ރާއްޖޭގެ 14 ރަށެއްގައި ޕާކް ގާއިމުކުރުމަށް ބޭނުންވާ ޕާކު ސެޓްތައް މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވާކްސްއިން އެ ރަށްރަށަށް ފޮނުވުމުގެ މަސައްކަތް ފަށައިފިއެވެ.
ލޯކަލް ގަވަމަންޓް މިނިސްޓްރީން ބުނީ ކުޑަކުދިންގެ ޕާކު ތަރައްްގީކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކާ ގުޅިގެން ކަމަށެވެ. އެގޮތުން ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)، ފެނަކަ ކޯޕަރޭޝަން ލިމިޓެޑް، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް (އެސްޓީއޯ)ގެ އިތުރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ޕަބްލިކް ލިމިޓެޑް ހިމެނޭ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
މި ފަހަރު ޕާކު ސެޓްތައް ފޮނުވާފައިވަނީ އާރްޑީސީއާ ހަވާލުކޮށްފައިވާ 2 ރަށަކަށާއި ފެނަކަ އާއި ހަވާލުކޮށްފައިވާ 6 ރަށަކަށާއި އަދި އެސްޓީއޯގެ ސީއެސްއާރުގެ ޕްރޮޖެކްޓުގެ ދަށުން ކުރިއަށްގެންދާ 2 ރަށެއްގެ އިތުރުން އެމްޓީސީސީން ކުރިއަށް ގެންދާ 4 ރަށަކަށް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
ރައީސުލްޖޫމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު 2024 ވަނަ އަހަރު ތެރޭގައި ރާއްޖޭގެ ބައެއް ރަށްތަކަށް ކުރެއްވި ދަތުރުފުޅުތަކުގައި، އެ މަނިކުފާނަށް މަރުހަބާ ދެންނެވުމަށް ޓަކައި ނުކުތް ކުޑަކުދިންގެ ތެރެއިން ބައެއް ކުދިން އެ ކުދިން ކުޅެލާނެ ޕާކެއް ނެތިގެން އެ ވާހަކަ ރައީސުލްޖޫމްހޫރިއްޔާއަށް ދެންނެވުމާ ގުޅިގެން، ކުޑަކުދިންގެ ޕާކެއް ނެތް ކޮންމެ ރަށެއްގައި 2026 ވަނަ އަހަރު ނިމުމުގެ ކުރިން ކުޑަކުދިންގެ ޕާކެއް ތަރައްގީ ކުރެއްވުމަށް ރައީސް ވަނީ ނިންމަވާފައެވެ.
މި ގޮތުން، 57 ރަށެއްގައި ކުޑަކުދިންގެ ޕާކު ތަރައްގީކުރުމަށް ހަމަޖައްސަވާފައިވެއެވެ.
