ފޮޓޯގްރަފީއަކީ އެންމެ ލެންސެއްގެ ތެރެއިން ދުނިޔޭގެ ރީތިކަން ހިފަހައްޓައިދޭ ފަންނެކެވެ. މި ފަންނުގައި ކުރި އަރަމުންދާ ދިވެހި ޒުވާނުންގެ ތެރެއިން އުމުރުން 32 އަހަރުގެ އައިޝަތު ޖަޒްލާގެ ދަތުރަކީ ހިތްވަރާއި ކެތްތެރިކަމުގެ ވާހަކަ ކިޔައިދޭ ދަތުރެކެވެ. ކުޑައިރު ހިތަށް ވެރިވި ހުވަފެނެއް، ހިތްވަރާ އެކު ހަގީގަތަކަށް ހެދުމަށް ޖަޒްލާ ކުރި ބުރަ މަސައްކަތުގެ ވާހަކައެވެ.

މި ވާހަކަތައް "ދަ ޕްރެސް" އަށް ކިޔައިދެމުން ޖަޒްލާ ބުނީ އޭނާގެ ފޮޓޯގްރަފީ ދަތުރު ފެށިގެން ދިޔައީ ވަރަށް ތުއްތު ދުވަސްވަރެއްގައި ކަމަށެވެ. އެގޮތުން ޖަޒްލާ ކުޑައިރު، ޖަޒްލާގެ ހިތުގެ ޝައުގުވެރިކަން ދެނެގަތް އޭނާގެ ލޯބިވާ މަންމައާއި ބައްޕަ ޖަޒްލާގެ 16 ވަނަ އުފަން ދުވަހަށް ދިން ހަދިޔާ އަކީ އޭނާގެ ދިރިއުޅުން ބަދަލު ކޮށްލި އެެއްޗެކެވެ. ޑީއެސްއެލްއާރް ކެމެރާއެއް ޖަޒްލާގެ މައިންބަފައިންގެ އަތުން ލިބުމާއެކު ޖަޒްލާ ފެށީ އަމިއްލަ މީހާގެ ފޮޓޯ ނެގުމަށެވެ.

އޭރު ފޮޓޯ ނަގަން ފެށީ އަމިއްލަ މީހާގެ، ދެން އެންމެ ގާތް ރައްޓެހިންގެ ފޮޓޯ ނަގާ ފޭސްބުކުގައި ޕޭޖެއް ހަދާ އަޕްލޯޑުކުރަން ފެށިގޮތަށް މިއަދާ ޖެހެންދެން ހުއްޓައެއް ނުލަން
އައިޝަތު ޖަޒްލާ

މިކަމަށް ޖަޒްލާގެ މައިންބަފައިންގެ ފަރާތުން ލިބޭ ފުރިހަމަ އެހީތެރިކަމަކީ ޖަޒްލާ މި ދާއިރާގައި ފައިތިލަ ސާބިތުކޮށްގެން ހުރުމުގެ ސިއްރެވެ. ޖަޒްލާގެ މަންމަ އަބަދުވެސް ތަފާތު ފޮޓޯ ނެގުމުގެ އާ ސްޓައިލްތައް ހޯދާ ޖަޒްލާއަށް ފޮނުވާކަމަށް ޖަޒްލާ ބުންޏެވެ. އާއިލާގެ ފަރާތުންވެސް ޖަޒްލާއަށް މި މަސައްކަތް ކުރުމަށް ލިބެނީ ދެވަނައެއް ނެތް ފަދަ ފުރިހަމަ ސަޕޯޓެކެވެ.

:ޯޖަޒްލާ ނަގާފައިވާ ފޮޓޯއެއް / ފޮޓ

ޖަޒްލާގެ ކާމިޔާބު ފޮޓޯތައް ބައިނަލްއަގުވާމީ މަސްރަހަށް

މިދިޔަ 15 އަހަރު ކުރެވުނު ހުރިހާ މަސައްކަތްތަކާމެދުވެސް ވަރަށް ހިންހަމަ ޖެހޭކަން ފާހަގަކޮށް ޖަޒްލާ ބުނީ އެންމެ ފާހަގަކޮށްލެވޭ ކަމަކީ ބައިނަލްއަގުވާމީ ފެންވަރުގައި މަސައްކަތް ކުރުމަށް ފުރުސަތު ލިބުން ކަމަށެވެ. މީގެއިތުރުން ރާއްޖޭގެ ފުރަތަމަ އަންހެން ވައިލްޑްލައިފް ފޮޓޯގްރާފަރަކަށް ވުމަކީވެސް ޖަޒްލާ ފަހުރުވެރިވާ ކަމެކެވެ.

ވައިލްޑްލައިފް ފޮޓޯގްރަފަރެއްގެ ހައިސިއްޔަތުން ޖަންގަލީގެ ހިތްގައިމު ކަމާއި، ކަނޑުގެ ފުންމިނުގެ ތެރޭ ދިރިއުޅޭ ދިރޭ ތަކެތީގެ ރީތިކަން، ލެންސްތެރެއަށް ވައްދައި ދުނިޔެ ދެއްކުމަކީ ޖަޒްލާ ދެކޭ ހުވަފެނެކެވެ.

ޖަޒްލާ ކިޔައިދިން ގޮތުގައި އޭނާ އަކީ ބިޒީ ޝެޑިއުލެއްގައި އުޅޭ ފަރާތެކެވެ. އެގޮތުން އާންމުކޮށް ކުރިއަށް ބުކިންތައް ނަގާކަމަށާއި، އެކި ދުވަސްތަކުގައި މަސައްކަތް ލިބޭ މިންވަރުވެސް ތަފާތު ކަމަށް ޖަޒްލާ ފާހަގަކުރެއެވެ. ބައެއް ފަހަރު މުޅި މަސް އެއްކޮށް ބުކް ކޮށްފައި ހުންނަ މަސްތައްވެސް ދާކަމަށާއި، ދުވާލަކު 5-7، ޝޫޓުވެސް ހަދާ ދުވަސްތައް ދާކަމަށް ޖަޒްލާ ބުންޏެވެ.

އިތުރަށް ޖަޒްލާ ކިޔައިދިން ގޮތުގައި މި ދާއިރާގައި މިފަދަ ބޮޑެތި ކާމިޔާބީތައް ހާސިލުކުރަމުން އަންނަ ޒުވާން ޖަޒްލާ އަބަދުވެސް ކޮންމެ އެއްޗެއްވެސް ދަސްކުރަނީ އަމިއްލައަށެވެ.

ވައިލްޑް ލައިފް ފޮޓޯގްރަފީ / ފޮޓޯ: ޖަޒްލާ
ޓްރެއިނިންއެއް ނަހަދަން، އަބަދުވެސް އަމިއްލައަށް ހަމަ ކޮންމެ އެއްޗެއްވެސް ދަސްކުރަނީ. އެއީ އަޅުގަނޑު ގަބޫލުކުރާ ގޮތުގަ އަމިއްލަ އަށް ފީލްޑް އަށް ނިކުމެ ކުރާ މަސައްކަތުން ދަސްވާ އެއްޗެހިން މާ ގިނަ ދުވަހު ފައިދާކުރާނެ
އައިޝަތު ޖަޒްލާ

ދާއިރާގައި ދިމާވާ ގޮންޖެހުން

ކޮންމެ ދަތުރެއްގައިވެސް ގޮންޖެހުންތައް ހުރެއެވެ. ޖަޒްލާގެ ދަތުރުގައިވެސް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވިއެވެ. އޭގެ ތެރެއިން އެންމެ ހިތި ތަޖުރިބާއަކީ، ދިވެހި މުޖުތަމައުގައި އަންހެން ފޮޓޯގްރާފަރުން ބަލައިނުގަތުމެވެ.

ފޮޓޯ ނެގުމަކީ ފިރިހެނުންގެ ދާއިރާއެއް ކަމަށް ދެކި ޖަޒްލާގެ ހުނަރަށް ބައެއް ފަރާތްތަކުން ހަމަ ހައްގު ގަދަރު ނުދިނެވެ. ހަފްލާތަކަށާއި އިވެންޓްތަކަށް ފޮޓޯ ނަގަން ދިއުމުގައި ހުރަސްތައް ކުރިމަތިވުމެވެ.

ބުކިން ހަދާފަ އަންހެން ފޮޓޯގްރަފަރެއް ކަން އިނގުނީމަ ބުކިން ކެންސަލް ކުރާ ފަރާތްތަކުންވެސް އުޅޭ. އަސްލު އެ މައިންޑްސެޓް ބަދަލުކުރަން ވަރަށް ބޭނުން
އައިޝަތު ޖަޒްލާ

އަންހެން ފޮޓޯގްރަފަރުންނަށްވެސް ފިރިހެން ފޮޓޯގްރަފަރުންނެކޭ އެއްފަދައިން ފުރުސަތު ދީފިނަމަ ހަމަ އެ ލެވެލްއަށް ނުވަތަ އެއަށްވުރެވެސް ފުރިހަމަ އަށް މަސައްކަތް ކުރެވޭކަން ދައްކައިދޭން ބޭނުންވާކަމަށް ޖަޒްލާ ބުންޏެވެ.

މި ދައިރާގައި ކުރިއަށް ދިއުމަށް އަޒުމު ހިފާފައިހުރި ޖަޒްލާ މުސްތަގުބަލަށް ދެކޭ އުންމީދުތައް ފޮންޏެވެ. އެގޮތުން މިއަށްވުރެ ފުޅާކޮށް މި މަސައްކަތް ކުރުމާއި، ފީލްޑްއަށް ނުކުމެ އަމިއްލަ ސްޓޫޑިއޯއެއް ހުޅުވުމަކީ އޭނާގެ ހުވަފެނެކެވެ. އަދި އަލަށް ފަށާ ކުދިންނަށް ކުލާސްތައް ނަގައިދިނުމާއެކު ކުދިން މި ދާއިރާއަށް ޝައުގުވެރިކުރުވުމަކީވެސް ޖަޒްލާ ދެކޭ ހުވަފެނެކެވެ.

މި ދާއިރާއަށް ނުކުންނަން ބޭނުންވާ ފަރާތްތަކަށް ޖަޒްލާގެ ހާއްސަ މެސެޖެއް

ޖަޒްލާގެ ދަތުރުން ދިވެހި ޒުވާނުންނަށް ލިބިދޭ ފިލާވަޅަކީ ހިތްވަރާ ކެތްތެރިކަމުގެ ފިލާވަޅެވެ. ފޮޓޯގްރަފީ ދާއިރާއަށް ވަންނަން ބޭނުންވާ ޒުވާނުންނަށް ޖަޒްލާ ދޭ މެސެޖަކީ، ހިތުގެ ގޮވުމަށް ތަބާވެ ގޮންޖެހުންތަކާ ކުރިމަތިލުމަށެވެ. ތިމާ ހިތްދަތި ކުރުވާ ބަސްތަކާ ދިމާ ނުބަލާ ކުރިއަށް ދިއުމަށެވެ.

ޖަޒްލާ ނަގާފައިވާ ފޮޓޯއެއް / ފޮޓޯ: ޖަޒްލާ

މިއީ ވަރަށް މަޖާ ކަމެއްކަމަށާއި އަދި ވަގުތުވެސް ބޭނުންވާކަމެއްކަން ފާހަގަކޮށް ޖަޒްލާ ބުނީ ކުރަން ކުރިއްޖެނަމަ މިއީ ރަނގަޅު އާމްދަނީއެއް ލިބޭނެ މަސައްކަތެއް ކަމަށެވެ. އަދި މި ދާއިރާއަށް ވަންނަ ޒުވާން ކުދިންނަށް ޖަޒްލާ ވަނީ ވަކި ވައްތަރެއްގެ ފޮޓޯ އެކަނި ނެގުމުގެ ބަދަލުގައި ތަފާތު ބާވަތްތަކުގެ ފޮޓޯ ނެގުމަށް ނަސޭހަތްތެރިވެފައެވެ.

ސެލެކްޓިވްލީ ވަކި ވައްތަރެއްގެ ފޮޓޯ ނެގުމުގެ ބަދަލުގައި ހުރިހާ ކަހަލަ ފޮޓޯ ނަގަން މަސައްކަތް ކުރުން ވަރަށް މުހިންމު. އޭރަށް މީހާގެ އަސްލު ޕޮޓެންޝިއަލް ދަސްވާނީ
އައިޝަތު ޖަޒްލާ

މީގެއިތުރުން ވަސީލަތްތައް މަދުވުމަކީ ހުރަހެއް ކަމަށް ނުދެކި އަތުގައި އޮތް އެއްޗަކުން ފަށައިގަނެ ހުނަރު ތަރައްގީކުރުމަށް ގަދައަޅާ މަސައްކަތް ކުރުމަކީ ކާމިޔާބީގެ ތަޅުދަނޑިކަން ޖަޒްލާ ވަނީ ހަނދާންކޮށްދީފައެވެ.

ޖަޒްލާގެ މި ދަތުރަކީ ހަމައެކަނި ފޮޓޯ ނެގުމުގެ ވާހަކައެއް ނޫނެވެ. މިއީ ހުވަފެންތަކުގައި ކުލަޖެއްސުމަށްޓަކައި މުޖުތަމައުގެ ފާޑުކިޔުންތަކަށް ބެލުމެއްނެތި ކެތްތެރިކަމާއެކު ކުރިއަށްދާނެ ގޮތުގެ ދިރިހުރި މިސާލެކެވެ. މިއަދު އޭނާއަކީ އެތައް ޒުވާން އަންހެން ކުދިންނަކަށް ހިތްވަރުދޭ ދާއިރާގެ ނަމޫނާ ޝަހުސިއްޔަތެކެވެ.