އެމެރިކާގެ ސްކޫލެއްގައި މުސްލިމް ކުދިންތަކެއް ނަމާދު ކުރާ ތަން ފެނުނު ކުރެވުނު އިހްސާސްތައް ކިޔާދީ ޓީޗަރެއް ހެދި ވީޑިއޯ ވައިރަލްވެއްޖެއެވެ.
މެދު އުމުރަށް ދާ އަންހެން ޓީޗަރެއް އަމިއްލަ އަށް ކުރި ވީޑިއޯގައި އޭނާ ކިޔާ ދިން ގޮތުގައި އޭނާގެ އޮންލައިން ކްލާސްގެ ކުދިން އިންޓަވާލް ގަޑި ޖެހުމުން އޭނާ ކުޑަ އިރުކޮޅަކަށް ޑެސްކާ ދުރަށް ޖެހެލިކަމަށެވެ. ކްލާސް ރޫމްގެ ބޭރުން ހޯލުގެ ތެރޭގައި ބަޔަކު އުޅޭ އަޑު އިވިގެން ބެލި އިރު ރަމަޟާން މަހުގެ ރޯދައަށް ތިބި މުސްލިމް ހަތަރު ކުދިން ނަމާދުކުރާނެ ތަނެއް ހޯދަނީއެވެ.
އެ ޓީޗަރުގެ ކޮޓަރި އެގަޑީގައި ހުސްކަން އެނގެ ތިބެ އެތަނުގައި ނަމާދު ކުރެވޭނެ ތޯ އެކުދިން އެހި ކަމަށް ޓީޗަރު ކިޔާ ދިނެވެ. އަދި އާއްމުކޮށް އެކުދިން ނަމާދުކުރާނީ އެހެން ޓީޗަރެއްގެ ކްލާހުގައި ކަމަށާ އެހެން ނަމަވެސް އެދުވަހު އެޓީޗަރު ސްކޫލަށް ނާންނާތީ ޓީޗަރުގެ ކްލާހުގައި ނަމާދު ކުރުމަށް ހުއްދަ ދިން ކަމަށް ބުންޏެވެ.
ބޮޑު މީހެއްގެ އެއްވެސް އިރުޝާދަކާ ބާރުއެޅުމެއް ނެތި އުމުރުން އެންމެ 10 އަހަރާ 11 އަހަރާ ދެމެދަށް ދާ މި ހަތަރު ކުދިން، ނަމާދަށް ފަރުވާތެރިވެ ނަމާދު އޭގެ ވަގުތުގައި ކުރުމަށް ދިން އަހަމިއްޔަތު ކަން ފެނި ހައިރާންވި ކަމަށް ޓީޗަރު ބުންޏެވެ. ޓީޗަރު ހިއްސާކުރި ގޮތުގައި އޭނާ އަށް މީގެ ކުރިން ފެނިފައިވަނީ ދީނީ ކަންކަން ކުޑަކުދިން ލައްވާ 'މަޖްބޫރުން' ބުނެ ކިޔައިގެން ކުރުވާ ތަންކަމަށެވެ. މި އުމުރުގެ ކުދިންތަކެއް މި ގޮތަށް ނަމާދުކުރާތަން ފެނުމުން ހިތަށް ފިނިކަމެއް ލިބިގެން ދިޔަ ކަމަށް ޓީޗަރު ބުންޏެވެ.
މި ހަތަރު ކުދިން ނަމާދުކުރާ ތަން ދުރުން ބަލަން އިން ޓީޗަރުގެ ލޮލުން ކަރުނަ އައި ސަފު ހަދައިގެން ނަމާދަށް އެރި ކުދިންތަކުގެ ހަރަކާތްތައް އެއްވަރުވެފައި ނަމާދުގެ އަޅުކަން އެހާމެ ފުރިހަމަކަމާއެކު ކުރުމުންނެވެ. އެހާމެ ސީރިރަސްކޮށް ހުޝޫހަތްތެރި ކަމާއެކު ނަމާދު ކުރާތަން ފެނި ގަދައަށް ރޮވެން ފެށުނު ކަމަށް ޓީޗަރު ބުންޏެވެ. ޓީޗަރު ކިޔާ ގޮތުގައި އެކުދިން ނަމާދު ނިންމާލި އިރު އޭނާ ރޯން އިންތަން ފެނިގެން ކިހިނެއްވީތޯ އެކުދިން ސުވާލުކުރިއެވެ.
ޓީޗަރު ބުނީ އޭނާއަށް ރޮވުނީ އެކުދިންގެ ދެކެ ފަހުރުވެރިވެގެން ކަމަށެވެ. އެއީ އުމުރުން އެންމެ 10 އަހަރުގައި ނަމާދު އޭނގެ ވަގުތުގައި ކުރުމުގެ ޒިންމާ އަމިއްލައަށް ނަގައިގެން އެކަން ކުރާނީ އެކުދިންގެ އީމާންތެރިކަން ކިހާ ވަރުގަދަވީމަކަން އޭނާއަށް ވިސްނޭ ކަމަށާ އެކަމާ އެކުދިންނާ މެދު އޭނާ އިންތިހާއަށް ފަހުރުވެރިވާ ކަމަށް ވެސް އެ ޓީޗަރު ބުންޏެވެ.
މުސްލިމުންނަށް ފަސްވަގުތު ކުރަން އަންގަވާފައިވާ ނަމާދަކީ ވަގުތު ކަނޑައެޅިގެންވާ އަޅުކަމެކެވެ. އެހެން ނަމަވެސް މަސައްކަތާ ކިޔެވުމާ ދިރިއުޅުމުގެ އެހެން ކަންކަމުގައި އުޅެމުންދާ އިރު އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކަށް ނަމާދު އޭނގެ ވަގުތުގައި ނުކުރެވޭތަން އާދެއެވެ.
މާތް ރަސޫލާ މުހައްމަދު ސައްލައްﷲ އަލައިހިވަސައްލަމްގެ އަރިހުގައި މީހަކު ސުވާލުކުރިއެވެ. އެންމެ ހެޔޮ އަމަލަކީ ކޮބާ ހެއްޔެވެ. އެކަލޭނގެފާނު ޖަވާބުގައި ހަދީޘްކުރެއްވިއެވެ.
"ނަމާދު އޭނގެ ވަގުތުގައި ކުރުމެވެ".
