އީރާނު ހަނގުރާމައާ ގުޅިގެން އިންޑިއާއިން ކަންބޮޑުވާކަމަށް ބުނެ ބަޔާނެއް ނެރެފިއެވެ.
އިންޑިއާގެ ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި އީރާނާއި، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން އިންޑިއާ އިން ވަރަށް ބޮޑަށް ކަންބޮޑުވާކަމަށް ބުނެފައިވެއެވެ. އަދި ހާލަތު އިތުރަށް ގޯސްވިޔަ ނުދީ އާންމުންގެ ރައްކާތެރިކަން އިސްކުރަން އިންޑިއާ އިން ވަނީ ގޮވާލާފައެވެ.
އިންޑިއާގެ ބަޔާނުގައި ހާލަތު ގޯސްވިޔަ ނުދީ ދެމެހެއްޓުމަށް ދާހިލީ ގުޅުންތައް ދަމަހައްޓައި، މަޝްވަރާ ކުރުން މުހިންމުކަމަށް ފާހަގަކޮށްފައިވެއެވެ. އަދި ސަރަހައްދީ ހުރިހާ ގައުމަކުންވެސް އެގައުމެއްގެ އިހުތިސާސް ކަނޑައަޅާފައިވާ ސަރަހައްދުތަކަށް އިހުތިރާމު ކުރަން ވާނެކަމަށްވެސް އިންޑިއާ އިން ބުނެފައިވެއެވެ.
މެދުއިރުމަތީގެ ހަމަނުޖެހުންތަކާއިއެކު، ސަރަހައްދީ މިޝަން ތަކުގައި ތިއްބަވާ އިންޑިއާގެ އޮފިޝަލުންނާއި، މެދުއިރުމަތީގައި ދިރިއުޅޭ އިންޑިއާގެ ރައްޔިތުން ސަމާލުވުމަށްވެސް އިންޑިއާއިން ވަނީ އިލްތިމާސްކޮށްފައެވެ.
އިޒްރޭލާއި އީރާނާއި ދެމެދު ހަނގުރާމަ ފަށާފައިވަނީ އެމެރިކާގެ އެހީއާއި އެކު އިޒްރޭލުން އީރާނަށް މިއަދު ހެނދުނު ދޭން ފެށި ހަމަލާތަކާ ގުޅިގެންނެވެ.
މެދުއިރުމަތީގެ މަސްރަހު ގޯސްވުމާ ގުޅިގެން މިހާތަނަށް ގިނަ އެއާލައިންތަކުން ވަނީ ދަތުރުތައްވެސް ހުއްޓާލާފައެވެ.
ކެންސަލް ކުރި ފްލައިޓްތަކުގެ ތެރޭގައި އެމިރޭޓްސް، އިއްތިހާދު އެއާވޭސް، ޤަތަރު އެއާވޭސް އަދި ފްލައި ދުބާއީ ހިމެނެއެވެ. އެ ފްލައިޓްތަކުގެ މަންޒިލްތަކުގެ ތެރޭގައި ދުބާއީ، އަބޫދާބީ، ދޯހާ ފަދަ މެދުއިރުމަތީގެ މަންޒިލްތައް ހިމެނެއެވެ.
