އެސްޓީއޯގެ ޕީޕަލްސް ޗޮއިސްގެ އާ އައުޓްލެޓެއް ހުޅުމާލޭގައި ހުޅުވައިފިއެވެ.
މިކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި އެސްޓީއޯއިން ބުނީ މި އައުޓްލެޓް ހުޅުވުނީ އިއްޔެ ރޭ ހުޅުމާލޭ ޕީޕަލްސް ޗޮއިސް އައުޓްލެޓްގައި ބޭއްވި ހާއްސަ ހަފްލާއަކުންކަމަށާއި، މި ހަފްލާ ޝަރަފުވެރިކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ކަމަށެވެ.
އެސްޓީއޯއިން ބުނީ އެ ކުންފުނީގެ ޕްރެޒެންސެއް ހުޅުމާލޭގައި ނެތުމަކީ ގިނަ ބަޔަކު ކުރަމުން އަންނަ ޝަކުވާއެއެއްކަމަށާއި، އެހެންކަމުން ހުޅުވިގެން ދިޔަ މި އައުޓްލެޓާއި އެކު ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް އެސްޓީއޯއިން ވިއްކާ މުދާތައް ފަސޭހަ ކަމާއިއެކު ލިބިގެންދާނެ ކަމަށެވެ.
މި ފިހާރަ ހުންނާނީ ހުޅުމާލޭ ރީތިގަސް މަގު (ރެއިން ކޮރަލް ރެޒިޑެންސް) ގައިކަން ފާހަގަކޮށް އެސްޓީއޯއިން ބުނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު 08:30 އިން 22:00 އަށް މިތަން ހުޅުވާފައި ހުންނާނެ ކަމަށެވެ. އަދި ހުކުރު ދުވަހު މިތަން ހުޅުވާނީ ހަވީރު 16:00 އިން 22:00 އަށް ކަމަށްވެސް އެސްޓީއޯއިން ވަނީ ބުނެފައެވެ.
މި ރޯދަ މަހު، ހަނޑޫ ހަކުރު އަދި ފުށުގެ އިތުރުން އަސާސި ކާބޯތަކެތީގެ ލިސްޓަށް އިތުރު ކުރެވިގެން ދިޔަ 23 ބާވަތް މި އައުޓްލެޓުން ލިބެން ހުންނާނެކަން ފާހަގަކޮށް އެސްޓީއޯއިން ބުނީ އެ ކުންފުނިން އެތެރެކޮށް ވިއްކާ ބްރޭންޑްތަކުގެ އުފެއްދުންތައް، މާލޭގެ އެސްޓީއޯ ޕީޕަލްސް ޗޮއިސްއާއި އެއްގޮތަށް ހުޅުމާލޭ އައުޓްލެޓުންވެސް އާންމުންނަށް ލިބިގެންދާނެ ކަމަށެވެ.
މީގެއިތުރުން އެސްޓީއޯގެ މަޝްހޫރު ބްރޭންޑްތައް ކަމަށްވާ ހިޓާޗީ، އެލްޖީ އަދި ފިލިޕްސް ބްރޭންޑުގެ ހޯމް އިމްޕްރޫވްމެންޓް ސާމާނުތައް ވެސް މި އައުޓްލެޓުން ލިބެން ހުންނާނެކަމަށާއި، އަދި އަސާސީ ކާބޯތަކެތީގެ ގޮތުގައި ކަނޑައަޅާފައިވާ ހުރިހާ އައިޓަމްތަކެއް ރީޓެއިލްކޮށް ލިބެން ހުންނާނެ ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.
