ކޮންމެ އިންސާނަކީވެސް ތަފާތު ހުނަރެއް ލިބިފައިވާ މީހެކެވެ. އަމިއްލަ މަސައްކަތުން ކުރިއަރައި ދިއުމަށް އަޒުމް ކަނޑައަޅައިގެން މަސައްކަތް ކުރާ ޒުވާނުން މި މުޖުތަމައުގައި މަދެއް ނޫނެވެ. މީގެ ތެރެއިން ވެސް ރީތި ވުމާއި، އިސްތަށިގަނޑު ރީތިކޮށް ބެލެހެއްޓުމުގެ ދާއިރާއިން ފާހަގަކޮށްލެވޭ އެއް ނަމަކީ އިޝާއެވެ. އުމުރުން 27 އަހަރުގެ އިޝާ މުސްތަފާ އަކީ ކެރަޓިން ހެއާ ޓްރީޓްމަންޓް ދިނުމުގައި މިހާރު ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ ހުނަރުވެރި ޒުވާނެކެވެ.

ކެރަޓިން ހެއާ ޓްރީޓްމަންޓަކީ އިސްތަށިގަނޑުގައި ގުދުރަތީ ގޮތުން އެކުލެވޭ "ކެރަޓިން" ނަމަކަށް ކިޔާ ޕްރޮޓީން އަލުން އިސްތަށިގަނޑަށް ފޯރުކޮށްދީގެން ދެވޭ ފަރުވާއެކެވެ. މި ފަރުވާގެ ސަބަބުން ބުޅިވެފައިވާ އިސްތަށިގަނޑު މަޑުވެ، އޮމާންވެ އަދި ބެލެހެއްޓުމަށް ފަސޭހަވެގެންދެއެވެ. މިއީ ހަމައެކަނި އިސްތަށިގަނޑު ރީތިކޮށްލުމެއް ނޫނެވެ. މިއީ ހަލާކުވެފައިވާ އިސްތަށިގަނޑަށް ދިރުން ގެނެސްދޭ މުހިންމު ފަރުވާއެކެވެ.

ކެރަޓިން ހެއާ ރީތިވެ އަމިއްލައަށް އެކަން ކުރަން ބޭނުންވި

މި ދާއިރާއަށް ވަދެވުން ގޮތާ ބެހޭ ގޮތުން "ދަ ޕްރެސް" އަށް މައުލޫމާތު ދެމުން އިޝާ ބުނީ އަލަށްވެސް މި މަސައްކަތް ފެށުނީ މަސައްކަތް ކޮށްލަން ދިޔަ ސެލޫނަކުން ކަމަށެވެ. އެގޮތުން އެ ސެލޫންގައި ކެރަޓިން ހެއާ ޓްރީޓްމަންޓް ހަދާ ގޮތް އިޝާއަށް ދަސްކޮށްދިން ކަމަށާއި، އޭރުވެސް އެކަމަށް ހިތުގައި ހާއްސަ ޝައުގުވެރިކަމެއް އުފެދުނު ކަމަށެވެ.

އިޝާ ކްލަޔަންޓަކަށް ކެރަޓިން ހެއާ ޓްރީޓްމެންޓު ދިނުމުގެ ކުރިން އަދި ފަހުން ނަގާފައިވާ ފޮޓޯއެއް / ފޮޓޯ: އިޝާ
ސެލޫންގަ ވޯކް ކުރި ދުވަސްކޮޅު އަސްލު ކެރަޓިން ހެއާ ޓްރީޓްމެންޓްގެ ޕްރޮސެސް ދަސްކުރީ. ކުރިންވެސް ކުދިން އިސްތަށިގަނޑު އެހެން ކެރަޓިން ހަދާތަން ފެނުނީމަ ވަރަށް އިންޓްރެސްޓިން. އަމިއްލަ އިސްތަށިގަނޑަށް އެހެން ހަދާ ހިތްވޭ އެކަމް އޭރު ނޭނގެ ކުރާކަށް.
އިޝާ މުސްތަފާ

އިޝާ މަސައްކަތަށް ނިކުންނަން އެންމެ ބޮޑު ހިތްވަރަކަށްވި ފުރަތަމަ ކްލަޔަންޓުގެ ވާހަކަ ކިޔައިދެމުން އިޝާ ބުނީ އެއީ އިޝާ ކުރި ފުރަތަމަ ކެރަޓިން ހެއާ ޓްރީޓްމަންޓު ކަމަށެވެ. އެގޮތުން އެ ކްލަޔަންޓު 4 ދުވަސްފަހުން އެނބުރި އައި ކަމަށާއި، އައި އިރު އޭނާގެ އިސްތަށިގަނޑު މުޅިން ތަފާތުވެ ރީތިވެފައި ހުރި ކަމަށެވެ. އެ ކްލަޔަންޓުގެ ފަރާތުން އިޝާއަށް ލިބުނު "ޕޮޒިޓިވް ފީޑްބެކް" އަކީ އަމިއްލައަށް މި މަސައްކަތަށް ނިކުތުމަށް އެޅުނު ފުރަތަމަ ބިންގާ ކަމުގައި އިޝާ ދެކެއެވެ.

2021 ވަނަ އަހަރުގެ މެއި މަހު އިޝާގެ އަމިއްލަ ކެރަޓިން ހެއާ ޓްރީޓްމަންޓު ބިޒްނަސް ރެޖިސްޓާ ކުރިއެވެ. އެއާއެކު އިންސްޓަގްރާމް ޕޭޖެއެއް ހަދާ އިޝާގެ މަސައްކަތްތައް އަޕްލޯޑުކުރަން ފެށިއެވެ. އެހާ ހިސާބުން އިސްތަށިގަނޑޭ ބުނެފިނަމަ ގިނަ ބައެއްގެ ދުލު ކުރީގައި ވަނީ އިޝާގެ ނަމެވެ. އިޝާ ކޮށްދީފައިވާ ކެރަޓިން ހެއާ ޓްރީޓްމަންޓުތައް ފެނި ގިނަ ބަޔަކު އިޝާ ކައިރިން އެޕޮއިންޓްމަންޓު ނަގަން ފެށިއެވެ. އިންސްޓަގްރާމުގައި އިޝާ ހިންގާ ޕޭޖު "ހެއާ ބައި އިޝް" އަށް ބަލާލުމުން އިޝާގެ މަސައްކަތުގެ ފުރިހަމަ ކަން ހާމަވެގެން ދާނެއެވެ.

ވަރަށް ބޮޑު ކްލަޔަންޓު ބޭސްއެއް މިހާރު އޮވޭ އަސްލު. 1000 އަށްވުރެ ގިނަ މީހުންގެ އިސްތަށިގަނޑު ކެރަޓިން ޓްރީޓްމެންޓް މިހާރު ހަދާދެވިއްޖެ. ގިނަ މީހުން ހަމަ ދެވަނަ ފަހަރަށްވެސް ތިންވަނަ ފަހަރަށްވެސް އެބަ އާދޭ އަލުން. އެއީ ލިބޭ ސެޓިސްފެކްޝަނެއް
އިޝާ މުސްތަފާ

އާއިލާގެ މީހުންނާއި ރައްޓެހިންގެ އިސްތަށިގަނޑު ރީތިކޮށްދިނުމުން ފެށިގެން އައިސް، މިއަދު އިޝާ ވަނީ މިއީ އަމިއްލަ ފައިމައްޗަށް ތެދުވުމަށް ކުރާ މުހިންމު މަސައްކަތަކަށް ހަދާފައެވެ.

އިޝާ ކްލަޔަންޓަކަށް ކެރަޓިން ހެއާ ޓްރީޓްމެންޓު ދިނުމުގެ ކުރިން އަދި ފަހުން ނަގާފައިވާ ފޮޓޯއެއް / ފޮޓޯ: އިޝާ

އިޝާގެ މަސައްކަތުގައި އެންމެ ފާހަގަކޮށްލެވޭ ކަމަކީ އޭނާ ކޮންމެ ކްލަޔަންޓަކަށް ވެސް ދޭ އަހައްމިއްޔަތުކަމެވެ. ކޮންމެ މީހެއްގެ އިސްތަށިގަނޑުގެ ބާވަތް ދެނެގަނެ އެމީހަކަށް އެންމެ އެކަށީގެންވާ ގޮތަށް ފަރުވާ ދިނުމަކީ އިޝާގެ ހާއްސަ ސިފައެކެވެ.

ބޭނުންވާ ތަކެތި ހޯދުމަކީ ދިމާވާ އެންމެ ބޮޑު ގޮންޖެހުން

ކޮންމެ ކާމިޔާބު މަސައްކަތަކީ ވެސް ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހޭ ކަމެކެވެ. އިޝާއަށްވެސް މި މަސައްކަތުގައި ތަފާތު ގޮންޖެހުންތަކާ ކުރިމަތިވެއެވެ. ކެރަޓިން ޓްރީޓްމަންޓަކީ ގިނަ ވަގުތު ހޭދަވާ، އަދި ވަރަށް ބޮޑަށް ކެތްތެރިކަން ބޭނުންވާ މަސައްކަތެކެވެ.

އެއްފަހަރާ އެތައް ގަޑިއިރެއް ވަންދެން ކޮޅަށް ހުރެގެން މަސައްކަތް ކުރަންޖެހުމަކީ ހަށިގަނޑަށް ވަރުބަލިކަން ލިބޭ ކަމެކެވެ. މީގެ އިތުރުން، ބޭނުންކުރާ ސާމާނު ހޯދުމަކީ ދިމާވާ އެންމެ ބޮޑު ގޮންޖެހުމުގެ ގޮތުގައި އިޝާ ސިފަކުރެއެވެ. ގިނަ ތަކެތި ރާއްޖެއިން ނުލިބޭތީ ބޭރުން ގެންނަން ޖެހޭ ކަމަށާއި، ބޭރުން ތަކެތި ގެނައުމުގައި ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހޭ ކަމަށް އިޝާ ބުނެއެވެ.

އެގޮތުން ކުޑަ ބިޒްނަސް އަކަށްވުމާއެކު ކާޑް ލިމިޓު ކުޑަވުމާއި، މަސައްކަތް ފެށިގެން ފުރަތަމަ އައި ދުވަސްކޮޅަކީ ކޮވިޑަށް ވުމުން ތަކެތި އެތެރެ ކުރުމުގައި އިތުރު ދަތިތަކާ ކުރިމަތިލާން ޖެހުނުކަމަށް އިޝާ ފާހަގަކުރިއެވެ.

އިޝާ ކްލަޔަންޓަކަށް ކެރަޓިން ހެއާ ޓްރީޓްމެންޓު ދިނުމުގެ ކުރިން އަދި ފަހުން ނަގާފައިވާ ފޮޓޯއެއް / ފޮޓޯ: އިޝާ

މީގެއިތުރުން މުސްތަގުބަލުގައި މި ބިޒްނަސް އިތުރަށް ފުޅާކުރުމަށް ވިސްނާކަން ފާހަގަކޮށް އިޝާ ބުނީ ތަނެއް ހިފުމަށް އެތަނުގެ ކުލި ދެއްކުމަކީވެސް ބޮޑު ހަރަދެއް ހިނގާނެ ކަމެއް ކަމަށެވެ. ތަފާތު ގިނަ ގޮންޖެހުންތައް ހުރި ނަމަވެސް މަސައްކަތް ނިމުމުން ކަސްޓަމަރުގެ މޫނުމަތިން ފެންނަ ހިނިތުންވުމާއި، އޭނާ ކުރި މަސައްކަތުން އިސްތަށިގަނޑަށް އަންނަ ބަދަލަކީ އިޝާއަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމެވެ.

މިފަދަ ބިޒްނަސް އެއް ފަށަން ބޭނުންވާ ފަރާތްތަކަށް އިޝާގެ ހާއްސަ މެސެޖެއް

މިހާރު މި ކުރަނީ ކެރަޓިން ހެއާ ޓްރީޓްމެންޓް އެކެނި. އެކަމް ބިޒްނަސް ފުޅާކުރަން ވިސްނަން އެހެން ސާވިސްތައް ވެސް ފަށަން. ވަރަށް ޑިމާންޑް އޮވޭ އެހެން ސާވިސްތައް ފްރޮމް މީ ދޯ. ހެއާ ސްޓައިލިންއާ މިކަހަލަ ތަފާތު ކަންކަން.
އިޝާ މުސްތަފާ

މިފަދަ ބިޒްނަސްއެއް ފަށަން ބޭނުންވާ ފަރާތްތަކަށް އިޝާގެ ހާއްސަ މެސެޖެއް އެބައޮތެވެ. އެއީ ކުރާ ހިތްވާ ކަމެއް ހޯދާ އެކަމެއް ކުރަން ފެށުމަކީ މަސައްކަތުގެ ފެންވަރު ރަނގަޅުވެ މީހުން އެމީހަކު ބަލައިގަންނާނެ އެންމެ ފަސޭހަ ގޮތްކަމެވެ. ފުރަތަމަވެސް އެކަމަކުން ލިބޭ ރުފިޔާއަށް ނުބަލާ ރަނގަޅު ހިދުމަތެއް ދެވޭތޯ ބެލުމަކީ ނުހަނު މުހިންމުކަމެއް ކަމުގައި އިޝާ ބުނެއެވެ.

މުސްތަގުބަލަށް އިޝާ ކުރާ އުންމީދުތައްވެސް ވަރަށް ފޮންޏެވެ. އެގޮތުން އޭނާގެ އެންމެ ބޮޑު އެއް ހުވަފެނަކީ އަމިއްލަ ސެލޫނެއް ހުޅުވާ މި ދާއިރާއިން އިތުރު ކުރިއެރުން ހޯދުމެވެ. މިހާރު ފޯރުކޮށްދެނީ ހަމައެކަނި ކެރަޓިން ހެއާ ޓްރީޓްމަންޓް ކަން ފާހަގަކޮށް އިޝާ ބުނީ ކުރިއަށް އޮތް ތަނުގައި އިސްތަށިގަނޑުގެ އެހެނިހެން ގިނަ ހިދުމަތްތައްވެސް ދިނުމަކީ ދެކޭ ހުވަފެނެއް ކަމަށެވެ.

އިޝާ ފަދަ ހީވާގި ޒުވާނުންނަކީ ގައުމުގެ އުންމީދެވެ. އަމިއްލަ މަސައްކަތުން އާމްދަނީ ހޯދައި، މީހުންނަށް ފައިދާހުރި ހިދުމަތެއް ފޯރުކޮށްދިނުމަކީ ނަމޫނާ މަސައްކަތެކެވެ.