މާދަމާއިން ފެށިގެން މާލޭގައި ގަވާއިދާ ހިލާފަށް ޕާކު ކުރާ ވެހިކަލްތައް، ނަގަމުންދާނެ ކަަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.
ފުލުހުން ބުނީ މި މަހުގެ 23 ވަނަ ދުވަހުން ފެށިގެން މާލޭގައި ގަވާއިދާ ހިލާފަށް ޕާކު ކުރާ އުޅަނދުތަކާއި، ރަޖިސްޓްރީ ނުކޮށް ބަހައްޓާފައި ހުރި އުޅަނދުތަކުގެ އިތުރުން އޭ ޒޯން ފިޔަވާ އެހެން ޒޯންތަކަށް ރަޖިސްޓްރީ ކޮށްފައި ހުރި އުޅަނދުތައް ކަމާ ގުޅުން ހުރި އިދާރާތައް ގުޅިގެން ޓޯ ކުރަން ފަށާނެ ކަމަށެވެ.
މީގެ އިތުރުން ފުލުހުން ބުނީ މާލޭގެ އެކި ތަންތަނުގައި ބަހައްޓާފައި ހުރި އެއްގަމު އުޅަނދުތައް، މިމަހުގެ 22 ވަނަ ދުވަހުގެ 23:30 ގެ ކުރިން ނަގަން ޖެހޭނެ ކަމަށެވެ. އަދި އެ ތާރީހުގެ ފަހުން މާލޭގައި ގަވާއިދާއި ހިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތައް ޓޯކޮށް ވަކި ސަރަހައްދަކަށް ގެންދެވޭނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުންގެ ހިދުމަތުން ކަނޑައަޅާ ތަނެއްގައި ބަހައްޓާފައި ހުންނަ ހުރުމުގައި ލިބޭ އެއްވެސް ގެއްލުމަކަށް ޒިންމާ ނުވާނެކަމަށްވެސް އެ އިދާރާއިން ވަނީ ބުނެފައެވެ. އަދި ޓޯ ކުރެވޭ އުޅަނދުތައް ޓޯ ކުރުމަށްފަހު ބަހައްޓާފައި ހުންނަ ތަނުން އެހެން ތަނަކަށް ގެންދިއުމުގެ ޒިންމާ އުފުލަން ޖެހޭނީ އުޅަނދުތަކުގެ ވެރިފަރާތުން ކަމަށް ވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.
މާލޭގެ މަގުތައް ތަރުތީބުކޮށް އާންމުންނަށް ހިތްފަސޭހަ ތަނަކަށް ހެދުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެންމެ ފުރަތަމަ މި އުޅަނދުތައް ނެގުމަށް ފުލުހުން އަންގާފައިވަނީ މި މަހުގެ 20 ވަނަ ދުވަހުއެވެ.
