އަންހެނުންނޭ ބުނެފިނަމަ އެއީ ކަމެއް ކުރުމުގެ ގާބިލްކަން ނެތް ބައެއް ކަމަށް ބުނާ މީހުން މަދުން ނަމަވެސް މި މުޖްތަމައުގައި އުޅޭ ކަމަކީ ދެބަސް ވެވެން ނެތް ހަގީގަތެކެވެ. މިއީ މަދު މީހެއްގެ ވިސްނުން ނަމަވެސް އެއީ އަދި މުޅިން ރަނގަޅު ވިސްނުމެއް ނޫންކަން ގިނަ އަންހެނުން ދަނީ ސާބިތުކޮށްދެމުންނެވެ. އޭގެ ތެރޭގައި އެކަނިވެރި މައިންނާއި، ވަޒީފާ އަދާ ކުރާ މައިންނާއި ގޭގައި ދަރިން ބަލަން ތިބޭ ހިތްވަރުގަދަ މައިންގެ އިތުރުން ޒަވާޖީ ހަޔާތެއްގެ މަސްއޫލިއްޔަތު އަދާކޮށް، އަމިއްލަ ފައިމައްޗަށް ތެދުވެ އުޅޭ އެތައް އަންހެނުންނެއް ހިމެނެއެވެ.

އެގޮތުން މި ލިޔުމުގައި ވެސް މި ގެނެސްދެނީ އެފަދަ ހިތްވަރުގަދަ މަންމައެއް، އަންހެނެއް އަދި އެތައް ކަމެއް އުނގަންނައިދިނުމުގައި ނަމޫނާ ދައްކާ ފަރާތެއްގެ އިތުރުން ހިތްހެޔޮ މަދަދުގާރެއްގެ ވާހަކައެވެ. އައިޝަތު ލިޒިޔަން (ލިޒް) އަކީ އިޖްތިމާއީ ހިދުމަތް ކުރުމުގައި ރަން އަކުރުން ފާހަގަކޮށްލެވޭ ފަރާތަކަށްވާއިރު އެއީ "ޑޫ ގުޑް" ޖަމިއްޔާގެ ފައުންޑާވެސް މެއެވެ.

ލިޒް ހިއްސާ ކުރިގޮތުގައި މިފަދަ ފައުންޑޭޝަންއެއް އުފެއްދުމުގެ އެންމެ ބޮޑު މަގްސަދަކީ އުފާވެރި އަމާން މުޖުތަމަޢުތަކެއް ބިނާކުރުމުގެ އިތުރުން ކުށް މަދުކުރުމަށް އެހީވުމާއި އަންހެންން ބާރުވެރިކުރުމެވެ. 1998 ވަނަ އަހަރުން ފެށިގެން މުޖްތަމައުއަށް ހިލޭ ސާބަހަށް މަސައްކަތް ކުރަމުންދާ ލިޒް މި ދާއިރާއަށް ނުކުތީ "ފަށަން" ޖަމިއްޔާގެ ފަރާތުންނެވެ.

ލިޒް ސަލާހުއްދީން ސްކޫލުގައި ކުރިއަށްގެންދިޔަ ޓްރެއިނިންގް ޕްރޮގްރާމެއްގެ ތެރެއިން

ކުށްތަކަށް ހުށަހެޅޭ ކުދިންނަށް އެހީތެރިވުމަށް ލިބިފައިވާ ފުރުސަތުތަކުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަށާއި، މުޖުތަމަޢު ހޭލުންތެރިކުރުވުމަށް ގިނަ ހަރަކާތްތަކެއް ހިންގުމުގެ ތަޖުރިބާ މިހާރު ވަނީ ހާސިލްކުރެވިފައެވެ. މި ތަޖުރިބާތަކުގެ އަލީގައި މިހާރުގެ މަސައްކަތްތައް ބައްޓަންކޮށްފައިވަނީ ކުދިން ކުށުގެ ތެރެއަށް ވަނުމުގެ ކުރިން، ދިރިއުޅުމުގެ ރިވެތި އަހުލާގާއި އާދަކާދަތައް ދަސްކޮށްދީގެން އެކުދިންނަށް ރަނގަޅު މަގު ދައްކައިދިނުމަށެވެ. މީގެ މައިގަނޑު މަގްސަދަކީ ކުށްތަކަށް އަރައިގަންނަ މިންވަރު މުޖުތަމައުގައި މަދުކުރުމެވެ. އެގޮތުން އެކި އުމުރުފުރާތަކާއި ގުޅޭ ޕްރޮގްރާމްތައް ހިންގުމުގެ އިތުރުން ބެލެނިވެރިން އެދިގެން ވަކިވަކި ކުދިންނަށް މިހާރުވެސް ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

"ޑޫ ގުޑް" އެންޖީއޯގެ ފެށުން:

2012 ވަނަ އަހަރުން ފެށިގެން އިޖުތިމާއީ އަދަބުތަކަށް ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ހިންގަމުން އައިސް، ކައިވެންޏަށްފަހު އެ މަސައްކަތްތަކާ ލިޒް ދުރަށް ޖެހުނެވެ. ނަމަވެސް، އަލުން މި ހިދުމަތުގެ ތެރެއަށް ވަނުމަށް ބާރަކަށްވީ 18 އަހަރުގެ ޒުވާނަކު ކިޔައިދިން އަސަރުގަދަ ވާހަކައަކުންނެވެ. އުމުރުން އެންމެ 14 އަހަރުގައި ކުށުގެ ތެރެއަށް ވަދެވި، 25 އަހަރުގެ ދިގު ޖަލު ހުކުމެއް ތަންފީޒުކުރަން ޖެހުމުން، މުސްތަގުބަލާ މެދު އުންމީދު ކަނޑާލައި ވަރަށް ބޮޑަށް ވެފައި ހުރުމުން

އެހެން ކުދިންތަކެއް މިފަދަ ހިތްދަތި ހާލަތަކަށް ދިޔަ ނުދިނުމުގެ އަޒުމުގައި، ކޮވިޑް-19 ގެ ދުވަސްވަރު އައި ހިޔާލަކާ އެކު، 27 ޑިސެމްބަރ 2021 ގައި 'ޑޫ ގުޑް' އެންޖީއޯ ރަސްމީކޮށް ރަޖިސްޓްރީކޮށް މިއާއެކު، މުޖުތަމައަށް ފައިދާހުރި މަސައްކަތްތައް އާ ރޫހެއްގައި އަލުން ފެށިއެވެ. ކުށުގެ ވެށިން ކުދިން ސަލާމަތްކުރުމަށްވުރެ، ކުށަށް އަރައިގަތުމުގެ ކުރިން އެކުދިން ރައްކާތެރިކުރުމަކީ ލިޒްގެ އެންމެ ބޮޑު އަމާޒެވެ. މިގޮތުން ތަފާތު އުމުރުފުރާތަކުގެ ކުދިންނާއި ޒުވާނުންގެ މުސްތަގުބަލު އުޖާލާކޮށްދީ، އެކުދިންނަށް އުންމީދެއް ހޯދައިދިނުމަށް ލިޒް ކުރަމުންދާ އިޚްލާޞްތެރި މަސައްކަތަކީ ފާހަގަކޮށްލެވޭ ފަދަ ނަމޫނާ މަސައްކަތެކެވެ.

ޑޫ ގުޑް އެންޖީއޯގެ ފަރާތުން ސަލާހުއްދީން ސްކޫލްގެ ސްޓާފުންނަށް ކުރިއަށްގެންދިޔަ ޕްރޮގްރާމެއް

ދާއިރާގައި ދިމާވާ ގޮންޖެހުންތައް:

ކޮންމެ ދާއިރާއެއްގައިމެ ގޮންޖެހުންތަކެއް ހުންނާނެކަން ފާހަގަކުރައްވަމުން ލިޒް ބުނީ، މިވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު ހުރަހަކީ ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކާއި އެކި ސެޝަންތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ ސްކޫލް ހޯލުތައް ލިބުމުގައި ހުރި ދަތިތައް ކަމަށެވެ. މީގެ އިތުރުން، މަދަނީ ޖަމިއްޔާތަކަކީ ދާއިމީ ބަޖެޓެއް އޮވެގެން މަސައްކަތްކުރާ ބަޔަކަށް ނުވާއިރު، އަމިއްލަ ޚަރަދުގައި މިފަދަ ބޮޑެތި ހޭދަތައް ކުރުމަކީ ނުހަނު އުނދަގޫ ކަމެއްކަމުގައި ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ހިލޭސާބަހަށް މަސައްކަތްކުރާ ޒުވާނުންނާ މުޚާތަބުކޮށް ލިޒް ފާހަގަކުރި ގޮތުގައި، މިއަދުގެ ގިނަ ޒުވާނުންގެ ސަމާލުކަން ހުރީ ހަމައެކަނި މާލީ މަންފާ ލިބޭނެ މަސައްކަތްތަކަށެވެ.

ހުޅުމާލެ ހޮސްޕިޓަލްގެ ޕަބްލިކް ރިލޭޝަން ސްޓާފުންނަށް ބޭއްވުނު ޕްރޮގްރާމެއްގެ ތެރެއިން

މިފަދަ އިޖުތިމާއީ ހަރަކާތްތަކުގައި ޒުވާނުންގެ ބައިވެރިވުން ކުޑަވުމަކީ ލިޒްގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. މުޖުތަމައުގައި އެހީތެރިކަމަށް ބޭނުންވެފައިވާ ގިނަ ފަރާތްތަކަކީ ޒުވާނުންކަން ފާހަގަކުރަމުން، އެފަދަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ޒުވާން ޖީލުން އިސްނެގުމަށް ލިޒް ވަނީ ގޮވާލާފައެވެ.

ޑޫ ގުޑް އެންޖީއޯގައިވެސް މިފަދަ ފުރުސަތުތައް ފަހިވެފައިވާއިރު، މިކަމަށް ޝައުގުވެރިވާ ޒުވާނުންނާއި އެކި ފަންތީގެ ބޭފުޅުން ބައިވެރިވުމަކީ ލިޒްގެ ވަރަށް ބޮޑު އެދުމެކެވެ. މިފަދަ ޖަމިއްޔާތަކުގައި ހަރަކާތްތެރިވުމަކީ ރާއްޖެއާއި ރާއްޖެއިން ބޭރުން ތަމްރީނު ހޯދުމުގެ މަގު ތަނަވަސްވެގެންދާނެ ކަމެއްކަން ފާހަގަކުރަމުން އޭނާ ބުނީ، މީގެ ސަބަބުން އަމިއްލަ ނަފްސުގެ ކުރިއެރުމާއި ތަރައްގީއަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށެވެ. މީގެ އިތުރުން، ދުރު މުސްތަގުބަލަކަށް ވިސްނާއިރު، މިފަދަ ތަމްރީނުތަކުގެ ސަބަބުން ވަޒީފާގެ މައިދާނުގައާއި އަމަލީ ދިރިއުޅުމުގައި ވެސް ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެކަން ފާހަގަކުރިއެވެ.

ދަ ޕްރެސް އަށް ކިޒް އިންޓަވިއު ދެނީ

މިކަންކަމަށް ވަގުތު ހުސްކުރަނީ ކިހިނެއް؟

އެޗްޑީސީގައި މަސައްކަތްކުރާ ލިޒްއަކީ ޒިންމާދާރު އެކަނިވެރި މައެކެވެ. ވަޒީފާގެ ބުރަ މަސްއޫލިއްޔަތުތައް އަދާކުރަމުން ދަރިފުޅަށް ވަގުތު ދިނުމަކީ ގޮންޖެހުންތަކެއް ކުރިމަތިވާ ކަމެއް ނަމަވެސް، އިޖުތިމާއީ މިފަދަ މުހިންމު މަސައްކަތެއްގައި އޭނާ ދެމިހުރީ ނުހަނު ސާބިތުކަމާއެކުގައެވެ. ލިޒް ބަޔާންކުރި ގޮތުގައި، އެހެން މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުން ލިބޭ ނަފްސާނީ ހިތްހަމަޖެހުމަކީ މިފަދަ ބުރަ މަސައްކަތްތަކުގައި ކުރިއަށް ދިއުމަށް އޭނާއަށް ލިބޭ އެންމެ ބޮޑު ހިތްވަރެވެ.

މަސައްކަތުގެ ބުރަކަމުގެ ތެރެއިންވެސް ދަރިފުޅަށް ވަގުތު ހުސްކޮށްދީ، އައު ތަޖުރިބާތަކެއް ހޯދައިދިނުމުގެ މަގުސަދުގަކަމުގައެވެ.

"ބައެއް ރަށްރަށް މަންމައާއި ދަރިފުޅުވެސް ގޮވައިގެން ދަން. އެގޮތަށް އަމަލު ކުރަނީ ދަރިފުޅާ އެއްކޮށް އަދި މަންމައާއެކު ވެސް ކޮލިޓީ ޓައިމް ހޭދަކުރުމަށް."
ލިޒް

މިފަދަ ދަތުރުތަކުގައި ދަރިފުޅު ބައިވެރިކުރުވުމުގެ ހެޔޮ ނަތީޖާ މިހާރުވެސް ފެންނަމުންދާކަން ފާހަގަކުރަމުން ލިޒް ބުނީ، އޭނާއެކޭ އެއްފަދައިން އެހެން މީހުންނަށް އެހީތެރިވުމުގެ ރޫހާއި ޝައުގުވެރިކަން ދަރިފުޅުގެ ކިބައިގައި ވެސް އަށަގަންނަމުންދާ ކަމަށެވެ.

ލިޒް އަދި އޭނާގެ ދަރިފުޅާއެކު

ހާސިލް ކުރަން ބޭނުންވާ ލަނޑުދަނޑިތައް

މި ދާއިރާގައި ލިޒް އެންމެ ދެކެން ބޭނުންވާ ދުވަހަކީ ސްކޫލްތަކުގައި ދިރިއުޅުމުގެ އަދަބުތަކާއެއްކޮށް އުނގަންނާދިނުމުގެ ވެއްޓެއް ގާއިމްކުރެވޭނެ ދުވަހެކެވެ. ސަބަބެއްގެ ގޮތުގައި އޭނާ ފާހަގަ ކުރީ ސްކޫލް ނިންމުމަށްފަހު ނުކުންނަ ގިނަ ކުދިންގެ ކިބައިގައި އިހުތިރާމް ކުރުމާއި އަމިއްލަ ޒިންމާ ނެގުމުގެ އިތުރުން ތެދުވެރިކަން ފަދަ މުހިންމު، ރީތި އާދަތައް އަށަގަނެފައި ނެތުމެވެ. މިފަދަ މުހިންމު ކަންކަން އެކުދިންގެ ކިބައިގައި ނެތުމަކީ މުޖްތަމައުގައި އެ ކުދިން ކަޑައްތު ކުރުމަށް އޮތް ރާސްތާއަށް އެޅިގެން އަންނާނެ ހުރަހަކަށްވާނެ ކަމަށް ލިޒް ގަބޫލު ކުރެއެވެ.

އަދި ހަމައެހެންމެ އަމިއްލަ އާއިލާ ނުވަތަ މައިންބަފައިންނަކީ ވެސް މިފަދަ ހެޔޮލަފާ ކުދިން ބިނާ ކުރުމަށް މުހިންމު ދައުރެއް އަދާ ކުރާ ފަރާތަކަށްވާއިރު މިފަދަ ހުނަރުތަކާއި އާދާތައް ހިފެހެއްޓުމަށްޓަކައި މައިންބަފައިން ވެސް ދުރާލާ ތައްޔާރުވުމަށް ލިޒް ނަސޭހަތްތެރިވެއެވެ.

މީގެ އިތުރުން ވެސް ލިޒް ދެކޭ ހުވަފެނެއް ވެއެވެ. އެއީ، ދިރިއުޅުމުގެ އަދަބުތަކާއެއްކޮށް އުނގަންނާދޭ ޓިއުޝަން ސެންޓަރެއް ގާއިމް ކުރުމެވެ. މިފަދަ ވިސްނުމެއް ލިޒް ގެންގުޅޭ އެންމެ ބޮޑު އެއް ސަބަބަކީ މުޖްތަމައުއަށް އެފަދަ ރީތި އަދަބުތައް ދަސްކޮށްދޭނެ ފުރުސަތުތަކެއް ފަހި ވެގެން ދިއުމެވެ. އަދި ލިބޭ ހުސްވަގުތުތަކުގައި ޓިއުޝަން ސެންޓަރުގައި އަދަބު އަހުލާގާއި ގުޅޭ އެކި އެކި ކޭމްޕްތައް ހިންގުމާއި އެހެން މީހުންނަށް އެފަދަ ރީތި އަހުލާގު އުނގަންނާދިނުމަކީ ލިޒް މި ދާއިރާއިން ދެކެން ބޭނުންވާ ދުވަހެކެވެ.

ކަނޑޫދޫ ބެލެނިވެރިންނަށް ހިންގި ޕްރޮގްރާމެއްގެ ތެރެއިން (ވ) ޖެންޑާ އީކުއެލިޓީ އެންޑް ސޯޝަލް އިންކްލޫޝަން ޓްރެއިނިންގް އޮފް ޓްރެއިނާސް ނިންމުމުގެ ތެރެއިން (ކ)

ބެލެނިވެރިންގެ ފަރާތުން ލިބިދޭ 'ފީޑްބެކްސް' އަކީ ލިޒް މި ދާއިރާއިން ކުރިއަށްދިއުމަށް ލިބޭ ހިތްވަރު

ޖުތިމާއީ ހިދުމަތުގައި ގިނަ އަހަރުތަކެއް ވަންދެން ލިޒް ދެމިހުރި މައިގަނޑު ސަބަބަކީ އެކި މުއައްސަސާތަކާއި ބެލެނިވެރިންގެ ފަރާތުން ލިބޭ ފުރިހަމަ އެއްބާރުލުމެވެ. މީގެ އިތުރުން، ސަރުކާރުގެ އިދާރާތަކާއި އެހެނިހެން ޖަމިއްޔާތަކުން އޭނާގެ މަސައްކަތްތަކަށް ދޭ އެހީތެރިކަންވެސް އޭނާ ފާހަގަކުރިއެވެ.

ލިޒް ބުނިގޮތުގައި މި ދާއިރާއިން ކުރިއަށް ދިއުމަށް އޭނާއަށް ލިބޭ އެންމެ ބޮޑު ހިތްވަރަކީ އޭނާ ކިޔަވައިދޭ ކުދިންގެ ބެލެނިވެރިންގެ ފަރާތުން ލިބޭ ތައުރީފުގެ ބަސްތަކެވެ. ވަކިން ހާއްސަކޮށް، ގިނަ ދުވަސްތަކެއް ފަހުންވެސް ބެލެނިވެރިއަކު ގުޅާފައި، އެމީހުންގެ ދަރިފުޅަށް އައިސްފައިވާ ހެޔޮ ބަދަލުތަކުގެ ވާހަކަ ހިއްސާކުރުމަކީ އޭނާއަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ.

ސްކޫލަށް ދާން ފަސްޖެހޭ ކުދިންނަށް ހިތްވަރުދީ، އެކުދިންގެ ކިޔެވުމަށް ޝައުގުވެރިކަން އުފެއްދުމަށް ލިޒް މަސައްކަތް ކުރެއެވެ. އެފަދަ ކުދިންގެ ބެލެނިވެރިން ގުޅާފައި، މިހާރު ދަރިފުޅު ގަވާއިދުން ސްކޫލަށް ގޮސް ނަތީޖާ ރަނގަޅުވަމުން އަންނަ ކަމަށް ބުނުމަކީ އޭނާގެ މަސައްކަތުން ލިބޭ އެންމެ ބޮޑު ކާމިޔާބީ ކަމުގައި ލިޒް ސިފަކުރިއެވެ.

ލިޒް ހިންގި ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއްގެ ތެރެއިން

ގަނާ ކުރުން، މުޖްތަމައުގައި ދިމާވެފައިވާ މި މައްސަލައަށް ލިޒް ދޭ ހައްލު

މުޖުތަމައުގައި ގަނާކުރުން (ބުލީކުރުން) އާދައިގެ ކަމެއްގެ ގޮތުގައި ބެލެވޭ މިންވަރަށް މިހާރު އާންމުވެފައިވާކަން ފާހަގަކޮށް ލިޒިޔަން ބުނީ، މިފަދަ އިޖުތިމާއީ ބޮޑު މައްސަލައެއް އުފަންވަނީ ގޭތެރެއިން އެކަށީގެންވާ ތަރުބިއްޔަތާއި އަޚުލާގީ ސިފަތައް ދަސްކޮށްނުދެވޭތީ ކަމަށެވެ. އަދި ކުއްޖާއަށް ގޭތެރެއިން ބޭނުންވާ ލޯތްބާއި، ސަމާލުކަމާއި، އޯގާތެރިކަން ނުލިބުމަކީ ބޭރުތެރޭގައި އެހެން ކުދިންނަށް ގޯނާކުރުމަށް މެދުވެރިވާ މައިގަނޑު ސަބަބެއް ކަމަށް އޭނާ ފާހަގަކުރިއެވެ. ނަމަވެސް، ކުއްޖާގެ ތުއްތުއިރުން ފެށިގެން މިފަދަ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދީގެން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކޮށްފިނަމަ، މި ނުރަނގަޅު އާދަ ހުއްޓުވިދާނެ ކަމަށް ދެކެއެވެ.

ކުދިން ގަނާކުރުމުގެ (ބުލީކުރުމުގެ) އަމަލުތަކަކީ ހަމައެކަނި ބޮޑެތިވެ ބުއްދި ފުރިހަމަވުމުން ފެށޭ ކަންތައްތަކެއް ނޫން ކަމަށާއި، އެލްކޭޖީ ފަދަ ތައުލީމީ ބިންގާ އަޅާ އުމުރުގައި ވެސް ނޭނގި ތިބެ މިފަދަ ކަންކަން ކުރަން ފަށާކަމަށް ލިޒް ފާހަގަކުރިއެވެ. މިފަދަ އަމަލުތަކަކީ ގަނާކުރުންކަން ކުދިންނަށް ފަހުމްނުވާއިރު، ބެލެނިވެރިން އެކަންކަން އިސްލާހުކޮށް ނުހުއްޓުވައިފިނަމަ، އެއީ ކުއްޖާ ބޮޑުވަމުން އަންނައިރު އޭނާގެ ކިބައިގައި ހަރުލާ ނޭދެވޭ ނުބައި އާދައަކަށް ވެގެންދެއެވެ.

"މިސާލަކަށް ބައެއް ކުދިން އެބަތިބޭ މިހާރުވެސް ސަލާން ނުކުރާ ކުދިން. ކަޅު ކުދިންނާއި ދޮން ކުދިންނާ. ނޫންނަމަ ހަމުގެ އެކި މައްސަލަތައް ހުންނަ ކުދިންނާ ދިމައަށް އެބަ ކުދިން ބުނެލާ ޑިސްގަސްޓިންއޭ. މިކަހަލަ ކަންކަމަކީ ކުދިންނަށް ގޭތެރެއިން ދަސްކޮށްދެވޭނެ ކަންކަން." ލިޒް ކިޔާދިނެވެ.

ހުޅުމާލެ ފޭސް އެކެއްގައި ހިންގި އުފާވެރި އަމާން މުޖްތަމައު ފޯރަމް

އަދި އިހުތިރާމް ކުރުމަކީ އާއިލާ ތެރެއިން ކުދިންނަށް އުގަންނާދޭންޖެހޭ ކަމެއްކަން ފާހަގަކޮށް ލިޒް އިތުރަށް ބުނީ، ތަފާތު މިޒާޖުގެ ކުދިންނާއި ތަފާތު ސިފަތަކުގެ ކުދިންނާ އެކީ އުޅެން ކުދިންނަށް ދަސްކޮށްދިނުމަކީ ކުއްޖާ ހެދި ބޮޑުވާ މާހައުލުން ރަނގަޅު ކުރެވޭނެ ކަންކަން ކަމަށެވެ. އަދި މިފަދަ ކަންކަމުގައި ސްކޫލުގެ ދައުރުވެސް ނުހަނު ބޮޑުކަން ފާހަގަކޮށް ލިޒް ވަނީ އެފަދަ ކަންކަން އުނގަންނާދިނުމަށް މިހާރަށް ވުރެ ބޮޑަށް އަހައްމިއްޔަތުކަމެއް ދެވިދާނެ ކަމަށެވެ. އަދި ސްކޫލުގައި ނަގާދޭ ފިލާވަޅަކަށް ވުރެ ބޮޑަށް މުޅި ސްކޫލްގައި ޕްރެކްޓިސްކޮށް އެ އާދަތައް ދަރިވަރުންގެ ކިބައިގައި އަށަގެންނެވުމަށް ސްކޫލްތަކުގެ ވެރިންގެ ކިބައިން ވެސް ލިޒް އެދިފައި ވެއެވެ.

ގިނަ ކަންތައްތަކެއް ތަޖުރިބާކޮށްފައިވާ ލިޒްއަށް އެންމެ ހަނދާނުން ފޮހެލަން ދަތި ދުވަސް

މިހާ ގިނަ ދުވަހު މި ދާއިރާގައި އެޅުފައި ހުރުމުން ގިނަ ހަނދާންތަކެއްވާ ކަން ފާހަގަކޮށް ލިޒް ހިއްސާ ކުރިގޮތުންނަމަ އެންމެ ހަނދާންވާ ދުވަހަކީ ގާޒީ ސްކޫލްގައި ކުރިއަށްގެންދިޔަ ޕްރޮގްރާމެއްގައި ކުދިންގެ އަމަލުތައް ހުރި ގޮތެވެ.

"ސްކޫލުން ވަކި ހިސާބަކުން ރަނގަޅަށް ފާސްނުވީމަ ކަނޑާލި ކުދިންތަކެއް ތިބި އެ ޕްރޮގްރާމުގައި އެ ކުދިންގެ ފަރާތުން އައި ނެގެޓިވް ކޮމެންޓްސް [ވަރަށް ހަޑިހުތުރުކޮށް ވާހަކަ ދެއްކުން] މިސާލަކަށް އަޅުގަނޑުމެންގެ ވެލިއު ސެޝަންގަ އިންނާނެ މަންމައަށް އިހުތިރާމް ކުރުން. އެބައި ކުރިއަށް ދިޔައިރުވެސް އަޅުގަނޑަށް ވަރަށް ތަފާތު މަންޒަރެއް ފެނުނީ. އެ ކުދިން ކުދިންނަށް މުހާތަބު ކުރަމުންދިޔަ ހުތުރު ގޮތްތައް. ނަމަވެސް ފަސް ދުވަހުގެ ޓްރެއިނިން ޕްރޮގްރާމް ނިންމުމަށްފަހު އެއައި ބަދަލު. އަދިއަދަށް ދާންވެސް ހަނދާން ހުރެ." އަސަރާއެކު ލިޒް ހިއްސާކުރިއެވެ.

ދި އޭޝިއާ ފައުންޑޭޝަން ޕްރޮޖެކްޓް ކަލްމިނޭޝަން އިވެންޓުގެ ތެރެއިން

އެކުދިންނަކީ ސްކޫލް ތެރެއިންނާއި އާއިލާގެ ފަރާތުންވެސް އަޅާލުން ނުލިބި ތިބި ކުދިންތަކެއް ކަން ލިޒް ފާހަގަ ކުރިއެވެ. އެހެންކަމުން އެފަދަ ކަންކަމުގައި މައިންބައިފައިންނާއި ސްކޫލްގެ ދައުރު ބޮޑުކަން ލިޒް ހިއްސާ ކުރިއެވެ.

މި ދަތުރުގައި ލިޒް އެންމެ ޝުކުރުވެރި ވަނީ މި ފަރާތްތަކަށް

މިފަދަ ފަހި ފުރުސަތުތަކެއް ލިބުމުގެ އެންމެ ބޮޑު އެއް ސަބަބަކީ ދުއާކަން ފާހަގަކޮށް ލިޒް އެންމެ ފުރަތަމަ ވެސް ޝުކުރު އަދާ ކުރީ ހެއްދެވި ފަރާތަށެވެ. އަދި އެއަށްފަހު ކުރާ ހުރިހާ ކަމެއްގެ ފަހަތުގައި ވެސް މަންމަގެ އެހީތެރިކަމާއި އެއްބާރުލުން ލިބޭކަން ފާހަގަކޮށް ލިޒްގެ މަންމައަށާއި އާއިލާއަށް ވަނީ ހުއްޓުމެއްނެތި ޝުކުރު އަދާކޮށްފައެވެ. އަދި ދަރިފުޅަކީވެސް މިހުރިހާ ކަމެއް ކުރުމަށް ލިބޭ އާ ހިތްވަރެއްކަން ފާހަގަކޮށް ލިޒްގެ ދަރިފުޅަށް ވެސް ޝުކުރު އަދާކޮށްފައި ވެއެވެ. އަދި ހަމަ އެހެންމެ ވަޒީފާ އަދާ ކުރާ އެޗްޑީސީގެ ފަރާތުން ވެސް މި ކުރާ މަސައްކަތުގައި އެއްބާރުލުން ލިބޭކަން ފާހަގަކޮށް ލިޒްވަނީ ކުންފުންޏާއި އެކުގައި ވަޒީފާ އަދާ ކުރާ މީހުންނަށް ވެސް ޝުކުރު އަދާކޮށްފައެވެ.

ލިޒްގެ މަންމަ އަދި އާއިލާ އެހެން މެންބަރުންނާއެކު، މަންމައަކީ މިހާ ހިސާބަށް އޭނާ ވާސިލްވުމުގައި އެންމެ އިސް ދައުރެއް އަދާ ކުރި ފަރާތް

ނިންމާލަމުން ލިޒް ވަނީ 27 ފެބްރުއަރީގައި ހުޅުމާލެ ފޭސް ދޭއްގައި 9 އަހަރުން މަތީގެ ކުދިންނަށް ސައިބާ ބުލީ އަދި ސައިބާ ސޭފްޓީ އާއި ގުޅޭ ގޮތުން ޕޮލިހާއި އެޗްޑީސީއާއި ގުޅިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމަށް ހުރިހާ ކިޔުންތެރިންނަށްވެސް ދައުވަތު ދީފައެވެ.