އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދޭ ހަމަލާތަކުގެ ރައްދުގައި އީރާނުން ދޭން ފެށި ހަމަލާތަކުގައި އަަދި ބޭނުން ކުރީ މިސައިލް ސްޓޮކްގެ ފަހަތުން އެތިކޮޅެއް ކަމަށް އެގައުމުގެ އޮފިޝަލުން ވިދާޅުވެއްޖެެއެވެ.

އީރާނުގެ ހަބަރުތައް ބުނާގޮތުން، އިޒްރޭލުގެ ހަމަލާގެ ރައްދުގައި އީރާނުން ވަނީ، ގަލްފުގައި ގާއިމުވެ ތިބޭ އެމެރިކާގެ މަގާމުތަކަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ. އެ ހަމަލާތަކުގެ ތެރޭގައި ގަަތަރުގައި އެމެރިކާއިން ގާއިމު ކޮށްފައި ހުރި އެންމެ ޒަމާނީ ރާޑަރު ސިސްޓަމައި ބަހްރައިންގައި ގާއިމު ކޮށްފައި ހުރި ރާޑަރު ސިސްޓަމް ގޮއްވާލުމުގެ އިތުރުން، ކްވައިތު، ސައުދީ، އީރާގު އަދި ޔޫއޭއީ ފަދަ ގައުމުތަކުގައި ހުރި އެމެރިކާގެ ބޭސްތަކަށް ވަނީ ހަމަލާ ދީފައެވެ.

ބެލިސްޓިކް މިސައިލާއި ޑްރޯން ބޭނުން ކޮށްގެން އީރާނުން ދިން ހަމަލާތަކުގައި ބަހްރައިންގެ ޖާފިރް ސަރަހައްދުގައި އޮންނަ އެމެރިކާގެ ބޭސް އަށް ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށް ހަބަރުތައް ބުނެއެވެ. ބަހްރައިންގެ ރަސްމީ އިދާރާތަކުންވެސް މި ކަން ކަށަވަރު ކޮށްދީ ބުނެފައި ވަނީ، އެމެރިކާގެ 5 ވަނަ ފްލީޓުގެ މެރިން ސިފައިން ގާއިމުވެ ތިބޭ މަރުކަޒު ފުނޑުފުނޑު ވެފައި ވާ ކަމަށެވެ.

ކްވެއިތަށް ދިން ހަމަލާ އަމާޒު ކުރީ ކްވެއިތުގެ ވެރިރަށުގެ ހުޅަނގުގައި އޮންނަ އަލީ އަލް ސާލިމް އެއާބޭސް އަށެވެ.

ގަތަރުގެ ހަމަލާ އަމާޒުކުރީ ވެރިރަށް ދޯހާގައި އޮންނަ އެމެރިކާގެ އެންމެ ބޮޑު ބޭސް އަލް އުދެއިދް އަށެވެ.

އިޒްރޭލާއި އެމެރިކާގެ ހަމަލާތައް އީރާނުގެ އެކިއެކި ސިޓީތަަކަށް އަމާޒު ކޮށްފައި ވާއިރު، މިވަގުތުވެސް އިސްފަހާން، ގައުމް، ހަރަޖް، ތަބްރީޒް އަދި ކަރްމަންޝާހް ގެ އެކިއެކި ސަރަހައްދުތަކުން ދުން އަރަމުން އެބަދެއެވެ.

އީރާނުގެ އައިއާރުޖިސީ އިން އާންމު ކުރި ބަޔާނެއްގައި ބުނީ، ގަތަރުގައި ގާއިމު ކޮށްފައި ހުރި އެމެރިކާގެ ދިފާއީ ސިސްޓަމަކީ 5000 ކިލޯމީޓަރު ދުރުން މިސައިލް ވައްޓާލެވޭ ވަރުގެ ނިޒާމެއް ކަމަށެވެ. އެމެރިކާއިން މީގެ ކުރިން ބުނެފައި ވަނީ އެއީ 1.1 ބިލިއަން އެމެރިކާ ޑޮލަރުގެ ސިސްޓަމެއް ކަމަށެވެ.

އިޒްރޭލުގެ ހަމަލާތަކަށް އީރާނުން ދޭ ރައްދު މިހާރު ވަރުގަދަ ކޮށްފައި ވާއިރު، މިއަދު ހަމަލާތައް ފެށި އިރު 'ދުންބަޑިއެއްހެން' ވައިގެ ތެރޭގައި މިސައިލްތައް ގޮއްވާލި ނަމަވެސް މިހާރު ދޭ ހަމަލާތައް ދިފާއު ފޫއަޅުވާލައި އިޒްރޭލުގެ ވެރިރަށަށް ވެސް ވަނީ ފޯރަން ފަށާފައެވެ. އެގޮތުން ތެލްއަވީވަށް އަމާޒުވި ހަމަލާގައި އިމާރާތެއްގައި ރޯވެ އަނދަމުން ދާ މަންޒަރު ފެންނަ ވީޑިއޯ ވަނީ އާންމު ވެފައެވެ. ދެވަނަ ހަމަލާއެއްގައި ހައިފާގެ އިމާރާތެއް ގޮއްވާލާފައި ވެއެވެ.

މި ހަނގުރާމައާ ގުޅިގެން އީރާނުން ބުނެފައި ވަނީ، 'ރަތް ރޮނގު' މިހާރު ނެތް ކަމަށާއި އެމެރިކާއާއި އިޒްރޭލް ސިހޭވަރުގެ ހަމަލާތައް އަމާޒު ކުރާނެ ކަމަށެވެ.