މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ނަތީޖާ އެއްވަރުވުމުގެ ސަބަބުން ނުވަތަ ނަތީޖާ ކަށަވަރުނުވުމުން ދެވަނަ ބުރަކަށް ދާންޖެހުނު ދާއިރާތަކުގެ ވޯޓުލުން އަންނަ ހޮނިހިރު ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާން ކުރެއްވުމުގެ ކުރިން ދެއްވި ހާއްސަ މެސެޖެއްގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ، ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށްދާނީ މި މަހުގެ 18 ވާ ހޮނިހިރު ދުވަހު ކަމަށެވެ. މި އިންތިހާބުގެ ދެވަނަ ބުރަށް ދާ ދާއިރާތަކުގެ އިންތިހާބަށް ވާންޖެހޭ ތައްޔާރީތަކުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ޒާހިދު ވިދާޅުވިއެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބާ ގުޅޭގޮތުން ޒާހިދު ވިދާޅުވީ، މިއީ ލޯކަލް ކައުންސިލް އިންތިހާބެއްގައި މިހާތަނަށް އެންމެ ގިނަ އަދަދަކަށް ރައްޔިތުން ވޯޓުލީ ފަހަރު ކަމަށެވެ. އަދި މުޅި އިންތިހާބުގެ ކަންކަން ކުރިއަށް ދިޔައީ ވަރަށް މިނިވަން އަދި އިންސާފުވެރި މާހައުލެއްގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މި މަހުގެ 4 ވަނަ ދުވަހު ބޭއްވި އިންތިހާބާ ގުޅިގެން ޖުމްލަ 170 ޝަކުވާ ހުށަހަޅާފައިވާ އިރު، އެ ޝަކުވާތައް ގާނޫނީ ގޮތުން ބަލަންޖެހޭ މިންގަނޑުތަކުން ބަލައި، އެ ފަރާތްތަކަށް ޖަވާބު ދިނުމުގެ މަސައްކަތްކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ކޮމްޕްލަޔަންޓްސް ބިއުރޯއަށް ހުށަހެޅި ޝަކުވާތަކާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ނިންމާ ނިންމުމާމެދު ހިތްހަމަނުޖެހޭ ފަރާތްތަކަށް، އެ މައްސަލައެއް ހައި ކޯޓަށް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް ޒާހިދު ވިދާޅުވިއެވެ. އެ ފުރުސަތު މިއަދުން ފެށިގެން ކުރިއަށް އޮތް 14 ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާކަން ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ.
މި މަހުގެ 4 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ލޯކަލް ކައުންސިލް އިންތިާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގެ ވަގުތީ ނަތީޖާ ވަނީ އާންމުކޮށްފައެވެ. އަދި މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ދާއިމީ ނަތީޖާ އިއުލާން ކުރާނެ ކަމަށް އީސީން ވަނީ ބުނެފައެވެ.
