ސަރުކާރަށް ބޭނުންވާ ފަންނީ ލަފަޔާއި މަޝްވަރާ ދިނުމަށް އެކުލަވާލާ 3 ކޮމިޓީއެއްގެ މެންބަރުކަމަށް ކުރިމަތިލުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު އަލުން ހުޅުވާލައިފިއެވެ.

އެ ތިން ކޮމެޓީއަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ދެމެހެއްޓެނެވި ގޮތެއްގައި ތަރައްގީކޮށް ކުރިއެރުވުމަށް "ޓޫރިޒަމް ސެކްޓާ އެޑްވައިޒަރީ ކޮމިޓީ،" އިމާރާތްކުރުމުގެ ސިނާއަތް ދެމެހެއްޓެނެވި ގޮތެއްގައި ތަރައްގީކޮށް ކުރިއެރުވުމަށް "ކޮންސްޓްރަކްޝަން ސެކްޓާ އެޑްވައިޒަރީ ކޮމިޓީ" އަދި މަސްވެރިކަމާއި މެރިކަލްޗާގެ ސިނާއަތް ދެމެހެއްޓެނެވި ގޮތެއްގައި ތަރައްގީކޮށް ކުރިއެރުވުމަށް "ފިޝަރީޒް ސެކްޓާ އެޑްވައިޒަރީ ކޮމިޓީ" އެވެ.

ރައީސް އޮފީހުން ބުނީ، މި ކޮމިޓީތަކުގެ މެންބަރުކަމަށް ކުރިމަތިލުމަށް އިތުރު ފުރުސަތު ދިނުމަށް، މިއަދުން ފެށިގެން އަންނަ މާޗް 3 ވަނަ ދުވަހުގެ 12:00 ގެ ނިޔަލަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. މެންބަރުކަމުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ، މިކަމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސް ދުވަހުގެ ހެނދުނު 08:30 އިން މެންދުރު 12:00 އަށް ރައީސް އޮފީހުގެ އީމެއިލް މެދުވެރިކޮށް ނުވަތަ ރައީސް އޮފީހުގެ ރިސެޕްޝަން ކައުންޓަރަސް ކަމަށެވެ

ކޮމިޓީތަކުގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސް އޮފީހުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ރައީސް އޮފީހުގެ ވެބްސައިޓުން ފޯމް ޑައުންލޯޑު ކުރެއްވޭނެއެވެ.