މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖެއިން ކަންބޮޑުވުންފާޅުކޮށް ބަޔާނެއް ނެރެފިއެވެ.
ފޮރިން މިނިސްޓްރީން އާންމުކޮށްފައިވާ ބަޔާނުގައި މެދުއިރުމަތީގައި މިހާރު ކުރިއަށްދާ ހަނގުރާމައިގައި ދޭ ހުރިހާ ހަމަލާތަކެއް ދިވެހި ސަރުކާރުން ވަނީ ކުށްވެރިކޮށްފައެވެ. އަދި ހަނގުރާމަ ހުއްޓާލަން ހުރިހާ ފަރާތަކުންވެސް އެއްބާރުލުން ދޭން ދިވެހި ސަރުކާރުން ވަނީ ގޮވާލާފައެވެ.
ދިވެހި ސަރުކާރުގެ ބަޔާނުގައި މެދުއިރުމަތީ ހުރިހާ ގައުމަކުންވެސް އެގައުމެއްގެ އިހުތިސާސް ކަނޑައަޅާފައިވާ ސަރަހައްދުތަކަށް އިހުތިރާމު ކުރަން ވާނެކަމަށް ބުނެފައިވެއެވެ. މީގެއިތުރުން، މެދުއިރުމަތީގެ ސުލްހަވެރިކަން ގާއިމުކުރުމަށް މަސައްކަތްކޮށް، ބައިނަލްއަގުވާމީ ގާނޫނުތަކާއި، ގަވާއިދުތަކާއި، އދ ގެ ޗާޓަރުގައި ހިމެނޭ ކަންކަމަށް ސަމާލުވުމަށްވެސް ދިވެހި ސަރުކާރުން ވަނީ ގޮވާލާފައެވެ.
ސުލްހަވެރިކަން ދެމެހެއްޓުމަށް ދިވެހިރާއްޖެއިން އެއްބާރުލުން ދިނުމުގައި އަބަދުވެސް ސާބިތުކަން މަތީ އޮތްކަން ފާހަގަކޮށް، ސުލްހަ ދެމެހެއްޓުމަށް ބައިނަލްއަގުވާމީ ފެންވަރެއްގައި އެކުގައި މަސައްކަތް ކުރުމުގެ މުހިންމުކަންވެސް ރާއްޖެއިން އާންމުކޮށްފައިވާ ބަޔާނުގައިވެއެވެ.
