ޗާގޯސްއަށް ދިޔުން ހުއްޓުވުމަށްޓަކައި އިނގިރޭސި ސަރުކާރުން ރާއްޖޭގެ ރައީސަށާއި ސަރުކާރަށް ބޮޑެތި ފިއްތުންތަކެއް ކުރިމަތިކުރަމުންދާ ކަމަށް، އިނގިރޭސިވިލާތުގެ ރިފޯމް ޔޫކޭ ޕާޓީގެ ލީޑަރު ނައިޖަލް ފަރާޖް ތުހުމަތު ކުރައްވައިފިއެވެ.
ފަރާޖް މިފަދަ ތުހުމަތެއް ކުރައްވާފައި ވަނީ، މިދިޔަ ހަފްތާގައި ފޯޅަވަހީގެ "އިލް ޑު ކޮއިން" އަތޮޅަށް އެނބުރި ދިޔަ ހަތަރު ވަޒަންވެރިންނަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް އޭނާ ކުރަމުންދާ މަސައްކަތަށް ހުރަސް އެޅުމާ ގުޅިގެންނެވެ. ފަރާޖް ވިދާޅުވި ގޮތުގައި، އޭނާ ޗާގޯސްއަށް ދަތުރުކުރަން އޮތް ބޯޓަށް އެރުން ހުއްޓުވުމަށްޓަކައި އިނގިރޭސި ހައި ކޮމިޝަނުންނާއި ސަރުކާރުން ދަނީ ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުންނެވެ.
ދަ ޓެލެގްރާފް ނޫހަށް ދިން އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ، އޭނާ ޗާގޯސްއަށް ވަޑައިގަތުން ހުއްޓުވުމަށް އިނގިރޭސި ސަރުކާރުން އެދިފައިވާކަން ރާއްޖޭގެ ސަރުކާރުގެ އިސް މަސްދަރަކުން އޭނާއަށް އަންގާފައިވާ ކަމަށެވެ.
މީގެ އިތުރުން ވެސް ފަރާޖް ވިދާޅުވީ، އިނގިރޭސި ބޯޑަރުތައް ހުރަސްކުރާ ހަނގުރާމަވެރިންނާ މެދު ސަރުކާރުން އަޅާނުލާއިރު، އިންތިހާބީ މެންބަރަކު ކުރައްވާ މިފަދަ ދަތުރަކަށް ހުރަސްއެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
އަދި ހަމަ އެހެންމެ 55 އަހަރު ކުރިން އެމީހުންގެ ވަޒަނުން ބޭރުކޮށްލި މީހުން، އަނެއްކާވެސް ދެވަނަ ފަހަރަށް ބޭރުކޮށްލުމަކީ ބޮޑުވެގެންވާ އަނިޔާއެއް ގޮތަށް އޭނާ ސިފަ ކުރައްވާފައި ވެއެވެ. އޭނާގެ މި ދަތުރަކީ ޗާގޯސްގެ ރައްޔިތުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރާ މަސައްކަތެއް ކަމަށް ވެއެވެ.
1960 އާއި 1970 ގެ އަހަރުތަކުގައި އިނގިރޭސިވިލާތުން އެމެރިކާއާއެކު ޑިއޭގޯ ގާސިއާގައި އަސްކަރީ މަރުކަޒެއް ހެދުމަށްޓަކައި، އެ ސަރަހައްދުގައި ދިރިއުޅެމުންދިޔަ ގާތްގަނޑަކަށް 2،000 ވަޒަންވެރިން ވަނީ ބާރުގެ ބޭނުންކޮށްގެން އެމީހުންގެ ގެދޮރުން ބޭރުކޮށްލާފައެވެ. އޭގެ ފަހުން އެތައް އަހަރެއް ވަންދެން އެމީހުން ދަނީ އެނބުރި ވަޒަނަށް ދިއުމަށް ބައިނަލްއަގުވާމީ ކޯޓުތަކުގައި ވަކާލާތު ކުރަމުންނެވެ.
މިހާރު އެ ރަށްތައް މޮރިޝަސްއަށް ދިނުމަށް އެއްބަސްވުމެއް ގާއިމުކޮށްފައިވީ ނަމަވެސް، ރާއްޖެއިން އެކަމާ ދެކޮޅު ހަދައި އެ ސަރަހައްދަކީ ރާއްޖޭގެ މިލްކުވެރިކަން އޮންނަންޖެހޭ ތަނެއް ކަމަށް ވަނީ ބުނެފަ އެވެ.
މި މައްސަލައިގައި މަސްލަހަތު ގޯސްވެފައިވާއިރު، އެމްއެންޑީއެފުން ވަނީ ޗާގޯސްގެ އުތުރު ސަރަހައްދުގައި ކޯސްޓްގާޑުގެ އެންމެ ބޮޑު އުޅަނދު ފޯރިމަރަން ފޮނުވާފަ އެވެ.
