މި މަހުގެ 17 ވަނަ ދުވަހު ކޮންސްޓަރަކްޝަން ސައިޓެއްގައި މަސައްކަތް ކުރަން އުޅުނު ބިދޭސީއެއްގެ މޫނަށް ހެރުނު ދަނގަޑު ހަށިގަނޑުގެ ތެރެއަށް ވަދެގެން ގޮސް މައިތިރިވީ އުކުޅުވަޅުގެ ކަށިގަނޑުގައި ޖެހިގެން ކަމަށް އޭޑީކޭއިން ބުނެފިއެވެ.

ހ. ޒާހަމްގައި މަސައްކަތް ކުރަނިކޮށް މިމަހުގެ 17 ވަނަ ދުވަހު ދަގަނޑެއް ހެރުނީ ރަޝީދް ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ)ގެ ބަންގްލަދޭޝް މުވައްޒަފެއްގެ ގަޔަށެވެ. އެ ހާދިސާ ހިނގީ ވައިގޮޅިން އިމާރާތުގެ ހަ ވަނަ ބުރިއަށް ދަގަނޑުތަކެއް އަރުވަން އުޅުމުގެ ތެރޭގައެވެ.

އެ ހާދިސާއާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް އޭޑީކޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ހޮސްޕިޓަލުން ވާހަކަ ދެއްކި ޑޮކްޓަރުންގެ ޓީމުން ބުނީ ބިދޭސީ މީހާ ގަޔަށް ވަދެފައި ހުރި ދަނގަޑު ނަގަން ވަރަށް ބުރަ މަސައްކަތްތަކެއް ކުރަން ޖެހުނު ކަމަށާއިި ބިދޭސީގެ ހަށިގަނޑަށް ދަގަނޑު ވަދެފައި ވަނީ ނޭފަތުގެ ކަށިތައް މުގުރާލާފައި ގޮސް ތަލި ފުނޑާލުމަށްފަހު ކަމަށެވެ. އަދި މައިބަދައިގައި ޖެހި މައިބަދައިގެ ފުރަތަމަ ތިން ބަދައިގައި ކުރިމަތި މުގުރައިގެން ގޮސްފައި ޑޮކްޓަރުން ފާހަގަކުރިއެވެ.

އޭގެ ފަހުން ދަގަނޑު ފުއްޕާމޭގެ އެއް ބައިގައި ޖެހުމަށްފަހު ޑަޔަފްރަމް މަސްގަނޑާއި ބަނޑުގެ މަސްގަނޑުގެ ފޫއަޅުވާލުމަށްފަހު ގޮސް އުކުޅުވަޅުގެ ކަށިގަނޑުގައި ޖެހުނު ކަމަށާއި އެ ކަށިކޮޅުގައި ނުޖެހުނު ނަމަ ފައިވަޅުން ދަނގަޑު ނިކުތީސް ކަމަށްވެސް ޑޮކްޓަރު ބުނެއެވެ.

އެ ޓީމުން ބުނީ އެ ދަނގަޑު ނަގަން ނޑު އެއްކޮށް ހުޅުވާލި ކަމަށާއި ދަނގަޑު ބުރިކުރާނެ އާލަތްތައް ނެތުމުން އެފަދަ ހާލަތެއް އައިސްދާނެ ކަމަށްޓަަކައި މެއިންޓަނެންސް ޓީމު ތައްޔާރު ކުރިން ކަމަށެވެ. އަދި އެ ދަނގަޑު ނެގީ އެއް ސެންޓިމީޓަރުން މަޑުމަޑުން ކަމަށާއި އެ މީހާގެ ގައިން ގާތްގަނޑަކަށް 7 ލީޓަރުގެ ލޭ ފޭބި ކަމަށް ޑޮކްޓަރުންގެ ޓީމުން ފާހަގަކުރިއެވެ.

އެ ހާދިސާގައި އޭނާގެ ފުރާނައަށް ގެއްލުންވާނެ ކަންތަކެއް ހިނގާފައި ހުރިކަން ފާހަގަކުރަމުން އެ ޓީމުން ބުނީ ދަގަނޑު ވަދެގެން ދިޔައީ ހިތާއި މައި ލޭހޮޅިތައް ގާތުންކަމަށް ވެފައި ފުރާނައަށް ގެއްލުން ވެދާނެ ފުރުސަތުތަކެއް ހުރިކަން ކަމަށެވެ.

މަސައްކަތުގެ ތެރެއިން ހިނގާ ހިތާމަވެރި ހާދިސާތައް މަދުކުރުމަށް މަސައްކަތްތެރިންގެ ރައްކާތެރިކަން ކަށަވަރުކޮށްދޭން ހުރިހާ ފަރާތްތަކުންވެސް މަސައްކަތްކޮށްދިނުމަށް އޭޑީކޭ ހޮސްޕިޓަލުން ވަނީ އިލްތިމާސްކޮށްފައެވެ.

އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑައިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ ޒަހަމްވި މަސައްކަތްތެރިޔާގެ ފުރާނަ ސަލާމަތް ކުރެވުނީ ގިނަ ބަޔަކު ކުރި މަސައްކަތުން ﷲގެ ވާގިފުޅާއެކު ކަމަށާއި އޭނާގެ ފުރާނަ ސަލާމަތްކުރަން 9 ގަޑިއިރު ވަންދެން ސާޖަރީތައް ހަދަމުންދިޔަ ކަމަށެވެ. އަދި ދެ ދުވަހު އޭނާ މެޑިކަލް ކޯމާއެއްގައި ބާއްވެގެން ފަރުވާދީފައިވާ ކަމަށާއި މިހާރު އޭނާ ހޮސްޕިޓަލުގައި އޮންނަތާ 11 ދުވަސްވެފައިވާއިރު ހިނގާ ބިނގާވެ، ވާހަކަދައްކާ ހަދާ އުޅޭކަމަށް އަފްއާލް ފާހަގަކުރެއްވިއެވެ.

އަފްއާލް ވިދާޅުވީ ސޭފްޓީ ސްޓޭންޑާޑްސްތަކެއް ގާއިމްކޮށް އެކަން ކުރުމަށް ހުރިހާ ކޮންސްްޓްރަކްޝަން ކުންފުނިތަކަށާއި އެފަދަ މަސައްކަތް ކުރާ ފަރާތްތަކަށް އަންގާފައިވާތާ މިހާރު 8 ވަރަކަށް އަހަރުވެއްޖެ ކަމަށާއި ދިވެހިރާއްޖޭގައި މަސައްކަތްތައް ކުރާ ތަންތަނުގެ ސަލާމަތީ ކަންކަން ވަރަށް ބޮޑަށް ވަރުގަދަކޮށް އެ ވާހަކަ އެބަ ދައްކަންޖެހޭ ކަމަށެވެ.