މިދިޔަ ހަފްތާގައި އެކަނިވެސް މާލެ އާއި ސިނަމާލޭ ބްރިޖާ، ހަލި މަގުގައި 41 އެކްސިޑެންޓް ހިނގާފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު ފެބްރުއަރީ 15 އިން ފެށިގެން 21 އަށް ޖުމްލަ 41 އެކްސިޑެންޓް ހިނގާފައިވާއިރު އެންމެ ގިނަ އެކްސިޑެންޓު ހިނގާފައިވަނީ ފެބްރުއަރީ 21 ވަނަ ދުވަހުއެވެ. އެ ދުވަހު ޖުމްލަ 11 އެކްސިޑެންޓެއް ހިނގާފައިވާއިރު ފެބްރުއަރީ 15 ވަނަ ދުވަހު ވަނީ 8 އެކްސިޑެންޓެއް ހިނގާފައެވެ.
ފުލުހުން ބުނީ މީގެ ތެރެއިން ގިނަ އެކްސިޑެންޓުތައް ހިނގާފައިވަނީ ދުވާލުގެ ވަގުތުތަކުގައި ކަމަށެވެ. އެ ގޮތުން ދުވާލު 33 އެކްސިޑެންޓް ހިނގާފައިވާއިރު، ރޭގަނޑު ހިނގާފައިވަނީ 8 އެކްސިޑެންޓެވެ.
ފުލުހުން ބުނީ މި މުއްދަތުގައި އެންމެ ގިނައީ ސައިކަލާ ކާރު ޖެހިގެން ހިނގާފައިވާ އެކްސިޑެންޓުތައް ކަަމަށެވެ. އެގޮތުން މިފަދަ ނުވަ އެކްސިޑެންޓެއް ހިނގާފައިވާ ކަަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި ސައިކަލާއި ސައިކަލު ޖެހިގެން 8 އެކްސިޑެންޓު ހިނގާފައިވާއިރު 3 އެކްސިޑެންޓެއްގައި މީހުންނަށް ބޮޑެތި އަނިޔާތައް ވަނީ ލިބިފައެވެ.
މި މުއްދަތުގައި ހިނގި އެކްސިޑެންޓްތަކުން 45 އުޅަނދަކަށް ގެއްލުންވެފައިވާއިރު ފުލުހުން ވަނީ މަގުމަތީގެ ރައްކާތެރިކަމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފައެވެ.
