މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ ދާއިރާތަކަށް ބެހެއްޓި ވޯޓު ފޮށިތަކުގެ ދާއިމީ ނަތީޖާ އިއުލާންކުރުން ލަސްވަމުންދާތީ، އިދިކޮޅު އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ކަންބޮޑުވުން ފާޅު ކުރައްވައި ފައްޔާޒް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އިންތިހާބުގެ ނަތީޖާއަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ނުދީ، ވީހާވެސް އަވަހަކަށް ފޮށިތަކުގެ ދާއިމީ ނަތީޖާ އިއުލާންކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ގޮވާލައްވާފައެވެ. މާލޭގެ ކައުންސިލް ގޮނޑިތަކަކީ ސިޔާސީ ގޮތުން ބޮޑު ވާދަވެރިކަމެއް އޮންނަ ގޮނޑިތަކަކަށް ވާއިރު، ވޯޓުލުން ނިމޭތާ ގިނަ ދުވަސްތަކެއް ވަންދެން ދާއިމީ ނަތީޖާ ކަށަވަރުނުވެ އޮތުމަކީ ސިޔާސީ ޕާޓީތަކުގެ ކަންބޮޑުވުން އިންތިހާއަށް އޮތް ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މި ކަންބޮޑުވުންތަކާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ވަނީ ނަތީޖާ އިއުލާންކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތުގެ ތަފްސީލު ހާމަކޮށްފައެވެ. 'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އިލެކްޝަންސް ކޮމިޝަނުން ބުނީ، ގާނޫނީ ގޮތުން ދާއިމީ ނަތީޖާ އިއުލާން ކުރަން ޖެހޭ ފަހު ތާރީހަކީ މި މަހުގެ 17 ވަނަ ދުވަސް ކަމަށާއި މިހާރު ވެސް ދާއިމީ ނަތީޖާތައް ވެރިފައި ކުރުމަށް ފަހު އިއުލާން ކުރަމުންދާ ކަމަށެވެ. އޭޕްރީލް 17 ގެ ކުރިން ހުރިހާ ދާއިރާއެއްގެ ދާއިމީ ނަތީޖާ އިއުލާން ކުރެވޭނެ ކަމަށް ވެސް އީސީން ބުނެއެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާންކުރުމަށްފަހު، ދާއިމީ ނަތީޖާ އިއުލާންކުރުމުގެ ކުރިން ވޯޓު ކަރުދާސްތަކާއި ނަތީޖާ ޝީޓުތައް އަލުން ޗެކްކުރުމަކީ ގާނޫނީ ގޮތުން ކޮމިޝަނަށް ލާޒިމުކުރާ ކަމެކެވެ.

17 ވަނަ ދުވަހުގެ ކުރިން ދާއިމީ ނަތީޖާ އިއުލާން ކޮށް ނިންމާލާ އިރު، 18 ވަނަ ދުވަހަކީ މި އިންތިހާބުގައި ބައެއް ދާއިރާތަކުގެ ކެންޑިޑޭޓުންނަށް ލިބުނު ވޯޓު އެއްވަރުވެފައިވާތީ، ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނާއި ގަވާއިދުގެ ދަށުން އިތުރު ބުރެއް ބޭއްވުމަށް ނިންމާފައިވާ ދުވަހެވެ. އެގޮތުން މި އިންތިހާބުގެ ދެވަނަ ބުރުގައި 5 ދާއިރާއަކަށް ވޯޓުލުން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ

މި ދާއިރާތަކުގެ ވޯޓުލުން ކުރިއަށްދާނީ އަންނަ ހޮނިހިރު ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ. އަދި މި އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާނުކުރުމަށް ހަމަޖެހިފައި ވަނީ އެޕްރީލް 19 ވާ އާދިއްތަ ދުވަހުއެވެ.