އިރުއުތުރުން އަންނަ ވަޔާއެކު، ދުންފުހުގެ އަސަރު ރާއްޖެއަށް ވަރަށް ބޮޑަށް ކުރުމުގެ ސަބަބުން ވައިނުސާފުވެފައިވާތީ މިކަމަށް ސަމާލުކަން ދިނުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެކްސްގައި ކުރި ޕޯސްޓެއްގައި އެޗްޕީއޭ އިން ވަނީ މެޓް އޮފީހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ ބޮޑު ސަރައްހައްދަކަށް މިއަދު ނުސާފު ވައިގެ އަސަރުކުރާނެ ކުރާނެކަން ފާހަގަކޮށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައެވެ.
ވައިގެ ކޮލެޓީގެ މައުލޫމާތު ފެންނަ "އައިކިއު އެއާ"އިން ފެންނަ ގޮތުގައި "ފައިން ޕާޓިކިއުލޭޓް މެޓާ" (ހިރަފުސް ކުނޑި) ނުވަތަ ޕީއެމް2.5 މިއަދު ހުރީ ކޮންމެ ކިއުބިކް މީޓަރެއްގައި 57 މައިކްރޯ ގްރާމް ކަމަށްވާއިރު އެ ލެވެލްއަކީ އޮރެންޖު އެލާޓް ހިމެނޭ ލެވެލްއެވެ.
މި ހާލަތުގައި އަމަލު ކުރުމަށް އެޗްޕީއޭއިން ދީފައިވާ އިރޝާދުތަކަކީ:
- ނާޒުކު ހާލަތުގައި ތިބި މީހުން ބޭރަށް ނުކުންނައިރު ރައްކާތެރި (އެން95) މާސްކު ބޭނުންކުރުން
- ބޭރުގެ ނުސާފު ވައި ނުވަންނަ ގޮތަށް ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުން
- އެއާ ޕިއުރިފަޔާ ބޭނުންކުރުން
- ނާޒުކު ހާލަތުގައި ތިބި މީހުން ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތު ކުރުން ފަދަ ކަންކަން މަޑުޖައްސާލުން
މި ހާލަތު ކުރިއަށް އޮތް ދުވަސްތަކުގައި އިތުރަށް ގޯސްވެދާނެ ކަމަށް ކަމާ ބެހޭ އިދާރާތަކުން ލަފާކޮށްފައި ވެއެވެ.
ރާއްޖެ ސަރަހައްދުގެ ވައިނުސާފު ވެފައިވަނީ، އިރުވައި މޫސުމުގައި ރާއްޖޭގެ އުތުރުން އިންޑިއާ އަދި ހިމާލިޔާ ސަރަހައްދުން އަންނަ ފުސްދުމުގެ ސަބަބުންނެވެ. މި ދުވަސްވަރު ރާއްޖޭގެ ވައި ނުސާފުވުމުގެ ސަބަބުން ވައިގެ މަގުން ދަތުރުފަތުރު ކުރުމުގައިވެސް ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ.
