"އަހަރެން ބޭނުމީ މަންޝާ....."
އެއްވެސް ޖެހިލުމެއް ނެތި ރޫފަސް ބޭނުންވާ ކަންތައް ހާމަކުރުމުން އިބްޒީމާއަށް އެކަމުން ހައިރާންކަމެއް ލިބުނެވެ. ރޫފަސްގެ އެދުމަށް ދެކޮޅު ހަދަމުން އިބްޒީމާ ދެއަތަށް ބޯ ހޫރާލަމުން އެކަން ނުވާނެ ކަމަށް ބުނުމުން އޭނާ ހިނިގަނޑެއް ޖަހާލިއެވެ. "އެހެންވެއްޖިއްޔާ އަހަރެން ދެން މިތާ މަޑުކުރުމުގެ ބޭނުމެއް ނެތެއްނު..."
ރޫފަސްއަކީ ބާރުގަދަ ދަރިފަސްކޮޅަކުން އައިސްފައިވާ މާރިދެއްކަން އިބްޒީމާއަށް ކަށަވަރުވީ އޭނާގެ ވަރުގަދަ ބިޔަ ފިޔަގަނޑު ނިއުޅުވާލަމުން އޭނާ އެތަނުން ދާން ތައްޔާރުވީ ވަގުތެވެ. "މަޑުކޮށްބަލަ..." ދެ ހިޔާލެއްގައި ހުރެ އިބްޒީމާ ކުރިއަށް ޖެހިލަމުން މަޑުކޮށްލުމަށް އެދުނު މައިގަނޑު ސަބަބަކީ މަންޝާގެ ނަން ބޭނުން ކުރީ ކީއްވެ ކަން އޮޅުން ފިލުވާށެވެ. އިބްޒީމާއާ ކުރިމަތިލަމުން އޭނާގެ ރަތް ދެލޮލުން ބަލާލި އިރު ރޫފަސްގެ ތުންފަތަށް ވެރިވީ ނުބައި ހިނިތުންވުމެކެވެ.
"މަށަށް އިނގޭ ކަލޭ އަހަން ތިއުޅެނީ ކޯއްޗެއް ކަން... މަންޝާ އަހަންނަށް ފެނިގެން ކަމުގޮސްގެން މިއުޅެނީ ކީއްވެހޭ؟ ނޫންތަ؟... މަންޝާއަކީ އަހަރެން ބޭނުންވާ ކަހަލަ އިންސާނުންގެ ތެރެއިން ހޮވާލެވޭ ރީތި އަންހެނެއް... މަންޝާ ލިބޭ ގޮތަށް އަހަރެން ކޮންމެ ކަމެއް ވެސް ކުރަން މި ހުރީ ތައްޔާރަށް..." ރޫފަސް ކުރިއަށް ޖެހިލަމުން އިބްޒީމާގެ ހަށިގަނޑަށް މަތިން ތިރިއަށް ބަލާލިއެވެ.
"އަހަރެން ހުރެއްޖިއްޔާ ވަރުގަދަ މޮޅު ސިހުރުވެރިއަކަށް ކަލެއަށް ވެވިދާނެ ކަމަކީ ޝައްކެއް ވެސް އޮތް ކަމެއް ނޫން.. އޭގެ ބަދަލުގައި މިއެދެނީ އެންމެ ކަމެއް... ވަރަށް ރަނގަޅަށް ވިސްނާފަ ޖަވާބެއް ދޭންވާނީ... މިކަން ކޮށްދީފިއްޔާ ކަލޭ ބޭނުން ހުރިހާ ކަމެއް ކޮށްދެވިދާނޭ މި ބުނަނީ... މުއްސަނދިކަމާއި އަރާމްކަމާއި... އުފާވެރި ދިރިއުޅުމެއް..."
ރޫފަސް ދައްކަމުން ދިޔަ ވާހަކަތަކުން އިބްޒީމާގެ ވިސްނުމަށް މޮޅެތި ހިޔާލުތައް އަންނަމުން ދިޔައެވެ. ތަނަވަސްކަންމަތީ ރަށުގައި ފެންވަރުގެ ދިރިއުޅުމެއް އުޅުމަކީ އިބްޒީމާ އަބަދުވެސް ދެކެމުން އައި ހުވަފެނެކެވެ. ހިތްހަމަޖެހުމާއި، އަރާމާއި، އުފާ ހާސިލް ކުރަން ކުރެވެން އޮތް ހުރިހާ ކަމެއް ކުރަން އޭނާ ބޭނުމެވެ. ނަމަވެސް މަންޝާ ހިބަކޮށް ދިނުމަކީ އޭނާއަށް ކުރެވޭނެ ކަމެއް ނޫނެވެ. އެއީ އޭނާގެ ހުރި ހަމައެކަނި ފިރިހެން ދަރި އެންމެ ލޯބިވާ އިންސާނާއެވެ.
"ނޫން.. ތިނޫން ކަމަކު ބުނޭ... މަންޝާ ނޫނަސް ކިތަންމެ ކުދިންނެއް އުޅޭނެ.. މާ ރީތި ކުދިންވެސް އުޅޭ... ކަލޭ ކިތަންމެ ބޭނުންވިޔަސް ތިކަމެއް ނުވާނެ..." އިބްޒީމާގެ ނިންމުން ހާމަ ކުރުމާއެކީ ރޫފަސްގެ އެ ފިޔަނޑު ތަޅުވާލަމުން އެކީ ހުޅުވާލިއެވެ. އަދި އޭނާގެ ފައި ބިމުން މައްޗަށް އުފުލިގެން ދިޔަ ވަގުތު އިބްޒީމާއާ ދިމާއަށް އޭނަ ބަލާލީ ނުލަފާ ޒާތަކަށް ބަރުއަޑަކުން ހިނިގަނޑެއް ޖަހާލަމުންނެވެ. "މަންޝާ ހާސިލްކުރަން އަހަރެންނަށް ކުރެވޭނެ ކަންތައްތައް ވެސް ހުންނާނެ... މިބުނި އެއްޗަކަށް ރަނގަޅަށް ވިސްނާތި..."
ރޫފަސް އެތަނުން ދިޔައިރު އޭނާ ދެއްކި ވާހަކަތައް އިބްޒީމާގެ ބޮލަށް އުނދަގޫ ކުރަމުން ދިޔައެވެ. އަނެއްކާ އެ މާރިދުގެ ބޭނުމަކީ ކޮބާ ހެއްޔެވެ! މަންޝާ ބޭނުންވެގެން އޭނާ އެއުޅެނީ ކީއްވެހެއްޔެވެ! މަންޝާ ބޭނުންވާން ޖެހޭ ސަބަބެއްވެސް އޮންނާނެތާއެވެ.
ރޫފަސްގެ ވާހަކަތަކުން އިބްޒީމާގެ ސިކުނޑިއަށް އުނދަގޫތައްވަމުން ދިޔަވަރަކަށް މަންޝާއާ ދޭތެރޭ އޭނާގެ ހިތުގައިވާ ގިނި އަލިފާނުގެ ހޫނު ގަދަވަމުންނެވެ. "މަންޝާ.. މަންޝާ.. މަންޝާ.. މީ އަޅެފަހެ މަށަށް ޖެހިފައި އޮތް ބޮޑު މުސީބާތެއްނު..."
ރޫފަސްގެ ޚަބަރެއް ނުވާތާ ތިން ދުވަސްވުމުން އިބްޒީމާގެ ހިތަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބިގެން ދިޔައެވެ. އަލިތައްކާނުގެ ފޮތް ގުދަން ހުޅުވައިގެން އެތަނުން ފަހަރަކު ފޮތެއް ހާވަމުން ދިޔަ އިބްޒީމާ ބަލަމުން ދިޔައީ އޭނާއަށް އެ ފޮތްތަކުގެ އެހީގައި މޮޅު ފަނޑިތައެއް ހެދޭނެކަމުގެ އުންމީދުގައެވެ.
ފޮތްތައް ބަލާ ހާވަމުން ދިޔަވަރަކަށް އިބްޒީމާގެ ހިތުގައިވާ އުންމީދުގެ ހުޅުކޮޅު ކުޑަވަމުން ދިޔައީ އޭނާ ބޭނުންވާ ފަންޑިތަ ހަދަން ބޭނުން ކުރާ ފޮތް އެތާ ނެތީމައެވެ. އެވަގުތު އެ ފޮތް ޟިރާރުއަށް ހަވާލުކުރެވުނު ހަނދާންވުމުން އެ ފޮތުގެ ވާހަކަ އަހަން ޟިރާރަށް ގުޅަން އޭނާ ނިންމިއެވެ. ފޯނުން ޟިރާރަށް ގުޅާލުމަށްފަހު އޭނާގެ ކަންފަތުގައި ފޯނު ޖަހައިގެން އިނީ ފޯނަށް ޖަވާބެއް ލިބޭނެ އިރެއްގެ އިންތިޒާރުގައި ކެތްމަދުވެފައެވެ. އެފޮތް ނުލިބިއްޖެ ނަމަ ޟީރާރަށް ހޭ އަރުވާލަން އިބްޒީމާ ނިންމައިގެން ހުއްޓާ ފޯނު ނަގައިފިކަން އިބްޒީމާއަށް އެނގުންވީ ރިންގުވަމުން ދިޔަ އަޑު މެދުކެނޑުމުންނެވެ.
"ހަލޯ.. ކޮބާ ކަލެއަށް މަ ހަވާލުކުރި ފޮތް؟..." އަޑަށް ބާރުލާފައި އިބްޒީމާ ވާހަކަ ދެއްކީ އެފޮތް އޭނާއަށް ނުލިބި ލަސްވުމުން އެކަމާ ހިތްހަމަނުޖެހިފައި ހުރުމުންނެވެ.
"ކީއްކުރާ ފޮތެއް؟.." އިވުނު ވަރުގަދަ އަޑެއްގެ ސަބަބުން އިބްޒީމާގެ ކަންފަތާ ދުރަށް ފޯނު ޖައްސާލަމުން އޭގެ ސްކްރީނަށް އޭނާ ބަލާލީ ގުޅިގެން އުޅެނީ ރަނގަޅު ނަންބަރަކަށްތޯ ޔަގީން ކުރާށެވެ. އެއީ ޟިރާރުގެ ނަންބަރެވެ. އެހެންވެއްޖިއްޔާ އެ ފޯނުން އެ ވާހަކަ ދައްކަނީ ކޮން ފިރިހެނެއް ހެއްޔެވެ!
"ތީ ކާކު؟.. ކޮބާ ޟީރާރު؟.. އޭނަ އަތަށް ފޯނު ދީ؟..." ޒީލަގަދަކަން ފާޅުވާފަދަ ރާގަކަށް އަޑަށް ބާރުލަމުން އިބްޒީމާ ވާހަކަ ދެއްކީ އެއް އަތް އުކަމުންނެވެ. "ހަހަހަހަ... ކަލެއަށް މަގޭ އަޑު ޖެހުނީމަ ވެސް ނޭނގުނު ދޯ..." އެ ބިރުވެރި އަޑުގައި ވަނީ މަލާމާތުގެ ރާގެކެވެ. އެއީ ދެވަނަ މީހެއް ނޫނެވެ. އެއީ އިބްޒީމާ ފުރަގަސްދިން މާރިދުކަމަށްވާ ރޫފަސްއެވެ.
"ކަލޭތަ؟... ކަލޭ މަށަށް ޖެއްސުން ވެސް ކުރަން ފެށީތަ؟..." އިބްޒީމާ ގެންފައިވާ ބިރު ހާމަކުރަން ބޭނުންނުވާތީ ރާގުގަނޑު އަޅުވާލާފަ ވާހަކަދެއްކީ ނިކަން ދަމާލާފައެވެ.
"ކަލޭ ގާތު ވާހަކައެއް ބުނަންވެގެން... އަދިވެސް ހިޔާލު ބަދަލުކުރާކަށް ނޫޅެންތަ؟..." ރޫފަސް ވާހަކަދައްކަން ބޭނުންވެފައިވާ މައުލޫ ހާމަކޮށްލުމުން އިބްޒީމާގެ ނިތައް ރޫގިނަ ކޮށްލިއެވެ.
"އާން... ބަދަލެއް ނުކުރެވޭނެ.. އަހަރެން އެ މަސައްކަތް ކުރާނެ އެހެން ގޮތެއް ހޯދާނަން..." އިބްޒީމާ އެންމެ ތަންފުކެއް ވެސް ދޫކުރާކަށް ގަސްތެއް ނުކުރެއެވެ.
"އެހެންތަ!... ތިހިޔާލު ބަދަލު ނުވޭހޭ މި އެހީ މަށަށް އަޒީމް ގޮވީމަ... އޭނަ މަށަށް މަސައްކަތެއް ހަވާލުކޮށްފި... އޭނާ ކަންތައްތަކެއް އޮޅުން ފިލުވަން ބޭނުންވާ ވާހަކަ ބުނި... މަބުނިން މަށަށް ތިކަން ވާނޭ..." ރޫފަސްގެ ވާހަކަތަކުން އިބްޒީމާގެ ބޯހަރު ސިކުނޑިއަށް ގޮތް ހުސްވެއްޖެ ކަމުގެ އިހްސާސްވަމުން ކައިރީ ހުރި މޭޒުގައި އަތް ވިއްދާލީ ބަލި ގަބޫލުކުރާ މީހަކު ފަދައިންނެވެ.
"އޭނާ ކައިރީ އަހަރެން ބުނިން އެކަން ވާނީ މަންޝާ ހިބަކޮށްދޭ މަތިންނޭ... ހަހަހަ.. އޭނާ ހުރީ އެކަން ކުރަން ވަރަށް ބޭނުންވެފަ.. ބޭނުން ނުވާންވީ ސަބަބެއްވެސް ނެތް... ހަހަހަހަ" ކަންފަތާ ދުރަށް ފޯނު ޖައްސާލަމުން ވަށައިގެން ކޮޓަރިތެރެއަށް އިބްޒީމާގެ ކަޅި ހިންގާލީ އެ މާރިދުގެ އަޑު އަންނަނީ ފޯނުން ނޫންކަން އިބްޒީމާއަށް ޔަގީން ވުމުންނެވެ.
ކުޑަދޮރު ކައިރިން ފާޅުވަމުން ދިޔަ ހިޔަންޏަށް ބަލަން ހުރި އިބްޒީމާ މަޑުމަޑުން އިސްއުފުލާލަމުން ފަންކާއާ ދިމާ ބަލާލީ މަތިން އެއްޗެއްގެ ހިލަން ވީހެން ހީވުމުންނެވެ. ސީލިންގުގައި ފިޔަގަނޑު ތަތްކޮށްލައިގެން އޮތް ރޫފަސްގެ ދިގު އިސްތަށިގަނޑު ނިކަ އަޅޮތަކެއްހެން ތިރިއަށް އެލިފައިވިއެވެ. "ދެން ކަލޭ ކީކޭ ބުނީ؟..." އަޒީމަށް ހުރިހާ ކަމެއް އެނގުނީ ކަމަށް ހީކޮށް އިބްޒީމާގެ މޭގަނޑު ބަންބަންލާފައި ތެޅެން ފެށިއިރު ހީވީ ޑަބިއަލެއްގެމަތީ ތަޅަމުން ދިޔަހެންނެވެ.
"މަށަކީ އެހާ ގޯސް މީހެއް ނޫނޭ...." ސީލިންގްމަތީ އޮތް ރޫފަސްގެ ފިޔަގަނޑު ދެއަތްތިލަހެން ހަރަކާތްކުރަމުން ދިޔައިރު އޭގެ ހަށިގަނޑު އެއްފަރާތެއްގެ ހުރި ފާރާ ދިމާއަށް ދަތުރުކުރަމުން ދިޔައެވެ. ފާރާ އަރާ ހަމަވުމުން ރާމާ މަކުނެއްހެން އިބްޒީމާއާ ދިމާއަށް ފުންމާފައި އައި އިރު ހީވީ އިބްޒީމާއަށް ހަމަލާއެއް ދޭން އުޅުނު ހެނެވެ. މޫނާ ދިމާއަށް އަތް ހުރަސްކޮށްލަމުން އިބްޒީމާ ހަޅޭއްލަވައިގަތީ ދެލޯ ތަގުޅިކޮށްލަމުންނެވެ.
ދެން އިވުނީ ރޫފަސްގެ ބިރުވެރި އަޑުން ބާރު ހިނިގަނޑެއް ޖަހާލި އަޑެވެ. އިބްޒީމާ ލޯ ހުޅުވާލި އިރު ރޫފަސް ހުރީ މޭޒުމަތީ ހުރި ފޮތްތަކަށް ބަލާށެވެ. އިބްޒީމާއާ ދިމާއަށް ވަށްކަޅިން ބަލާލަމުން އޭނާ ޗުސްޗުސް ކަނޑަމުން ދިޔައީ މަލާމާތްކުރާ ފަދައަކުންނެވެ. "މަ ބުނިން ވިސްނާލާނަމޭ... ކޮންމެ ގޮތެއް ވިޔަސް މަށާ އެކީ އެފަދަ ކަމަކަށް އެއްބަސްވާން ގޮވާލި ފުރަތަމަ މީހަކީ ތީ؟ އިބްޒީމާ ބޭނުން ނޫނިއްޔާ މަ ދެން އަޒީމް ކައިރިއައަށް ދާނީ... މަ ބޭނުންވާ ކަމެއް ކޮށްދެވޭވަރުގެ މީހެއް ކައިރިއަށް ދޯ މަވެސް ދާނީ..." އިބްޒީމާއާ ކުރިމަތިލާން އޭނާ އެނބުރިލީ އިރު އޭނާގެ އިސްކޮޅު އިބްޒީމާގެ އިސްކޮޅާ އެއްވަރަށް އޭރުވަނީ ކުޑަ ވެފައެވެ.
އިބްޒީމާ ދެލޯ މަރާލަމުން ފުން ނޭވާއެއް އެތެރެ ކޮށްލިއެވެ. ވިސްނަން މާ ގިނަ ވަގުތެއް ނެތްކަން އޭނާއަށް އިހްސާސްވުމުން ބޭނުންވީ އަޒީމަށް އެ ބާރު ލިބުމުގެ ކުރިން ރޫފަސް އޭނާގެ އަތްދަށަށް ގެންނާށެވެ. ރޫފަސް ބޭނުންވާ ކަހަލަ ޖަވާބެއް ނުދީފިއްޔާ މިވީހާ ދުވަހު އޭނާ ކުރި މަސައްކަތް ވެއްޔާ މޮޑެވުނީއެވެ.
"އަހަރެން ކަލޭ ބުނާ ކަންތައް ކޮށްދޭނަން..." އިބްޒީމާ އޭނާގެ ޖަވާބު ހާމަކުރުމުން ރޫފަސް އެއް އަރިއަކަށް ބޯއަރިކޮށްލަމުން ހިނިތުންވެލިއެވެ.
"ކީކޭ؟.. އަޑެއް ނީވޭ އަދި ތަންކޮޅެއް ބާރަށް ކަލޭގެ ގެރި އަޑުން ބުނެބަލަ..."
"ކަލެއަށް މަންޝާ ހިބަކޮށްދީފީމޭ... މަންޝާ އެއީ ކަލޭގެ މީހެކޭ..." އަޑުގެ ނެތްތަނަށް އިބްޒީމާ ހަޅޭއްލަވައިގަތީ ރޫފަސް ބޭނުންވާ ކަހަލަ ޖަވާބަކާ އެކީގައެވެ.
އެސްފިޔަ ޖަހާލާހާ ހަލުވި މިނެއްގައި އިބްޒީމާގެ މޫނާމޫނު ޖެހޭހާ ހިސާބަށް ރޫފަސް އައިސް ހޫނު ނޭވާއެއް ބޭރުކޮށްލިއެވެ. އިބްޒީމާގެ ގަޔަށް އެޅުނު ހޫނު ނޭވާގެ ސަބަބުން އޭނާއަށް އިހްސާސްވި އުދާހުން ބޮލަށް އެނބުރުން ނޭރީ ހަމަ ކިރިޔާއެވެ. އިބްޒީމާގެ އަތުގެ މުލަށްދަނޑީގައި ރޫފަސްގެ ބޮޑު އަތްތިލައިން ހިފާލުމާއެކީ އިބްޒީމާގެ ހަށިގަނޑުން ތޫނު ދިލައެއް ނެގިއެވެ. ދިލައަށް ކެތްނުކުރެވުމުން އިބްޒީމާ އަޑުން އަޑުނަގާ ރޮއެގަތެވެ. ރޫފަސްގެ އަތް ނައްޓާލަމުން އިބްޒީމާގެ މޫނަށް ބަލާލަމުން ދަވަލާފައިވާ ތޫނު ދަތްތައް ފާޅުވާނޭހެން އޭނާ ހީލިއެވެ.
"މި ވެވުނީ އެއްބަސްވުމެއް... މިއަދުން ފެށިގެން އަޒީމް ކިތަންމެ މަސައްކަތެއް ކުރިއަސް އެކަމުގެ ހަގީގަތެއް ނޭނގޭނެ.. އެކަމަކު އެކަން އެނގޭނެ އެއްގޮތް އޮންނާނެ..."
ރޫފަސް ހިފާލި ދިމާލުގައި އެއްއަތުން ފިރުމާ ފުމެމުން ދިޔަ އިބްޒީމާއަށް ހުއްޓުން އެރިއެވެ. އެއީ ކޮންގޮތެއްތޯ އަހަން އިބްޒީމާ އަނގަ ހުޅުވާލުމާއެކީ އަނގަޔަށް ވައްތަރެއް ޖައްސާލަމުން ރޫފަސްގެ އެއްމިޔަކަނުން ފައިބަމުންދިޔަ ދަވަތައް ފުހެލަމުން ވާހަކަ ދެއްކިއެވެ.
"އެކަން އެނގޭނީ ހަމައެކަނި ކަލޭގެ ދުލުން ބޭރުވެގެން..."
*** *** *** *** *** ***
ޖެހެމުން ދިޔަ ފިނި ވައިރޯޅިން ނައުރީންގެ ހަށިގަނޑަށް ލިއްބައިދެމުން ދެމުން ދިޔަ ފިނިކަމުގެ ސަބަބުން އޭނާގެ ހަށިގަނޑު ކުރުކޮށްލީ ހަށިގަނޑު ތޮރުފާ ކަހަލަ ފިނި އިހްސާސެއް ވުމުންނެވެ. ކަފަ ރަޖާގަނޑު ހޯދުމުގެ ބޭނުމުގައި ނައުރީންގެ އަތް އެނދުމަތީ ހަރަކާތްކޮށްލީ ކަންނެތް ގޮތަކަށް އެއްފަރާތަށް އަރިވެލަމުންނެވެ. ނައުރީންގެ އަތްތިލައިގައި ޖެހުނު އެއްޗެއްގެ ސަބަބުން އޭނާއަށް ހައިރާން ކަމެއް ލިބުނެވެ. ކުއްލިއަކަށް ދެލޯ ހުޅުވާލުމަށްފަހު ފުންމައިގެން ތެދުވެ އޭނާގެ ވަށައިގެންވާ މާހައުލަށް ނަޒަރު ހިންގާލިއެވެ.
ބިރުން މީހާ ހަލާކުނުވީ ހަމަ ކިރިޔާއެވެ. ހަޅޭއްލަވައިގަންނަން ބޭނުންވި ނަމަވެސް ނައުރީންގެ އަރުތެރޭގައި އޭނާގެ އަޑު ތާށިވެފައިވާ ކަހަލައެވެ. ވަލުތެރޭގައި އޭނާ އޮންނަން ޖެހުނު ސަބަބެއް ނޭނގުނެވެ. މިރޭ ބޮލުގައި ރިއްސާ ވަރުން ބޭސް ގުޅައެއް ކައިގެން އަޒީމްއާ އެކީ ނިދަން އޮތް ހަނދާންވިއެވެ. އެއީވެސް އޭނާގެ ކޮޓަރީގައެވެ. ދެން މިތަނަށް އާދެވުނު ގޮތެއް ނައުރީނަކަށް ނުވިސްނުނެވެ.
މަޑުމަޑުން ތެދުވެ ލައިގެން ހުރި ނައިޓީގައިވާ ވެއްޔާ ހިރަފުސް ފޮޅާލިއެވެ. ހުދު ކުލައިގެ ނައިޓީ ކިލާވުމުގެ ސަބަބުން އެ ހެދުން ހީވަނީ މުށިކުލައިގެ ހެދުމެއް ހެނެވެ. އެތަނުން ނިކުންނަން ނައުރީން ހިނގައިގަތެވެ. ވަށައިގެންވާ އެމާހައުލަށް ބަލަމުންދިޔަ އިރު ނޭނގޭ ބިރުވެރިކަމެއް އޭނާގެ ހިތުގައި ވަނީ އަށަގެންފައެވެ.
ނައުރީންގެ ފިޔަވަޅު ފަހަރެއް ފަހަރެއް އަވަސްވަމުން ދިޔައެވެ. ވަލު ތެރެއިން ބޭރު މަގަށް ނިކުމެވުމާ އެކީ ފަޔަށް ލެވުނު ބާރެއްލާ ދުއްވައިގަތެވެ. ދުވަމުން ދުވަމުން ގެއާ ހަމައަށް އާދެވުނުއިރު ނައުރީނަށް ހަމައަށް ނޭވާ ލެވޭވަރަށް ވުރެ ބޮޑަށް އޭނާ ހުރީ ވަރުބަލި ވެފައެވެ. ގޭގެ ވަށާ ފާރު ބުރި މަތީގައި އަތް އަޅުވައިގެން އޮވެ ހަމައަށް ނޭވާލާން މަސައްކަތް ކުރަމުން ދިޔަ ނައުރީންގެ އަރުތެރެވަނީ ހިކިފައެވެ. ފެންބޮވައިގެންފައި ހުރުމުން ގޭތެރެއަށް ވަތްގޮތަށް ވަދެ އޭނާ އަވަސްވެގަތީ ބަދިގެއާ ދިމާއަށެވެ. އައިސް އަލަމާރިން ފިނި ފެންފުޅިއެއް ނަގާ ފެންފުޅީގައި ތުންޖެހިގޮތަށް އެފުޅި އެއްކޮށް އޭނާ ހުސްކޮށްލިއެވެ. އެއަށްފަހު ކޮޓަރިއަށް ދާން އޭނާ އަވަސްވެގަތެވެ.
ލޮލުގައި ނިދީގެ އެއްވެސް އަސަރެއް ނެތުމުން ފޯނު ހިފައިގެން ކޮޓަރިތެރޭ ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި ޝީންގެ ކަންފަތުގައި ޖެހުނީ ބަދިގެތެރޭ މީހަކު އުޅޭ އަޑެވެ. ގޭތެރޭގައި އެ އުޅެނީ ނައުރީންތޯ ބެލުމުގެ ބޭނުމުގައި ޝީން ދޮރު ކައިރިއަށް ޖެހިލިއެވެ. ބޭރުން އިވެމުންދިޔަ އަޑުތަކަށް ސަމާލުކަން ދީގެން ހުރި ޝީންއަށް އެމީހަކު ބަދިގެއިން ނިކުމެއްޖެކަން ޔަގީންވިއެވެ. އަޑެއް ނީވޭނެހެން ސިއްރުސިއްރުން ދޮރުގެ ތަޅުގައި ހިފާ މަޑުމަޑުން އަނބުރާލަމުން ބޭރު ފެންނާނެ ވަރަށް ކުޑަކޮށް ދޮރު ހުޅުވާލުމަށްފަހު އެ ހަނި ދޭތެރެއިން ޝީން ބަލާލިއެވެ. އެވަގުތު ނައުރީންމެން ކޮޓަރި ދޮރު ހުޅުވުނު އަޑު އިވުމާއެކީ އޭނާ ބޭރަށް ބޯދިއްކޮށް ނައުރީންމެން ކޮޓަރިއާ ދިމާއަށް ބަލާލިއެވެ.
އޭނާގެ މަންމަ ހުރި ސިފަ ފެނުމުން ނައުރީނަށް ހައިރާން ކަމެއް ލިބުނެވެ. މީހާ ހީވަނީ ކިލައިން ފެންވަރައިގެން އައިސް ހުރި ހެންނެވެ. އިސްތަށިގަނޑެކޭ ހާމުންޑި ކުކުޅެކޭ ތަފާތެއް ނެތެވެ. ހިކިފައިވާ ފަތާއި ވެލީގެ އަސަރު ނައުރީންގެ އިސްތަށިގަނޑުން ފާޅުވަމުން ދިޔައެވެ. ނައުރީން އެތެރެއަށް ވަދެ ދޮރު ލެއްޕުމާއެކީ ޝީންވެސް ކޮޓަރި ތެރެއަށް ވަނެވެ. އޭނާގެ މަންމައަށް އަންނަމުން ދިޔަ ބަދަލުތަކުގެ ސަބަބުން ޝީންގެ ހިތަށް ހާސްކަމާއި ބިރުވެރިކަން ވަންނަމުން ދިޔައެވެ. ކުރިން މިފަދަ ކަންކަން ފާހަގަ ކުރެވެމުން އައީ މަންޝާގެ ފަރާތުންނެވެ. ނަމަވެސް މިހާރު އެކަހަލަ ކަންކަން މި ފެންނަނީ ނައުރީންގެ ފަރާތުންނެވެ.
މެންދުރުވީ އިރުވެސް ނައުރީން އޮތީ ނިދާފައެވެ. ޝީން އެކޮޓަރިއަށް ވަދެ ނައުރީނަށް ގޮވާލީ އޭނާގެ މަންމަ ނުހޭލާތީއެވެ. ގަދައަށް ނިދާފައި އޮތް ނައުރީނަށް ގޮވާލުމުން އޭނާގެ ބަރުވެފައިވާ ދެލޯ ހުޅުވާލަމުން ޝީންއާ ދިމާއަށް ބަލާލިއެވެ.
"ކޮބާ ޝާޔާ؟.. އެމަންޖެ ހުންގަނޑު ކިހިނެއް؟.." ބޮލުގައި ރިހުމެއް ހުރުމުން އެއްއަތުން ނިތްކުރީގައި ފިރުމާލަމުން ނައުރީން ވާހަކަ ދެއްކިއެވެ.
"ބޭސް ބޮއިގެން އެހުރީ.. މިހާރު ހުމެއް ނެތް..." ޝީން ވާހަކަ ދައްކަމުން ނައުރީންގެ ހަށިގަނޑަށް ބަލާލެވުނީ އޭނާގެ އަތުގައި ނޫފައިގެންފައި ހުރި ތަންތަން ފެނުމުންނެވެ. އެއިންކަމެއް ޝީންއަށް ފާހަގަވިކަމަށް ނުހަދާ އަނެއްކާވެސް ޝީން ވާހަކަ ދެއްކިއެވެ.
"މަންމަ ބަލީތަ؟... ބޮލުގަ ރިއްސަނީތަ؟..."
"އާން.. މިއުޅެނީ ބޮލުގައި ރިއްސާތީ..." ނައުރީން ޖަވާބުދެމުން ފާރުގައި ހަރުކޮށްފައިވާ ގަޑިއަށް ބަލާލުމާ އެކީ ދެލޯ ބޮޑުވެގެން ދިޔައެވެ. ގަޑިން މެންދުރު އެކެއް ޖެހީއެވެ. އެހާ ލަސްވަންދެން ނައުރީނަށް ނިދަން އޮވެވުމުން ހައިރާންކަމެއް ލިބުނެވެ. "ކޮބާ މަންޝާ؟.." އެނދުން ތެދުވަން މަސައްކަތްކުރަމުން ނައުރީން ސުވާލުކޮށްލީ މަންޝާ ކޮބާތޯ ބަލާލުމުގެ ބޭނުމުގައެވެ.
"ޝީންގެ ގުރުއާން މިސްމެން ގެއަށް ދިޔައީ... މުރަގަތޮޅިކޮޅެއް ބަލައޭ ބުނީ..." ޝީންގެ ވާހަކަ އެހިސާބުން މެދުކެނޑުނީ އޭނާގެ ފޯނަށް މެސެޖެއް އައުމުންނެވެ. ފޯނުގެ ސްކްރީނަށް ބަލާލަމުން ނައުރީން އެއްވެސް އެއްޗެއް ބޭނުންތޯ ބަލާލަން އޭނާ ސުވާލުކޮށްލިއެވެ. ނައުރީން ނޫނެކޭ ބުނެ ފާހާނާއަށް ދާން ހިނގައިގަތެވެ. ނައުރީންގެ ހިނގަމުން ދިޔައިރު އޭނާ ކޮރެއް ޖަހަމުން ދިޔަކަން ޝީންއަށް ފާހަގަވިއެވެ. ނަމަވެސް އިތުރު ސުވާލެއް ކުރާކަށް އޭނާއަކަށް ނުކެރުނެވެ.
*** *** *** *** *** ***
މުރަނގަ ތޮޅި ކޮތަޅެއް ހިފައިގެން ގެއާ ހަމައަށް އައި މަންޝާގެ ހިނގުން މަޑުވަމުން ދިޔަކަން ހޫދަށް ފާހަގަވިއެވެ. ދުރުދުރުން ހޫދު އައީ ސައިކަލުގައި މަންޝާގެ ހަރާކާތްތަކަށް ބަލަމުންނެވެ. މަންޝާގެ ފަސްފަހަތުން ހިނގާފައި ދިޔަ އަންހެން މީހާއަށް ދުރުދުރުން ހޫދު ބަލަމުން ދިޔަކަން ފާހަގަ ނުވާވަރަށް ހޫދު ސަމާލުވެގެން ހުރީ އެ އަންހެންމީހާ ހަދާ ގޮތެއް ބަލާށެވެ. މޫނު ނިވާކޮށްގެން ހުރި އަންހެން މީހާގެ ފިޔަވަޅު މަޑުކޮށްގެން ހުރީ މަންޝާގެ ހަރަކާތްތަކަށް ބަލަބަލައެވެ.
މެންދުރުގެ ދިލަ ހޫނު އަރަމުންދިޔަ އަވިން މަންޝާގެ ނިތްކުރިމަތިން ފާޅުވަމުން ދިޔަ ދާތިކިތައް އެއް އަތުން ފޮހެލަމުން މަންޝާ އިސްއުފުލާލިއެވެ. ދެލޯ ހަނިކޮށްލަމުން އުޑުމައްޗަށް ބަލާލި އިރު އޭނާގެ ލޯ މައްޗަށް ކަޅުކުލައިގެ ތިކިތަކެއް ފާޅުވެގެން ދިޔައެވެ. އެސްފިޔަތައް ތަޅުވަމުން ދިޔަވަރަކަށް މަންޝާގެ ލޮލަށް ފެންނަމުންދިޔަ ކަޅު ތިކިތައް ގިނަވަމުން ދިޔައެވެ. އަދި އެކީ ލޯމައްޗަށް ފުސްވެ ކަޅުއަނދިރިކަމެއްގެ ތެރެއަށް މީހާ ގެނބިގެން ދިޔައެވެ.
ކަނޑާލި ރުކެއްހެން މަންޝާގެ ހަށިގަނޑު ބިންމައްޗަށް ވެއްޓި ޖެހުމާ އެކީ ހޫދު ދެލޯ ބޮޑު ކޮށްލިއެވެ. ސައިކަލުން ފޭބުމަށްފަހު ކުރިއަށް ހޫދު އެޅި ފިޔަވަޅާއެކީ ކަޅު ޖިލްބާބުގައިވާ އަންހެންމީހާގެ ހަރަކާތްތަކަށް އޭނާގެ ސަމާލުކަން ގޮސް ހުއްޓުނެވެ.
(ނުނިމޭ)
