ގަހުގެ ބިތް ދޮށުން ފާޅުވަމުން ދިޔަ ދުންފިނިކަމުގެ ތެރެއިން ކަޅު ހިޔަންޏެއް ހެން ހުރިމީހާ ފެނުމުން މިރޭގެ ޒަމާން ދިޔައީ ކަން ނައުރީނަށް އެނގުނެވެ. އަވަސް ހަރަކާތަކާއެކީ ދަތްކުނޑި ވިކާލަމުން ނައުރީން އެތަނުން ތެދުވެ ގަހާ ދުރަށް ދާން ކޮރު ޖަހަމުން ފިޔަވަޅެއް އަޅާލިއެވެ. ނޭނގި ހުއްޓާ ފައިގާ އެއްޗެއް ހިފުމުން ނައުރީން ބިންމައްޗަށް ވެއްޓުނީ ކަނޑާލި ރުކެއް ހެނެވެ.

"ނޫން.. އަހަރެން ދޫކޮށްލާ..."

ނައުރީންގެ ފައިގާ ވަށާލަމުން ދިޔަ މޫތައް ބާރުކޮށްލީ އޭނާގެ ފަޔަށް ހަރަކާތެއް ނުގެނެވޭނެހާ ބާރަށެވެ. "މަންމާ... ނޫން... ތިހެން ނުހަދާ..." ދެފައި ބަނދެވިފައިވާ މޫތަކުގެ ބާރުން އޭނާގެ ފައި ދެފަރާތަށް ފޭކުރަމުން ދިޔަ އިރު ނައުރީންގެ ހަށިގަނޑުގައި އަޅަމުން ދިޔަ ވޭނަށް ކެތްނުވެވިގެން ރޮއެ ހަޅޭއްލަވަން ފެށިއެވެ. އެއަޑު އިވޭނެ އިތުރު މީހަކު އެތާކު ނެތެވެ. އެތާގައި އެހުރީ ނައުރީންގެ ހަށިގަނޑަށް ފެންބޮވައިގެންފައިވާ ނުބައި މަޚްލޫގެކެވެ. އޭނާ ކުރިއަށް ޖެހުނީ އަޑު ބާރުކޮށް ބިރުވެރި ހުނުމަކާ އެކީގައެވެ. ނައުރީންގެ ހަށިގަނޑު އުއްޑުންވާނެހެން އަނބުރާލުމުން ވަށައިގެން އެސަރަހައްދަށް ބަލާލީ އެ މަޚްލޫގު ހުރި ހިސާބެއް ބެލުމުގެ ބޭނުމުގައެވެ.

އެހިސާބުން މީހަކު ފެންނާކަށް ނެތެވެ. ހަމައެއާ އެކު ނައުރީންގެ ފައިގާ އޮޅިފައިވާ މޫތަކުގެ ބާރުވެސް ކެނޑެމުން ކެނޑެމުން ގޮސް އޭނާގެ ހަށިގަނޑަށް ލުއިކަން އިހްސާސްވިއެވެ. ލައިގެން ހުރި ހެދުން މައްޗަށް އަރާފައިވުމުން ހެދުމުގައި ހިފާ ތިރިކުރަން ނައުރީންގެ އަތް ހަރަކާތްކޮށްލީ ކަންތައްވީ ގޮތުން ހައިރާންވެ އޮވެއެވެ. މިރޭ އެހާ ފަސޭހައިން އޭތީގެ ކިބައިން ސަލާމަތް ވެވުނީތީ ނައުރީނަށް ހިތްހަމަޖެހުމެއް ލިބުނެވެ. އެތަނުން ތެދުވަން މަސައްކަތް ކުރަމުން ހެދުމުގައި ހިފާ ތިރިކުރަމުން ނައުރީން ތެދުވިއެވެ. ހަމައެއާ އެކު ނައުރީންގެ މޫނުގައި ހޫނު ވައިރޯޅިއެއް އެޅިގެން ދިޔައެވެ. އެވަޔާއެކު ނައުރީންގެ އިސްތަށިތައް ވެސް އުދުހިލިއެވެ. ދެލޯމަރާލަމުން މޫނު ކުނިކޮށްލެވުނީ އެ ވައިރޯޅިން ނައުރީނަށް ދުވި ނުބައި ވަހެއްގެ ސަބަބުންނެވެ.

ލޮލަށް ނުފެނުނު ނަމަވެސް ކައިރީގައި މީހަކު ހުރިކަމުގެ އިހްސާސް ނައުރީނަށް ކުރެވުނެވެ. ނައުރީން އެތަނުން ތެދުވަން ބިންމަތީ ދެއަތް ވިއްދާލިއެވެ. ހަރަކާތް އަވަސްކޮށްލި ނަމަވެސް ނައުރީނަށް ބިންމަތިން ފޫ ހިއްލާ ނުލެވެނީސް އޭނާގެ އަތުގައި މީހަކު ހިފާ ފަހަތަށް ދަމާލި ކަހަލައެވެ. ފަސްގަނޑުމައްޗަށް ނައުރީން ވެއްޓި ޖެހުމާއެކު އޭނާގެ ދެއަށް ދެފަރާތަށް ދަމާ ވާންކޮށްލިއެވެ.

ދެއަތާ ދިމާއަށް ނައުރީން ބަލާލީ މީހަކު އެ ދެއަތުގައި ހިފަހައްޓާފައި ހުރިހެން ހީވުުންނެވެ. ގައިމަތީ ބަރު އެއްޗެއް ވާކަމުގެ އިހްސާސްވުމާއެކީ ނައުރީނަށް ނޭވާލާން ދަތިވާހެން ހީވިއެވެ. ކެއްސަމުން ނައުރީން ނޭވާލާން މަސައްކަތް ކުރިއެވެ. އޭރު އޭނާގެ މޫނަށް ހޫނު ނޭވާއެއް ތަކުރާރުކޮށް ބީހެމުން ދިޔައެވެ. ނައުރީންގެ ހަށިގަނޑަށް އަންނަން ފެށި ބަދަލުތަކުން މިވަނީ ކިހާވަރެއްގެ ކަމެއްކަން އޭނާއަށް އެނގުނެވެ. އޭރު ބޯމަތިން ފެންނަން ހުރި ނިކަގަހުގެ އަޅޯތަކުގައި އެކި ސިފަތަކަށް ތިބި ނުބައި ޝައިތޯނުން ނައުރީނާ ދިމާއަށް ބަލަން ތިބީ އެ އެއްޗެތީ ދަތްޕިލަތައް ފާޅުކޮށްގެންނެވެ. ނައުރީންގެ ހަށިގަނޑުގައި އަޅަމުންދިޔަ ވޭނަށް ކެތްނުވާ ހިސާބަށް ދިއުމުން އޭނާގެ ލޮލުން ކަރުނައިގެ އަސަރު ފާޅުވިއެވެ. ރޮއެ ހަޅޭއްލަވަން ފެށިއެވެ. ނަމަވެސް ގިނައިރުތަކެއް ނުވެ ނައުރީންގެ ގައިން ވަރު ދޫވެ ދެލޯ މެރިގެން ދިޔައެވެ.

ނައުރީންގެ އެސްފިޔަތައް ލެއްޕިގެން ދިޔައިރު އޭނާއަށް ފެންނަމުން ދިޔައީ އެތައް ހާސް ޝައިތޯނުންތަކެއް އެގަސް ދަށަށް އެއްވަމުން ދިޔަތަނެވެ.

*** *** *** *** *** ***

އެތައްބަޔަކު އެއްވެގެން ތިބެ ވާހަކަ ދައްކަމުން ދިޔައިރު އެމީހުންގެ ރާގު ހުރިގޮތުން އެ ދެކެވެމުން ދާ ވާހަކައިގެ އަބުއިކަން ދެނެގަނެވުނެވެ. ލޮލަށް ނިދި ބަރުވެފައި ވުމުން އެ އަޑުތަކަށް ފުރަގަސްދީގެން އޮންނަން ހޫދު މަސައްކަތް ކުރިއެވެ. އެއްއަތުން އަނެއް އަތަށް ފުރޮޅެމުން ކަންފަތްމަތީ ބާލީސް އަޅާ ބާރުކޮށްލައިގެން އޮތީ ގަދަ ނިންޖަކުން ނިދާލަން ބޭނުވެފައި އޮތްލެއް ބޮޑުކަމުންނެވެ. ހަށިގަނޑަށް ވެރިވެފައިވާ ވަރުބަލިކަމުން އަރާމްކަމެއް ހޯދުމުގެ ބޭނުމުގައެވެ. ހޫދުގެ އަޒުމް ވަރުގަދަ ހިތަށް ކެތްނުކުރެވޭ ހިސާބަށް ދިޔައީ އޭނާގެ ފޯނު ރިންގްވާ އަޑު ކަންފަތުގައި ޖެހުމުންނެވެ. ބާލީސް އެއްފަރާތަށް ޖައްސާލުމަށްފަހު އެނދުމަތީ އޮތް ފޯނު ނަގާ އޭގެ ސްކްރީނަށް ހޫދު ބަލާލީ ހަނިކޮށް ހުޅުވާލި ލޮލުގެ ހިމަކޮޅުންނެވެ.

ރާއިދްގެ ނަން އަރާފައި އޮތުމުން ހޫދުގެ ދެލޯ ބޮޑުވިއެވެ. މިހާ ދަންގަޑިއެއްގައި ރާއިދު އޭނާއަށް ގުޅުމުން ހައިރާންކަމެއް ލިބުނެވެ. ފޯނު ނަގާ ކަންފަތުގައި ޖައްސާލުމަށްފަހު ކަންނެތްގޮތަކަށް ހޫދު ހަލޯއޭ ބުނެލީ އެކޮޓަރިން ބޭރަށް ނުކުމެވެން ހުރި ދޮރާ ދިމާއަށް ބަލާލަމުންނެވެ. އޭރުވެސް އެގޯތިތެރޭގައި ބަޔަކު އުޅޭކަން ހޫދަށް އިހްސާސްވިއެވެ. ވެގެން އުޅޭ ގޮތެއް ބަލަން ބޭރަށް ނުކުންނަން ހޫދު ހިތަށް އެރިއެވެ. ނަމަވެސް ހޫދުގެ ހަރަކާތް ހުއްޓުމަކަށް އައީ ރާއިދު ދައްކަމުން ދިޔަ ވާހަކަތައް އޭނާގެ ކަންފަތުގައި ޖެހުމުންނެވެ.

"އޭ... އަދިވެސް ނުނިދަނީތަ... އިނގޭތަ އެއްކަލަ ކަހަލަ ރެއެކޭމީ.. މަ ބުނީމެއްނު... އޭ... ބޭއްވީއޭ.. އަހަރެން ބައްޕަވެސް އެބައުޅޭ ހޭލާ.. ފަހުން ގުޅާނަން..." ރާއިދު ވައި އަޑުން ވާހަކަ ދެއްކީ އެހެން މީހަކަށް އަޑު ނީވޭނެ ހެންނެވެ. ކަމެއް އޮޅުން ފިލުވާލަން ހޫދުގެ ދޫ ހަރަކާތް ކޮށްލިއެވެ. "ކީކޭތަ ތި ކިޔަނީ؟.. ރާއިދު..."

ހޫދު ދައްކަމުން ދިޔަ ވާހަކައަށް ހުއްޓުމެއް އައީ އެކޮޅުން ފޯނު ކަނޑާލިކަމުގެ ސިގްނަލް އޭނާއަށް ލިބުމުންނެވެ. ރާއިދް ދައްކަން އުޅުނު ވާހަކައާ ދޭތެރޭ ހޫދަށް ވިސްނާލެވުނެވެ. ރާއިދުގެ އަޑުގައި ވަނީ ބިރުގެންފައިވާ ފަދަ އިހްސާސެކެވެ. ޖެހިލުންވެ ހުރެ ވާހަކަ ދައްކަމުން ދިޔަ ކަމުގެ އިހްސާސެއް ވެސް ހޫދަށް ކުރެވުނެވެ.

ރާއިދު ގުޅާނެ ވަގުތެއްގެ އިންތިޒާރުގައި މަޑުކޮށްލަން ހޫދު ބޭނުން ވިއެވެ. އެހެންކަމުން ގޮނޑިމަތީ އޮތް ޓީޝާޓު ގަޔަށް މަހާލައިގެން އެކޮޓަރިން ބޭރަށް ހޫދު ނުކުމެލީ ގޭތެރެ ހަލަބޮލިވެގެން އުޅޭ ސަބަބެއް އޮޅުން ފިލުވުމުގެ ބޭނުމުގައެވެ. ރޭލިންގް ދަގަނޑުގަނޑުގައި ހިފަހައްޓައިގެން ހުރެ ބޭރަށް ހޫދު ބޯދިއްކޮށްލީ ޖެހިލުންވެ ހުރެއެވެ. ތިރީގައި ގަސް ހައްދާފައިވާ ހުސްބިމުގައި ދިހަވަރަކަށް މީހުން ތިބިއިރު އެއެންމެންގެ މެދުގައި ކިޝަން ހުރިތަން ފެނުމުން ހޫދަށް އިތުރު ހައިރާންކަމެއް ލިބުނެވެ. އެމީހުން ދައްކަމުން ދިޔަ ވާހަކައަކީ ވަރަށް ސީރިއަސް ވާހަކައެއްކަން ހޫދަށް ކަށަވަރުވީ އެންމެންގެ މޫނުމަތިން އަރާ ފައިބަމުންދިޔަ ކުލަވަރުންނެވެ.

މާގިނަ އިރުތަކެއް ނުވެ އެތަނުން އެކަކު ކިޝަންގެ ކޮނޑުގައި ހިފާލަމުން ވާހަކަދެއްކިއެވެ. "ހިނގާ އެންމެން ނުކުމެ މިކަމުގަ އުޅެދޭން.. އެ އާއިލާއަށް އެހީތެރިވާނެ އެހެން މީހަކު ހުރީކީ ވެސް ނޫން... ޒުވާނުން ކޮޅެއް އެއްކޮށްލައިގެން ނިކުންނަން މަށަށް ފެނޭ... ކިޝަން ވެސް ބައެއް ރައްޓެހިންނަށް ގުޅައިގެން އަވަހަށް ނިކުންނަން ހިނގާ..." ބޯ ޖަހާލަމުން ކިޝަން އާއެކޭ ބުނުމަށްފަހު އުނަގަނޑުގައި ދެއަތް ވިއްދާލަމުން ފުން ނޭވާއެއް ބޭރުކޮށްލީ އިސްއުފުލާލަމުންނެވެ. އެވަގުތު ބެލްކަނިން ތިރިއަށް ބަލަން ހުރި ހޫދު ފެނުމާއެކީ ކިޝަން އަތް ހަނާ އަޅާލީ ތިރިއަށް އަންނާށޭ ބުނާ ބީދައިންނެވެ.

ވެގެން އުޅޭ ގޮތް ބަލަން ޝައުގުވެރިވެފައިވާ ހޫދު، ފޯނު ޖީބަށްލުމަށްފަހު ތިރިއަށް ދާން އަވަހަށް މިސްރާބުޖެހީ ތެޅިތެޅި އޮތް ހިތަކާ އެކީގައެވެ.

*** *** *** *** *** ***

ކަންފަތް ދަށުން މީހަކު ގޮވާލި އަޑަށް ސިއްސައިގެން ގޮސް މަންޝާއަށް ހޭލެވުނެވެ. ބިރުވެރިކަމެއް މަންޝާއަށް އިހްސާސްވި ނަމަވެސް ހުޅުވިފައިވާ ކުޑަދޮރާ ދިމާއަށް ބަލާލެވުމާ އެކީ އޭނާގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. ކުޑަދޮރުގެ ނިވަލުގައި މީހަކު ހުރިކަމުގެ އިހްސާސެއްވުމުން ކުޑަދޮރު ކައިރިއަށް ދާން މަންޝާ ބޭނުން ވިއެވެ. އެނދުން ފޭބުމަށްފަހު މަޑު ފިޔަވަޅުތަކެއްގައި މަންޝާ ގޮސް އެ ކުޑަދޮރާ ގާތްވެލިއެވެ. "ކާކު..." ހިތުގެ ވިންދު އަވަސްވެފައިވާ ބާރުމިނަށް ވިސްނާލުމުން މަންޝާއަށް އެއީ ކާކުކަން ދެނެގަންނަށް އެނގުން ނަމަވެސް ސުވާލުކޮށްލީ އެފަރާތުން ޖަވާބެއް ލިބޭނެކަމުގެ އުންމީދުގައެވެ.

ޖަވާބެއް ނުލިބުނު ނަމަވެސް ކުޑަދޮރުން އެތެރެއަށް ޖެހުނު ފިނި ވައިރޯޅިން މަންޝާގެ ހަށިގަނޑަށް ލިބުނު އަރާމާ އެކު ދެލޯ މަރާލެވުނެވެ. އެވައި ރޯޅި މަޑުވާން މަންޝާގެ ހިތެއް ނޭދެއެވެ. ފިނިއަތަކުން މަންޝާގެ އަތުގައި ހިފާލީ ހަމަ އެވަގުތެވެ. އޭނާގެ އެސްފިޔަތައް މަޑުމަޑުން ހުޅުވާލިއެވެ. ކުޑަދޮރުން ބޭރުގައި ހުރީ މަންޝާގެ ހިތް އެދޭ ޒުވާނާއެވެ. އެސޫރައެއް ފެނުމާއެކު މަންޝާގެ ހިތުގެ ވިންދު އެތައް ގުނައެއް އަވަސްކުރުވާ އެއީ އޭނާގެ ދެލޯ ދުށުން އެދޭ މޫނެވެ. "މަންޝާ... މި ހިތްގައިމު ރޭ ބޭރަށް ދަމާ.. މިގަޑީގަ މީހަކަށް ފެނިދާނެތީ ބިރުން އުޅޭކަށް ވެސް ނުޖެހޭނެ.." އެ ޒުވާނާގެ ވާހަކަ ދެއްކުން ހުރިގޮތުން އޭނާ ހުރީ މަންޝާއާ އެކަހެރިކޮށް ބައްދަލުކުރަން ބޭނުންވެފައިކަން އެނގުނެވެ.

"މި އަންނަނީ... ގޭ ބިއްދަށުގަ މަޑުކުރޭ..." ފާރުގައި ހަރުކޮށްފައިވާ ގަޑިއަށް ބަލާލުމަށްފަހު މަންޝާ އެހެން ބުނެލުމުން އޭނާގެ އަތުގައި އެއަށް ވުރެއް ބާރަށް އެޒުވާނާ ހިފަހައްޓަމުން އަތަށް ދަމާލިއެވެ. ސިހިފައި މަންޝާއަށް ބަލާލެވުނީ އޭނާގެ އަތަށެވެ. އަދި އެއަށްފަހު އެޒުވާނާގެ މޫނަށެވެ. ރަތްކުލައިގެ ވިދުމެއް އޭނާގެ ލޮލުން ފެނުނުހެން ވެސް މަންޝާއަށް ހީވިއެވެ. ސުވާލުން ފުރިގެންވާ ނަޒަރަކުން މަންޝާ ބަލަން ހުރުމަށްފަހު ވާހަކަ ދައްކަމުން އެޒުވާނާގެ އަތުތެރެއިން އޭނާގެ އަތް ދަމައިގަތެވެ.

"ހިފެހެއްޓީމަ ކިހިނެއް ދާނީ؟... އަތުން ދޫކޮށްލީމައެއްނު ދެވޭނީ..." ދެބުމަގޮށްޖަހާލަމުން މަންޝާ ބުނި ޖުމްލަ އަޑުއަހަން ހުރި ޒުވާނާ މަޑުމަޑުން އިސްޖަހާލިއެވެ. ކުޑަދޮރަށް ފުރަގަސްދެމުން މަންޝާ ހިނގައިގަތީ އެކޮޓަރި ދޮރާ ދިމާއަށެވެ. މަންޝާގެ ހަރަކާތްތަކަށް ބަލަން ހުރި ރޫފަސްއަށް އެގޮތް ކަމަކު ނުދިޔައެވެ. މަންޝާ ހުއްޓުވަން އޭނާ ބޭނުންވިއެވެ.

"މަންޝާ... ކީއްކުރަން ތި ދަނީ؟..." ކިޝަންގެ ސިފަޖެހިގެން އައިސް ހުރި ރޫފަސްއާ ދިމާއަށް އެނބުރެމުން މަންޝާ ހިނިތުންވެލިއެވެ. "ގެއިން ބޭރަށް ނުކުންނަން މިދަނީ... ބިށްދަށް ފަރާތަށް ދޭބަލަ.. މިދަނީއޭ..."

ވެދާނެ ގޮތަކާ ދޭތެރޭ ރޫފަސް ވިސްނާލި ކަހަލައެވެ. މަންޝާ އޭރު ތަޅުގައި ހިފާ އަނބުރާލަން އުޅެނީއެވެ. "މަޑުކުރޭ... ގޭތެރޭ ބަޔަކު ހޭލާ އެބައުޅޭ.. ތިހެން ނުކުތުމަކީ ބުއްދިވެރި ކަމެއް ނޫން..." ހައިރާންވެފައި ހުރެ ކުޑަދޮރާ ދިމާއަށް މަންޝާ ބަލާލީ ރޫފަސް ބުނި ބަސްތަކުން އޭނާގެ ސިކުނޑީގައި ސުވާލުތަކެއް ފުނި ޖެހުމުންނެވެ. ގޭގެ ބޭރުން އެއްޗެއް ވެއްޓުނު ޒާތުގެ އަޑެއް މަންޝާއަށް އިވުމުން ސިހުމެއް ލިބުނެވެ. ހަމައެއާއެކު އެޒުވާނަ އެބުނި އެއްޗެއް އޭނާއަށް ނަގައިގަނެވުނެވެ. ސިއްރުސިއްރުން ހިނގާފައި އައިސް ކުޑަދޮރާ ހަމަވުމުން މަންޝާ ދެލޯ ބޮޑުކޮށްލަމުން ކޮނޑު އުފުލާލީ ދެން ހަދާނެގޮތެއް އޭނާއަށް ނުވިސްނުނީމައެވެ.

"ދެން ކިހިނެއް ނިކުންނާނީ..." ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިކުރުވަމުން އެ ޒުވާނާ މަންޝާ އާ ދިމާއަށް އަތްދިއްކޮށްލިއެވެ. އޭނާ އެބުނަނީ ކުޑަދޮރުން ބޭރަށް ނުކުންނަން ހެއްޔެވެ؟ ދެލޯ ހަނިކޮށްލަމުން އެ ޒުވާނާއާ ދިމާއަށް ބަލަން ހިނދުކޮޅަކު ހުރުމަށްފަހު މަންޝާގެ އަތް މަޑުމަޑުން އޭނާގެ އަތާ ދިމާއަށް ހަރަކާތްކޮށްލީ އޭނާގެ ބާރަކުން ނޫނެވެ. ރޫފަސްގެ އެހީގައި މަންޝާ އެ ކުޑަދޮރުން ބޭރަށް ނިކުތެވެ. މަންޝާއަށް އެ ކުޑަދޮރުން ނިކުތުމަކީ މާ އުނދަގޫ ކަމަކަށް ނުވިއެވެ. އެ ޒުވާނާއާ އެކީ ވަލުފަރާތު ދޮރުން ބޭރަށް ދާން ފިޔަވަޅު އަވަސްކޮށްލަމުން ގެއާ ދިމާއަށް ފަހު ފަހަރަށް ބަލާލިއެވެ.

"ކިހިނެއް އެނގުނީ ގޭތެރޭ މީހަކު ހޭލާ އުޅޭ ކަމެއް؟..." އެޒުވާނާގެ އަތުގެ މުލައްދަނޑީގައި ހިފާ މަންޝާގެ ހަށިގަނޑު ގާތްކޮށްލަމުން އޭނާ ވާހަކަ ދެއްކީ ވަށައިގެން ފެންނަމުން ދިޔަ ގަސްތަކުގެ ހިޔަނިތަކަށް ބަލަމުންނެވެ. "އަހަރެން މިގެއަށް ވަންނަން އައި އިރު ގޭތެރޭ މީހަކު އުޅޭހެން ހީވި... ގެއަށް ވަންނަން ހުރި މައިދޮރު ވެސް ހުރީ ހުޅުވާ އަޅާފަ..." އެޒުވާނާގެ ފަރާތުން ލިބުނު ޖަވާބުން މިވަގުތު ގޭތެރޭގައި ހޭލާ އުޅޭނީ އަޒީމް ކަން މަންޝާއަށް ކަށަވަރުވިއެވެ. މަންޝާ ގެއިން ބޭރަށް ގޮސްފިކަން އެނގިއްޖިއްޔާ މަސްލަހަތު ގޯސްވެދާނެކަން އެނގި މަންޝާގެ ހިތުގެ ވިންދު އަވަސްވެ މޫނުމަތިން ދާތިކީގެ އަސަރު ފާޅުވާން ފެށިއެވެ. އަދި އޭނާގެ ފިޔަވަޅު މަޑުޖެހުމުން މަންޝާއާ ދިމާއަށް ފުން ނަޒަރަކުން ރޫފަސް ބަލާލީ ކަމެއް ގޯސްވެއްޖެކަން އޭނާއަށް ނަގައިގަނެވުމުންނެވެ.

"ކިހިނެއްވީ؟.. ދާން ބޭނުން ނޫނީއްޔާ ހިނގާ ގެއަށް ދާން... އަހަރެން ބޭނުމެއް ނޫން މަންޝާގެ ނުގަބޫލުގަ އެއްވެސް ކަމެއް ކުރާކަށް..." ރޫފަސްގެ އަނގައިން ބޭރުވެގެން ދިޔަ ލަފްޒުތަކުގައި ވަނީ ލޯތްބާއި އޯގާތެރިކަމެވެ. މަންޝާ ނުރުހޭނެ ކަމެއް އޭނާ ކުރަން ބޭނުން ނުވާކަން ދޭހަވިއެވެ. ރޫފަސްއާ ހަތަރުކަޅި ހަމަކޮށްލަމުން މަންޝާ ދެއަތަށް ބޯ ހޫރުވާލިއެވެ. އަދި ކުރިއަށް ދާން މަންޝާ ހިނގައިގަންނަމުން ރޫފަސްގެ އަތުގެ ތެރެއަށް މަންޝާގެ އަތް ލައްވާލަމުން އިނިގިލިތައް ބާރުކޮށްލިއެވެ. މަންޝާއާ އެކީ ހިނގައިގަތް އިރު ރޫފަސްގެ ތުންފަތާ ކުޅެލީ ލާނެއް ހިނިތުންވުމެކެވެ.

*** *** *** *** *** ***

ގަދަ ނިންޖަކުން ނިދިފައި އޮތް ނައުރީނަށް ހޭވެރިކަންވީ ތެތް ކަމަކާ އެކު ހޫނު ކަމެއްވެސް އިހްސާސްވުމުންނެވެ. މޫނުމައްޗަށް ކުރެވުނު އިހްސާސުން އޭނާގެ އަތް ހަރަކާތްކުރަން މަސައްކަތް ކުރި ނަމަވެސް އެ އަތް ހަރަކާތް ކުރެވޭ ގޮތެއް ނުވިއެވެ. ދެލޯ ފިއްތާ ބާރުކޮށްލުމަށްފަހު ހަނިކޮށް ހުޅުވާލި ލޮލުގެ ކަނުން ކަނާއަތާއި ދިމާއަށް ނައުރީންގެ މޫނު އަނބުރާލިއެވެ. ލޯ ދަށުގައި ހަރުލާފައިވާ ފެންތައް ކޯތާފަތްމަތިން ދަތުރުކުރަމުންގޮސް ކަންފަތާއި ދިމާލުން ނައުރީންގެ ހޭވިފައި އިސްތަށިގަނޑުގެ ތެރެއަށް އޮހިގެން ދިޔަކަން އޭނާއަށް އިހްސާސްވިއެވެ. އަތުގެ ކުޑަހުޅާވީ ހިސާބުގައި ބަނދެވިފައިވާ މޫތަކުގައި މާބާރެއް ނެތްކަން ނައުރީނަށް އެނގުންވީ އަތަށް ލުކިޖެހުމާ އެކީ އެމޫތަކުން ނައުރީންގެ އަތް މިންޖުވުމުންނެވެ.

ދެއަތުން މޫނުމަތީ ހުރި ފެންތައް ފުހެލަމުން އިސްއުފުލާލަމުން އޭނާ އޮތް ސަރަހައްދުން މައްޗަށް ބަލާލިއެވެ. ނިގަގަހުގެ އޮފިތަކުގެ ތެރެއިން ވާލެއް އުދުއްސައިގެން ދިޔަތަން ފެނުމުން ނައުރީންގެ އަތުން ވަސް ބަލާލެވުނެވެ. ގަތް ފަކުރުން އޯކާ ދެމެވުނެވެ. ނައުރީންގެ އަރުތެރޭގައި އެއްޗެއް އޮތްކަހަލަ އިހްސާސެއް ކުރެވުމުން ހަތަރުމޮއްގަނޑު ޖަހައިގެން އޮވެ އަޑުބާރުކޮށް ނައުރީން އޯކާ ދެމުނެވެ. ނައުރީންގެ އަނގައިން ފައިބަމުން ދިޔަ ސޮނިތައް ފަސްގަނޑަށް އޮހެމުން ދިޔައީ ލޮނދިކޮށް ހުރި ދަވަތަކެއް ފަދައިންނެވެ. މޫނުގެ ދެފަރާތުން ވެއްޓިފައިވާ އިސްތަށިތަކުގައި އެ ދަވަތައް ހޭކިދާނެތީ އެއްއަތުން އިސްތަށިތައް އެއްފަރާތްކުރަން އޭނާ މަސައްކަތް ކުރިއެވެ.

އޯކާ ދެމެމުން ދިޔަ ނައުރީން ކެއްސަން ފެށީ ނޭވާ ނުލެވި އަރުތެރެ ބެދޭހެން ހީވުމުންނެވެ. ކޮށިކެއްސުމެއް ކެއްސަމުން ދިޔަ ވަގުތު އޭނާގެ އަނގައިން ހޯސްލާފައި ލޭ ފައިބައިގަތެވެ. އިތުރަށް އޯކާ ދެމެން ފެށުމުން ނައުރީންގެ އަނގައިން މުށުތެރެއަށް ލެވޭވަރުގެ ކަޅުކަން ގަދަ ބޮޑު ސޫއްޕެއް ނިކުތުމުން ޗުއްކިޔާ އަނގައިން އެ ބޭރުކޮށްލާ ކުޅެއް ޖަހާލިއެވެ. ގުޅަވަރަކަށް ވެއްޓުނު އެއްޗާ ދިމާއަށް ނައުރީން ބަލަން އިނީ އަޖައިބުވެފައެވެ. އުއްޑުން ވެއްޓިފައި އޮތް އެތީގެ ކުދި ފައިތައް ތަޅުވަމުން ދިޔައިރު އެއީ ކޯއްޗެތޯ ބަލަން ނައުރީން ބޭނުންވިއެވެ. އަނދިރީގައި އެއީ ކޯއްޗެއްކަން ދެނެގަންނަށް ނައުރީންނަށް ނޭނގުމުން ކައިރީ އޮތް ކުޑަ އޮފިކޮޅެއްގެ އެހީގައި އޭތި ހެސަ ފުށަށް އަބުރާލިއެވެ.

ރުކު މަޑިއެއް ފަދަ ޒާތަކަށް އޮތް އެތީގެ ފައިތަކުގެ ހަރަކާތް މުޅިންހެން މަޑުވެއްޖެއެވެ. އެތަނުން ތެދުވެ ނައުރީން ފަހަތަށް ފިޔަވަޅެއް އެޅީ ގެންފައި ހުރި ބިރުން ދެއަތުން އޭނާގެ ކަރުގައި ފިރުމަމުންނެވެ. އެވަގުތު އިތުރު އެއްޗެއް ކަރުތެރޭގައި އުޅޭކަމުގެ އިހްސާސެއް ކުރުމުން ކައިރީ ހުރި ނިކަގަހުގައި އަތް ވިއްދާލަމުން ނައުރީންގެ ހަށިގަނޑު ގުދުކޮށްލަމުން އޯކާ ދެމިގަތެވެ. ގޮހޮރު ހުސްވަންދެން ހޮޑުލުމަށްފަހު ނައުރީން ކޮޅަށް ތެދުވެ ހިނދެމިލީ އަތުގެ ނުފުށުން އަނގަމަތި ފޮހެލަމުންނެވެ. އެވަގުތު ގަސްތަކުގެ ތެރެއިން މީހެއްގެ ހިލަންވީހެން ހީވުމުން ނައުރީންގެ ހިތް ބާރަށް ތެޅިގަތެވެ. މިރޭ އޭނާއަށް މި ޖެހިފައިވާ މުސީބާތުން ނަޖާވެވެން ނެތީބާއޭ ހިތަށް އެރުމުން ދެލޯ ކަރުނުން ފުރުނެވެ. ދުލުން ހެޔޮ އެއްޗެއް ކިޔަން ބޭނުންވި ނަމަވެސް އޭނާގެ ދޫ ހަރަކާތް ނުކުރާ ކަހަލައެވެ. ހިތުންކިޔަން މަސައްކަތް ކުރުމުންވެސް ނައުރީންއަށް ކިޔޭ ގޮތްވީ ވަކި ހިސާބަކަށެވެ. އަނެއްބައި ހަނދާންކުރަން އުޅެ އުޅެވެސް ހަނދާންވާގޮތެއް ނުވިއެވެ.

ދުރުދުރުން ގަސްތަކުގެ ތެރެއިން ފެންނަމުން ދިޔަ ހުދު އަލި އަންނަމުން ދިޔައީ ނައުރީނާ ދިމާއަށް ކަން އެނގުމުން ފަޔަށް ލެވުނު ބާރެއްލާ ދުއްވައިގަންނަން މަސައްކަތް ކުރިއެވެ. ގައިގެ އެތަން މިތަނުން ނަގަމުންދިޔަ ތޫނު ތަދުތަކުގެ ސަބަބުން ނައުރީނަށް މާ ދުރަށް ނުދެވޭނެކަން އެނގި ފިޔަވަޅު މަޑުކޮށްލުމަށްފަހު ފަސް އެނބުރި ބަލާލީ އެ އަލިގުޅަ ހުރި ހިސާބެއް ހޯދުމުގެ ބޭނުމުގައެވެ.

*** *** *** *** *** ***

ގޮނޑު ދޮށަށް ރާޅު ބީއްސަމުން ދިޔަ މަންޒަރަށް ބަލަން އިން އިރު، ދޮންވެލިގަނޑު މަތީ އޭނާގެ އަތުގެ އިނގިލިތަކުން ކުރަހާލަ ކުރަހާލަ އިނީ ހިޔާލަކަށް ގެއްލިފައެވެ. މަންޝާގެ ހަރަކާތްތަކަށް ކަޅި ޖަހާނުލާ ބަލަން ހުރި ރޫފަސްގެ ހިތަށް ހަމަޖެހުމެއް ލިއްބައިދެމުން ދިޔައީ މަންޝާގެ އެ މަޑުމައިތިރި މިޒާޖެވެ. މަންޝާ ހާސިލްކުރުމަކީ ރޫފަސް މިހާރު އެންމެ ބޭނުންވާ އެއް ކަންތަކެވެ. މިކަން ކާމިޔާބުކުރަން ޖާނާއި މާލުން އޭނާ ގުރުބާންވާން ހުރީ ތައްޔާރަށެވެ. ނަމަވެސް އެވަގުތު އޭނާގެ ބޮލުތެރެއިން ރަނގަބީލެއް ފަދައިން އިވެމުން ދިޔައީ އިބްޒީމާއި ރޫފަސްއާ ދެމެދު އެއްރޭ ދެކެވުނު ވާހަކަތަކެކެވެ.

"ކިހިނެއްވީ؟... އަހަރެން ކަލޭކައިރީ މިތަނަށް އަންނާކަށް ނުބުނަށް..." އުނަގަނޑުގައި އަތް ވިއްދާލަމުން އިބްޒީމާ ވާހަކަ ދެއްކިއެވެ.

"އަހަރެން ބުނިންދޯ އަހަރެން ބޭނުމީ މަންޝާއޭ... އޭނާ ރުހުމުގަ އަހަންނާ އެކީ އުޅޭނެހެން ހީވޭތަ؟" ބިޔަކޮށް ހުރި ރޫފަސް ވާހަކަ ދެއްކިއިރު އޭނާގެ ލޮލުގައިވާ ރަތްކުލަ ގަދަވަމުން ދިޔައެވެ.

"އަހަރެން ބުނިންދޯ ކަލެއަށް މަންޝާ ހިބަކޮށްދީފިމޭ.. ކަލޭ ދެން އޭނަ ގެންދަންވީނު... ނުރުހުމުގަ ވިޔަސް.. އެ ގޮތް މާ މަޖަލެއްނު..." އިބްޒީމާ ވާހަކަ ދައްކަމުން އައިސް މޭޒު މަތީ ހުޅުވާފަ ހުރި ފޮތްތައް ލައްޕާލިއެވެ.

ނިއުޅުވާލާފައިވާ މަންޝާގެ ފަން އިސްތަށިގަނޑު ވަޔާ ވިހުރެމުން ދިޔައިރު އޭނާގެ މޫނުމައްޗަށް ބައެއް ކުދި އިސްތަށިތައް ގޯނާ ކުރަމުން ދިޔައެވެ. އެ އިސްތަށިތައް އެއް އަތުން އެއްފަރާތް ކޮށްލަމުން ކަންފަތް ދަށަށް އިސްތަށިތައް ލައްވާލިއެވެ. އަނެއް އަތުން މުށުފުރާ ދޮންވެލިކޮޅެއް ނަގާ ބިމުން ކައިވަތެއްހާ މައްޗަށް އަތް އުފުލާލުމަށްފަހު މުށްކަވާފައިވާ އަތުގެ އިނގިތިލިތަކަށް ދުލެއް ދިނެވެ. އަތު ތެރޭގައިވާ ވެލިތައް ފުރޭނިގެން ދޮންވެލިގަނޑު މައްޗަށް ފައިބަމުން ދިޔަ މަންޒަރަށް ބަލަން މަންޝާ އިނީ އިސް އޮބައިގެންނެވެ.

ރޫފަސް ކުރިއަށް ޖެހިލީ މަންޝާގެ ހަށިގަނޑުގައި ބީހިލަން ބޭނުންވެފައި ހުރުމުންނެވެ. އޭނާގެ އަތް ކުރިއަށް ހަރަކާތް ކުރަމުން ދިޔައިރު އިބްޒީމާގެ ދުލުން ބޭރުކޮށްލި ބަސްތައް އަނެއްކާވެސް އޭނާގެ ކަންފަތްތެރޭ ގުގުމަމުން ދިޔަކަހަލައެވެ. "ކަލޭ ދެން އޭނަ ގެންދަންވީނު... ނުރުހުމުގަވިޔަސް.. އެގޮތް މާ މަޖަލެއްނު..."

(ނުނިމޭ)