ރޯދަ މަހަށް ހާއްސަކޮށް ރައްޔިތުންނަށް ލުއި ފަސޭހަ ކޮށްދިނުމައްޓަކައި އެސްޓީއޯ އިން އަލުވި ކިލޯއެއް ވިއްކާ އަގު 12 ރުފިޔާއަށް އަދި ފިޔާ ކިލޯއެއް ވިއްކާ އަގު 10 ރުފިޔާއަށް ހެޔޮ ކޮށްފިއެވެ.

އެސްޓީއޯ އިން ވިއްކާ ފިޔާ އަދި އަލުވީގެ އަގުތަކަށް ބަދަލު ގެނެސްފައި ވަމީ މި މަހުގެ 25 ވަނަ ދުވަހުން ފެށީގެންނެވެ. މި ބަދަލަކީ ރޯދަމަހު އާންމުކޮށް ބޭނުންކުރާ މިފަދަ ތަކެތީގެ އަގުތައް ކުޑަކޮށް، ރައްޔިތުންނަށް ލުއި ފަސޭހަކޮށްދިނުމަށް އެޅި ފިޔަވަޅެއް ކަމަށް އެސްޓީއޯ އިން ބުނެއެވެ.

މީގެ އިތުރުން، ކާބޯތަކެތީގެ އަސާސީ ބާވަތްތަކުގެ އަގުތައް ކޮންޓްރޯލްކޮށް އެއް ހަމައެއްގައި ބެހެއްޓުމަށާއި، ރައްޔިތުންނަށް ދަތިކަމެއް ނެތި އެ ތަކެތި ލިބޭނެ މަގު ފަހިކޮށްދިނުމަށްގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އެސްޓީއޯ އިން ބުނެއެވެ.

އަގުތަކަށް އައި ބަދަލަށް ބަލާއިރު، ކުރިން 12 ރުފިޔާއަށް ވިއްކި ފިޔާ ކިލޯއެއް މިހާރު 10 ރުފިޔާއަށް ވަނީ ހެޔޮކޮށްފައެވެ. އަދި ފިޔާ ބަސްތާއެއްގެ އަގު 250 ރުފިޔާއިން 190 ރުފިޔާއަށް ވަނީ ތިރިވެފައެވެ.

އަލުވީގެ އަގަށް ގެނައި ބަދަލާއެކު، ކުރިން 14 ރުފިޔާއަށް ލިބުނު ކިލޯއެއް މިހާރު ލިބޭނީ 12 ރުފިޔާއަށެވެ. އަދި އަލުވި ބަސްތާއެއްގެ އަގު ވަނީ 300 ރުފިޔާއިން 160 ރުފިޔާއަށް ބޮޑުތަނުން ހެޔޮކޮށްފައެވެ.

އެސްޓީއޯއިން އެތެރެކުރާ އަސާއީ ކާބޯތަކެތީގެ ބާވަތްތައް އާންމުންނަށް ވަކިން ގަންނަން ލިބޭނީ އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފިހާރަތަކުންނެވެ. ހަމައެއާއެކު، ގަނޑުކޮށް މި ތަކެތި ބޭނުންވާ ފަރާތްތަކަށް އެސްޓީއޯގެ ހޯލްސޭލް ސެންޓަރުތަކުން އެ ތަކެތި ލިބޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.