދިޔަ މަންޒަރަށް ސަކޭރާ އިޝާރާތްކުރަމުން ވާހަކަ ދެއްކިއެވެ. "މިފެންނަ ކަންތައްތަކުން މެހެކްއަށް ހަގީގަތް އެނގޭނެ.... ރަނގަޅަށް ބަލާތި..." ސަކޭރާ މިހެން ބުނުމުން މެހެކްގެ ކަޅި އަމާޒުކޮށްލީ ދޮރު ހުޅުވަން ދިޔަ ސަކޭރާއާ ދިމާއަށެވެ.

ބަލާބެލުމަށް ބޮޑު ދައިތަ ފެންނަނީ ވަރަށް ޅަކޮށެވެ. ބޮލުގައި ހުދު އިސްތައްޓެއްގެ ހިސާބުވެސް ފެންނާކަށް ނެތެވެ. ދޮރު ހުޅުވާލި އިރު ކުރިމަތީގައި ހުރީ 10 އަހަރަކު ރީތި ފިރިހެން ކުއްޖެކެވެ. އެކުއްޖާގެ އަތުގައި އޮތީ ލޯބި ލޯބި ކުޑަ ކުއްޖެކެވެ. ރޮމުން އެ ފިރިހެންކުއްޖާ އެތެރެއަށް ވަދެ ސަކޭރާ އަތަށް އޭނާގެ އަތުގައިވާ ކުޑަކުއްޖާ ހަވާލު ކުރިއެވެ. ސަކޭރާ އެ ފިރިހެން ކުއްޖާގެ މޫނުގައި ފިރުމާލަމުން ދޮރުން ބޭރަށް ބޯދިއްކޮށްލިއެވެ. "ޒިބާން.. ކޮބާ މަންމަ... ކައޭޝާ ނާދޭތަ؟..."

ސަކޭރާ އެކުއްޖާ އުރާލުމާއެކީ އެ ތުއްތު ކުއްޖާގެ ރުއިން މުޅިންހެން ކެނޑިއްޖެއެވެ. ރޮމުން ޒިބާން ވާހަކަ ދެއްކިއެވެ. "މަންމަ އަނދާ އަޅިއަށްވެއްޖެ... ކޮއްކޮގެ ގައިގަވެސް އަލިފާން ހިފި... އެމީހުންނަށް ނޭނގޭނެހެން އަހަރެން ކޮއްކޮ ގޮވައިގެން ފިލީ... އަހަރެން މިއައީ އެ ޖިފްޓި ގޭގަ ހުޅުވެސް ރޯކޮށްފަ.. އެތަނުން އެކަކަށްވެސް ސަލާމަތެއް ނުވެވޭނެ..." ކުޑަކުޑަ ޒިބާންގެ ދެލޯ ރަތްކުލައިން ދިއްލިގެން ދިޔައެވެ. އެވަގުތު ސަކޭރާގެ އަތުތެރޭ އޮތް ތުއްތު ކުއްޖާގެ މޫނަށް ބަލާލިއެވެ. އެކުއްޖާގެ ހަށިގަނޑުގައި އޮޅާފައިވާ ފޮތިގަނޑު ހާވާލަމުން އޭނާ ބަލާލީ އެއީ ކޮން ކަހަލަ ކުއްޖެއްތޯ އެވެ. އެ ތުއްތު ކުއްޖާގެ ކަރުދޮށާއެކު އެއް އަތް ފިހިފައިވާ ތަން ފެނުމުން ސަކޭރާ ގާތްވެލީ އެކުއްޖާގެ ގައިގާ ބޭސް އަޅާށެވެ.

"ކޮއްކޮ ރަނގަޅުވާނެތަ؟..." އެ ތުއްތު ކުއްޖާގެ ހަށިގަނޑަށް ވެފައިވާ ޒަހަމްތަކަށް ބަލަން ހުރެ ޒިބާން ސުވާލު ކޮށްލިއެވެ. ސަކޭރާ ބޯޖަހާލިއެވެ. އަނެއްކާވެސް ޒިބާން ސުވާލުކޮށްލިއެވެ. "ކޮއްކޮއަށް ކިޔާނީ ކޮން ނަމެއްތަ؟..." ބޭސް ތައްޔާރުކުރަން ހުރި ސަކޭރާ އެ ތުއްތު ކުއްޖާގެ މޫނަށް ބަލާލިއެވެ. އެއަށް ފަހު ފުން ނޭވާއެއް ބޭރުކޮށްލިއެވެ. "ޒޭބާ..."

ވައިގަދަވެ މެހެކްމެން ތިބި ބޯޅަ އަނެއްކާ ވެސް ދައުރުވާން ފެށިއެވެ. އޭގެ މިސްރާބު ހުރީ ދުނިޔެއާ ދިމާއަށެވެ. ވިލާތައް ފޫދުއްވާލާފަ ތިރިއަށް ދިޔަ ބޯޅައިގައި ތިބި ސަކޭރާއާ މެހެކްއަށް ފެންނަން ފެށީ މަލަމަތި ރީތި ރަށެކެވެ. ގޮނޑުދޮށުގައި އުޅުނު ދެކުދިންނެވެ. ޒޭބާ އާ ޒިބާންއާ އެކީގަ ބޮޑުވީ ދުނިޔޭގައެވެ. ޒިބާން ނުހަނު ލޯބިން ޒޭބާ ބަލައި ބޮޑުކުރީ އޭނާގެ އާއިލާއާ ދެކޮޅަށެވެ. ދެކުދިންގެ އަޒުމަކަށް ވެގެން ދިޔައީ އެކުދިންގެ މަންމަގެ މަރުގެ ބަދަލު ހިފުމެވެ.

ޟިރާރަށް ބަދަލުހިފަން ފެށި ކުޅިގަނޑުގައި ޒިބާންއަށް މަންޝާ ފެނި އޭނާ ދެކެ ލޯބިވެވުނެވެ. އަދި ޒޯއީއަށް މަންޝާ ބަލިވެއިނެވެ. ޒޭބާ ގާތްވީ މަންޝާގެ ފިރިމީހާ އަޒީމްއާއެވެ. އަޒީމްއާ އެކީ އުޅުމުގެ ތެރޭގައި ޒޭބާވެސް ބަނޑުބޮޑުވިއެވެ. ޒޯއީ އާއި މަންޝާ ސަލާމަތްކުރުމައްޓަކައި ޒޭބާ އޭނާގެ އަމިއްލަ ނަފްސު ގުރުބާން ކުރިއެވެ. މަންޝާގެ ދަރިފުޅު އުފަންކުރަން އޭނާ މަންޝާގެ ހަށިގަނޑު ތެރެއަށް ވަނީ މެހެކް ދުނިޔެއަށް އުފަން ކުރުމަށް ފަހުއެވެ. މަންޝާގެ ދަރިފުޅު ސަލާމަތުން ދުނިޔެއަށް ނޭވާލައިފިކަން ކަށަވަރުވުމުން މަންޝާގެ ހަށިގަނޑު ތެރެއިން ޒޭބާ ނިކުތެވެ. އޭރު މަންޝާ އޮތީ ހޭނެތިފައެވެ. އެހެންކަމުން ޒޭބާ އޭނާގެ ދަރިފުޅު ކައިރިއަށް ޖެހިލިއެވެ. އެމީހުން ތިބި ކޮޓަރިން ބޭރުގައި ކިޔަވަމުން ދިޔަ ކިޔެވެލީގެ އަޑު ގަދަވަމުން ދިޔައެވެ. އޭނާއަށް އެތަނަށް ނިކުންނަން މަޖުބޫރެވެ. އެކުދިން ސަލާމަތް ކުރެވޭނެހާ ވަގުތު ޒިބާނަށް ހޯދައިދޭން އޭނާ ބޭނުމެވެ.

ފަހު ފަހަރަށް ތުއްތު މެހެކްއާ ދިމާއަށް ޒޭބާ ބަލާލިއެވެ. "ދަރިފުޅާ މަންމަ އަބަދުވެސް ދަރިފުޅު ދެކެ ލޯބިވާނަން.. ދަރިފުޅު މަންޝާއަށް ދެރަގޮތެއް ވިޔަ ނުދޭތި.. ޒިބާންއާ މަންޝާއަކީ ދަރިފުޅުގެ މައިންބަފައިން ކަމުގަ ދެކޭތި..." މެއާލާ ކުއްޖާ ބޮނޑިކޮށްލި އިރު ޒޭބާގެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ ފައިބަމުން ދިޔައެވެ. ތުއްތު ދެކުދިން މަންޝާ ގާތުގައި ބޭއްވުމަށްފަހު މަންޝާގެ ބޮލުގައި ފިރުމާލަމުން ޒޭބާ ވާހަކަ ދެއްކިއެވެ. "މަންޝާ.. އަހަރެން މިދަނީ ޒިބާން ސަލާމަތް ކުރަން... ޒިބާނަށް އެއްވެސް ދެރަ ގޮތެއް ނުވާނެ...." ޒޭބާ ދައްކަމުން ދިޔަ ވާހަކަ މަންޝާއަށް ސާފެއް ނުވެއެވެ. އޭނާގެ ލޮލަށް ފެންނަމުން ދިޔަ މަންޒަރު މުޅިން ފުސްވެ އެކީ ލޯމެރުނެވެ. ދެން ޒޭބާ މިސްރާބު ޖެހީ އެކޮޓަރިން ބޭރަށް، ޒިބާން ސަލާމަތްކުރުމަށެވެ.

"ޒިބާން.. އަހަރެން ޒިބާން ސަލާމަތްކޮށްދޭނަން.. އަހަންނަށް އެކުދިންނާއި މަންޝާ ގެންދެވޭ ގޮތެއް ނުވި..." ޒޭބާ ވާހަކަ ދައްކަމުން އައިސް ހުއްޓުނީ ޟިރާރު ކުރިމައްޗަށެވެ. އެވަގުތު އެތާ ތިބި އެންމެންގެ ލޯ މައްޗަށް ޒޭބާ ފާޅުވީ އޭނާގެ އަތުގައި އޮތް އަނގޮއްޓި ނަގާ ޒިބާނާ ދިމާއަށް ހޫރާލުމުންނެވެ. "ނޫން... ޒޭބާ ތި ހެދީ ކިހިނެއް؟..." ޒިބާން އަނގޮއްޓީގައި ހިފަމުން ބުނެލިއެވެ. ޒޭބާ މިކަމުގެ ތެރޭގައި ނިމިގެން ދާން ބޭނުން ނުވާތީ ޒިބާން އެހިސާބަށް އައިސް އެކުރި މަސައްކަތް ވެސް ފެނަށް ދިޔައީއެވެ.

"ޒިބާން.. އަހަރެންނަށް ވީ ވައުދު ހަނދާން ބަހައްޓާތި؟... އަހަރެންނަށް ކުރެވުނު ކުށް ރަނގަޅުކުރަން މި މަސައްކަތް ކުރަނީ...." މިހެން ބުނެ ޒޭބާ މަސައްކަތް ކުރީ ޟިރާރުމެންނާ ކުރިމަތިލާށެވެ. އެންމެންގެ ލޯ މައްޗަށް ޒޭބާ ފާޅުވުމުން އެންމެން ހައިރާންވެފައި ބަލަން ތިއްބެވެ. މިވަނީ ކިހިނެއްކަމެއް އަލިބެއަކަށް ނޭނގުނެވެ. ޟިރާރުވެސް ހުރީ އަންތަރީސް ވެފައެވެ. އަޒީމް ޒޭބާއަށް ގޮވާލަން އަނގަހުޅުވާލި ވަގުތު ޟިރާރު ވާހަކަ ދެއްކުމުން އަޒީމް ހުއްޓުން އެރިއެވެ. "ކައޭޝާ... ކައޭޝާ ކިހިނެއް ދުނިޔޭގަ ތިހުރީ... އަހަރެން ކަލޭ ނައްތާލިން..."

"ކައޭޝާއޭ... އެއީ ކައޭޝާއެއް ނޫން.. އެއީ ޒޭބާ.... ޒޭބާވެސް ތީ ޖިންނިއެއްތަ؟..." އަޒީމްގެ ޖުމްލަ އަޑުއިވިފައި ޟިރާރު ހުރީ ވާނުވާ ނޭނގިފައެވެ. ޟިރާރަށް އެއީ ކައޭޝާ ކަން ޔަގީނެވެ. އަޑު ބާރުކޮށް ޒޭބާ ހިނިގަނޑެއް ޖަހާލިއެވެ. ވާނުވާ ނޭނގިފައި އެންމެން އެމަންޒަރު ބަލަން ތިއްބެވެ. ޟިރާރަށް އޭނާގެ މާޒީ ސިފަވި ކަހަލައެވެ. އެއީ ހަމަ އެ މޫނެވެ. ވަލުތެރެއިން ފެނިގެން ޟިރާރުގެ ހިިތް މޮޔަކޮށްލި ޒުވާނާއެވެ. ޒޭބާގެ މަންމަ މަރާލުމުން އެމީހުން ބަދަލުހިފަން އައި ގޮތް ޒޭބާ ކިޔައިދެމުން ދިޔައިރު އަލިބެމެން ދިޔައީ ޒޭބާ މަޅިއެއްގައި ޖައްސަން މަސައްކަތް ކުރަމުންނެވެ. ޒޭބާގެ ވަށައިގެން ފުރިހަމަ ބުރެއް ކުރަހާ ނިންމާލިއިރު ޒޭބާއަށް ކަމެއް ވީކަންވެސް ރޭކާނުލިއެވެ.

މަންޝާ ސަލާމަތްކުރަން ޒިބާން މަސައްކަތް ކުރަމުން ދިޔައިރު އޭނާއަށް ޒޭބާ ސަލާމަތް ނުކުރެވޭނެއެކޭ ހިތަކަށް ނާރައެވެ. މަންޝާއާ ދިމާކޮށްލައިގެން އުޅުނު ނުބައި މާރިދާއި ހަނގުރާމަ ކުރަމުންދިޔަ ޒިބާނަށް އެތަނުން ސަލާމަތްވެވުނީ އޭނާގެ ބައްޕަ ސައިބްރޯތު އެތަނަށް ފާޅުވުމުންނެވެ. އޭރު ޒިބާން ވަނީ ވަރަށް ބޮޑަށް ޒަޚަމް ވެފައެވެ. މިވަގުތު ޒިބާންގެ ފުރާނަ ސަލާމަތްކުރެވެން އޮތީ އެތަނުން ގޮސްގެންނެވެ. ނަމަވެސް ޒިބާން ގަދަ ހަދަމުން ދިޔައީ ޒޭބާ ސަލާމަތްކުރަން ދާށެވެ. ޒޭބާއަކީ ސައިބްރޯތު ނަފްތަރު ކުރާ ކުއްޖަކަށް ވީ ނަމަވެސް އެވަގުތު ޒޭބާއާ ދޭތެރެ އޭނާ ވިސްނާލިއެވެ. ނަމަވެސް މިހާރު ވަގުތު ފާއިތުވެއްޖެއެވެ. އޭރު ޒޭބާގެ ވޭނީ ރުއިމުގެ އަޑު އެސަރަހައްދުގައި ހިއްޕާލާފަ ހުއްޓެވެ. ޒޭބާގެ މުޅި ހަށިގަނޑުގައި ވަނީ ހުޅު ހިފާފައެވެ. އޭރު އަލިބެއާއެކީ ކިޔަވަން ތިބި ހަތް މީހުން ނުހުއްޓި ކިއެވެލި ކިޔަވަމުން ދިޔައެވެ. ޒޭބާ ގައިގާ އަލިފާން ރޯވެ އަނދަމުންދިޔައެވެ. އެންމެ ފަހުން އިވުނު ހަޅޭކުގެ އަޑާއި އެކީ ޒޭބާ ހައްޔަރުކޮށްފައިވާ ބުރުގެ ތެރެއިން މައްޗަށް ފާޅުވެގެން ދިޔަ ނޫކުލައިގެ އަލި ފެނުމާއެކީ ޒިބާންގެ ދެލޯ މަރާލިއެވެ.

ދެއަތުން މޫނު ނިވާކޮށްގެން އިނދެ މެހެކް ރޮމުން ދިޔައީ އެ ދެކުދިންނަށްޓަކައި އެތައްބަޔަކު ވީ ޤުރުބާނީ ފެނުމުންނެވެ. މެހެކްއަށް އެހެންވެދާނެ ކަން ސަކޭރާއަށް މާ ކުރިންވެސް އެނގުނެވެ. މާޒީގެ އެމަންޒަރުތަކުން ދުރަށް އެ ބޯޅަ ދަތުރު ފެއްޓީ ސަކޭރާގެ އިނގިލީގެ އިޝާރާތަށެވެ.

*** *** *** *** *** ***

ކޮޓަރިއަށް ވަދެ ނައުރީން ބަލާލީ އެނދުގައި ގަދައަށް ނިދާފައި އޮތް އަޒީމްއާ ދިމާއަށެވެ. ކޮންމެ ރެއަކު އޭނާއަށް މިދިމާވާ ކަންތައްތަކުން މިންޖުވާން އޭނާ ބޭނުމެވެ. މި ކަންތައްގަނޑުގެ ސަބަބުން އޭނާއަށް ބުނެދޭން ނޭނގޭ ކަހަލަ އިހްސާސްތަކެއް ކުރުވަނީއެވެ. ނުބައި ހުވަފެންތަކާއި ނުބައި ސިފަތަކަށް ތިބޭ ޝައިތޯނުންތައް އައިސް އޭނާގެ ގައިގާ ބީހޭކަށް ބޭނުމެއް ނޫނެވެ. ފެންވަރަން ފާހަނައަށް ވަދެ މާގަނޑު ދޮށުގައި އިން ނައުރީންއަށް ރޮވެނީއެވެ.

އަޒީމް ހޯދުމުގެ ނިޔަތުގައި އޭނާއަށް ހެދުނު ފަންޑިތައިގެ ސަބަބުން ޖެހިފައިވާ މުސީބާތުން އޭނާއަށް މިންޖުވެވޭނެ ބާއޭ ހިތަށް އެރިއެވެ. ފާހާނާއިން ނިކުތުމަށްފަހު ނައުރީން ރީތިވާންވެސް ބޭނުމެއް ނުވިއެވެ. ނިދަންލާ ހެދުން ގަޔަށް މަހާލުމަށްފަހު ގޮސް އެނދުގައި އޮށޯތީ ވެފައިވާ ވަރުބަލިކަމުން އަރާމުކަމެއް ހޯދާށެވެ. އެނދުގައި ޖެހުމާއެކީ ނައުރީންގެ ދެލޮލަށް ބަރުވެ ފުން ނިންޖަކުން ނިދިއްޖެއެވެ.

*** *** *** *** *** ***

ކޮވެލީގެ ރީތި ގޮވެލިތަކުން މުޅިރަށުތެރޭގެ ހަމަހިމޭންކަން ނަގާލައިފިއެވެ. ޝާކިރުގެ އުނގުގައި ބޯއަޅައިގެން އޮތް ލަތީފާއަށް ލޯހުޅުވާލެވުނީ ސިއްސައިގެން ދިއުމުންނެވެ. ފެނުނު ހުވަފެނުން އޭނާއަށް ބިރުން ހަޅޭއްލަވައިގަނެވުނެވެ. ނިދިޖެހިފައި އިން ޝާކިރު ސިއްސައިގެން ދިޔައީ ލަތީފާ ތޫލި ހަޅޭކުގެ އަޑުންނެވެ.

"ކިހިނެއްވީ؟.. ގަޑިން ކިހާއިރެއްތަ؟ ކޮބާ މަގޭ ފޯނު..." ޝާކިރު އިނީ ނިދާކަށް ނޫނެވެ. ނަމަވެސް ލޯބިވާ އަނބިމީހާގެ ހިތަށް ހަމަޖެހުމެއް ގެނުވަން އޭނާ ގޮވައިގެން ފަތްޖެހި އެނދުގައި އިށީނުމާއެކީ އޭނާއަށް ނިދުނީއެވެ.

ލަތީފާ ތެދުވެ ވަށައިގެން ގޯތިތެރެއަށް ނަޒަރު ހިންގާލިއެވެ. ދުވެފައި ގޮސް ގޭ ތެރެއަށް ވަނެވެ. އޭނާއަށް ދެންމެ އެ ފެނުނީ ހުވަފެނެއް ހެއްޔެވެ. އޭނާއަށް ލޯ ހުޅުވާލެވުނީ ކޮވެލީގެ އަޑުތަކުންނެވެ. އޭރު ލޯ ކުރިމަތީ ސީމާ ހުއްޓިގެން ބަލަން ހުރީ ތެމި ފޯވެގެންނެވެ. އޭނާގެ ހޭވިފައިވާ އިސްތަށިގަނޑުން ފެންތިކިތައް ފައިބަމުން ދިޔައެވެ. ލައިގެން ހުރި ހެދުންވެސް ވަނީ ތެމި ފޯވެފައެވެ. ލަތީފާގެ އަވަސްވެފައިވާ ހަރަކާތްތަކުން ޝާކިރުގެ ހިތަށް ނުތަނަވަސްކަމެއް ވެރިވިއެވެ. ފަތްޖެހި އެނދުގެ އެއްފަރާތެއްގައިވާ ފޯނު ނަގާ ގަޑިއަށް ބަލާލިއެވެ. ހަތެއް ޖެހީއެވެ. އަދިވެސް ކައުންސިލަރުގެ ފޯނެއް ނާދެއެވެ. ސީމާގެ ހަބަރެއް ނުލިބި ލަސްވަމުން ދާތީ ޝާކިރު ބޭނުންވީ ހަބަރުދަބަރު ބަލަން ރަށުތެރެއަށް ނިކުންނާށެވެ. ނަމަވެސް ލަތީފާގެ ހަރަކާތްތައް ހުރިގޮތުން ބޭރަށްދާން އޭނާ ފަސްޖެހުނެވެ.

ގޭތެރެއިން ބޭރަށް ނިކުތް ލަތީފާގެ މޫނުގެ ކުލަވަރުވަނީ މިލާ މޯޅިވެފައެވެ. ކަރު އެލުވާލައިގެން އައިސް ޝާކިރުގެ އަތުގައި ހިފަހައްޓަމުން އޭނާ ވާހަކަ ދެއްކީ ވަށައިގެން ގޯތި ތެރެއަށް ކަޅި ހިންގަމުންނެވެ. "އަހަރެން ހީކުރީ ސީމާ އައީ ކަމަށް.. އެމަންޖެ މިތާ ހުރީ ތެމިފޯވެގެން އަހަންނާ ދިމާއަށް ބަލަން... އެހެންވެ އެތެރެއަށް މިދިޔައީ ކޮބާތޯ ބަަލަން... އަޅެ ސީމާ ކޮބާތަ؟.. އަދިވެސް އޭނާ ނުފެނޭތަ؟..." ނުރޯން މަސައްކަތް ކޮށްގެން ހުއްޓަސް ވާހަކަ އެހިސާބަށް ދިޔައިރު އޭނާ ބަޑިފަޅައިގެން ހިނގައްޖެއެވެ.

ޝާކިރު، އޭނާގެ އަންހެނުން ގެނެސް މެއާލައި ބޮނޑިކޮށްލިއެވެ. ނިދުނު ކުޑަ ވަގުތުކޮޅު ލަތީފާއަށް އެމަންޖެ ހުވަފެނުން ފެނުނީ ކަމަށް ޝާކިރު ނިންމިއެވެ. "ފާހަނަކޮށްލައިގެން އާދޭ... އޮފީސް ހުޅުވަން ވާއިރަށް އޮފީސް ދަށަށް ދާން... އަދިވެސް ކައުންސިލަރު ނުގުޅާ... މިހާރު ވަރަށް އިރުވެއްޖެ... މިހެން ގޭގަ ތިއްބަކަސް ސީމާއެއް ނުފެންނާނެ..." ޝާކިރުގެ ނިންމުން ހާމަކުރުމުން އެކަމާ އެއްބަސްވަމުން ލަތީފާ ބޯޖަހާލިއެވެ. ދެއަތުން މޫނު ފޮހެލަމުން އޭނަ މިސްރާބު ޖެހީ ގިފިއްޔާ ދިމާއަށެވެ. ލަތީފާ ދިޔަ ދިމާއަށް ބަލަން ހުރުމަށްފަހު ފަތްޖެހި އެނދުގައި ޝާކިރު އިށީނެވެ. ދެއަތުން މޫނު ނިވާކޮށްލަމުން ދުލަށް އައިހާ ހެޔޮ އެއްޗެއް ކިޔަމުން ދިޔައީ އޭނާގެ ދަރިފުޅު ފެނޭތޯ ދުޢާ ކުރާ ހާލުގައެވެ.

ގިފިއްޔަށް ވަދެ ލަތީފާ ގާތްވެލީ ވަޅު ދޮށަށެވެ. ޖެހުނު ފިނި ވައިރޯޅިން ލަތީފާގެ ހިތަކަށް އެއްވެސް ހަމަޖެހުމެއް ނުލިބެއެވެ. ވަޔާއެކީ ގަސްތަކުގެ ފަތްތައް ހެލިލި އަޑަށް ލަތީފާއަށް އެދިމާ ބަލާލެވުނީ ހިތުގައި އުފެދިފައިވާ ވަހުމަކީ ހަގީގަތެއްތޯ ބަލާށެވެ. ގަސްތަކުގެ ކައިރީ ސިމާ ފިލާ ހުރީއޭ އޭނާގެ ހިތް ބުނަމުން ދިޔައެވެ. އެތާކުވެސް ސީމާއެއް ނެތެވެ.

ދެލޯ މަރާލުމަށްފަހު އޭނާ ދާނި ނަގާ ވަޅުތެރެއަށް ގަންބާލީ މޫނު ދޮވެލާ ރީތިވެލާށެވެ. ދާނިގޮސް ވަޅުތެރޭގައިވާ ފެންމަތީ ޖެހުނު އަޑު މުޅި ގިފިލިތެރޭގައިވާ ހަމަހިމޭންކަން ނަގާލިއެވެ. ދާނި ވަޅަށް ގަންބާލަން ލަތީފާ އަތުން ބާރެއްލާ ދާނި ކޮށްޕާލި އިރު އޭނާއަށް މަންމާއޭ ކިޔާފައި ގޮވާލި ކަހަލަ އަޑެއް އިވުމުން ސިއްސައިގެން ދިޔައެވެ. އެއީވެސް ވަހުމެއްކަމަށް ނިންމައިގެން ހުރެ ލަތީފާ ދެލޯ މަރާ ބާރުކޮށްލިއެވެ. އޭނާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ހިފަހައްޓަން މަސައްކަތް ކުރީ އާ ހިތްވަރަކާއެކީ ނިކުންނަން އަޒުމް ކަނޑައަޅައިގެންނެވެ.

ފުރަތަމަ ނެގި ފެން ދާނިން މޫނުގައި ފެން ފޮދެއް ހާކާލިއެވެ. އަނގަޔަށް ފެން ކޯވަރެއްލާ ކޯ ދޮވެލިއެވެ. އެއަށްފަހު ދެއަތާއި ފައި ދޮވެލަން އަދި ފެން ފޮދެއް ނެގުމަށް ދާނި ވަޅުތެރެއަށް ކޮއްޕާލަމުން ލަތީފާ ވަޅު ތެރެއަށް ގުދުވިއެވެ. ފެނުނު މަންޒަރުން ލަތީފާގެ އަތުން ދާނި ދޫވެ ވަޅުތެރެއަށް ވެއްޓުނެވެ. އަޑުގެ ނެތްތަނަށް ލަތީފާ ހަޅޭއްލަވައިގަތީ ބިރުން ފިތްކަނޑައިގެން ގޮސްފައިވާ ހާލުގައެވެ.

އެ އަޑަށް ގޯތިތެރޭ ހުރި ފަތްޖެހި އެނދުގައި އިށީނދެގެން އިން ޝާކިރުގެ ހަތަރެސްފައި ކޮޅަށް ޖެހުނެވެ. ލަތީފާއަށް ކަމެއްވީބާވައޭ ހިތާ ޝާކިރުގެ ފަޔަށް ލެވުނުހާ ބާރެއްލާ ގިފިއްޔާ ދިމާއަށް ދުއްވައިގަތީ މުންޑުގަނޑު އަރުވާ ޖަހަމުންނެވެ. ގިފިލީގެ ދޮރުގައި ހިފާ ހުޅުވާލި އިރު ޝާކިރުގެ ދެލޯ ބޮޑުވެގެން ދިޔައީ ލަތީފާ އޮތްގޮތް ފެނުމުންނެވެ. "ލަތީފާ... މޮޔަވީތަ؟... އޭ މަރުވާންތަ ތިއުޅެނީ..."

(ނުނިމޭ)