ކުނި ބަރުކޮށްގެން މާލެއިން ހުޅުމާލެއަށް ދަތުރު ކުރަމުން ދިޔަ ޕިކަޕެއް ފުރޮޅާލައިފިއެވެ.
ފުލުހުން ބުނީ ޕިކަޕު ފުރޮޅާލި ހާދިސާ ރިޕޯޓުކޮށްފައިވަނީ މިއަދު ހެނދުނު 09:45 ހާއިރު ކަމަށެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މީގެ އިތުރުން ފުލުހުން ބުނީ ޕިކަޕު ފުރޮޅާލަން މެދުވެރިވީ ޕިކަޕުގެ ފުރޮޅު ފަޅައިގެން ގޮސް އަރި އަޅާލައި ބްރިޖުގެ ފެންސެއްގައި ޖެހުމުގެ ސަބަބުން ކަމަށެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯ އިން ފެންނަ ގޮތުން ޕިކަޕް ދުއްވަން އިނީ ބިދޭސީއެކެވެ. އަދި ބްރިޖު މައްޗަށް ގިނަ އަދަދެއްގެ ކުނި އެޅިފައިވާއިރު، އެމީހާ އެ ކުނިތައް އެއްކުރުމަށް މަސައްކަތްކުރާ މަންޒަރުވެސް ފެނިގެން ދެއެވެ.
ފުލުހުން ބުނީ މި ހާދިސާ އިތުރަށް ތަހުގީގުކުރަމުން އަންނަކަމަށެވެ.
