ދަރިންނަށް ދެ އަހަރު ވަންދެން މުވައްޒަފުންނަށް ހުސްވަގުތު ދޭގޮތަށް އިސްލާހު ކުރި ގާނޫނު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައިފިއެވެ.

މިއަދު ތަސްދީގުކުރެއްވި ވަޒީފާއާބެހޭ ގާނޫނަށް 9 ވަނަ އިސްލާހް ގެނައުމުގެ ބިލަކީ، މިއަހަރުގެ މާރިޗު 8 ވީ އާދިއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ފާސްކުރި ބިލެކެވެ.

މި އިސްލާހުގެ ގެނައުމުގެ ބޭނުމަކީ، ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތާ ދެމެދު ވެވޭ ވަޒީފާގެ އެއްބަސްވުން ބާތިލުކުރުމުގެ އުސޫލުތައް ހަރުދަނާކޮށް، ބިދޭސީ މުވައްޒަފުން ގެނައުމަށްޓަކައި ގާނޫނުގެ ދަށުން ދައްކަންޖެހޭ ކޯޓާ ފީ މުރާޖާކޮށް، ކޯޓާ ފީ ދެއްކުމުން ބައެއް ފަރާތްތައް އިސްތިސްނާކުރުމުގެ އުސޫލު ބަޔާންކުރުމަށާއި، އެނޫންވެސް ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތުގެ ހައްގުތައް ކަށަވަރުކޮށް އެ ހައްގުތައް ލިއްބައިދޭ މޭރުމުން، ގާނޫނު ތަންފީޒުކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރުމެވެ.

އެގޮތުން މިގާނޫނަށް ގެނެވުނު އިސްލާހުތަކުގެ ތެރޭގައި، ވިހެއުމާގުޅިގެން ލިބޭ ޗުއްޓީ ހަމަކޮށް ވަޒީފާއަށް ނުކުންނަ ދުވަހުން ފެށިގެން ދަރިފުޅުގެ އުމުރުން 2 އަހަރު ފުރުމާ ހަމައަށް ކުއްޖާ ބެލުމަށް ވަގުތު ދިނުމަށް ވަނީ ކަނޑައަޅާފައެވެ. މީގެއިތުރުން، އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިއަށް ނިސްބަތްވާ ވަޒީފާދޭ ފަރާތްތައް ގާނޫނުގެ ދަށުން ދައްކަންޖެހޭ، ވަކި ވިޔަފާރިތަކެއް، ކޯޓާފީ ދެއްކުމުން އިސްތިސްނާކުރުމަށް، ވަޒީރުންގެ މަޖިލީހަށް ނިންމި ދާނެކަމަށް ބިލުގައި ކަނޑައަޅާފައިވެއެވެ. އަދި، ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ ދުވަހަކީ ގާނޫނުގެ ދަށުން ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައިވެސް ވަނީ ކަނޑައަޅާފައެވެ.