ލޯފަން މީހެއްގެ ވާހަކަ ބުނެފިނަމަ ގިނަ ބައެއްގެ ވިސްނުމަށް އަންނާނީ އެފަދަ މީހަކު ދިރިއުޅޭނެ ހިތްދަތި އަދި އުނދަގޫ ދިރިއުޅުމުގެ ވާހަކައެވެ. ވާނީވެސް އެހެންތާއެވެ. އިންސާނެއްގެ ކިބައިގައި ހުންނަންޖެހޭ ހިއްސުތަކުގެ ތެރެއިން މުހިންމު ހިއްސެއް އުނިވެފައިވާ މީހަކާ މެދު އެތައް ސުވާލެއް އުފެދޭނެ ކަމާމެދު ޝައްކެއް ނުކުރަމެވެ. މި މުޖްތަމައުގައި ވެސް ލޯފަން އެތައް ބަޔަކު ދިރިއުޅެމުންދާއިރު އެފަދަ މީހުންގެ ހިތްވަރާއި ނުގުޑާ އަޒުމް ފެނި އަހަރުމެންގެ ދިރިއުޅުމުގައި ވެސް ކުލަޖެހޭ ފަހަރު މަދެއް ނޫނެވެ.

އެފަދައިން މި ލިޔުމުގައި ވެސް މި ގެނެސްދެނީ އެފަދަ ހުނަރުވެރި ލޯފަން ދިވެއްސެއްގެ ދިރިއުޅުމުގެ ވާހަކައެވެ. ރ. ކަނދޮޅުދޫއަށް އުފަން މުހައްމަދު ސައްދާމް އަކީ އުފެދުމުގައި ވެސް ލޯފަން މީހެއް ނަމަވެސް ހިތްވަރާއެކު ދިރިއުޅުމުގައި ދިމާވާ އެކި ގޮންޖެހުންތަކާ ކުރިމަތިލަމުންދާ ފަރާތެކެވެ.

2004 ވަނަ އަހަރު ހިނގި ހިތާމަވެރި ސުނާމީގެ ހާދިސާއަށްފަހު ކަނދޮޅުދޫ މީހުން ދުވާފަރަށް ބަދަލު ކުރުމުން ސައްދާމްގެ ދިރިއުޅުން ވެސް ބަދަލު ކުރަން މަޖުބޫރުވިއެވެ. އަދި ކުޑައިރުގެ ތަފާތު އެކި ހަނދާންތައް އާ ކުރަމުން ސައްދާމް ބުނީ، އެ ދުވަސްވަރު ވެސް ގުރުއާން ކިޔެވުމުގެ ފުރުސަތު ފަހިވެގެން ދިޔަ ކަމަށެވެ.

ނަމަވެސް ސްކޫލުން ތައުލީމް ހާސިލް ކުރާނެ ފުރުސަތެއް ނުލިބުމަކީ އޭނާ އަށް ކުރިމަތިވި ގޮންޖެހުމެއްގެ ގޮތުގައި ސިފަ ކުރިއެވެ. އެގޮތުން 7 އަހަރު ވެގެން ސްކޫލަށް ވައްދަން ލިސްޓުގައި ހިމެނި ނަމަވެސް އެންމެ ފަހުވަގުތު ސްކޫލުގައި ކިޔެވުމުގެ ފުރުސަތު އޭނާއަށް ނުލިބުނެވެ. ސަބަބެއްގެ ގޮތުގައި ސްކޫލުން ފާހަގަ ކުރީ ސައްދާމާއެކު ކިޔަވާ ގަޑީގައި އެހެން މީހަކު ހުންނަން ޖެހޭނެ ކަމަށް ބުނެއެވެ. ނަމަވެސް އެފަދަ ގާބިލް ކަމެއް ނުލިބުމުން އެ ފުރުސަތު ވެސް ދޫކޮށްލަން އޭނާއަށް މަޖުބޫރުު ވިއެވެ.

ސައްދާމް، ޅައުމުރުގައި ތައުލީމް ނުލިބުމުން އޭނާ އެކަމާ ހިތާމަކުރޭ

އެހާ ހިސާބުން ވެސް ސައްދާމްގެ ހިތްވަރު އެލުވާ ނުލައެވެ. އޭނާ ބުނާ ގޮތުން ކިޔެވުމަށް އިތުރު ފުރުސަތެއް ލިބުނީ ބޮޑުވެ މާލެ އައިފަހުން އދ. ހަންޏާމީދޫއަށް ކުރި ދަތުރެއްގެ ތެރެއިންނެވެ. ރައްޓެހިންނާއެކު ކުރި މި ދަތުރުގައި ބޭސިކް އިންގްލިޝް ކޯހެއް ހިންގިއިރު އެ ފުރުސަތު ސައްދާމަށް ލިބިގެންދިޔައީ އިނގިރޭސި ދަސް ކުރުމަށް އޭނާ މީގެ ކުރިން ދެކެމުން އައި ހުވަފެން ހަގީގަތަކަށް ހެދުމަށް ލިބިގެންދިޔަ ރަނުގެ ފުރުސަތަކަށެވެ. އެހެންކަމުން އެ ފުރުސަތުގެ ބޭނުން ހިފާ އިނގިރޭސި ބަސް ދަސްކުރީ އެ ހިސާބުންނެވެ.

އަދި އެއަށްފަހު ލޯފަން ޖަމިއްޔާގެ ފަރާތުން ހިންގި ކޮމްޕިއުޓަރު ކޯހެއްގައި ބައިވެރިވެ ކޮމްޕިއުޓަރުގެ އިލްމު ވެސް ސައްދާމް ވަނީ ހާސިލްކޮށްފައެވެ. "2010 އަދި 2011 އެހިސާބުގަ ސޮފްޓްވެއާ ލިބުނީއްސުރެ ވެސް އަޅުގަނޑު ފޯނެއް ހޯދައިގެން ސޮފްޓްވެއާ އަޅައިގެން ގެ ކައިރި އުޅޭ ރައްޓެހި ކުއްޖަކާއެކު ކޮމްޕިއުޓާގައި އިންނަ ނަރޭޓާ ޖައްސައިގެން ކުޅެ ހަދަން" އޭރުގެ ފޮނި ހަނދާންތައް އާ ކުރަމުން ސައްދާމް ބުންޏެވެ.

ލޯފަން މީހެއް ނަމަވެސް ސައްދާމަކީ ކުޅަދާނަ އިމާމެއް

ސައްދާމް ބުނި ގޮތުގައި އިމާމު ކަމަށް ޝައުގުވެރިކަން އުފެދުނީ ކޮމްޕިއުޓާ ކޯސް ފުރިހަމަކުރަން އުޅުމުގެ ތެރެއިން ގާރީ ކޯސް ހެދުމަށް ލިބުނު ފުރުސަތުގައެވެ. އެގޮތުން ގާރީ ކޯހުގެ ލެވެލް 1 އަދި ލެވެލް 2 އޭނާ ފުރިހަމަ ކުރިއެވެ. އަދި އެއަށްފަހު ގުރުއާނާ ބެހޭ މަރުކަޒުން ހިންގި އިމާމުން ތާޒާ ކުރުމުގެ ކޯހުގައި ބައިވެރިވެ ލެވެލް 1 ފުރިހަމަ ކުރުމުން ލިބުނު ސެޓްފިކެޓަކީ ސައްދާމަށް ވަޒީފާ ލިބުމުގެ ފެށުމެވެ.

ސައްދާމަކީ ދޫނިދޫގެ އިމާމު، މިހިސާބަށް ވާސިލް ވުމަށް އޭނާ ވަރަށް ބުރަކޮށް މަސައްކަތް ކުރި

ދޫނިދޫގެ އިމާމުކަން ކުރަމުން އަންނަ ސައްދާމް އިތުރަށް ބުނި ގޮތުގައި ވަޒީފާގައި ހުރި ދުވަސްވަރު ހިންގި ޑީޕީ އެއްގައި ބައިވެރިވެ، އިމްތިހާނު ފުރިހަމަކޮށްގެން ލެވެލް 3ގެ ސެޓްފިކެޓް ލިބުނެވެ. އަދި އެއަށްފަހު ކޮވިޑް ތެރޭގައި ލިބުނު އިތުރު ފުރުސަތެއްގެ ބޭނުން ހިފާ އިމާމު ކަމުގެ ޑިގްރީ ފުރިހަމަ ކުރި ކަމަށް ސައްދާމް ކިޔާ ދިނެވެ. ސްކޫލުން ތައުލީމެއް ނުލިބުނު ނަމަވެސް ހިތްވަރު އެލުވާ ނުލާ ސައްދާމް ކުރި ބުރަ މަސައްކަތުން އޭނާއަށް ލިބުނު އެކި ފުރުސަތުގެ ބޭނުން ހިފާ ދާއިރާގައި ކުރިއަށް ދެވެން އޮތް އެންމެ އުހަކަށް ދާން އޭނާ ދެއްކި ހިތްވަރަކީ މިފަދަ ކާމިޔާބު ވަޒީފާއެއްގައި ދެމިހުރުމުގެ އަސްލު ކަމަށް ސައްދާމް ގަބޫލު ކުރެއެވެ.

ލޯފަން ކުދިންގެ ޖަމިއްޔާގެ ފެށުން

ލޯފަން ކުދިންގެ ހައްގުގައި ޖަމިއްޔާއެއް އުފެއްދުމުގެ ވެސް އެންމެ ބޮޑު އެއް ބޭނުމަކީ ތައުލީމް ހާސިލް ކުރަން ބޭނުންވެފައި ނަމަވެސް އެފަދަ ފުރުސަތުތައް ހަނި ވުމުގެ ސަބަބުން ކަމަށް ސައްދާމް ފާހަގަ ކުރިއެވެ. އަދި ޖަމިއްޔާއެއް ހަދައިގެން މަސައްކަތް ކުރުމުގައި ވެސް ދަތިތަކެއް ދިމާވާ ކަމަށް ސައްދާމް ބުންޏެވެ. އެގޮތުން އެކި ކަންކަމުގައި ވެސް ބޭރުގެ ފަރާތްތަކާއި މުއާމަލާތް ކުރަންޖެހޭ ކަމަށާއި ނަމަވެސް އެފަދަ ހާލަތްތަކުގައި ވެސް ދަތިތައް ކުރިމަތިވާ ކަމަށް އޭނާ ފާހަގަ ކުރިއެވެ.

ސައްދާމްގެ އެންމެ ބޮޑު ޝަކުވާއަކީ އެފަދަ އެތައް ކުދިންނެއް ތައުލީމުން މަހުރޫމްވަމުން ދާތީއެވެ. އަދި އޭނާ އުފުލި ތަކުލީފު އިތުރު ކުދިން އުފުލަން ނުޖެހުމަކީ ސައްދާމްގެ އެންމެ ބޮޑު އެއް މަގްސަދެވެ. އަދި ލޯފަން މީހުންނަށް ވަޒީފާގެ އިތުރު ފުރުސަތު ތައް ހޯދައިދީ އެ ކުދިންގެ ހުނަރުތައް ތަރައްގީ ވާ ދުވަހަކީ ސައްދާމް އެންމެ ދެކެން ބޭނުންވާ ދުވަސްވެސް މެއެވެ.

ސައްދާމްގެ އެކުވެރިންތަކަކާއެކު، އޭނާއަށް އަބަދުވެސް އެހީވުމުގައި އާއިލާއާއި ރައްޓެހިން ތިބޭ

ސައްދާމް ފާހަގަ ކުރި ގޮތުގައި ނުކުޅެދުންތެރިކަމުގެ ސަބަބުން ދިރިއުޅުމުގައި ދިމާވާ ގޮންޖެހުންތައް ގިނަ

މަދުން ނަމަވެސް އަދިވެސް ދިރިއުޅުމުގެ މައިދާނުގައި ތަފާތު އެކި ގޮންޖެހުންތައް ހުރިކަން ފާހަގަކޮށް ސައްދާމް އިތުރަށް ބުނީ 2015 އިން ފެށިގެން މާލެ އައުމަށްފަހު ސައިކަލު ޓެކްސީއަށް ވަރަށް ބޮޑަށް ބަރޯސާވި ކަމަށެވެ. ނަމަވެސް ފަހުގެ ތާރީހެއްގައި އެޕްލިކޭޝަނަށް ދިމާވި މައްސަލައަކުން ދަތުރުފަތުރުކޮށް ހެދުމުގައި ގޮންޖެހުން ދިމާވި ކަމަށް ސައްދާމް ބުންޏެވެ.

"ކުރިން ތަންތަނަށް ދިއުމަށް ރައްޓެހިންގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނު. އެކަމަކު އެ މީހުންގެ ވެސް ވަޒީފާއާއި އެހެން ކަންކަން ހުންނަ ގޮތުން ވަރަށް ބިޒީ ކޮށް އުޅެން ޖެހެނީ. ހަމަ އެ ދަވަސްވަރު ސައިކަލް ޓެކްސީވެސް އުފެދުނީ. އެހެންވީމަ ވަރަށް ފަސޭހަވި އެކަމަކު މިދޭތެރެއިން އެޕްލިކޭޝަނަށް ދިމާވި މައްސަލައަކުން ވަރަށް އުނދަގޫވި. ހިތަށް އެރި ވަޒީފާ ދޫކޮށްލާފައި ރަށަށް ދާންވެސް" ސައްދާމްގެ ކަންބޮޑުވުންތައް ހިއްސާ ކުރިއެވެ.

އަދި މާލެ ފަދަ ތޮއްޖެހުން ބާރު ބޮޑު ތަނެއްގައި ދަތުރުފަތުރު ކުރުމަކީ ސައްދާމް ކަހަލަ އެހެން މީހުންނަށް ވެސް އޮތް ދަތިކަމެއް ކަމަށް އޭނާ ފާހަގަ ކުރިއެވެ. ނަމަވެސް ގޮންޖެހުންތަކަށް ބެލުމެއްނެތި ސައްދާމް މަސައްކަތް ކުރަމުންދަނީ އަބަދުވެސް އަދަށްވުރެ އުޖާލާ މާދަމާއެއް ބިނާ ކުރުމަށެވެ.

ސައްދާމް ކުޅިވަރު ކުޅެނީ، އޭނާއަކީ ހިތްވަރުގަދަ ފިރިއެއް އަދި އޯގާތެރި ބައްޕައެއް

ލޮލޮގެ ފެނުން އަނބުރާ ލިބޭތޯ ސައްދާމްގެ އާއިލާ ކުރި މަސައްކަތް

ސައްދާމް ބުނި ގޮތުގައި އޭނާ އުފަންވީވެސް ލޯފަން މީހެއްގެ ގޮތުގައެވެ. އަދި އެކަން މަންމަމެންނަށް ވަރަށް ކުޑައިރު ދެނެގަނެވުނު ކަމަށާއި އެކަމަށް ފަރުވާ ހޯދުމަށް މަސައްކަތް ވެސް ކުރި ކަމަށް ވެއެވެ. އެގޮތުން މާލެ އައިސް ޑޮކްޓަރަށް ދެއްކުމުން ޑޮކްޓަރު ދެއްވީ ވަރަށް އުންމީދީ ޖަވާބެކެވެ. އެއީ އުމުރުން ހަތް އަހަރުވުމުން ރަނގަޅު ވާނެ ކަމަށެވެ. އަދި އުމުރުން 7 އަހަރު ފަހުން ޑޮކްޓަރަށް ދެއްކުމުން އަނެއްކާވެސް ޑޮކްޓަރު އެދުނީ 10 އަހަރު ވަންދެން މަޑު ކުރުމަށް ކަމަށާއި އުމުރުގެ އެހިސާބުގައި ރަނގަޅު ވާނެ ކަމަށް ޑޮކްޓަރު ބުނުމުން އަނެއްކާވެސް އުންމީދު އާވި ކަމަށް ވެއެވެ.

ނަމަވެސް 10 އަހަރު ވުމުން ޑޮކްޓަރަށް ދެއްކުމުން ލިބުނު ޖަވާބާއެކު ކުރިން ކުރަމުންދިޔަ އުންމީދު އެއްކޮށް ގެއްލުނު ކަމަށް ސައްދާމް ކިޔައިދިނެވެ. އޭރު ޑޮކްޓަރަށް ދެއްކުމުން ދިން ޖަވާބަކީ ދެން އިތުރަށް ރަނގަޅު ނުކުރެވޭނެ ކަމަށާއި ވަގުތު ފާއިތުވި ވާހަކައެވެ.

އެހިސާބުން ވެސް ސައްދާމްގެ އުންމީދު ގެއްލުވާ ނުލައެވެ. އަދި އޭގެ ފަހުން ވެސް ސައުދީން އައި ޑޮކްޓަރުންގެ ޓީމަކަށް ދެއްކުމުން އިތުރު އުންމީދެއް ލިބުނު ކަމަށް ވެއެވެ. އަދި ކުރަންޖެހެނީ އަގު ބޮޑު ސާޖަރީއެއް ނަމަވެސް ސައްދާމް މަސައްކަތް ކުރީ ރަނގަޅުވާނެ ކަމުގެ އުންމީދުގައެވެ. އެ އުންމީދުގައި އިންޑިއާގެ ޑޮކްޓަރުންގެ ޓީމަކަށް ދެއްކިކަން ފާހަގަކޮށް ސައްދާމް ބުނީ، އޭރު ޑޮކްޓަރުން ބުނީ އޭނާގެ ލޮލުގެ ބަލީގެ ގޮތުން ސާޖަރީ ހަދއިގެން ފެނުނު ނަމަވެސް އެކަން މާ ގިނަ ދުވަހަކަށް ދެމި ނުހުންނާނެ ކަމަށެވެ.

ސައްދާމް 'ދަ ޕްރެސް' އަށް އިންޓަވިއު ދިނުމަށް އައި މަގުމަތީ

އަދި އަނބުރާ ލޯފަން މީހެއްގެ ގޮތުގައި އުޅެން ޖެހިދާނެ ކަމަށް ޑޮކްޓަރުން ދިން އިންޒާރާއެކު އޭނާ ރަނގަޅު ވުމަށް ކުރަމުން އައި އުންމީދު ކުޑަކޮށް މަޑުޖައްސާލިއެވެ.

ސައްދާމްގެ އުމުރުގެ ބޮޑުބައި ހޭދަކުރީ މަންމައާއެކުއެވެ. އެހެންކަމުން އޭނާ މަންމައަށް ކުރާ އިހުތިރާމާއި ވާ ލޯބި އެތައް ގުނަ އިތުރެވެ. ނަމަވެސް މާލެއަށް ބަދަލުވެ ވަޒީފާއަށް ނުކުމެ އަމިއްލަ ދިރިއުޅުމެއް ބިނާ ކުރަން ފެށިފަހުން އޭނާ މަންމައާއެކު ވަގުތު ހޭދަ ކުރަން ނުލިބުމަކީ މިހާރުވެސް ސައްދާމް ކަންބޮޑުވާކަމަކެވެ. އަދި ރަށުގަ އުޅުން ދުވަސްވަރު ކާންދެނީވެސް މަންމަ އަތުން މޮޑެފައި ކަން ފާހަގަކޮށް ސައްދާމް އިތުރަށް ބުނީ، އެ ހަނދާނަކީ އަދިވެސް ފޮހެލަން ދަތި ހަނދާނެއް ކަމަށެވެ.

ދަތި ދުވަސްތައް ކުރިމަތިވި ނަމަވެސް ސައްދާމްގެ އަތުގާ ހިފާ، އެހީވަނީ އާއިލާއާއި ރައްޓެހިން

ޒަވާޖީ ހަޔާތެއް ފަށައިގެން އުޅޭ ސައްދާމް ފާހަގަ ކުރި ގޮތުގައި ހަޔާތުގައި ވަރަށް ދަތި އުނދަގޫ ގޮންޖެހުންތައް ކުރިމަތިވިއެވެ. ނަމަވެސް އެފަދަ ކަންކަން އޭނާ ބަލައިގަންނަނީ ދިރިއުޅުމުގައި ލިބުނު ފިލާވަޅެއްގެ ގޮތުގައެވެ. އޭގެ ތެރެއިން ވެސް އޭނާ ފާހަގަ ކުރި އެއް ކަމަކީ ޒަވާޖީ ހަޔާތެއް ފަށައިގެން އަލަތު ދަރިފުޅު ލިބުނު ދުވަސްވަރެވެ. ކަން ދިމާކުރި ގޮތުން އަލަތު ދަރިފުޅު ސައްދާމް އަށް ލިބުނީ މުޅި ދުނިޔެއަށް ވެސް ކުރިމަތިވި ބަލިމަޑުކަން ކަމަށްވާ ކޮވިޑް-19 ގެ ދުވަސްވަރެވެ. އެއީ ވަޒީފާ އަދާ ކުރުމަށް ވެސް އުނދަގޫ ދުވަސްވަރެއް ކަމުން އަތްމަތި ދަތިވެ އަލަތު ދަރިފުޅަށް މަރުހަބާ ކިޔުމަށް ތައްޔާރީތައް ވުމަށް ބައްޕައަކު ކުރަމުންދިޔަ ފޮނި އުންމީދަށް ހުރަސް އެޅުނެވެ.

ދިރިއުޅުމުގައި ދިމާވާ ގޮންޖެހުންތަކާ ސައްދާމް ކުރިމަތިލަނީ ހިތްވަރާއި ކެރުންތެރިކަމާއެކު

ނަމަވެސް ސައްދާމްގެ ހިތްވަރާއި ރައްޓެހިންނާއި އަންހެނުންގެ އާއިލާގެ ފަރާތުން އޭނާ އަށާއި އަންހެނުން އަދި ދަރިފުޅަށް ލިބުނު އަޅާލުމާއި އެހީތެރިކަން ސައްދާމް ފާހަގަ ކުރީ ޝުކުރުވެރިވާ ހާލުއެވެ. އަދި އޭނާ ގަބޫލު ކުރާ ގޮތުގައި އެއީ ދަތި ދުވަސްވަރެއް ނަމަވެސް ދިރިއުޅުމުގައި އިތުރަށް ކުރިއަށް ދިއުމަށް ލިބުނު ހިތްވަރަކަށް ވެގެންދިޔައެވެ.

"އޭރު ރޯދަ މަހެއްގަ ވިހަން ޖެހުނީވެސް. އެކަމަކު އަންހެނުންގެ ފަހަރިއެއް، ވަރަށް ރަނގަޅު. ގޭގެ މަސައްކަތް ކުރަމުން އަދި ހޮސްޕިޓަލުގެ ކަންކަން ވެސް ކުރަމުން ފަހަރި އެހީވީ. އެއީ ހަމަ އަބަދުވެސް ހަނދާނުގައި ހުންނާނެ ދުވަސްތަކެއް. އަންހެނުން ވެސް އޭރު ރޮއިފަ ކިޔާނެ ދެން ކިހިނެއްހޭ ހަދާނީ، އަޅުގަނޑު ބުނަން ދުނިޔޭގެ އުޅެންޏާ ގޮތެއް ހުހެއް ނުވާނެއޭ." މޫނުމައްޗަށް ބޮޑު ހިނިތުންވުމެއް ގެންނަމުން ސައްދާމް ކިޔާދިނެވެ.

މާލީ ގޮތުންނާއި އެހެނިހެން ހުރިހާ ގޮތަކުންވެސް ސައްދާމަށް އެހީވާ ހުރިހާ ފަރާތްތަކަށްވެސް އޭނާ ހިތުގެ އަޑިން ޝުކުރު އަދާ ކުރޭ

އޭނާ ފާހަގަ ކުރި ގޮތުގައި ދިރިއުޅުމުގެ މިހާ ހިސާބަށް މި އާދެވުނީ ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާއި އަޅާލުމާއި އޯގާތެރިކަމުގެ ސަބަބުންނެވެ. އަދި ހަޔާތުގެ ކޮންމެ ހިސާބެއްގައި ދިމާވި ކޮންމެ މީހަކަށްވެސް ޝުކުރު އަދާ ކުރަމުން ސައްދާމް ފާހަގަ ކުރީ އެކުވެރި އެޑަމްގެ ވާހަކައެވެ. އަދި ކޮންމެ އިރަކުވެސް ދަތިވަނީ މިވަނި ކަމަކަށޭ ބުނާ ހިނދު އެޑަމްގެ އެހީތެރިކަން ލިބޭ ކަމަކީ ސައްދާމް ހިތުގެ އަޑިން ބަލައިގަންނަ ކަމެކެވެ.

އަދި ހަމަ އެހެންމެ މާލޭގައި ހުރި ދުވަސް ވަރު އަމިއްލަ ކޮޓަރީގައި ހުރުމުގެ ފުރުސަތު ދިން އެކުވެރިޔާއާއި މާލީ ގޮތުން ވެސް އެހީތެރިކަން ފޯރުކޯށްދޭ އެންމެންނަށް ވެސް އޭނާ ޝުކުރު އަދާ ކުރެއެވެ.