އެމްޑީޕީން ގަބޫލު ކުރަނީ ގާނޫނު އަސާސީގައި އަތްލާން ޖެހޭނީ އެހެން ފަރުވާއެއް ނެތުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މިހާރު އޮތް ކައުންސިލްތަކުގެ ދައުރު ދަންމާލުމަށް ގާނޫނުއަސާސީއަށް އިސްލާހު ހުށަހެޅުމުން އެކަން އެގޮތަށް ކުރެވިދާނެތޯ ސުވާލު އުފައްދަވާ މެންބަރުންގެ ހިޔާލަށް ހުޅުވާލި މައްސަލައިގައި ފެލިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަޒުލް ރަޝީދު، ބަހުސް ކުރައްވަމުން ދެއްކެވި ވާހަކައަށް ރައްދު ދެއްވާ ނަޝީދު ވިދާޅުވީ މީގެ ކުރިން ގާނޫނު އަސަސީއަކީ އިސްލާހު ކުރަން އުނދަގޫ އެއްޗެއް ކަމަށާއި މިހާރުވެސް ގާނޫނު އަސާސީ އަކީ އިސްލާހު ކުރަން ފަސޭހަ އެއްޗެއް ނޫން ކަމަށެވެ.

ދިވެހިރާއްޖޭގެ ތިންބައިކުޅަ ދެބައިގެ މީހުންގެ އަޣުލަބިއްޔަތު އެމްޑީޕީއަށް ދީފައި ވާކަން ފާހަގަ ކުރައްވާ ނަޝީދު ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތުގައި ގާނޫނު އަސާސީ އިސްލާހު ނުކުރަން ލިޔެފައި ވަނީ ސަބަބެއް އޮވެގެން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ފަޒުލް ވިދާޅުވީ، ގާނޫނުއަސާސީގައި އިންތިހާބު ފަސްކުރުމަށް ގޮތްތަކެއް ކަނޑައަޅާފައިވާ ކަމަށާއި އެހެން އެކަން އޮއްވާ މަޖިލީހުން ވަކިގޮތަކަށް ކަން ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ. އެހެން ކަމުން ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމަށް ކަމާ ގުޅޭ ކޯޓަކަށް ހުށަހެޅުމަށް ފަޒުލް ގޮވާލެއްވިއެވެ.

އެމްޑީޕީގެ ބޭފުޅުން ދެކޭގޮތުގައި ގާނޫނު އަސާސީގައި އަތްލާން ޖެހޭނީ އެހެން ފަރުވާއެއް، އެހެން ހައްލެއް ނުލިބޭ ކަމަށްވާނަމަ
ރައީސް މުހައްމަދު ނަޝީދު

މީގެ އިތުރުން ނަޝީދުގެ ވާހަކައިގައި، ގާނޫނު އަސާސީއަށް ރާއްޖޭގައި އިސްލާހު ގެނެސްފައިވާ ކަންކަމުގެ ވާހަކަ ފާހަގަ ކުރައްވަމުން ވިދާޅުވީ އެއް ރެއެއްގެ ތިން ސިކުންތުންވެސް ގާނޫނު އަސާސީއަށް ބަދަލު ގެނެސްފައިވާ ކަމަށާއި ރާއްޖެ ވިއްކާލުމަށާއި ރާއްޖޭގެ އަތޮޅެއް ބޭރު ބަޔަކަށް ހިލޭ ދިނުމަށް ނިންމާފައިވާ ކަމަށާއި ވެރިކަމުގައި ގިނަ ދުވަހު ހުރުމަށާއި ރަދުން ވެރިކަމުން ދުރުކުރުމަށާއި އުއްތަމަ ފަނޑިޔާރު ގޭގައި ބެހެއްޓުން ފަދަ ކަންކަމުގައި ގާނޫނު އަސާސިއަށް ބަޔަކު އިސްލާހު ގެނެސްފައި ވާކަމަށެވެ. ނަޝީދު އެ އިޝާރާތް ކުރެއްވީ ނިމިދިޔަ ރައީސް ޔާމީނުގެ ވެރިކަމަށެވެ. އެ ވެރިކަމުގައި ބޮޑެތި އިސްލާހުތަކެއް ގެނެސް ގިނަ ފަނޑިޔާރުގެއަށާއި، އެނޫސްވެސް ގާނޫނީ އެތައް ބަދަލުތަކެއް ގެނެސްފައިވެއެވެ.