މެދުއިރުމަތީގެ ހަމަނުޖެހުމުގެ ސަބަބުން އެސަރަހައްދުގެ ގިނަ ގައުމުތަކެއްގެ ވައިގެ ސަރަހައްދު ބަންދު ކުރުމާއި ގުޅިގެން މިއަދު ކެންސަލްވި ފްލައިޓްތަކުން ދަތުރު ކުރަން ކުރިން ހަމަޖެހިފައި ތިބި ގިނަ ދަތުރުވެރިންނަށް ކުރިމަތިވެފައިވާ ދަތިތައް ދެނެގަނެ އެހީތެރިވަމުންދާކަމަށް މިނިސްޓްރީ އޮފް ޓުއަރިޒްމް އެންޑް އެންވާރަމަންޓް އިން ބުނެފިއެވެ.

މިނިސްޓްރީ އިން ބުނީ ދަތުރުވެރިންނަށް ކުރިމަތިވެފައިވާ ދަތިތައް ދެނެގަނެ، އެފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ކަމާ ބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުންދާކަމަށެވެ.

އެގޮތުން މިނިސްޓާ އޮފް ޓުއަރިޒްމް އެންޑް އެންވާރަމަންޓް، ތޯރިގް އިބްރާހިމް ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް މިރޭ ވަޑައިގެން، ނުފުރިފައި ތިބި ދަތުރުވެރިންނަށް ކުރިމަތިވެފައިވާ ދަތިތައް ދެނެގަނެ އެމީހުންނަށް އެހީތެރިވުމަށް ކުރަމުންދާ މަސައްކަތްތައް ބައްލަވާލައްވާފައެވެ.

މިނިސްޓަރު ވިދާޅުވީ މެދުއިރުމަތީ ހަނގުރާމައިގެ ސަބަބުން ނުފުރިފައި ތިބި ފަތުރުވެރިންނަށް ރިސޯޓު ނުވަތަ ގެސްޓް ހައުސްއަށް ދެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް އެމްއޭސީއެލް އާއި މިނިސްޓްރީން މަސައްކަތް ކުރަމުން ދާކަމަށެވެ.

"މިއަދުގެ މެދުއިރުމަތީގެ ހަނގުރާމަ އާ ހެދި އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައި އޮތީ 1400 އެއްހާ ފަތުރުވެރިންގެ ފްލައިޓް ކެންސަލްވެ، ފަތުރުވެރިންނަށް ޑިސްރަޕްޝަން އައި، އެހެންވެ އެބޭފުޅުންނަށް ނުފުރިފަ ތިބި. ދެން މިއަދު ފްލައިޓްތައް ކެންސަލްވާން ފެށީއްސުރެން، އޭރު އެއާޕޯޓަށް އަންނަމުން އައި މީހުންނަށް، އޭރުއްސުރެން މަސައްކަތް މި ފެއްޓީ އެބޭފުޅުންނަށް އެބޭފުޅުން އަނެއްކާވެސް ވަޑައިގެންނެވި ރިސޯޓު ނޫނީ ގެސްޓްހައުސްއަށް ދެވޭނެ ގޮތް ހަމަޖައްސައިދިނުމަށް"
ތޯރިގް އިބްރާހިމް

މިނިސްޓަރު އިތުރަށް ވިދާޅުވީ ރިސޯޓު ނޫނީ ގެސްޓްހައުސް އަށް އަނބުރާ ދާން ބޭނުން ނުވި ފަތުރުވެރިންގެ ތެރެއިން ބައެއް ފަތުރުވެރިން ބޭނުންވި ގޮތަށް ޓިކެޓް ބަދަލުކޮށް އެހެން ފްލައިޓަކުން ދަތުރުކުރޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށްވެސް އެހީތެރިކަން ފޯރުކޮށްދެވުނުކަމަށެވެ. އަދި ބައެއް ފަތުރުވެރިން އެއްވެސް ތަނަކަށް ނުގޮސް އެއާޕޯޓުގައި ތިބެ ވާގޮތެއް ބެލުމަށްފަހު ފިޔަވަޅެއް އަޅަން ބޭނުންވާތީ އެފަރާތްތަކަށްވެސް އެއާޕޯޓުގައި މަޑުކޮށްލެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް މިއަދު ހަވީރުއްސުރެން ގިނަ މަސައްކަތްތަކެއް ކުރެވުނުކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ވެލާނާ އެއާޕޯޓުން މިއަދު ގިނަ ފްލައިޓްތަކެއް ކެންސަލްވެގެން ދިއުމާ ގުޅިގެން އެމްއޭސީއެލް އިން ވަނީ ބަޔާނެއް ވެސް ނެރެފައެވެ. އެ ބާޔާނުގައި ބުނެފައި ވަނީ، މެދުއިރުމަތީގެ ގިނަ ގައުމުތަކުގެ ވައިގެ ސަރަހައްދު ވަގުތީ ގޮތުން ބަންދު ކުރުމާ ގުޅިގެން އެ ސަރަހައްދުގެ ގައުމުތަކަށް ދަތުރު ކުރާ ހުރިހާ ފަރާތްތަކުން ވެސް އެެއާޕޯޓަށް ދިއުމުގެ ކުރިން، އެ ފަސިންޖަރަކު ފުރުމަށް ހަމަޖެހިފައިވާ ފްލައިޓްގެ މައުލޫމާތު އެއާލައިންގެ ވެބްސައިޓާއި ޓުއާ އޮޕަރޭޓަރުން މެދުވެރިކޮށް ހޯދުމަށެވެ.

މެދުއިރުމަތީގެ މަސްރަހު ހޫނުވެފައި ވަނީ އިޒްރޭލާއި، އެމެރިކާއިން އީރާނަށް ހަމަލާ ދޭން ފެށުމުންނެވެ. އިރާނުގެ ތެހެރާނަށް ދިން ހަމަލާ އަމާޒުކޮށްފައި ވަނީ ރައީސް އޮފީހާއި ގައުމީ ސަލާމަތީ ކަންކަމާ ބެހޭ އޮފީސްތައް ހުންނަ ޕާސްޗަ ސްޓްރީޓްގެ އިތުރުން ސުޕްރީމް ލީޑަރުގެ ކޮމްޕައުންޑާއި އަދި އެސެމްބްލީ އޮފް އެކްސްޕާޓްސް ކައިރިއަށެވެ.

މި ހަމަލާ އާއެކު އިޒްރޭލުން އިރާނާ ދެކޮޅަށް ހަނގުރާމަ އިއުލާންކޮށްފައިވާ އިރު، އިޒްރޭލުން ވަނީ އެގައުމުގެ ވައިގެ ސަރަހައްދު ބަންދުކޮށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައެވެ. އަދި މުޅި އިޒްރޭލުގައި ސައިރަން އަޅާފައިވާއިރު އިޒްރާލުން މިހާރު ވަނީ ފަލަސްތީނުގެ ވައިގެ ސަރަހައްދު ވެސް ބަންދުކޮށްފައެވެ.