ވަޒީފާއާބެހޭ ގާނޫނަށް ގެނެވުނު އާ އިސްލާހާއެކު، ވަޒީފާ އަދާކުރާ މައިންނަށް ލިބިގެންދިޔަ ލުއިތަކަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ނުހަނު ހޫނު މަރުހަބާއެއް ވިދާޅުވެއްޖެއެވެ.
މި އިސްލާހުގެ ދަށުން މުވައްޒަފުންގެ ދަރިފުޅަށް ދެ އަހަރު ފުރެންދެން، ކުޑަކުދިން ބެލެހެއްޓުމަށްޓަކައި ވަޒީފާގެ ގަޑިން ހުސްވަގުތު ދޭގޮތަށް ވަނީ ހަމަޖެހިފައެވެ.
މި ނިންމުމާ ގުޅޭގޮތުން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ފަސްޓް ލޭޑީ ވިދާޅުވީ، މިއީ ވަޒީފާ އަދާކުރާ މައިންނަށް އެކަނބަލުންގެ މަސައްކަތާއި އާއިލީ ޒިންމާތައް އެއްހަމައެއްގައި ކުރިއަށް ގެންދިއުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ. މި ބަދަލުގެ ސަބަބުން ވަޒީފާގެ މާހައުލުގައި އަންހެނުންނަށް ކުރިމަތިވާ ގޮންޖެހުންތަކަށް ބޮޑު ހައްލެއް ލިބިގެންދާނެކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، މި އިސްލާހަކީ މައިންގެ ދުޅަހެޔޮކަން އިތުރުކުރުމަށާއި، މެދުނުކެނޑި ގާތުންކިރު ދިނުމަށް މަގުފަހިކޮށްދޭނެ ކަމެއްގެ ގޮތުގައި އެކަމަނާ ސިފަކުރެއްވިއެވެ. މިއީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ކަނޑައަޅާފައިވާ ކާނާގެ މިންގަނޑުތަކުގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ލިބިގެންދާނެ ވަރަށް ބޮޑު އެހީތެރިކަމެއް ކަމަށްވެސް ފަސްޓް ލޭޑީ ވިދާޅުވިއެވެ.
މި އިސްލާހަކީ މަސައްކަތުގެ މާހައުލަކީ އާއިލާ އާއި ވަޒީފާގެ އެއްހަމައެއްގައި ހިފެހެއްޓޭނެ ތަނަކަށް ހެދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެކެވެ. މީގެ ސަބަބުން ދަރިފުޅުގެ ކުރިމަގަށާއި މައިންގެ ސިއްހަތަށް ރަނގަޅު އަސަރުތަކެއް ކުރާނެއެވެ
ދަރިންނަށް ދެ އަހަރު ވަންދެން މުވައްޒަފުންނަށް ހުސްވަގުތު ދޭގޮތަށް އިސްލާހު ކުރި ގާނޫނު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވީ މިދިޔަ ހޮނިހިރު ދުވަހުއެވެ. ވަޒީފާއާބެހޭ ގާނޫނަށް 9 ވަނަ އިސްލާހް ގެނައުމުގެ ބިލަކީ، މިއަހަރުގެ މާރިޗު 8 ވީ އާދިއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ފާސްކުރި ބިލެކެވެ.
ވަޒީފާއާބެހޭ ގާނޫނަށް ގެނެވުނު އިސްލާހުތަކުގެ ތެރޭގައި، ވިހެއުމާގުޅިގެން ލިބޭ ޗުއްޓީ ހަމަކޮށް ވަޒީފާއަށް ނުކުންނަ ދުވަހުން ފެށިގެން ދަރިފުޅުގެ އުމުރުން 2 އަހަރު ފުރުމާ ހަމައަށް ކުއްޖާ ބެލުމަށް ވަގުތު ދިނުމަށް ވަނީ ކަނޑައަޅާފައެވެ. މީގެއިތުރުން، އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިއަށް ނިސްބަތްވާ ވަޒީފާދޭ ފަރާތްތައް ގާނޫނުގެ ދަށުން ދައްކަންޖެހޭ، ވަކި ވިޔަފާރިތަކެއް، ކޯޓާފީ ދެއްކުމުން އިސްތިސްނާކުރުމަށް، ވަޒީރުންގެ މަޖިލީހަށް ނިންމި ދާނެކަމަށް ބިލުގައި ކަނޑައަޅާފައިވެއެވެ. އަދި، ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ ދުވަހަކީ ގާނޫނުގެ ދަށުން ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައިވެސް ވަނީ ކަނޑައަޅާފައެވެ.
