ޒަމާނުއްސުރެ ދިވެހިންނަކީ މަސައްކަތްތެރި ބަޔަކަށްވާއިރު އަބަދުވެސް އަމިއްލަ އުފެއްދުންތައް ތައްޔާރު ކުރުމުގައި ދިވެހީންނަކީ ނަމޫނާ ބައެކެވެ. އެގޮތުން ރޯނު ވެށުމާއި ފަންގި ވިނުމާއި ތަފާތު ބާވަތްތަކުގެ ކާނާ ތައްޔާރު ކުރުމަކީވެސް އިހު ޒަމާނުއްސުރެ ކުރަމުންދިޔަ މަސައްކަތެވެ.
އަދި އެފަދަ މަސައްކަތްތައް ކުރަމުންދާ މައިންބަފައިން ނުވަތަ އާއިލާ މީހުން މިފަނާ ކުރަނިވި ދުނިޔެއާއި އަލްވަދާއު ކިޔުމުންވެސް އެ މަސައްކަތެއް ކޮށް ދެމެހެއްޓޭތޯ މަސައްކަތް ކުރާ ދަރިންނާއި އާއިލާ މީހުން ގިނައެވެ.
އެގޮތުން މިއަދުގެ ލިޔުމުގައި ވެސް މި ގެނެސްދެނީ މަންމަގެ މަސައްކަތް ދިރުވާ އާލާ ކުރުމަށްޓަކާ ދަރިއަކު ކުރަމުންދާ ބުރަ މަސައްކަތުގެ ވާހަކައެވެ. އެއީ ދިވެހީންގެ ތެރޭގައި ވެސް މަގުބޫލު އުފެއްދުމެއް ކަމަށްވާ 'ސަކީނާސް'ގެ މަސައްކަތް ކުރަމުން އަންނަ އައިމިނަތު ޝިފާއެވެ. ވަޒީފާއެއްގެ ގޮތުގައި ސޭލްސް ދާއިރާގައި ބުރަ މަސްއޫލިއްޔަތު އަދާކުރުމުގެ އިތުރުން މަންމަގެ މަސައްކަތް ދިރުވާ އާލާކުރުމަށް ޝިފާ ފެށި މި މަސައްކަތަކީ ލޯތްބާއެކު ހިތް ޖެހިގެން ކުރަމުން އަންނަ މަސައްކަތެކެވެ.
ކުޑައިރުން ފެށިގެން ވެސް މަންމައަށް އަތްގާތްކޮށް ދިނުމަށް ބަދިގޭގައި އަބަދުވެސް އުޅުނު ޝިފާ މަންމަގެ މި މަސައްކަތާ އެންމެ ފުރަތަމަ ހަވާލުވީ 2011 ވަނަ އަހަރު ބައްޕައަށް ސްޓްރޯކެއް ޖެހި އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް އޭނާގެ މަންމަ ދާން ޖެހުމުންނެވެ. އޭރުވެސް ލޮނުމިރުސް ތައްޔާރުކޮށް ފިހާރައަކަށް ލައިގެން އޭގެ ވިޔަފާރި ކުރަމުންދިޔަ މަންމަ ވިޔަފާރި ދޫކޮށް ދާންޖެހުމުން އުފެދުނު ނުތަނަވަސްކަމަށް ހައްލެއް ހޯދާ ދިނުމަށް ޝިފާ އިސް ނަގައިގެން މަންމަ ތައްޔާރު ކުރަމުން ދިޔަ ރެސިޕީއަށް ލޮނުމިރުސް ތައްޔާރު ކުރަން ހަވާލުވިއެވެ.
ކުއްލިއަކަށް އެފަދަ ޒިންމާ ބޮޑު ކަމެއް ކުރަން ޖެހިލުން ނުވި ސަބަބެއްގެ ގޮތުގައި ޝިފާ ފާހަގަ ކުރީ މަންމައާއެކު ބަދިގޭގައި ހޭދަކުރި ދުވަސްތަކުގައި ލޮނުމިރުހުގެ ރެސިޕީ އޭނާއަށް އެނގިފައި ވުމެވެ. އަދި އެއަށްފަހު 2013 ވަނަ އަހަރު މަންމަ ނިޔާވުމުން ވެސް މަންމަގެ ވިޔަފާރި ދަމަހައްޓަން ޝިފާ ސާބިތުކަން ދެއްކީ އޭނާގެ މިންނަތް މަސައްކަތުންނެވެ.
ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްގެން މި މަސައްކަތް ކުރަން ޝިފާ ބޭނުންވީ މަންމަގެ 'ލެގަސީ' އެންމެ ރަނގަޅު ގޮތުގައި ދެމެހެއްޓުމުގެ ބޭނުމުގައެވެ. މިފަދަ ބުރަ މަސައްކަތެއް ކުރުމުގައި ވެސް އެއްބަނޑު އެއްބަފާ ހުރިހާ އެންމެންގެ ވެސް އެހީތެރިކަމާއި އެއްބާރުލުން ލިބޭކަން ޝިފާ ފާހަގަކުރީ އުފަލާއެކުއެވެ.
ލޮނުމިރުހުގެ އިތުރުން ޝިފާ ދަނީ އަސާރައާއި ލޮނު ލުނބޯ ތައްޔާރުކުރަމުންނެވެ. ކެރެޓް އަސާރަ އަދި ކެރެޓް ކަދުރު އަސާރަ އާއި ބަތް ކެއުމަށް ހާއްސަ ލޮނުމިރުސް ވެސް ތައްޔާރުކުރެއެވެ. އަދި އާންމުންގެ އެންމެ ބޮޑު މަގުބޫލު ކަމެއް ލިބިފައި ވަނީ ކެރެޓް ކަދުރު އަސާރައާއި މަސްފިހާ ލޮނުމިރުހަށް ކަމަށް ޝިފާ ފާހަގަ ކުރިއެވެ.
ރޯދަމަހަށް ހާއްސަކޮށް މި ބާވަތްތައް ހަދިޔާގެ ގޮތުގައި އެކަކު އަނެކަކަށް ބަދަލު ކުރުމަށް ޝިފާ ދަނީ ހާއްސަ ޕެކޭޖެއް ވެސް ފޯރުކޮށްދެމުންނެވެ. އެފަދަ ހިޔާލެއް އައީ ދިވެހީންގެ ތެރޭގައި އޮންނަ ރީތި އާދައެއް ކަމަށްވާ ހަދިޔާ ބަދަލު ކުރުމުގެ އާދަކާދަތަކަށް ބެލުމަށްފަހު ކަމަށް ވެއެވެ.
"ހަދިޔާ ދިނުމުގެ އާދައަށް ވިސްނާފަ 'ބްރެއިންސްޓޯމް' ކޮށްގެން މީތި ގެނެވުނީ ދެން ބޭބެ އާއި ފިރިމީހާގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބުނު އެކަން ކުރުމަށް އެ ދެ މީހުންނަކީ ވެސް ޑިޒައިނިންގެ ދާއިރާގައި އުޅޭ މީހުންނަށްވީމަ ވަރަށް އީޒީވި" ޝިފާ
މި ދަތުރުގައި ޝިފާ ހަނދާނުން ފޮހެލަން ދަތި ދުވަހެއްގެ ގޮތުގައި ފާހަގަ ކުރީ މަންމަ ނިޔާވި އަހަރު ސާޖަރީއެއް ހެދުމަށް ރާއްޖެއިން ބޭރަށް ފުރައިގެން ދިއުމުގެ ކުރިން ދެކެވުނު ވާހަކަތަކެވެ. މަންމަގެ ވިޔަފާރި ހިންގުމަށް ބޭނުންވާ ސާމާނު ހުރި ތަންތަނުގެ ތަފްސީލު ދިނުމަށްފަހު މަންމަގެ އެދުމަކަށްވީ ދުނިޔޭގައި ނެތް ދުވަހަކުން ވެސް މި ވިޔަފާރި ކުރިއަށް ގެންދިއުމަށެވެ. ވަޒީފާ އަދާ ކުރަމުން ބުރަކޮށް އުޅުނު ނަމަވެސް މިކަން ކުރުމަށް ހިތްވަރު ލިބޭ އެންމެ ބޮޑު ކަމަކީ މަންމަގެ އެ ވަސިއްޔަތް ކަމަށް ޝިފާ ބުނެއެވެ.
ވިޔަފާރިއެއް ފެށުމުގެ ވިސްނުން ގެންގުޅޭ ކުދިންނަށް ޝިފާ ދިން ނަސޭހަތަކީ އެކަމަށް ދޭން ޖެހޭ ވަގުތު ހުސްކޮށްގެން ޝައުގުވެރިކަމާއެކު ކުރިއަށް ދިއުމަށެވެ. އަދި ވަޒީފާއަކަށް ދިއުމުގެ އިތުރުން ވެސް މިފަދަ ކަމެއް ކުރެވިދާނެ ކަމަށާއި އެކަމުގައި ބޭނުންވަނީ ހިތްވަރު ދޭނެ ރަނގަޅު ގާތް ބަޔަކު އެކުގައި ހުރުމެވެ. އަދި އެކަމަކަށް އަޒުމު ކަނޑައަޅައިގެން ކުރިއަށްދާން މަސައްކަތް ކުރާ ކޮންމެ މީހަކަށްވެސް ކާމިޔާބު ލިބޭނެ ކަމަށް ޝިފާ ބުންޏެވެ.
މިފަދަ ވިޔަފާރިއެއް ކުރިއަށް ދިއުމުގެ ފަހަތުގައި ޝިފާ ހުރުމުގެ އެންމެ ބޮޑު އެއް ހިތްވަރަކީ އާއިލާއާއި ރައްޓެހިންނެވެ. ހާއްސަކޮށް އެއްބަނޑު އެއްބަފާ ތިން ބެއިންނާއި އެ މީހުންގެ އަނބިން އަދި ފިރިން ދޭ އެހީތެރިކަމާއި އެއްބާރުލުމަކީ ޝިފާ މިހިސާބަށް އާދެވުނު އެންމެ ބޮޑު އަސްލެވެ. އެ ހުރިހާ ފަރާތްތަކަށްވެސް ޝިފާ ޝުކުރު އަދާ ކުރީ ހިތުގެ އެންމެ ފުންމިނުންނެވެ. އަދި ވިޔަފާރިއެއް ކުރިއެރުމުގައި އެންމެ ބޮޑު އެއް ދައުރެއް އަދާ ކުރާ ބަޔަކީ ކަސްޓަމަރުންކަން ފާހަގަކޮށް ޝިފާ ވަނީ ޕްރޮޑަކްޓްތައް ގަންނަ ފަރާތްތަކަށްވެސް ހާއްސަ ޝުކުރެއް އަދާކޮށްފައެވެ.
