ޒިކުރާ މިސްކިތް މިހާރު ހުރި ބިމުގައި ބިނާކުރާ ޒަމާނީ އާ މިސްކިތުގެ ބިންގާ އަޅައިފިއެވެ.
މިކަމަށްޓަކައި މިރޭ ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައި މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އަމިއްލަ ފަރާތެއްގެ އެހީތެރިކަމާއެކު ބިނާ ކުރާ މި މިސްކިތަކީ ތިން ފަންގިފިލާގެ މިސްކިތެއްކަމަށެވެ. އެގޮތުން މި މިސްކިތުގައި އަރާފޭބުމަށް ފަސޭހައަށް ލިފްޓު ހަރުކުރަން ހަމަޖެހިފައިވާކަމަށް އެމިނިސްޓްރީން ހާމަކޮށްފައިވެއެވެ.
މި މިސްކިތް ވެގެންދާނީ މާލެ ސަރަހައްދުގައި އެޅިގެންދާ ޖާގަ ތަނަވަސް މިސްކިތަކަކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.
1500 މީހުންގެ ޖާގައިގެ މި މިސްކިތުގެ އަމަލީ މަސައްކަތް ރޯދަ މަސް ނިމުމާއެކު ފެށުމަށް ވަނީ ހަމަޖެހިފައެވެ.
މިއީ މާލެ ސަރަހައްދުގައި ބިނާކޮށްފައިވާ ދުވަސްވީ މިސްކިތްތަކުގެ ބަދަލުގައި ޒަމާނީ އާ މިސްކިތްތަކެއް ބިނާކުރުމަށް އިސްލާމިކް މިނިސްޓްރީން ކުރަމުންދާ މަސައްކަތުގެ ދަށުން ކުރިއަށް ގެންދެވޭ މަޝްރޫއެކެވެ.
