ރޯދަ މަހުގެ ފަހު ދިހައާއެކު މިއަދުން ފެށިގެން ސަރުކާރު ބަންދުވެއްޖެއެވެ.

ކޮންމެ އަހަރެއްގެ ރަމަޟާން މަހުގެ 20ވަނަ ދުވަހުން ފެށިގެން އެ މަހުގެ ނިޔަލަށް ހިނގާ ދުވަސްތަކަކީ، ސަރުކާރު ބަންދު ދުވަސްތަކެއް ކަމަށް ރައީސް ކަނޑައަޅުއްވާފައި ވަނީ 2024 ވަނަ އަހަރުއެވެ. މިއީ އިސްލާމީ އުސޫލުތައް ގާއިމުކުރުމަށާއި، ދީނީ ކަންކަމަށް ރައްޔިތުން ލޯބި ޖެއްސުމާއި، ދީނީ ކަންކަމަށް އިސްކަން ދިނުމަށް ފުރުސަތު ދިނުމުގެ ގޮތުން ރައީސް ނިންމަވާފައިވާ ނިންމެވުމެކެވެ.

އެއާއެކު މި އަަހަރުގެ ރޯދަ މަހުގެ ފަހު ދިހައެއް ފެށިފައި ވަނީ މިއަދުން ފެށިގެންނެވެ. އެހެން ކަމުން ކުރިއަށް އޮތް 10 ދުވަސް އަދި އީދު ދުވަސް ބަންދުވާނެއެވެ.

ނަމަވެސް މި ދުވަސްތަކުގައި އެކިއެކި މުއައްސަސާތަކުން ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ހިދުމަތްތައް، އެ މުއައްސަސާތަކުން ކަނޑައަޅާ ގޮތެއްގެ މަތިން ދިނުމުގެ އިންތިޒާމު، އެ މުއައްސަސާއަކުން ހަމަޖައްސާފައި ވާނެއެވެ.

ރޯދަ މަހުގެ ފަހު ދިހައިގެ ދުވަސްތައް ބަންދު ކުރުމުގެ ސަބަބެއްގެ ގޮތުގައި ރައްޔިތުން ރޭ އަޅުކަމުގައި ވަރަށް ގިނަ ވަގުތު ހޭދަ ކުރުން ހިމެނެއެވެ. އަދި ހަމަ އެހެންމެ އުމްރާ އަށް ދާން ބޭނުންވާ މީހުންނަށް ފަސޭހަކަމާ އެކީގައި އެ އަޅުކަން އަދާކުރުމުގެ ފުރުސަތު ފަހިވެގެންދާނެ އެވެ. މި ގޮތުން އެންމެ މޮޅު ގޮތަކީ މި ދުވަސްތައް އިއުތިކާފަކަށް ހާއްސަކޮށްލައި ލައިލަތުލް ގަދުރި ލިބިގަތުމަށް މަސައްކަތް ކުރުމެވެ.