އިދިކޮޅުން ކޮންމެ ވާހައެއް ދެއްކިއަސް، ކުރިއަށް ލޯކަލް ކައުންސިލް އިންތިހާބުގައި ރައީސް ޑރ. މުއިއްޒުގެ ތާއީދު އޮތީ ޕީއެންސީގެ ކެންޑިޑޭޓުންނަށްކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ މިއަދު ކުރިއަށްދިޔަ ޕީއެންސީގެ ހުޅުމާލެ ދެކުނު ދާއިރާގެ ކެންޑިޑޭޓުންގެ ދޮރުން ދޮރަށް ކެމްޕޭނުގެ ހަރަކާތުގައި ބައިވެރިވަޑައިގެން، މީޑިއާ އާ ވާހަކަދައްކަވަމުންނެވެ.

މިއަދު ހުޅުމާލޭގައި ކުރިއަށްދިޔަ ދޮރުން ދޮރަށް ކެމްޕޭނުގެ ހަރަކާތުގެ ތެރެއިން މީޑިއާތަކާ ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި އެމަނިކުފާނުގެ ތާއީދު ކުރާ ކެންޑިޑޭޓުން ތިއްބަވާނީ ޕީއެންސީގެ ޓިކެޓުގައިކަމަށެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ހުޅުމާލެ ދާއިރާގައި ވޯޓުލާ މީހުންނަށް އޮޅޭހެން ހުޅުމާލެ ދާއިރާއަށް އެމްޑީޕީ ޓިކެޓުގައި ނިކުމެ ހުރި ކެންޑިޑޭޓަށް ރައީސްގެ ތާއީދު އޮތްކަމަށް ބުނާ ވާހަކައިގެ ހަގީގަތް ހާމަކުރައްވަމުންނެވެ.

"މިނިވަންކޮށް ހުރި ބޭފުޅަކަށް ވިޔަސް، އެމްޑީޕީ ޓިކެޓްގަ ހުރި ބޭފުޅަކަށް ވިޔަސް، އެއްވެސް އެހެން ޕާޓީއެއްގެ ބޭފުޅަކަށް އަޅުގަނޑުގެ ތާއީދެއް ނޯންނާނެ."
ޑރ. މުއިއްޒު

އެގޮތުން ރައީސް ވިދާޅުވީ އެމްޑީޕީ ޓިކެޓުގައި ނިކުމެ ހުރި ކެންޑިޑޭޓަށް އެމަނިކުފާނުގެ ތާއީދު އޮތްކަމަށް ބުނާ ވާހަކަ އަކީ މުޅިން ދޮގެއް ކަމަށާއި، އެމަނިކުފާނުގެ ތާއީދު އޮންނާނީ ޕީއެންސީގެ ކެންޑިޑޭޓުންނަށް އެކަނި ކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނަކީ ޕާޓީ ނިޒާމު ގަބޫލުކުރައްވާ ބޭފުޅެއްކަމަށާއި، އެމަނިކުފާނުގެ ބޭނުންފުޅީވެސް ޕާޓީގެ ކުރިއެރުންކަމަށެވެ. އަދި ޖުމްލަކޮށްވެސް އެމަނިކުފާނުގެ ތާއީދު އޮންނާނީ ޕީއެންސީގެ ކެންޑިޑޭޓުންނަށް ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.